ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ (އާދީއްތަ) ދުވަހުގެ ރޭ 11:12 ގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ.
ކޭތަ ނަމާދުކުރަން އަންގައި އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލަރެއްގައި ބުނީ 7 ސެޕްޓެމްބަރ 2025 ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައިކަމަށެވެ. އަދި އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭގެ 11:11 ގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މާދަމާ ރޭ ހިފާ ހަނދުކޭތަ ވީއްލާނީ ރާއްޖޭ ގަޑިން މެންދަމުން އަލިވެ 1:55 ހާއިރުކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
އެހެންވެ، މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގާފައެވެ. މި ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު