މީޑިއާ ބިލްއާއި ދެކޮޅަށް މަޖްލިސް ގެ ކައިރީގައި ކުރަމުން ގެންދާ އިހްތިޖާޖަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގުޅިވަޑައިގެންފި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖްލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އާންމު ރައްޔިތުން މަޖްލިސް ކައިރީގައި ކުރަމުންދާ ބޮޑު އިހްތިޖާޖަށް އިދިކޮޅު އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ގުޅިވަޑައިގެންފިއެވެ.

މި އިހްތިޖާޖު ކުރިއަށް ގެންދަނީ، މީޑިއާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތިކުރުވާނެ ކަމަށް ބުނެ، ބިލް ފާސްނުކުރުމަށް ގޮވާލާފައެވެ. އިހްތިޖާޖުގައި ބައިވެރިވާ ފަރާތްތަކުން ވަނީ، “މީޑިއާ މިނިވަންކަން ދެމެހެއްޓުމަށް”، “ބިލް އަނބުރާ ގެންދޭ” ފަދަ ޝިއާރުތައް ހިމެނޭ ބޯޑުތަކާއެކު އަޑު އުފުލާފައެވެ. ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން މަޖްލީހުގެ އިދާރާގެ ކުރިމަތީގައި ދަނީ އެއްވެ، މީޑިއާ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

 

މި އިހްތިޖާޖަށް ގުޅިވަޑައިގަތުމަށްފަހު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މީޑިއާ މިނިވަންކަން ދިފާއު ކުރުމަކީ ހުރިހާ ދިވެހިންގެ ޒިންމާއެއް ކަމަށާއި، މި ބިލް ފާސްވެއްޖެނަމަ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ. އަދި، މި ބިލަކީ ނޫސްވެރިކަމުގެ ހަރަކާތްތަކަށް ހުރަސް އަޅައި، ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގަށް ކޮށިކަމެއް ގެންނާނެ ބިލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާ ބިލާ ދެކޮޅަށް ހިނގަމުންދާ މި އިހްތިޖާޖު، ބިލުގެ މައްސަލަ ހައްލުވަންދެން ކުރިއަށް ގެންދާނެ ކަމަށް އިހްތިޖާޖު ކުރާ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ މަޝްހޫރު ‘ސްކޮޓް ބޭޑަރ’ގެ ރާއްޖޭގެ ރަސްމީ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އެމް.ޖީ.އެޗް. ހޯލްސޭލް ހަމަޖައްސައިފި

ދުނިޔޭގެ ފެންވަރުގެ ކަނޑު އުޅަނދުފަހަރާއި ކޮމްޕޮސިޓް އިންޑަސްޓްރީގައި މަޝްހޫރު، ބްރޭންޑެއް ކަމަށްވާ ”ސްކޮޓް ބޭޑަރ“ ގެ ރަސްމީ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެމް.ޖީ.އެޗް. ހޯލްސޭލް ހަމަޖައްސައިފިއެވެ.

މި ބަދަލާއެކު، ދިވެހި އުޅަނދުފަހަރު ބަނދެ އުފައްދާ ފަރާތްތަކަށާއި ކަނޑު އުޅަދުފަހަރުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ސްކޮޓް ބޭޑަރގެ ފެންވަރު ރަނގަޅު އުފެއްދުންތައް މިހާރު ހިލޭ ޑެލިވަރީ އާއިއެކު ފަސޭހައިން ސީދާ މާލެއިން ލިބޭނެއެވެ. މިއީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

ސްކޮޓް ބޭޑަރަކީ އާދަޔާޚިލާފު ކެލިބަރެއްގެ މޮޅު ފެންވަރު ރަނގަޅު، އުމުރު ދިގު، މޮޅެތި ފިނިޝްތަކަށް މަޝްހޫރު ބްރޭންޑެކެވެ. ދުނިޔޭގެ މަޝްހޫރު ބޯޓުބަންނަ ފަރާތްތަކުން ބޭނުންކުރާ މި ބްރޭންޑްގެ އުފެއްދުންތައް ލޮއިޑްސް ރެޖިސްޓަރ ފަދަ އިތުބާރު ހިފޭ ކަނޑުގެ އިދާރާތަކުން ސެޓިފައިކޮށްފައިވެއެވެ. މިފަދަ ބްރޭންޑެއް ރާއްޖެއަށް އައުމަކީ ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރުގެ ސިނާއަތަށް ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.

އެމް.ޖީ.އެޗް. ހޯލްސޭލްގެ އޮޕަރޭސަން ހެޑް، މުހައްމަދު ނިޒާމް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ”ސްކޮޓް ބޭޑަރގެ ދުނިޔޭގެ ފެންވަރުގެ މެރީން ސޮލިއުޝަންތައް ދިވެހިރާއްޖެއަށް ތައާރަފްކުރެވޭތީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ އުޅަނދުފަހަރު ބަނދެ އުފައްދާ ފަރާތްތަކަށް އެންމެ މޮޅު ތަކެތި، އެންމެ ވާދަވެރި އަގުތަކުގައި، އަދި އަވަހަށް އަދި އިތުބާރާއެކު، އެމް.ޖީ.އެޗް. ހޯލްސޭލްއިން ފޯރުކޮއްދޭނެ ކަމުގެ ޔަގީން ކަމެވެ.“

މި ބްރޭންޑް ރާއްޖެއަށް ތާރަފްކުރުމުން ދިގު މުއްދަތަށް ދެމިހުންނަ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮފެޝަނަލް ފިނިޝްތަކުގެ އޮޑި ދޯނިފަހަރު ރާއްޖެއިން ފެންނާނެކަމަށް އެމް.ޖީ.އެޗް. ހޯލްސޭލްއިން ވިދާޅުވިއެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރުގެ ސިނާއަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް އެޅޭ މުހިންމު ހަރުފަތެކެވެ.

މާލޭ މަޖީދީމަގުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށްލައިފި

މާލޭ މަޖީދީމަގުން ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަނިޔާވި ފަރާތަށް މިހާރު ދަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުން ވިދާޅުވީ އަނިޔާވި މީހާގެ ހާލަތު ސީރިއަސް ނޫން ކަމަށާއި، މިވަގުތު އޭނާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރުގައެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކުރިކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުންވެސް ތޫނު އެއްޗެހިން ހަމަލާދިނުމުގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުން ވަނީ އާ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައެވެ. މި އޮޕަރޭޝަންތަކުގެ ދަށުން މާލޭގެ މަގުތަކުގައި ފުލުހުންގެ ބެލެހެއްޓުން ވަނީ ވަރުގަދަކޮށްފައެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދު ކުރަނީ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ (އާދީއްތަ) ދުވަހުގެ ރޭ 11:12 ގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ.

ކޭތަ ނަމާދުކުރަން އަންގައި އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލަރެއްގައި ބުނީ 7 ސެޕްޓެމްބަރ 2025 ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައިކަމަށެވެ. އަދި އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭގެ 11:11 ގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މާދަމާ ރޭ ހިފާ ހަނދުކޭތަ ވީއްލާނީ ރާއްޖޭ ގަޑިން މެންދަމުން އަލިވެ 1:55 ހާއިރުކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

އެހެންވެ، މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގާފައެވެ. މި ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ އެވެ.

ލާމަސީލުލާމު ޒުވާނުންނާއި ކުލަބް ޖަމްޢިއްޔާތަކުގެ މަހާސިންތާ 2025 ބާއްވައިފި

ޖަމްޢިއްޔާތައް ބާރުވެރިކުރުވުމަށާއި، އަތޮޅުގެ ޒުވާނުންނާއި ޖަމްޢިއްޔާތަކުގެ ދައުރު މުޖުތަމަޢުގައި ފުޅާކުރުމަށް އަމާޒުކޮށް، ލ. ފޮނަދޫގައި “ލާމަސީލުލާމު ޒުވާނުންނާއި ކުލަބް ޖަމްޢިއްޔާތަކުގެ މަހާސިންތާ” 2025 ސެޕްޓެމްބަރ 4 ވަނަ ދުވަހުން 6 ވަނަ ދުވަހާ ހަމައަށް ބާއްވައިފި އެވެ. މި މަހާސިންތާ އިންތިޒާމުކުރީ ހައްދުންމަތީ ކައުންސިލް އިދާރާ އިންނެވެ.

މި މަހާސިންތާގައި 24 ޖަމިއްޔާގެ ފަރާތުން 115 ބައިވެރިން ބައިވެރިވިއެވެ.

