އެމްޑީޕީގެ “ލޫޓުވާލައިފި” އެއްވުމުގައި ލީޑަރޝިޕާއި ގްރާސްރޫޓް އެއް ސަފެއްގައި

އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ “ލޫޓުވާލައިފި” އެއްވުމުގައި ފެނިގެންދިޔައީ ޕާޓީގެ ގްރާސްރޫޓް ފެންވަރުގައި ހަރަކާތްތެރިވާ އާންމު ރައްޔިތުންނެކޭ އެއްފަދައިން ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި އިސް ބޭފުޅުންވެސް ބައިވެރިވެ، ރައްޔިތުންނާއެކު އެއް ސަފެއްގައި ތިބެ، ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ނިކުންނަވަން ތައްޔާރަށް ތިއްބެވި މަންޒަރެވެ.

ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ އެއްވުމުގައި ހަރަކާތްތެރިވި ހަވާސާ ނޫހުގެ ނޫސްވެރިންނަށް ފެނިގެން ދިޔައީ ފުލުހުން އެއްވުމަށް ހުރަސްއަޅަން މަސައްކަތްކުރުމުން، އާންމު ރައްޔިތުންނެކޭ އެއްފަދައިން ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންވެސް ފުލުހުންގެ ބެރިކޭޑްތައް ކައިރިއަށް، އިހުތިޖާޖުކުރުމަށް ކުރިއަށް ވަޑައިގެންނެވި މަންޒަރެވެ. އެއްވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ސާހިދާއި، ޕާޓީގެ ޗެއަރޕަރސަންފައްޔާޒް އިސްމާއިލާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، މީގެ އިތުރުންވެސް ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ އެއްވުން ފެށުމާއެކު ފުލުހުން ވަނީ އެއްވުމަށް ހުރަސްއަޅާފައެވެ. ނަމަވެސް، އެމްޑީޕީގެ ލީޑަރޝިޕުން ވަނީ އެ ހުރަސްއެޅުންތަކާ ކުރިމަތިލައްވައި، ރައްޔިތުންނާއެކު އެއް ސަފެއްގައި ތިއްބަވައި، އިހުތިޖާޖުކުރުމުގެ ޙައްޤު ދިފާޢުކުރައްވާފައެވެ. ރޭގެ އެއްވުމުގައި ބައިވެރިވި އެއްހާހަށްވުރެ ގިނަ ރައްޔިތުން ވަނީ އެމްޑީޕީގެ ލީޑަރޝިޕް އެގޮތަށް ކުރިއަށް ވަޑައިގަތުމުން ބޮޑު ތަރުހީބެއް ދެއްވާފައެވެ. ގިނަ ބައިވެރިން ފާހަގަކުރި ގޮތުގައި، މިއީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމަށް ޕާޓީގެ ލީޑަރޝިޕުން ދެއްވި ވަރަށް ވަރުގަދަ މެސެޖެކެވެ.

“ޕާޓީގެ އެންމެ މަތީ ފަންތީގެ ބޭފުޅުންވެސް އަޅުގަނޑުމެންނާއެކު މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މިއީ ހަމައެކަނި ޕޯޑިއަމްގައި ތިބެގެން ތަޤްރީރުކުރާ ބައެއް ނޫންކަން އެނގިއްޖެ،” އެއްވުމުގައި ބައިވެރިވި ޙަސަން ޢަލީ ހަވާސާ ނޫހަށް މަޢުލޫމާތު ދެމުން ބުންޔެވެއެވެ.

“ލޫޓުވާލައިފި” އެއްވުން އަމާޒުކުރެވިފައިވަނީ މިހާރުގެ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކާމެދު ކަންބޮޑުވުން ފާޅުކުރުމަށެވެ. ޚާއްޞަކޮށް ރައްޔިތުންގެ ފައިސާ ޒިންމާދާރުކަމާއެކު ބޭނުން ނުކުރެވޭކަމުގެ ޝަކުވާތައް ފާޅުކުރުމަށެވެ. އެމްޑީޕީގެ އިސްވެރިން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތްތަނުގައި މިފަދަ ގިނަ ހަރަކާތްތައް ރޭވިފައިވެއެވެ.

ރޭގެ އެއްވުމުގައި ބައިވެރިވި ގިނަ ރައްޔިތުން ފާހަގަކުރި ގޮތުގައި، ޕާޓީގެ ލީޑަރޝިޕް މިފަދަ ގޮތަކަށް ރައްޔިތުންނާއެކު އެއް ސަފެއްގައި ތިބުމަކީ އެމްޑީޕީއަށް އޮތް ތާއީދު އިތުރުވާނެ ކަމެކެވެ.

އެކައުންޓްތައް ފްރީޒް ކުރިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެ : އަބްދުﷲ ސާހިދު

މޯލްޑިވިއަން އެއާލައިންސް އިން އެމްޑީޕީ ގެ ބޭންކު އެކައުންޓުތައް ފްރީޒްކުރަން ސިވިލް ކޯޓުގައި އެދުމަކީ، އެއީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން މޯލްޑިވިއަންގައި ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެ ޕާޓީގެ އެކައުންޓްތައް ފްރީޒްކުރުމަށް މޯލްޑިވިއަން އިން ސިވިލް ކޯޓުގައި އެދުނީ މިދިޔަ ހަފްތާގައެވެ.

