ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރިތާ 21 އަހަރު ފުރުމާ ގުޅިގެން، ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ކުރައްވަމުންދާ މަސައްކަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު މި ޝުކުރު އަދާކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ފޮނުއްވައި، ވާޖިބު އަދާކުރުމުގައި ރެޔާއި ދުވާލު ކުރައްވަމުންދާ ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ. ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމުގައި ފުލުހުން އަދާކުރާ ދައުރުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ 2004 ވަނަ އަހަރު ސިފައިންގެ ޚިދުމަތުން ވަކިވެ، މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރެވުނު ޚިދުމަތެކެވެ. މި 21 އަހަރުގެ ތެރޭގައި އެ ޚިދުމަތަށް ގިނަގުނަ ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށިފައެވެ. މިއީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.


ކިޔުންތެރިންގެ ހިޔާލު