މިރޭގެ މެޗުން ނޭމާ ނުފެންނާނެ!

މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށްކުޅޭ ފުޓްބޯޅާ މުބާރާތުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގައި، އެޤައުމުގެ ތަރި ނޭމާ ޖޫނިއަރ ނުފެންނާނެކަން ކަށަވަރުވެއްޖެއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރެޒިލްގެ ކޯޗު ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އަނިޔާއިން ސަލާމަތްވެ ކުޅުމަށް ނޭމާ އަދި ތައްޔާރު ނޫންކަމަށެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާއަށް އަނިޔާވީ ސަންތޯސްއަށް ކުޅެމުންދަނިކޮށް މިދިޔަ މަހުއެވެ. ނޭމާގެ ފައިގެ ކުޑަކޅުވާ މަސްގަނޑަށް އަނިޔާވެފައިވާއިރު، އޭނަ އަދިވެސް އެއްކޮށް ފިޓު ނޫންކަމަށް ކޯޗު ބުންޏެވެ. އެހެންކަމުން ގްރޫޕް ‘ސީ’ ގައި ނިއު ޖާޒީގައި މިރޭ ކުޅޭ މެޗުގެ ސްކޮޑުން އޭނާ ނުފެންނަނެކަން ކޯޗު ވަނީ ކަށަވަރުކޮށްދީފައެވެ.

ކޯޗު ބުނީ އޭނާ އެންމެ ބޮޑަށް ވިސްނަނީ ކުޅުންތެރިންގެ ސިއްހަތަށްކަމަށާއި، ނޭމާގެ ހާލު ރަނގަޅުވަމުން އައިނަމަވެސް އޭނާ އަދި އެއްކޮށް ފިޓު ނުވާކަމަށެވެ.

އަންޗެލޯޓީ މީގެ ކުރިން ވެސް ބުނަމުންދިޔައީ 100 ޕަސެންޓް ފިޓްނޫން ކުޅުންތެރިއަކު ޓީމަށް ނުނަގާނެ ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ފިއްތުންތަކާހުރެ ނޭމާ ގައުމީ ޓީމަށް ނެގީ މި ޕޮލިސީ އަށް ބަދަލު ގެނައުމަށްފަހުއެވެ.

ނޭމާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު އެވެ. އަނިޔާގެ ސަބަބުން އޭނާއަށް އެފަހުން ޖާގަ ލިބިފައިނުވާއިރު ބްރެޒިލްގެ ސަންޓޯސްއަށް މީގެ ހައެއްކަ މަސް ކުރިން ބަދަލުވުމަށްފަހު އޭނާ ދިޔައީ ވޯލްޑް ކަޕަށް ފިޓްވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރިއޯޑިޖެނީރޯގައިވާ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރަސްމީ ޓްރޭނިން ކޮމްޕްލެކްސްގައި ފެށި ފަރިތަކުރުންތަކަށް ހާޒިރުވުމާއެކު އޭނާ ގެންދިޔައީ އެ ސިޓީގެ ހޮސްޕިޓަލަކަށެވެ. އަމިއްލަ ހެލިކޮޕްޓަރުގައި ޓްރޭނިން ކޭމްޕަށް ހާޒިރުވުމަށް ފަހު އޭނާ ހޮސްޕިޓަލަށް ދާން ޖެހުނީ ކުޑަކަޅުވާ އަށް ހާނިއްކަވެފައިވާތީވެ ސްކޭން ހެދުމަށެވެ.

މީގެ ކުރިން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ނޭމާ ބުނެފައިވަނީ އޭނާގެ ކުޑަކަޅުވާގެ ތަދު ފިލައިފި ކަމަށެވެ. “ކޮން މައްސަލައެއް. އެއްވެސް މައްސަލައެއް ނެތް. އަހަރެން މިހުރީ ވޯލްޑް ކަޕް ކުޅެން ތައްޔާރަށް،” ނޭމާ ބުންޏެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިޚާބުގެ ވޯޓުލުން ގދ. ފިޔޯރީގައި ކުރިއަށްދަނިކޮށް، އެ ރަށުގައި ބެހެއްޓި ވޯޓުފޮށި ފަޅާލައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިޔޯރީގައި ވޯޓުލުން ކުރިއަށްދިޔަ މަރުކަޒުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ވޯޓުލުމުގެ އިދާރީ ކަންކަމާ މެދު އުފެދުނު ބަހުސަކަށް ފަހުގައެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ބަޔަކު މީހުން ވަނީ ވޯޓުލާ މަރުކަޒަށް ވަދެ، އެތަނުގައި ހުރި ވޯޓުފޮށި ފަޅާލައި، ވޯޓު ކަރުދާސްތައް އުކާލާފައެވެ. މި ހާދިސާއާ ގުޅިގެން އެ ރަށުގައި ވޯޓުލުން މިހާރު ވަނީ މެދުކަނޑާލާފައެވެ. މަސްލަހަތު ނަގާލުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މީހުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް އުފެދި، ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އެސަރަހައްދުގައި ހުރި މީހަކު ހަވާސާ ނޫހަށް މައުލޫމާތު ދެމުން ބުންޔެވެ.

ފިޔޯރީގެ މަސްލަހަތު ބެލެހެއްޓުމަށްޓަކައި ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި އިންތިޚާބަކީ އެމްޑީޕީގެ ޗެއަރޕާސަންއަކު ހޮވުމަށް ބާއްވާ ވަރަށް ވާދަވެރި އިންތިޚާބެކެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވޯޓުލައްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް މިއަދު ބާއްވާ އިންތިޚާބުގައި، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވޯޓުލައްވައިފިއެވެ.

މިއަދު މެންދުރު ކުރިއަށްދާ މި އިންތިޚާބުގައި ޝާހިދު ވޯޓުލައްވާފައިވަނީ މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށެވެ. ވޯޓުލުމުގެ ޙައްޤު އަދާކުރެއްވުމަށްފަހު، ޝާހިދު ވަނީ ޕާޓީގެ ޑިމޮކްރެޓިކް ހަރަކާތްތަކުގައި ހުރިހާ މެންބަރުން ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށާއި، ކުރިއަށް އޮތް ސިޔާސީ މަސައްކަތްތައް ރޭވުމަށްޓަކައި ބާއްވާ މި އިންތިޚާބަކީ އެ ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ އިންތިޚާބެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި މި އިންތިޚާބުގެ ވޯޓުލުން މިއަދު 14:30 Continue reading “އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވޯޓުލައްވައިފި”

ބުރިޖުމަތީގައި އެމްޓީސީސީގެ ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖުމަތީގައި ހޯމަ ދުވަހުގެ ހެނދުނު އެމްޓީސީސީގެ ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މަންޒަރު ދުށް ފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:10 ހާއިރުއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއަށް ދަތުރުކުރި މަގުމަތީގައި، ބްރިޖުގެ އެންމެ އުސް ހިސާބުންނެވެ.

މި ހާދިސާގައި ޕިކަޕް އައިސް ޖެހިފައިވަނީ އެމްޓީސީސީގެ ޓެކްސީގަ އެވެ. އަދި ޓެކްސީ ގޮސް އިތުރު ވެހިކަލެއްގައި ވަނީ ޖެހިފައެވެ. މި އެކްސިޑެންޓްގެ ސަބަބުން އެމްޓީސީސީގެ ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކާރުގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އެކްސިޑެންޓާ ގުޅިގެން ބްރިޖުގެ ޓްރެފިކަށް ވަނީ ބާރުބޮޑުވެފަ އެވެ.

ފުލުހުން މިހާރު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

އިންތިޚާބު ކާމިޔާބުވެއްޖެނަމަ އިދިކޮޅު ފަރާތްތައް ފަހަތު ސަފަށް ޖެހެންވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ، އެމަނިކުފާނާ ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ އަރިހުގައި ތިއްބެވި ފަރާތްތައް ޕާޓީގެ ފަހަތު ސަފަށް ޖެހެންވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕެއްގައެވެ. މި ވާހަކަތައް ދެކެވުނު ގުރޫޕުގެ ސްކްރީންޝޮޓްތަކެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ލީކުވެފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ލީގަލް ޓީމުގައި މަސައްކަތް ކުރައްވާ މަހުފޫޒް ވަނީ، އެމީހުން ޖެހެންވީ ކިހާ ފަހަތަކަށްތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައިވަނީ، އިންތިޚާބު ކާމިޔާބުކުރާ ފަޅީގެ މީހުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި، މަހުފޫޒުވެސް ނަޝީދުގެ ކޮޅަށް ނާރައިފިނަމަ ހުންނަން ރަނގަޅުވާނީ ފަހަތުގައި ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ ރައީސް ނަޝީދުގެ އަމިއްލަ އެދުމާއި ވެރިކަމަށް ފެންބޮވައިގެންފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް އެމަނިކުފާނުގެ ކިބައިން މިފަދަ އަމަލުތައް ފެންނަމުންދާ ކަމަށްވެސް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައި ބޭއްވޭ އިންތިޚާބަކަށް ވާއިރު، ޕާޓީގެ ލީޑަރޝިޕްގެ ތެރޭގައި އޮތް ބަހުގެ ހަމަލާތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ލޭގެ އަގު

ރާއްޖޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ރިޔާޝް އާއި އޭނާގެ އަންހެނުން، މަޝްހޫރު އިންފްލުއެންސަރ ސަހާގެ ހަޔާތަކީ ގިނަ ބަޔެއްގެ ލޯތައް އެދިމާލަކަށް ހުއްޓިފައިވާ ހަޔާތެކެވެ. ސަހާ އަކީ އާދައިގެ އާއިލާއަކުން އައިސްފައިވާ ކުއްޖެއް ނަމަވެސް އޭނާގެ ރީތި ސޫރައިގެ ސަބަބުން އޭނާގެ ފަހަތުން އެތައް ބައިވަރު މުއްސަނދިންނެއް މުގޯލި އެޅިއެވެ. އެންމެ ފަހުން ރިޔާޝްއަށް އޭނާ ކާމިޔާބުވުމުން އެކަން ދުރާއިގާތުން ބެލި އެންމެން އެއީ ސިންޑްރެއްލާ ސްޓޯރީއެކޭ ކިޔައިގެން ވާހަކަ ދެއްކިއެވެ.

އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ތާއަބަދު ޕޯސްޓުކުރަމުން ގެންދިޔައީ އެމީހުންގެ މުއްސަނދި ހަޔާތެވެ. ފައިސާއިން ކުރެވެންޏާ ކުރެވޭ ކޮންމެ ކަމެއް އެމީހުން ކުރެއެވެ. އެކަމުގެ އެންމެ އިސް ރޯލެއް ކުޅެނީ ސަހާއެވެ.

ކޮންމެ ހަފުތާއަކު އެއް ދުވަހު ރިސޯޓަކަށް އަގުބޮޑު ކެޔުމެއް ކައިލަން ނުގޮސްފިނަމަ އެއީ މުޖުތަމައުގައި އެމީހުންގެ ދަރަޖަ ވެއްޓޭނޭ ކަމެއް ކަމުގައި ސަހާ ދުއްޓެވެ. އެކަހަލަ ކޮންމެ ދަތުރެއްގައި ސަހާ ދުނިޔޭގެ އެންމެ އަގުބޮޑު ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުމެއް ނުލައިފިއްޔާ އޭނާ ނިކަމެތިވީއެވެ. ސަހާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފިރިމީހާގެ މުއްސަނދި ކަމާއި ހައިބަތު ދުނިޔޭގެ ކުރިމަތީގައި ދެއްކުމަކީ އޭނާގެ ޒިންމާއެކެވެ. އެހެން ކަމުން އޭނާގެ ހަންގަނޑުގައި ޖެހޭ އެއްވެސް އެއްޗަކީ އާދައިގެ ބްރޭންޑަކުން އައިސްފި އެއްޗަކަށް ވެއްޖެނަމަ، އެއީ ވަރަށް ބޮޑު ގޯހެކެވެ.

ރިޔާޝް މުއްސަނދިކަމުން ލާބަ ލިބެނީ ހަމަ އެކަނި ސަހާއަށާއި އޭނާގެ އާއިލާ މީހުންނަކަށް ނޫނެވެ. އެމީހުންގެ އަގުބޮޑު ޕެންޓްހައުސް އެޕާޓްމަންޓުގައި ކޮންމެ ހަފްތާއަކު އެމީހުންގެ އެންމެ ގާތް މީހުންނަށް ޕާޓީއެއް ބާއްވައެވެ. މި ޕާޓީއަށް ދައުވަތު ލިބޭ މީހުންނަކީ ނަސީބުވެރިންނެވެ. ރިޔާޝްމެން އެހެން އުޅެލައިފައި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި އެ ދެމެފިރިންގެ ހަރަދުގައި ދުނިޔެ ބަލައިލަން ގެންދާ މީހުން ހޮވައިލަނީ މި މީހުންގެ ތެރެއިންނެވެ. އެމީހުންގެ ގާތް ރަހުމަތްތެރިންގެ އުފަންދުވަހުގެ މުނާސަބަތުގައި ބޮޑު ހަރަދު ކޮށްފައި ފަސް މިނެޓަށް ހަވާ އަރުވައިލުމަކީ އެހައި ބޮޑުކަމަކަށް ނުވެއެވެ.

އިއްޔެ ސިންގަޕޫރުން، މިއަދު ބޭންކޮކުން އޭގެ އަނެއް ދުވަހު ދުބާއީއަށް ދަތުރުކުރަމުން ދިޔަ މި ދެމަފިރިންގެ ދިރިއުޅުން ހުއްޓުމަކަށް އައީ މެޑިކަލް ޗެކަޕެއްގެ ނަތީޖާއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ އާދަޔާހިލާފު ދިރިއުޅުން އެ ފުށްމިފުށަށް ޖެހުނެވެ.

އެ އަހަރު ފެށުނު ފަހުން ސަހާއަށް އާދަޔާ ހިލާފަށް ވަރުބަލިކަން އިހުސާސްވާން ފެށިއެވެ. އޭނާއަށް ވިސްނުނީ، އެއީ މާލޭގެ މާހައުލު ދޫކޮށް އިންޑޮނޭޝިއާގެ ބާލީގައި އެމީހުން ކުއްޔަށް ނަގައިފައި ހުންނަ ގޭގައި ވަގުތު ހޭދަ ކޮށްލަން ޖެހޭކަމުގެ ނިޝާނެއް ކަމުގައެވެ. ނަމަވެސް އެތާނގައި އެތައް ދުވަހެއް ހޭދަ ކުރުމުންވެސް އޭނާގެ ވަރުބަލިކަމަށް އެއްވެސް ބަދަލެއް ނައެވެ. އޭނާގެ މަންމަ ކައިރީގައި އެ ވާހަކަ ބުނުމުން އެކަމާ އެހާ ބޮޑަށް ކަންބޮޑު ނުވުމަށާއި ބާލީގެ ސްޕާތަކަށް ގޮސްގެން ޓްރީޓްމަންޓު ނަގަން ނަސޭހަތް ދިނެވެ.

ނަމަވެސް ރިޔާޝްއަށް އޭނާގެ ރީތި އަނބިމީހާގެ މޫނުމައްޗަށް އަންނަ ބަދަލު ފެނިފައި ކަންބޮޑުވާން ފެށިއެވެ. ބަލަބަލައި ހުއްޓައި ސަހާގެ މޫނުމަތީގެ ތަންތަންގަނޑު އަނދިރިވާން ފެށިއެވެ. މާލެ އައިސް ފަލާހު ކިޔައިގަނެގެން ހޮސްޕިޓަލަށް ގޮސް ޗެކްކުރިއިރުގައި ކަންތައް ވަރަށް ގޯހެވެ. ސަހާގެ ދެ ކިޑްނީ ވަނީ މަސައްކަތް ކުރުން ހުއްޓި ފެއިލް ވާން ކައިރިވެފައެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެން އޮތީ ކިޑްނީ ޓްރާންސްޕްލާންޓަކަށް ގޮސްގެން ނޫނީ ދާއިމަށް ޑައިލައިސިސް ހަދައިގެންނެވެ.

އެ ދުވަހުން ދުވަހަށް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. އެމީހުންގެ މުއްސަނދިކަން ދުނިޔެއަށް ސާބިތުކޮށްދޭން ބޭނުންކުރި ސޯޝަލް މީޑިއާ އެކައުންޓުތައް ބަދަލުވީ ކިޑްނީއެއް ހޯދުމަށް ސަލާން ޖަހާ ޕްލެޓްފޯމުތަކަކަށެވެ. ކިޑްނީއެއް ހޯދުމަށް އާދޭސްކޮށް ޕޯސްޓުތައް ކުރަން ފެށި ހިސާބުން އެމީހުންގެ ޕޭޖަށް ވަންނަ މީހުން މަދުވެ ސުމަކަށް ވެއްޓުނެވެ. ބަލަބަލައި ހުއްޓާ އެމީހުންގެ “ގްލެމަރަސް” ދިރިއުޅުން ހުއްޓުމަކަށް އައެވެ.

ކުޅަނދުރު ހަތައެއްގެ ވަށައިގެން ކުޅަނދުރު އެނބުރޭގޮތަށް، އެމީހުންގެ ވަށައިގެން އެނބުރެމުން ދިޔަ ރަހުމަތްތެރިންގެ މަދުވަމުން ގޮސް އެންމެ ދެތިން މީހުންނަށް ވިއެވެ. ސަހާގެ ލޭގެ ޓައިޕް އަކީ އާންމުންގެ ތެރޭގައި މަދު ޓައިޕަކަށް ވުމުން ކިރިޔާވެސް ދިމާވާ ކިޑްނީއެއް ލިބޭނޭ ކަމުގެ އުންމީދު އޮތީ އާއިލާގެ ތެރެއިންނެވެ.