މަހާސިންތާގެ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ދީނީ މަޢުލޫމާތާއި، ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޖަމްޢިއްޔާތަކަށް މާލީއެހީ ހޯދުމާއި، ލީޑަރޝިޕާ ގުޅޭ މުހިންމު ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ސެޝަންތައް ނަންގަވައިދެއްވީ ކަމާގުޅޭ ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޖަމްޢިއްޔާތަކާއި ޒުވާނުންނަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު އިތުރުކޮށް، މުޖުތަމަޢުގެ ތަރައްޤީގައި އެ ފަރާތްތަކުގެ ދައުރު އިތުރަށް ބަސްދާލުން ހިމެނެ އެވެ.

މިފަހަރު އެންމެ ފުރިހަމައަށް ބްލަޑް މޫން ފެންނާނެ އެއް ގައުމަކީ ރާއްޖެ!

އަންނަ އާދިއްތަ ދުވަހުގެ ރޭ، ދުނިޔޭގެ އެކި ހިސާބުތަކުގައި ފެންނާނެ ބްލަޑް މޫން، ނުވަތަ ހަނދުކޭތަ، އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށް ފަލަކީ އިލްމުގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ. މި ރީތި މަންޒަރު ރާއްޖެއިން ފެންނަން ފަށާނީ އާދިއްތަ ދުވަހުގެ ރޭގަނޑު 9:27 ގައި ކަމަށް ލަފާކުރެވެއެވެ.

ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވިދާޅުވީ، ކޭތަ އެންމެ ފުރިހަމަވާ ވަގުތު ކަމަށްވާ ރާއްޖެ ގަޑިން ރޭގަނޑު 11:12 ގައި ހަނދު ހުންނާނީ މާލެ އޮންނަ ޠޫލު އަށް ވުރެން 13 ދަރަޖަ އިރުމަތީގައި ކަމަށެވެ. އަދި ހަ ދަރަޖަ ދެކުނު ޠޫލު އެއްގައި ހުންނަ އިރު، މާލެއަށް ހަނދު ފެންނާނީ މެދު އުޑުގައި ހުންނައިރު ހުންނަ ފަދަ ގޮތެއްގައި، މެދުއުޑާ ދާދި ކައިރީގައި ކަމަށް ލިނެޓް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ރާއްޖެއިން މި ހާދިސާ ސާފުކޮށް އަދި ވަރަށް ފުރިހަމައަށް ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަނދުކޭތަ ހިފަން ފަށާ ވަގުތަކީ ރާއްޖެ ގަޑިން ރޭގަނޑު 9:27 އެވެ. އަދި އެންމެ ފުރިހަމައަށް ކޭތަ ފެންނާނީ ރޭގަނޑު 11:12 ގައެވެ. ކޭތަ ވީއްލާ ގަޑިއަކީ  12:56 ކަމަށް ލިނެޓް ވަނީ ލަފާކުރައްވާފައެވެ. އެހެންކަމުން، ގާތްގަނޑަކަށް ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު މި ރީތި މަންޒަރު ދިވެހިންނަށް ބަލާލެވޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންނާނެ މި ބްލަޑް މޫން، ދިވެހިރާއްޖެއިން މިހާ ސާފުކޮށް ފެނުމުގެ ސަބަބުން، ފަލަކީ ހާދިސާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ލިނެޓް ވަނީ އިލްތިމާސްކުރައްވާފައެވެ.

މަޖަލަކަށް ދޮގުހެދުން

އަލް ޢައްލާމާ ޢުޘައިމީން ރަޙިމަހުﷲ އާއި ސުވާލުވެވުނެވެ. ބައެއް މީހުން އެކުވެރިންނާއި ވާހަކަ ދެއްކުމުގައި މަޖާކޮށް އެމީހުން ހެއްވާލުމުގެ ގޮތުން، ދައްކަމުންދާ ވާހަކައިގެ ތެރެއަށް ދޮގު ވައްދައެވެ. މިއީ ދީނުގައި ޙަރާމް ކަމެއްތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. “އާދޭހެވެ. މިއީ ދީނުގައި ޙަރާމް ވެގެންވާ ކަމެކެވެ. ސަބަބަކީ ދޮގުހެދުމަކީ އެއާ ދުރުވެގަންނަންޖެހޭ ޙަރާމް ކަމެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]

މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ނެހެދުމަށް ތިޔަބައިމީހުން ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

((وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ)) [رواه أبو داود وحسنه الألباني]

މާނައީ: “ވާހަކަދައްކާއިރު މީހުން ހެއްވާލުމަށްޓަކައި ދޮގު ހަދާމީހާއަށް ހަލާކު ހުއްޓެވެ. އެމީހަކަށް ހަލާކު ހުއްޓެވެ. އަދި އެމީހަކަށް ހަލާކު ހުއްޓެވެ.”

އެހެންކަމުން ދޮގުހެދުމާމެދު ސަމާލުވުން ހުއްޓެވެ. އެއީ މީހުން ހެއްވާލުމަށްޓަކައި ކަމުގައި ވިޔަސް، މަޖަލަކަށް ވިޔަސް ނުވަތަ އެނޫން ގޮތަކަށް ކަމުގައިވިޔަސްމެއެވެ.

ތެދުބުނުމަށް އާދަވެފައިވާ މީހެއްނަމަ އެމީހަކު އެތެރެފުށުންނާއި ބޭރުފުށުންވެސް ވާހުށީ ތެދުވެރިޔަކަށެވެ. “ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.” މިފަދައިން ޙަދީޘް ކުރައްވާފައިވަނީ އެހެންކަމުންނެވެ. ތެދުބުނުމުގެ ނަތީޖާއާއި ދޮގުހެދުމުގެ ނަތީޖާ އަހަރެމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާ ވެގެން ނުވެއެވެ.”

މަސްދަރު؛ ދިސަލަފިއްޔާ

ފުލުހުންގެ ޚިދުމަތުގެ 21 ވަނަ އަހަރީ ދުވަހު ރައީސް މުޢިއްޒު ފުލުހުންނަށް ޝުކުރު ދަންނަވައިފި

ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރިތާ 21 އަހަރު ފުރުމާ ގުޅިގެން، ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ކުރައްވަމުންދާ މަސައްކަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު މި ޝުކުރު އަދާކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ފޮނުއްވައި، ވާޖިބު އަދާކުރުމުގައި ރެޔާއި ދުވާލު ކުރައްވަމުންދާ ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ. ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމުގައި ފުލުހުން އަދާކުރާ ދައުރުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ 2004 ވަނަ އަހަރު ސިފައިންގެ ޚިދުމަތުން ވަކިވެ، މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރެވުނު ޚިދުމަތެކެވެ. މި 21 އަހަރުގެ ތެރޭގައި އެ ޚިދުމަތަށް ގިނަގުނަ ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށިފައެވެ. މިއީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ލ. އަތޮޅުން ގެއްލުނު “ކޮލަމާ” ބޯޓު ފެނި، ކެޕްޓަން ހޮސްޕިޓަލަށް ގެންދަނީ

ލ. އަތޮޅުން ރޭ ފުރައިގެން ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ “ކޮލަމާ” ނަމަކަށް ކިޔާ ބޯޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އަދި ބޯޓުގެ ކެޕްޓަން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ބޯޓު ގެއްލިގެން ރޭ ވަނީ އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން ދިޔަ “ކޮލަމާ” ބޯޓު ފެނިފައިވަނީ އެކެފަރަ ސަރަހައްދުން ކަމަށެވެ. ފުލުހުންގެ ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ބޯޓުގެ ކެޕްޓަންގެ ހާލަތާ ގުޅޭގޮތުން ފުލުހުން ބުނީ، ކެޕްޓަން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކެޕްޓަންގެ ސިއްހީ ހާލަތު މިވަގުތު ސާފު ނުވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ކޮލަމާފުށިން ވާހަކަ ދެއްކި މީހަކު ކުރިން ބުނެފައިވަނީ، ކެޕްޓަންގެ ޚަބަރު ހުސްވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އެނގިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

މިހާރު ކެޕްޓަން ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްދާއިރު، އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިބިފައިނުވެއެވެ.

ގަދަ ވަޔާއެކު އޯކިޑް މަގުގައި ހުރި ގަހެއް ވެއްޓި، ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ގެއްލުންވެއްޖެ

މާލޭގެ އޯކިޑް މަގުގައި ގަދަ ވަޔާއެކު ގަހެއް ވެއްޓި، އެ މަގުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކަށް ގެއްލުންވެއްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އެގަސް ވެއްޓުނީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށެވެ. އެގޮތުން، ގަދަ ވައި ސަބަބުން ވެއްޓުނު މި ބޮޑު ގަހުގެ ސަބަބުން ސައިކަލުތަކާއި ކާރުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ހާދިސާ ހިނގި ތަނުން މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގި ހިސާބު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފައެވެ. އަދި، ވެއްޓުނު ގަސް އެ ސަރަހައްދުން ނެގުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސިފައިންނާއި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުން މިދާ ގަދަ ވަޔާއެކު މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު (White Alert) ނެރެފައެވެ. މެޓް އޮފީހުން ވަނީ ދަތުރުފަތުރުކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެމް.ޓީ.ޑީ އުވާލަން އިލެކްޝަން ކޮމިޝަންއިން ނިންމައިފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި ހިންގަވާ މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފި އެވެ. ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމަށް ބޭނުންވާ 3،000 މެންބަރުން އެޕާޓީގައި ނެތުމަކީ މި ނިންމުމަށް މެދުވެރިވި ސަބަބެވެ.

އީސީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން، އެމްޓީޑީ އުވާލުމަށް ނިންމާފައިވާތީ، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން އެ ޕާޓީއަށް ހުށަހަޅައިގެން ނިންމުމަށް އީސީން ވަނީ އަންގާފަ އެވެ.

އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި 2018 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ. އީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 2272 މެންބަރުންނެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެނީ 3،000 މެންބަރުން ހަމަވުމުން ކަމަށްވާއިރު، އެމްޓީޑީއަށް މި އަދަދު ހަމަނުކުރެވުމުގެ ސަބަބުން މިހާރު މި ވަނީ އެ ޕާޓީ އުވާލުމުގެ ނިންމުން ނިންމާފަ އެވެ.

ތިލަފުށީ ޑޮކްޔާޑް މަސައްކަތްތައް ބައްލަވާލެއްވުމަށް އެމް.ޕީ.އެލް ގެ ޗެއަރޕާސަން އާއި ސީއީއޯ ވަޑައިގެންފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ޗެއަރޕާސަން އައިމިނަތު ހަމީދް އާއި ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން، އެކުންފުނީގެ ބޯޑް މެމްބަރުންނާ އެކު، އެމަ.ޕީ.އެލްގެ ތިލަފުށީގައި ޑޮކްޔާޑްގެ މަސައްކަތްތައް ގާތުން ބައްލަވާލެއްވުމަށް މިއަދު ވަޑައިގެންފިއެވެ.

މި ޒިޔާރަތުގެ މައިގަނޑު މަޤުޞަދަކީ، ތިލަފުށީ ޑޮކްޔާޑްގެ މަސައްކަތްތައް ކުރިއަރަމުންދާގޮތް ބައްލަވާލެއްވުމާއި، ބަނދަރު ޑޮކްޔާޑްގެ ކުރިއަށްހުރި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ޒިޔާރަތުގެ ތެރޭގައި ޑޮކްޔާޑްގެ މިހާރުގެ މަސައްކަތްތައް ކުރިއަރަމުންދާގޮތުގެ ތަފްސީލީ މައުލޫމާތު ބޯޑްގެ މެމްބަރުންނަށް ވަނީ ދެވިފައެވެ. މީގެ އިތުރުން، މި ޑޮކްޔާޑްގެ ދިގު މުއްދަތުގެ ތަރައްޤީގެ ޕްލޭންތަކާއި، މަސައްކަތްތައް އިތުރަށް ހަލުވިކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ބޯޑްގެ މެމްބަރުން ވަނީ ގޮތްތަކެއް ކަނޑައަޅުއްވައި މަޝްވަރާކުރައްވާފައެވެ.

 

ތިލަފުށީ ޑޮކްޔާޑަކީ ރާއްޖޭގެ ދަތުރުފަތުރާއި އިޤުތިޞާދަށް ވަރަށް މުހިންމު ތަނެކެވެ. މި ޑޮކްޔާޑްގެ ސަބަބުން ބޯޓުފަހަރަށް ބޭނުންވާ މަރާމާތުތައް ކުރުމަށް ފަސޭހަވެ، ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމް.ޕީ.އެލް އިން ވިދާޅުވެއެވެ.