ނަމަވެސް ރިޔާޝްގެ ހަރަދުގައި އާއިލާއަށް ކޮށްދީފައިވާ ބޮޑެތި ކަންތައްތަކުގެ ބަދަލުގައި އާއިލާ މީހުންގެ ތެރެއިން ސަހާއަށް ކިޑްނީއެއް ހަދިޔާ ކުރާނޭ މީހެއް އަދި ވިއްކާނޭ މީހެއްވެސް ނުވިއެވެ. ގާތް ރަހުމަތްތެރިންގެ ތެރެއިން އެ ވައްތަރުގެ ލޭ ހުންނަކަން އެނގޭ މީހުން ރިޔާޝްމެން ފެނުމުން ލޮލާއިލޯ ހަމަކުރަން ނުކެރިގެން އުޅޭތަން ފެނިގެން ދިޔައެވެ.

ދިރިއުޅުމުގައި ކުރިމަތިވި ބަދުނަސީބުގެ ސަބަބުން ރިޔާޝް ހުރީ ހަދާނޭ ގޮތް ހުސްވެފައެވެ. ކިތަންމެ މުއްސަނދި ނަމަވެސް އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމުގެ ބާރެއް އޭނާގެ ކިބައިގައި ނުވާކަން އެނގުމުން އޭނާގެ އަމިއްލަ ނަފުސާ ދޭތެރޭ ދެކޭ ގޮތް ގޯސްވެ، ނާކާމިޔާބީގެ ސިއްކަ ނަފުސުގައި ޖަހައިގެން ދިރިއުޅެން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.

އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ރިޔާޝް އޮފީހުގައި އިންދާ ކުއްލިއަކަށް އައީ ފޯނުކޯލެކެވެ. ނުދަންނަ ނަމްބަރެއް ވީމައި އެ ކޯލު ނަގާކަށް ނުހަދައެވެ. ދެ ފަހަރު އެ ކޯލް އައުމަށް ފަހު ދެން އައީ މެސެޖެކެވެ.

“ތި ބޭނުންވެގެން އުޅޭ ވައްތަރުގެ ކިޑްނީއެއް ލިބިދާނެ ވިއްކާގޮތަށް،” މެސެޖުގައި ލިޔެފައި އޮތް އެތި ފެނުމުން ރިޔާޝް ވަގުތުން އެ ނަންބަރަށް ގުޅިއެވެ.

ފޯނު ނެގީ ފިރިހެނެކެވެ. އޭނާގެ އަޑުން ހީވީ ވަރަށް އަވަސް އަރުވައިލައިފައި ހުރި މީހެއް ހެނެވެ.

“ތީ ކޮން ބޭފުޅެއްތޯ؟” ރިޔާޝްއަށް އެއީ ކާކުކަން އެނގެން ބޭނުންވިއެވެ.

“އަޅުގަނޑަށް ކިޔަނީ މަފާޒް،” އެކޮޅުން ޖަވާބު ދިނެވެ.

“ފުރަތަމަ ޖެހޭނީ ކިޑްނީ ގުޅޭތޯ ޓެސްޓެއް ހަދަން،” ރިޔާޝް ބުންޏެވެ.

“ތި ޓެސްޓުގެ ކަންތައް އަވަސް ކުރެވޭނޭ ގޮތެއް އެބައޮތްތޯ؟” އެކޮޅުން އެކަންތައް ކުރަން ވަރަށް އަވަހަށް ބޭނުންވެފައި ހުރިކަން އެނގުނެވެ.

“ހަމަ މިހާރުވެސް އެކަމާ އުޅެންވީ.”

“ކިޑްނީ ގުޅެންޏާ ވިއްކާނީ ފަސްލައްކަ ރުފިޔާއަށް އިނގޭތޯ،” މަފާޒް އޭނާ ބޭނުންވާވަރު ބުންޏެވެ. ރިޔާޝް އެ އަދަދަށް އެއްވެސް އިންކާރެއް ނެތި އެއްބަސްވިއެވެ.

އެ ދުވަހު ރިޔާޝް މަފާޒުއާއި ހޮސްޕިޓަލުން ދިމާވިއެވެ. މަފާޒް ފެންނަ ފެނުމަށް ހީވަނީ ވަރަށް ނިކަމެތި ހާލުގައި ހުރި މީހެއް ހެންނެވެ. ހިކި އަނަރޫފަވެފައެވެ. ލޯ ވަޅުވަދެފައެވެ. ބޯ ހޭވިފައެވެ. ހީވަނީ މަގުތައް މަތިން ފެންނަ މަސްތުވާ ތަކެތި ބޭނުން ކުރާ ޕާޓޭއެއް ހެންނެވެ.

ނަމަވެސް އޭނާ ރިޔާޝްއާ މުހާތަބުކުރީ ވަރަށް އިހުތިރާމާއެކުގައެވެ. މަފާޒްގެ ކިޑްނީ އަލީޝާއާ ގުޅޭތޯ ހަދަންޖެހޭ ޓެސްޓު ހެދުމުގެ ކަންތައް ނިންމުމަށް ފަހު، ރިޔާޝް އޭނާ ކައިރީގައި އިތުރު އެއްވެސް އެއްޗެއް ބޭނުންތޯ އެހުމުން، އެއްޗެއް ބޭނުމެއް ނޫނޭ ބުންޏެވެ. އޭނާއަށް ވާނުވާ އަންގައިލައްޗޭ ކިޔައިފައި އެތަނުން ނައްޓައިލީއެވެ.

ހަފްތާއެއްގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބުނެވެ. މަފާޒްގެ ކިޑްނީ ސަހާއާ ގުޅެއެވެ. ޓްރާންސްޕްލާންޓަކަށް ދެވިދާނެއެވެ. އެކަމުގެ އުފަލުގައި ރިޔާޝް ބޭނުންވީ ސަހާއާއި މަފާޒް އާ ބައްދަލުކުރުވާށެވެ. އެގެއަށް ކެޔުމަކަށް އަންނަން ދައުވަތު ދޭން މަފާޒުއަށް ގުޅިއެވެ.

“ސޮރީ. މިއުޅެނީ ވަރަށް ބިޒީކޮށް. ބައްދަލު ކުރާކަށް ވަގުތެއް ނެތް. ވީހާ ވެސް އަވަހަށް ދަތުރު ހަމަޖައްސަވާފައި އަޅުގަނޑަށް އަންގައިދެއްވާ،” މަފާޒް ބުންޏެވެ.

“ހާދަ ރޫޑޭ ދޯ؟” މަފާޒް ބުނި އެތި ސަހާ ކައިރީގައި ބުނުމުން އޭނާ ނުރުހިފައި ބުންޏެވެ. އޭރު ސަހާގެ މަންމަވެސް އެމީހުންގެ ކައިރީގައި އިނެވެ.

“އާނ. ހާދަ ގޮތެއް ނެތް މީހެކޭ ތީ. ހިލެޔެއް ނޫންދޯ އޭނާގެ އަތުން ކިޑްނީ މި ހޯދަނީ؟ އޭނާ ބުނި އަގެއް ދީފައެއް ނޫންތަ؟ އެންމެ ރަނގަޅުދޯ އެ ވަރުގެ އަދަދެއް ދޭ މީހާގެ އެދުމަށް އިޖާބަދޭން؟” ސަހާގެ މަންމަ އޭނާއާ އެއްބަސްވިއެވެ.

“އޭނާ ގައިގައި އެހެން އެއްވެސް ބައްޔެއް ހުރިތޯ ޓެސްޓުކުރިންދޯ؟” ސަހާ ރިޔާޒްއާ ދިމާލަށް އެނބުރިފައި ސުވާލުކުރިއެވެ.

“ހުރިހާ ޓެސްޓެއް ކުރިން. އޭނާގެ ސިއްހަތު ރަނގަޅު. އެއްވެސް ބައްޔެއް ނެތް،” ރިޔާޝްއަށް އެ ދެމައިންގެ ވާހަކަ ދާން ފެށިގޮތުން އިނީ ވަރަށް އުނދަގޫ ވެފައެވެ.

“ކީތްކުރާނީ! އެއީ އެމީހުންގެ ވައްތަރު. ޔަގީން މިހާރުވެސް އުޅޭނީ އެއް އައްޑާއިން އަނެއް އައްޑާއަށް ވަދެ އެ ބޯ އެއްޗެއް ބުއިމުގައި ކަން،” ސަހާގެ މަންމަ އެހެން ބުނެފައި ރިޔާޝްއާ ދިމާލަށް އެނބުރުނެވެ. “ކީއްވެގެންތަ ދަރިފުޅު އެ އަގަށް އެއްބަސްވީ؟ ޔަގީން އެ އަގު ލައްކައަކަށް ތިރިކުރެވުނީސްކަން. ޕާޓޭއެއްނު. ފަސްހާހަށް ވެސް ތި ކިޑްނީ ލިބުނީސް.”

އެމީހުންގެ އެ ވާހަކައިގައި ބައިވެރިނުވެ ރިޔާޝް މަޑުމަޑުން އެތަނުން ނިކުމެގެން ދިޔައެވެ. ސަހާމެން ވާހަކަ ދައްކަމުން ދިޔަގޮތުން އެއީ ކިހާ ދުވަހަކު މަޑުކޮށްގެން، ކިހާ އާދޭހެއް ކޮށްގެން ހޯދުނު ކިޑްނީއެއްކަން ހަނދާނުގައި ހުރިހެނެއް ހިޔެއްނުވެއެވެ. ހީވީ އެމީހުންގެ އަތުން ނުހައްގުގައި އެއްޗެއް ޖަހައިގަންނަން އުޅޭ މީހެއްގެ ވާހަކަ ދެއްކި ހެންނެވެ.

ދަތުރުގެ ކަންތައް ހަމަޖެއްސިއިރުވެސް އެމީހުންނާ އެކީގައި ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ގޮތަށް މަފާޒްގެ ޓިކެޓު ނެގީމައިވެސް ސަހާގެ މަންމަ ވަރަށް ނުރުހުން ފާޅުކުރިއެވެ.

“ދެން ވަރަށް ލަދުގަނޭ. ބަލައިބަލަ ލައިގެން އެހެރަ އެއްޗެއް. ތަންކޮޅެއް ދުރު ސީޓެއްގައި ބޭންދޭ ގޮތެއް ނުވާނެތަ؟” އެއާޕޯޓަށް މަފާޒް އައިސް ހުރި އިރުގައި އޭނާ ލައިގެން ހުރި އެއްޗިއްސަށް ފާޑުކިޔައިފައި ސަހާ ގާތުގައި އޭނާގެ މަންމަ ބުންޏެވެ. ސަހާ ވެސް މަފާޒުއަށް ބަލައިލައިފައި ނުފެންނަ ކަމަށް ހެދިއެވެ.

ރިޔާޝްއަށް މަފާޒް ހުރި ގޮތް ކަމުދިޔައެވެ. މަފާޒް ހުރީ ފެންވަރައިގެން އޭނާއަށް ވީވަރަކުން ރީތިވެގެންނެވެ. ބޯވެސް ފުނާއަޅައި ހަންމަތަކޮށްގެންނެވެ. އޭނާ ލައިގެން ހުރި ގޮޅި ޖެހި ގަމީސް އޭނާއަށް ތަންކޮޅެއް ބޮޑު ނަމަވެސް އޭތި ހުރީ ރީއްޗަށް އިސްތިރި ކޮށްފައިކަން އެނގެއެވެ. އޭނާ އާ ދިމާލަށް ސަހާގެ ދެމައިން ބަލާތަން ފެނުނީމައި އެމީހުންނާ ދިމާލަށް ހީލަން މަސައްކަތް ކުރިތަން ފެނުނެވެ. ނަމަވެސް އެމީހުން އޭނާ ނުފެންނަ ކަމަށް ހެދިތަން ފެނުމުން އޭނާ އެހެން ދިމާލަކަށް ބަލަން ފެށިއެވެ.

ލަންކާގައި ކިޑްނީ ނަގަން އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން މަފާޒް ރިޔާޝްއަށް ގޮވައިލިއެވެ.

“ރިޔާޝް. އަޅުގަނޑުގެ ބޭންކަށް މިހާރު ލާރި ޖަމާ ކޮށްދެއްވައިފިންތޯ؟” މަފާޒް އަހައިލިއެވެ.

“އާން. ޗެކް ކޮށްލަބަލަ ލިބިއްޖެތޯ،” މަފާޒް ފޯނުން އެކައުންޓު ޗެކު ކުރުމަށް ފަހު ފޯނު ބޭއްވިއެވެ.

“ޝުކުރިއްޔާ. ލާރި އޮތީ ޖަމާވެފައި. އަޅުގަނޑުގެ އެދުމަކީ މި ކިޑްނީގެ ސަބަބުން ރިޔާޝްގެ އަނބިކަނބަލުންނަށް ފާގަތި މުސްތަގުބަލެއް ލިބުން،” އެހެން ބުނުމަށް ފަހު މަފާޒް ތިޔާޝްއާ ސަލާން ކޮށްލިއެވެ.

ކިޑްނީ ޓްރާންސްޕްލާންޓުގެ ކަންތައް ދިޔައީ ކާމިޔާބުކޮށެވެ. އެތާނގައި ހޭދަކުރަން ޖެހުނު ދުވަހަށް ވުރެން އެންމެ ދުވަހެއްވެސް އިތުރަށް މަފާޒް މަޑެއް ނުކުރެއެވެ. އަދި އިތުރު އެއްވެސް އެއްޗަކަށް ރިޔާޝްގެ ކިބައިންނެއް ނޭދެއެވެ. ޑޮކްޓަރުން އޭނާ ދަތުރުކުރުމަށް އޯކޭ ދިނުމާ އެކުގައި އޭނާ ފުރައިގެން ދިޔައީއެވެ.

އޭގެ ދުވަސްތަކެއް ފަހެވެ. އާ ކިޑްނީއެއް ލިބިގެން އަލުން ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުމުގެ ފުރުސަތު ލިބުމާއެކު ސަހާގެ ސޯޝަލް މީޑިއާ ޕޯސްޓުތައް އަލުން ޗާލު ތަންތަނާއި، ކަންކަމުގެ ފޮޓޯލައިގެން ފުރައިލައިފިއެވެ. އެއީ އޭގެ ދުވަސްތަކެއް ކުރިން ދިރިއުޅުމުގެ އުންމީދު ކަނޑައިލަން ޖެހުނު މީހެއް ހެންނެއް ހިޔެއް ނުވެއެވެ. ސަހާގެ ދިރިއުޅުމާ ދުރަށްދިޔަ ރައްޓެހިންތައް އަނެއްކާވެސް އެ އެޕާޓްމަންޓު ފުރައިލަން ފަށައިފިއެވެ. ގެއްލިގެން ދިޔަ ދުވަސްތައް ހޯދުމުގެ ނިޔަތުގައި ބޮޑެތި ރިސޯޓުތަކުގައި ހަފްލާތައް އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް ބާއްވަން ފަށައިފިއެވެ.

އެ ދިރިއުޅުމަށް ރުޖޫއަވެވުނީ މަފާޒް ކިޔާ އާދައިގެ މީހެއްގެ ކިޑްނީއިން ކަން ހަނދާން ހުރީ ހަމައެކަނި ރިޔާޝްއެވެ. ލަންކާއިން އައި ފަހުން އެތައް ފަހަރަކު މަފާޒްގެ ނަންބަރަށް ގުޅަން ރިޔާޝް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ފޯނު އޮންނަނީ ނިއްވައިލައިފައެވެ. އެވާހަކަ ސަހާ ކައިރީގައި ރިޔާޝް ބުނުމުން އޭނާގެ މޫނުމަތި ބަނަވިއެވެ.

“އަޅެ ބޭބީ ކީއްކުރަންތަ މިހާރު އެމީހާ ތި ހޯދަނީ؟ ޔަގީން މާލެ އަރައިފަ ދެ ދުވަސްތެރޭ އެ ލާރި ބޮޔެ ހުސްކޮށްލީކަން،” ސަހާ ފޫހި ރާގަކަށް ބުންޏެވެ.

“އެއީ ސަހާއަށް ކިޑްނީ ދިން މީހާއެއްނު،” ރިޔާޝް ހަނދާން ކޮށްދިނެވެ.

“ދިނީކީއެއް ނޫންދޯ؟ ގަތީ! ބޮޑު އަގު ދީފައި ގަތީ! އެކަންތައް ބޭބީ އޮޅުވައިނުލައްޗޭ! އޭނާ އެ ބޯ އެއްޗެހި ބޮއެގެން ކިޑްނީ ހަލާކުވިޔަ ނުދޭން ކަންނޭނގެ އެއްނުން މަށަށް އެ ކިޑްނީ ލިބޭގޮތް އެވީ!” ސަހާގެ ރާގު ވަރަށް ހަރުކަށްޓެވެ. އިތުރަކަށް ރިޔާޝް އެވާހަކަ ދައްކައިކަށް ނަހަދައެވެ.

އޭގެ އެތަކެއް ދުވަސް ފަހެވެ. ރަހުމަތްތެރިންނަށްޓަކާ ރިސޯޓެއްގައި ބޭއްވި ބޮޑު ކެއުމެއް ނިންމައިލައިފައި ލޯންޗުގައި މާލޭ އައި ދަތުރުގައި ވަރަށް ޒަމާނަށް ފަހު ރިޔާޝް ފޭސްބުކަށް ވަދެލިއެވެ. އޭގައި ދަންނަ މީހުން ކަމަށް ފޭސްބުކްއިން ދައްކައި މީހުންގެ ތެރޭގައި މަފާޒްގެ ނަން ފެނުނެވެ. ޒަމާންތަކަކަށް ފަހު މަފާޒް ފެނުމުން ފަލާހު އުފަލުން އެ ޕްރޮފައިލްއަށް ފިއްތައިލިއެވެ.

މަފާޒްގެ ޕްރޮފައިލް ފޮޓޮއަކަށް ލައިފައި އޮތް ފޮޓޯގައި މަފާޒް ހުރި ގޮތާ ރިޔާޝް އާއި ދިމާވިއިރުގައި އޭނާ ހުރިގޮތާ ވަރަށް ތަފާތެވެ. އެ ފޮޓޯގައި މަފާޒްގެ ރޫފަ ހެޔޮވެފައި ރީއްޗެވެ. އޭނާ ހުރީ ކުޑަ ކުއްޖަކު އުރައިލައިގެންނެވެ. ކައިރީގައި ބުރުގާ އަޅައިގެން ހުރި އަންހެންކުއްޖެއް ވެސް ހުއްޓެވެ. ހީވާގޮތުން އެއީ މަފާޒްގެ އާއިލާއެވެ.

ފޭސްބުކުގައި މަފާޒް ލައިފައިވާ ފުރަތަމަ ޕޯސްޓު ފެނިފައި ފަލާހުގެ މެޔަށް ތަދުވިއެވެ. އެއީ މަފާޒްގެ ދަރިފުޅުގެ ކަށުނަމާދު ޕޯސްޓެވެ. އޭގައި ލިޔެފައި ވެއެވެ.

“އަޅުގަނޑުމެންގެ ދަރިފުޅު އައިން އިންޑިޔާއަށް ގެންގޮސްގެން ކުރި އޮޕަރޭޝަން ކާމިޔާބެއް ނުވި. ނަމަވެސް އޭނާއަށް ހެޔޮ ސިއްހަތަކަށް އެދި ދުއާ ކޮށްދެވި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ. މައްޔިތާގެ ޢައިބުގައި ކުރެވޭ ކަށުނަމާދަށް ވަޑައިގެންނެވޭނޭ ހުރިހާ ބޭފުޅުން ވަޑައިގަތުން އެދެން.”

އޭގެ ތިރީގައި އޮތް ޕޯސްޓުގައި ލާރި ހަމަޖެހިގެން އިންޑިޔާއަށް ޓްރީޓްމަންޓްއަށް ފުރި ވާހަކައާއި ހެޔޮ ދުއާކޮށް ދިނުމަށް އެދިފައި ޕޯސްޓެއް ވެއެވެ. އޭގެ ތިރީގައި އޮތް ޕޯސްޓުތަކުގައި އެ ކުއްޖާގެ ގޮހޮރުގެ ކެންސަރެއް ހުރިކަން އެނގުނު ވާހަކައާއި، އޮޕަރޭޝަންއަށް ބޭނުންވާ ލާރި ހަމަނުވެގެން ޑޮކްޓަރުގެ ލިޔުންތަކާއި އޮޕަރޭޝަނަށް ލަފާކޮށް އަރާނޭ ވަރު ޖަހައިފައިވާ ލިޔުންތައް ޕޯސްޓުކޮށްފައިވެއެވެ. އެ ހުރިހާ ކަމަކަށް ލަފާކޮށްފައި އޭނާ ޖަހައިފައިވާ އަދަދަކީ ފަސްލައްކަ ރުފިޔާއެވެ. އެހީއަށް އެދިފައިވާ ޕޯސްޓުތައް ތަކުރާރުކޮށް ދޮޅު އަހަރު ވަންދެން ލައިފައި ހުއްޓެވެ. އެއިން އެއްވެސް ޕޯސްޓެއް ދެމީހަކު ފިޔަވައި ޝެއަރ ކޮށްފައެއް ނުވެއެވެ.

އެ ޕޯސްޓުތަކުގެ ފަހަތުގައި އެ ކުއްޖާއާ އެކުގައި އެމީހުން ކުޅެފައި ނަގައިފައިވާ ފޮޓޮއާއި، އެކުއްޖާ ފުރަތަމަ ސުކޫލަށް ދިޔަ ދުވަހު ފޮޓޮއާއި އެ ކުއްޖާ ކުރަހާފައި ހުރި އެއްޗެހީގެ ފޮޓޯ ވެސް ލައިފައި ހުއްޓެވެ.

އޭއްޗެހި ފެނިފައި ރިޔާޝްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއާ ދިމާވި މީހާއަކީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި މަސައްކަތް ކުރި މީހެއް ކަމާއި އެމީހުން އެ ވިސްނި ގޮތަށް “ޕާޓޭ”އެއް ނޫންކަން އެނގުމުން ރިޔާޝްގެ ހިތުގައި ހަމްދަރުދީ އުފެދި ވޭންއެޅިއެވެ. އޭނާގެ ކައިރީގައި އިން ސަހާގެ ގައިގައި ކޮށްޓައިލައިފައި އެ ކަށުނަމާދު ޕޯސްޓު ދައްކައިލިއެވެ.

“މަފާޒްގެ ދަރިފުޅު. އޭނާ ކިޑްނީ ވިއްކައިލީ މި ކުއްޖާގެ އޮޕަރޭޝަން ކުރަން،” ރިޔާޝްގެ އަޑު ނުކުތީ އަޅައަޅައި ގަންނަމުންނެވެ.

“އޯ. ދެރަދޯ،” އެ ޕޯސްޓަށް ހިނދުކޮޅަކަށް ލޯ ހިންގައިލައިފައި ސަހާ އަނެއްކައިވެސް އޭނާގެ ފޯނުން އެރޭގެ ޕާޓީގެ ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓުކުރަމުން ގެންދިޔައެވެ.

އޭގެ އަނެއް ދުވަހު ފަލާހު، އަލީޝާ ވަރިކުރަން އެދި ފޯމު ކޯޓަށް ލިޔެވެ.

ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި ފަހުން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ތެޔޮ ބާޖަކުން މޫދަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް، ހުޅުމާލޭ ފަޅުތެރެއިން މިއަދު ފެނިއްޖެއެވެ.

ހުޅުލޭ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެއްސަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ އިރާކޮޅުއެވެ.

އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އެއާޕޯޓްގެ ރެސްކިޔު ޓީމު ވެސް ބައިވެރިވެފައި ވެއެވެ.

މެރިން ޕޮލިސް އިން ބުނީ އެ މީހާގެ ހަށިގަނޑު ފެނުނީ ހުޅުމާލެ ފަޅުތެރޭގެ އަޑިން ކަމަށެވެ.

އެ ހާދިސާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި އެމްއެންޑީއެފް އިން ވެސް މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ.

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމާއެކު ބަޖެޓުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސް ދަމަހައްޓައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް” ރިޕޯޓުގައިވާ ގޮތުން، 14 މެއި 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ޓެކްސް އާމްދަނީންނެވެ. ޓެކްސްގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 17.1 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ކޯޕަރޭޓް އިންކަމް ޓެކްސްއަށް ލިބުނު ކުރިއެރުމެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 31.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ދައުލަތުން ޖުމްލަ 16.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 22.4 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 2.0 ބިލިއަން ރުފިޔާ ހިމެނެއެވެ.

ހަރަދުތައް އިތުރުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވުން ހިމެނެއެވެ. މިކަން މިގޮތަށް ދިމާވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ކުރަންޖެހުނު ހަރަދު ބޮޑުވުމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 5.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ދަރަނި އަދާކުރުމާއި އިންޓަރެސްޓަށް ކުރި ހަރަދު 2.1 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހަރަދެކެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވާގޮތުގައި، ބައެއް ދާއިރާތަކުން ހަރަދުތައް އިތުރުވި ނަމަވެސް، ޓެކްސް އާމްދަނީއަށް ލިބުނު ކުރިއެރުމާއި ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަނީ ވަރުގަދަވެ، ބަޖެޓުގެ ސާޕްލަސްއެއް ދެމެހެއްޓިފައެވެ.

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ

ކުރިއަށް އޮތް އަޟުޙާ ޢީދުގެ މުނާސަބަތަށް އަލިއަޅުވައިލަމުން، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ލޯބީގެ ގުޅުން ބަދަހިކުރުމަށް ޚުޠުބާގައި ގޮވައިލިއެވެ. ރުޅިވެރިކަމާއި ޙަސަދަވެރިކަން ދޫކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ޢީދުގެ އުފާ ފާޅުކުރުމަށާއި، އެ ކަމުގައި ޝަރުޢީ ހަމަތަކަށް ރިޢާޔަތްކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުން ލިބިދޭ ފިލާވަޅުތަކާއި އެ އަޅުކަމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފިއެވެ. މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ޙަޤީޤަތަކީ، ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް ކަމެވެ.

ދުނިޔޭގެ ދިރިއުޅުމަކީ ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފާ ކަމަށެވެ. ޙައްޖުވެރީން އެބައިމީހުންގެ ވަގުތާއި މުދާ ހޭދަކޮށް، އަޅުކަމުގައި މަޝްޣޫލުވާ ފަދައިން، ޙައްޖުގެ ނަޞީބު ނުލިބޭ މީހުން ވެސް މި ދުވަސްވަރު އަޅުކަމުގައި ހީވާގިވެ، މާތް اللهއަށް ކިޔަމަންތެރިކަން އަދާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ޙައްޖުގެ މަނާސިކުތަކަކީ މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށާއި، މަނާކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަށް ދެވޭ ޢަމަލީ ތަމްރީނުތަކެއްގެ ގޮތުގައި ޚުޠުބާގައި ސިފަކުރެއްވިއެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން އޭނާގެ މައްޗަށް ލާޒިމުވާ ކަންތައްތަކުގެ ސަބަބުން، އާންމު ދިރިއުޅުމުގައި ވެސް الله ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށް ބާރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަމަކީ ޖާނާއި މުދަލުން ކުރަންޖެހޭ ބުރަ އަޅުކަމަކަށް ވާއިރު، އެ ކަމުގައި ކެތްތެރިވެ، އުރެދުންތަކުން ދުރުހެލިވާ މީހާއަށް އޮތް އުފާވެރި ޚަބަރު ޚުޠުބާގައި ހަނދާންކޮށްދިނެވެ. ރަސޫލު الله ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، “މަބުރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ.” އަދި ފުރިހަމަ ގޮތުގައި ޙައްޖު އަދާކޮށްފި މީހާ އެނބުރި އަންނާނީ މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން ފާފަ ފުހެވިގެންވާ ޙާލެއްގައެވެ.

10 ދުވަހުގެ ޖަލު ބަންދަށް ފަހު ލީވާން މިނިވަންވެއްޖެ

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ޖަލު ހުކުމެއް އިއްވި ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު މިއަދު މިނިވަންވެއްޖެ އެވެ.

ލީވާން އަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އަދަދު ނޫހުން އުފެއްދި “އައިޝާ” ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔުނު މައްސަލައިގައެވެ.

ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި ލީވާންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ 12ގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ. މި އަމުރާ ހިލާފުވެގެން، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް ވެސް ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ޝަހުޒާނަށް ފިޔަވަޅު އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފައެވެ. އަދި އޭގެ ފަހުން ރައީސް އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް ‘އަދަދު’ ނޫހަށް ނުވަދެވޭނެ ގޮތަށް ވަނީ މަނާކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ‘އަދަދު’ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. ހަމަ އެހެންމެ މި މައްސަލައިގައި ތުހުމަތުގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަަހައްޓާފަައެވެ.

އިންޑިއާގެ ޒުވާނުންގެ “ކޮކްރޯޗް ޖަންތާ ޕާޓީ”: މީމްއަކުން ފެށި ސިޔާސީ އިންގިލާބެއް

ސޯޝަލް މީޑިއާގައި މަޖާ ކަމެއްގެ ގޮތުގައި ފެށުނު ކަމެއް، އިންޑިއާގެ ޒުވާނުންގެ މެދުގައި ވަރުގަދަ ޑިޖިޓަލް ހަރަކާތަކަށް ބަދަލުވެއްޖެއެވެ. އިންޑިއާގެ ސިޔާސީ މަޝްރަހަށް ފާޑުކިޔުމުގެ ގޮތުން އުފެއްދި ރަމްޒީ ސިޔާސީ ހަރަކާތެއް ކަމަށްވާ “ކޮކްރޯޗް ޖަންތާ ޕާޓީ” (ސީ.ޖޭ.ޕީ) އަށް މިހާރު ވަނީ އެތައްބައިވަރު ޒުވާނުންގެ ސަމާލުކަން ލިބިފައެވެ. މި ޕާޓީގެ ރަސްމީ އެކައުންޓްތަކުން ބުނާ ގޮތުގައި މިއީ “ކަންނެތް، އަދި ވަޒީފާއެއް ނެތް މީހުންގެ ޔޫނިއަނެއް” ކަމަށެވެ. އަދި ޕާޓީގެ ރަސްމީ މޮޓޯއަކީ “ސެކިއުލާ، ސޯޝަލިސްޓް، ޑިމޮކްރެޓިކް، ލޭޒީ” (ބައިބައިވުމެއްނެތް، އިޖުތިމާއީ، ދިމިގްރާތީ، ކަންނެތް) އެވެ. ޕާޓީ އުފެދުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮންލައިން ފޯމްތައް މެދުވެރިކޮށް 350,000 އަށްވުރެ ގިނަ މީހުން މެންބަރުންނަށް ވެފައިވާއިރު، އިންސްޓަގްރާމްގައި އެކަނިވެސް 6 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ވަނީ ހޯދާފައެވެ.

ޕާޓީ އުފެދެން ދިމާވި ސަބަބާއި އޭގެ ފަހަތުގައިވާ އިޖުތިމާއީ މައްސަލަތައް

މި ތަފާތު ހަރަކާތް ފެށިގެން އައީ 15 މޭ 2026 ގައި އިންޑިއާގެ ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމެއްގެ ތެރެއިންނެވެ. އެ އަޑުއެހުމުގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު (ސީ.ޖޭ.އައި) ސޫރިޔާ ކާންތު، ވަޒީފާއެއް ނެތް ޒުވާނުންނާ ބެހޭގޮތުން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކީ މި ހަރަކާތުގެ މައިގަނޑު އަސާސެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވަޒީފާއެއް ނުލިބިގެން އުޅޭ “ކޮކްރޯޗް” ނުވަތަ ކުރަފިތަކެއް ފަދަ ޒުވާނުން އެބައުޅޭ ކަމަށާއި، އެމީހުން ސޯޝަލް މީޑިއާގައި އެންމެންނަށް ހަމަލާދެމުންދާ ކަމަށެވެ. މި ބަސްފުޅުތަކާ އެކު، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި، ކިޔަވައިގެން ތިބި ނަމަވެސް ވަޒީފާގެ ފުރުޞަތުތައް ހަނިވެފައިވާ އެތައް ބައިވަރު ޒުވާނުންގެ މެދުގައި ވަރުގަދަ ނުރުހުމެއް އުފެދުނެވެ.

މި ނުރުހުން ސިޔާސީ އަދި އިޖުތިމާއީ ހަތިޔާރަކަށް ބަދަލުކޮށްލީ އާމް އާދްމީ ޕާޓީ (އޭ.އޭ.ޕީ) ގެ ކުރީގެ ސޯޝަލް މީޑިއާ ސްޓްރެޓެޖިސްޓެއް ކަމަށްވާ 30 އަހަރުގެ އަބީޖީތު ދިޕްކޭއެވެ. އޭނާ 16 މޭ ގައި އިއުލާންކުރީ “އެންމެހާ ކުރަފިތަކަށް” ޚާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މި ޕާޓީ އުފެއްދި ކަމަށެވެ. މިއީ ހަމައެކަނި މަޖާ ކަމެއްގެ ގޮތުގައި ފެށުނު ކަމެއް ނަމަވެސް، މީގެ ފަހަތުގައި ވަނީ އިންޑިއާގެ ޒުވާނުންގެ މެދުގައި އޮތް ވަޒީފާ ނެތުމުގެ ބިރުވެރިކަމާއި، މުއައްސަސާތަކުން ޒުވާނުންނަށް ކުރާ އިހުތިރާމް ކުޑަވުމުގެ މައްސަލައެވެ. އިންޑިއާގެ އިގްތިސާދީ ދުވެލި ބާރު ކަމަށް ބުނާއިރުވެސް، ގްރެޖުއޭޓްވެގެން ނުކުންނަ އެތައް މިލިއަން ކުދިންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގެއް ނެތުމަކީ މި “ކޮކްރޯޗް” ހަރަކާތް މިހާ ބާރަށް ފެތުރިގެން ދިޔަ މައިގަނޑު ސަބަބެވެ.

ޖެހިގެން އައި ދުވަހު އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވައި، އޭނާގެ ބަސްތައް މީޑިއާއިން ނުރަނގަޅު ގޮތެއްގައި ނަގާފައިވާ ކަމަށާއި، އޭނާ އިޝާރާތް ކުރެއްވީ ސައްހަ ނޫން ސެޓްފިކެޓް ހަދައިގެން ގާނޫނީ ދާއިރާއަށް ވަންނަ މީހުންނަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އޭރު އޮތީ ވަގުތު ފާއިތުވެފައެވެ. “ކޮކްރޯޗް ޖަންތާ ޕާޓީ” ވަނީ ޑިޖިޓަލް ދުނިޔޭގައި ބޮޑު ރާޅަކަށް ބަދަލުވެފައެވެ. ޒުވާނުން ބުނަމުންދަނީ އެމީހުންނަކީ “ކުރަފިތަކެއް” ނަމަ، އެ ސޫފިތަކުގެ ބާރު ސިޔާސީ މައިދާނުގައި ދައްކާލާނެ ކަމަށެވެ. މި ހަރަކާތަކީ އިންޑިއާގެ ތާރީޚުގައިވެސް ސޯޝަލް މީޑިއާ ބޭނުންކޮށްގެން، ސިޔާސީ މުއައްސަސާތަކަށް ފާޑުކިޔުމަށް އުފެދުނު އެންމެ އުފެއްދުންތެރި އެއް ހަރަކާތެވެ.

މި ހަރަކާތުގެ ސަބަބުން އިންޑިއާގެ ޒުވާނުންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެކި ދީންތަކާއި، އެކި ނަސްލުތަކުގެ ޒުވާނުން “ކޮކްރޯޗް” އެއްގެ ނަމުން އަމިއްލައަށް މުޚާތަބުކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަން ފެށުމަކީ ސިޔާސީ ލީޑަރުންނަށް ލިބުނު ބޮޑު ސިހުމެކެވެ. މިއީ ހަމައެކަނި މީމްއެއް ނޫން ކަމަށާއި، މިއީ އިންޑިއާގެ ޑިމޮކްރަސީގައި ޒުވާނުންގެ އަޑު އިއްވުމަށް ލިބުނު އާ ފުރުޞަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ސީ.ޖޭ.ޕީގެ މަގުބޫލުކަން އިތުރުވަމުންދާ ވަރަކަށް، އިންޑިއާގެ ސިޔާސީ ޕާޓީތަކުން މިހާރު ދަނީ ޒުވާނުންގެ މި އާ އޮއިވަރާ މެދު ސީރިއަސްކޮށް ވިސްނަން ފަށާފައެވެ.

މެންބަރުންގެ ޝަރުތުތަކާއި ފަސް ނުކުތާގެ މެނިފެސްޓޯ

ސީ.ޖޭ.ޕީގެ މެންބަރަކަށް ވުމަށް ބޭނުންވާ ޝަރުތުތަކަކީ ވެސް ޒުވާނުންގެ ހާލަތަށް ޖޯކު ޖެހުމުގެ ގޮތުން ހަދާފައިވާ ޝަރުތުތަކެކެވެ. އޭގެ ތެރޭގައި ވަޒީފާއެއް ނެތުން، އަބަދު އޮންލައިންގައި އުޅުން، ކަންނެތް މީހަކަށްވުން އަދި ސޯޝަލް މީޑިއާގައި “ޕްރޮފެޝަނަލް ފެންވަރެއްގައި ޝަކުވާކުރުމުގެ” ހުނަރު ހުރުން ހިމެނެއެވެ. މި ޝަރުތުތަކަކީ ބަލާބެލުމަށް މަޖާ ކަންތައްތަކެއް ނަމަވެސް، މީގެ އަސްލު މަގުސަދަކީ އިންޑިއާގެ ޒުވާނުން ތަހައްމަލު ކުރަމުންދާ ނަފްސާނީ އަދި އިޖުތިމާއީ ބުރަ ކުޑަކޮށްދިނުމެވެ. “ކަންނެތް” ކަމަށް ބުނުމަކީ، ސަރުކާރުން ވަޒީފާ އުފައްދައިނުދޭތީ ޒުވާނުންނަށް މަޖުބޫރުވެފައިވާ ހާލަތަށް ދީފައިވާ ނަމެކެވެ.

މަޖާ ގޮތަކަށް މިކަން ކުރިއަށްދިޔަ ނަމަވެސް، ޕާޓީގެ ފަސް ނުކުތާގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ސަރުކާރާއި މުއައްސަސާތައް ޒިންމާދާރުކުރުވުމުގެ ހަރުކަށި ބަސްތަކެކެވެ. ފުރަތަމަ ނުކުތާއަކީ ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރުމެވެ. މިގޮތުން، އުއްތަމަ ފަނޑިޔާރުކަމުން ވަކިވުމަށްފަހު، ސަރުކާރުގެ ހަދިޔާއެއްގެ ގޮނޑި ރާޖްޔާ ސަބާ (ޕާލަމެންޓް) އިން ގަބޫލުކުރުން މަނާކުރުމަށް ވަނީ ގޮވާލާފައެވެ. މިއީ އިންޑިއާގެ އަދުލު އިންސާފުގެ ނިޒާމަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ދީފައިވާ ވަރުގަދަ ރައްދެކެވެ. އަދި އަންހެނުންގެ ހިއްސާ އިތުރުކުރުމުގެ ގޮތުން ޕާލަމެންޓާއި ކެބިނެޓްގެ 50 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، އިންޑިއާގެ ސިޔާސީ މަޝްރަހުގައި އާންމުވެފައިވާ “ޕާޓީ ބަދަލުކުރުމުގެ” ސަގާފަތަށް ނިމުމެއް ގެނައުމަށް ސީ.ޖޭ.ޕީން ވަނީ ހުށަހަޅާފައެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވާ މަޖިލިސް މެންބަރުން 20 އަހަރަށް އިންތިޚާބުތަކުގައި ބައިވެރިވުން މަނާކުރުމަކީ ސިޔާސީ އިޚްލާޞްތެރިކަން އިތުރުކުރުމަށް އެޅޭނެ ފިޔަވަޅެއް ކަމަށް އެމީހުން ދެކެއެވެ. އިންތިޚާބީ އޮޅުވާލުންތަކުގެ ދާއިރާއިން، އާންމުންގެ ސައްހަ ވޯޓެއް އުނިކޮށްފިނަމަ، ޗީފް އިލެކްޝަން ކޮމިޝަނަރު ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހައްޔަރުކުރުމަށް ގޮވާލާފައިވާއިރު، މިއީ އިންތިޚާބުތަކުގެ ސައްހަކަމާ މެދު އޮތް ކަންބޮޑުވުން ހާމަކޮށްދޭ ކަމެކެވެ. މީޑިއާ އިސްލާހުކުރުމުގެ ގޮތުން ބޮޑެތި ކުންފުނިތަކުން ކޮންޓްރޯލްކުރާ މީޑިއާތަކުގެ ލައިސަންސް ބާތިލްކޮށް، މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަކީވެސް އެމީހުންގެ މުހިންމު ސިޔާސަތެކެވެ.

މި ސިޔާސީ ހުށަހޅުންތަކުގެ އިތުރުން، މިހާރު އިންޑިއާގައި ހިނގަމުންދާ ކިޔަވާ ކުދިންގެ NEET އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައިގައި ސީ.ޖޭ.ޕީން ވަނީ ވަރަށް ބޮޑަށް އަޑުއުފުލާފައެވެ. އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށާއި، CBSE އިމްތިހާނުގެ ރީޗެކިން ފީ ކަނޑާލުމަށް ގޮވާލާ ގޮވާލުންތަކަކީ އެތައްބައިވަރު ކިޔަވާ ކުދިންގެ ތާއީދު މި ޕާޓީއަށް ލިބުނު ސަބަބެކެވެ. މިކަމުން ދޭހަވަނީ، މިއީ ހަމައެކަނި އޮންލައިން “ޓްރޯލް” އެއް ނޫން ކަމާއި، މިއީ ޒުވާނުންގެ ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ ޕްލެޓްފޯމެއް ކަމެވެ. މި މެނިފެސްޓޯއަކީ އިންޑިއާގެ އާންމު ސިޔާސީ ޕާޓީތަކަށްވުރެ މާ ބޮޑަށް ރައްޔިތުންގެ ވޭނާއި އިހުސާސްތައް ދެނެގަނެގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ސިޔާސީ މުހައްލިލުން ވިދާޅުވެއެވެ.

ސިޔާސީ މަޝްރަހަށް އައި ލޮޅުމާއި މުސްތަޤުބަލުގެ ތަޞައްވުރު

މީމް (meme) ޕޭޖުތަކުން ފެށުނު މި ހަރަކާތް މިހާރު ވަނީ އިންޑިއާގެ ބޮޑެތި ސިޔާސީ ލީޑަރުންގެ ސަމާލުކަމަށް އައިސްފައެވެ. އިދިކޮޅު ޕާލަމެންޓް މެންބަރު މަހުއާ މޮއިތުރާ އަދި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ކީރްތީ އަޒާދު ވެސް ވަނީ ސޯޝަލް މީޑިއާގައި މަޖާޒީ ގޮތެއްގައި މި ޕާޓީއާ ގުޅިވަޑައިގެންފައެވެ. މިއީ އިންޑިއާގެ ސިޔާސީ ތާރީޚުގައިވެސް “ސެޓަޔަރ” ނުވަތަ މަލާމާތުގެ ޒަރީއާއިން ސިޔާސީ ބާރުވެރިކަން ހޯދި ފުރަތަމަ ފަހަރެވެ. ސިޔާސީ ލީޑަރުން މި ހަރަކާތާ ގުޅެނީ، ޒުވާނުންގެ ވޯޓު ބޭންކަކީ ކިހާ މުހިންމު އެއްޗެއްކަން އެނގޭތީއެވެ. ސީ.ޖޭ.ޕީއަކީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކަށް ނުވީ ނަމަވެސް، އޭގެ ނުފޫޒު މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށްވެސް ފޯރާފައެވެ.

ސިޔާސީ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އިންޑިއާގެ ޒުވާނުންގެ ހިތްތަކުގައި ހުރި ކަންބޮޑުވުންތަކާއި މާޔޫސްކަން ހާމަކޮށްދޭ ވަރުގަދަ ހަރަކާތެކެވެ. ކުރިން ޒުވާނުން ސިޔާސީ ކަންކަމާ ދުރުގައި ތިބި ނަމަވެސް، މިހާރު އެމީހުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރު ޒިންމާދާރުކުރުވުމުގެ އާ އުކުޅެއް ދަސްކޮށްފައެވެ. މި ހަރަކާތުގެ ސަބަބުން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން މަޖުބޫރުވެފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، NEET އިމްތިހާނުގެ މައްސަލައިގައި ސަރުކާރުން ދައްކަމުންދާ ވާހަކަތައް ބަދަލުކޮށް، ތަހުގީގުތައް އަވަސްކޮށްފައިވަނީ ސީ.ޖޭ.ޕީ ފަދަ ޑިޖިޓަލް ހަރަކާތްތަކުގެ ފިއްތުންތަކާ ހެދިއެވެ.

މި ހަރަކާތުގެ މުސްތަޤުބަލާ މެދު ސުވާލު އުފެދޭއިރު، ގިނަ ބަޔަކު ދެކެނީ މިއީ އިންޑިއާގެ ސިޔާސީ ދާއިރާގައި “ތިންވަނަ ބާރެއް” އުފެދުމުގެ ފެށުން ކަމަށެވެ. މިއީ ސަގާފީ ސިޔާސީ ޕާޓީތަކާ ތަފާތު، އެއްވެސް މަރުކަޒީ ލީޑަރެއް ނެތް، ނަމަވެސް އެންމެންގެ ބައިވެރިވުން އޮތް ހަރަކާތެކެވެ. މިކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުން ޒުވާނުންނާ މުޚާތަބުކުރާ ގޮތް ބަދަލުކުރަން ޖެހޭނެއެވެ. ހަމައެކަނި ވައުދުތަކަކުން ޒުވާނުން ރުއްސޭކަށް ނެތްކަން މި ހަރަކާތުން ވަނީ ސާބިތުކޮށްދީފައެވެ. އެމީހުން ބޭނުންވަނީ އަމަލީ ގޮތުން ނަތީޖާ ފެންނާނެ ސިޔާސަތުތަކެކެވެ.

“ކޮކްރޯޗް ޖަންތާ ޕާޓީ” އަކީ އިންޑިއާގެ ޑިމޮކްރަސީގެ އާ މޫނުމަތީގެ ގޮތުގައި ސިފަކުރެވިދާނެއެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމާއި، އަދި އިޖުތިމާއީ ހޭލުންތެރިކަން އެއްވެގެން އުފެދުނު ވަރުގަދަ ބާރެކެވެ. އުއްތަމަ ފަނޑިޔާރުގެ ބަސްފުޅަކުން ފެށުނު މި ދަތުރު، މިއަދު ވަނީ މިލިއަނުން ޒުވާނުންގެ އުންމީދާ ގުޅިފައެވެ. މިއީ އިންޑިއާގެ ސިޔާސީ މަޝްރަހު އަބަދުގެ އަބަދަށް ބަދަލުކޮށްލާނެ ފަދަ އިންގިލާބެއް ކަމަށް ބެލެވެއެވެ. މި ހަރަކާތް އުފެދިގެން އައި ގޮތާއި އޭގެ ފަހަތުގައި ހުރި ސަބަބުތަކުގެ ތަފްސީލު ދެނެގަތުމަކީ، މިއަދުގެ އިންޑިއާގެ ސިޔާސީ ވިންދު ދެނެގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މީކާއިލް ހޮވަންޖެހެނީ ޕާޓީގެ މުސްތަގުބަލަށް، މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން: ސޯލިހް

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހޮވަންޖެހެނީ ޕާޓީގެ މުސްތަގުބަލަށްޓަކައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ، ސިޔާސީ ހަޔާތުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި އެމްޑީޕީގައި ހޭދަކުރެއްވި 21 އަހަރުގެ އަލީގައި، ޕާޓީގެ މުސްތަގުބަލު އާ ޖީލަކާ ހަވާލުކުރުމަކީ މިވަގުތު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއަށް ކޮށްދެއްވި ބުރަ މަސައްކަތްތައް ބަލައިގަންނަ ކަން ފާހަގަކުރައްވަމުން، ސޯލިހް ވިދާޅުވީ މިއީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން ކަމަށެވެ.

ރައީސް ނަޝީދާއި މީކާއިލްގެ މެދުގައި އޮތް ވާދަވެރިކަމާ ގުޅޭގޮތުން ސޯލިހް ވިދާޅުވީ، އެއީ ޕާޓީގެ ދިރުން ހުރިކަމުގެ ހެއްކެއް ކަމަށެވެ.

“އެމްޑީޕީ 21 އަހަރަށް ދެމިގެންދިޔަ އެއް ސަބަބަކީ ކިތަންމެ ސީނިއާ ބޭފުޅަކު ވާދަކުރެއްވި ނަމަވެސް އެ ބޭފުޅަކާ ވާދަކުރުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮތީމާ. މިއީ މި ޕާޓީއާ ދޭތެރޭގައި އަޅުގަނޑު ފަހުރުވެރިވާ އަނެއް ކަމަކީ،” ސޯލިހް ވިދާޅުވިއެވެ.

ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި އެމްޑީޕީން ގައުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކުރައްވަމުން، ފެހި ގާނޫނުއަސާސީ ވުޖޫދުކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އާސަންދަ އަދި ހިލޭ ޑިގްރީ ފަދަ މުހިންމު ސިޔާސަތުތައް ތައާރަފްކުރުމުގައި އެމްޑީޕީން އަދާކުރި ދައުރަށް ސޯލިހް އަލިއަޅުއްވާލެއްވިއެވެ. އަދި މިހާތަނަށް ޕާޓީން ދެ ރައީސުންނާއި މަޖިލީހުގެ ތިން ރައީސުން އުފައްދާފައިވާކަން ވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރައީސް ސޯލިހް ހާމަކުރެއްވި ގޮތުގައި، އެމަނިކުފާނާއި ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިވަޑައިގެން މިދިޔަ ހުކުރު ދުވަހު ވަނީ “ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް” ގެ ނަމުގައި އާ އިއްތިހާދެއް އުފައްދަވާފައެވެ. އެހެންކަމުން ސީނިއާ ލީޑަރުންގެ މިހާރުގެ އަމާޒަކަށް ވާންވީ ޕާޓީގެ އެތެރޭގެ މަގާމުތަކަށް ވާދަކުރުމުގެ ބަދަލުގައި، ގައުމީ ބޮޑެތި މައްސަލަތައް ހައްލުކޮށް ސަރުކާރު ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކުރަންވީ ކަމަކީ މި ސަރުކާރު ބަދަލުކުރުމަށް މިހާރުން މިހާރަށް ކުރަންވީ ކަންތައް ކުރުން. ޕާޓީގެ ލީޑަޝިޕަށް އާ ބަޔަކު ގެނެސް އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާ އާއި އިހްސާސްތަކާއި ކުރެވުނު ދަތިތަކާއެކުގައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެކުގައި ކަންތައްތައް ކުރަންވީ،” ސޯލިހް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އެއްވެސް ބަދުބަހެއް ވިދާޅުވާން ބޭނުންފުޅުނުވާކަން ތަކުރާރުކުރައްވަމުން ސޯލިހް ވިދާޅުވީ، މިއީ އާ ފްރަންޓާ ގުޅިވަޑައިގެން ގައުމު އިސްލާހުކުރުމުގެ މަސައްކަތުގައި ނަޝީދު އުޅުއްވަންވީ ވަގުތު ކަމަށެވެ. އަދި މިއަދު މީކާއިލްއަށް ތާއީދުކޮށް ކެމްޕެއިނަށް ނުކުމެ ހުރި ނަމަވެސް، މާދަމާ ރައީސް ނަޝީދާ އެކު ގައުމީ މަސައްކަތުގައި އިށީންނަވާނެ ކަމުގެ ޔަގީންކަން ސޯލިހް ދެއްވިއެވެ.