މިކަމާ ގުޅިގެން “ރާއްޖެޓީވީ”ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ހުރަސް އެޅުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި، އެކައުންޓްތައް ފްރީޒްކުރަން ކޯޓުގައި އެދުނު ކަމަކީ ވެސް އެ މަސައްކަތުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ، މީގެ ބޭނުމަކީ އެމްޑީޕީގެ ހުރިހާ މަސައްކަތެއް ހުއްޓުވާލުން ކަމަށެވެ. ނަމަވެސް އެކައުންޓްތައް ފްރީޒް ކުރިޔަސް މިރޭގެ މުޒާހަރާ ކުރިއަށްދާނެ ކަމަށް ޝާހިދު ވަނީ ހާމަކުރައްވާފައެވެ. އަދި އެމްޑީޕީއަށް މޯލްޑިވިއަން އަށް ފައިސާ ނުދެއްކިގެން އުޅެނީ، ދައުލަތުން އެ ޕާޓީއަށް ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

“ތެޅިފޮޅިގަނެގެން މި އުޅެނީ މިރޭގެ ހަރަކާތާއި ގުޅިގެން. އެކަމަކު ރާއްޖޭގެ ރައްޔިތުން ތިބީ މިކަހަލަ ކަންތައް ގަބޫލުކޮށްގެން ފަހަތަށް ޖެހޭ ގޮތަކަށް ނޫން. އަޅުގަނޑުމެން އަޑު އުފުލާނަން. ސުލްހަވެރި ސިޔާސީ ހަރަކާތް ކުރިއަށް ގެންދާނަން،” ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީން “ލޫޓުވައިފި” ނަމުގައި މިރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މިއަދު ރައްޔިތުން ހަނުހުރެއްޖެނަމަ، ދެން މި ޤައުމެއް ރައްޔިތުންނަށް އަނބުރާ ނުލިބޭނެ: އަބްދުﷲ ސާހިދު

މިރޭ ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު ރައްޔިތުން ހަނުހުރެއްޖެނަމަ، ދެން މި ޤައުމެއް ރައްޔިތުންނަށް އަނބުރާ ނުލިބޭނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ޕީއެންސީގެ ސަރުކާރަކީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ ސަރުކާރެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި، އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ވިޔަފާރިތަކުގެ ދާއިރާތަކަށް ސަރުކާރުން ވަދެ، އެ ވިޔަފާރިތަކާ ވާދަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް މިސާލު ދެއްވަމުން ޝާހިދު ފާހަގަކުރެއްވީ، ސަރުކާރުން މިހާރު އައިނުގެ ވިޔަފާރިއަށް ވަދެ، އެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ކަމާއި، އަދި ޓެކްސީ ޚިދުމަތް ދިނުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

“އާންމު ރައްޔިތުން ޢިއްޒަތްތެރިކަމާއެކު އާމްދަނީއެއް ހޯދުމަށް ކުރަމުންދާ ކޮންމެ ވިޔަފާރިއަކަށް ސަރުކާރުން ވަދެ، އެ ވިޔަފާރީގެ ދާއިރާ ހީނަރުކުރަމުން ގެންދަނީ،” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުތަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔައިރު، އެ މަޝްރޫޢުތަކުގެ އިމާރާތްކުރުމުގެ މަސައްކަތްތައް ޙަވާލުކުރަމުން ދިޔައީ އަމިއްލަ ފަރާތްތަކާ ކަމަށެވެ. މިގޮތަށް ޢަމަލުކުރުމުގެ ބޭނުމަކީ، އިމާރާތްކުރުމުގެ ދާއިރާ ރާއްޖޭގައި ކުރިއަރައި، އެ ދާއިރާގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އެހެންނަމަވެސް، މިހާރު ފެންނަމުންދަނީ ތަފާތު މަންޒަރެއް. އައުޓްޑޯ ޖިމް އެޅުމުގެ މަސައްކަތް މިހާރު ޙަވާލުކުރަނީ އެމްއޭސީއެލް (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ) އާ. ހޮސްޕިޓަލެއް އިމާރާތްކުރަން ޖެހިއްޖެނަމަ އާރްޑީސީ (ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އާ. ގެސްޓްހައުސްއެއް އަޅަން ޖެހިއްޖެނަމަ ޙައްޖު ކޯޕަރޭޝަނާ،” ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން އަމިއްލަ ޕްރައިވެޓް ސެކްޓަރ ގެ ބަދަލުގައި ސަރުކާރުގެ ކުންފުނިތަކާ ތަރައްޤީގެ މަޝްރޫޢުތައް ޙަވާލުކުރަމުންދާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކޮށް، އާންމު ރައްޔިތުންނަށް ލިބެމުންދާ ވަޒީފާގެ ފުރުޞަތުތައް މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަންކަމުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދީ ދުވެލި ދަށްވެ، އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ދިގު މުއްދަތުގައި ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ފާހަގަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، މިފަދަ ކަންކަމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލައި، އެމީހުންގެ ޙައްޤުތައް ހޯދުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުން މިކަމުގައި ހަރުދަނާ މަސައްކަތްތަކެއް ނުކޮށްފިނަމަ، ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ގެއްލި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ގައުމު ލޫޓުވައިފި ކަމަށް ލިޔެ ހުޅުމާލޭގައި އެމްޑީޕީ އިން ދެމި ބެނާތައް އެޗްޑީސީން ނަގައިފި

އެންމެ ބޮޑު އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޮކްޓޯބަރު 3 ގައި މާލޭގައި ބާއްވާ ބޮޑު އެއްވުމާ ގުޅިގެން ހުޅުމާލޭގައި ދަމާފައިވާ ބެނާތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގައިފިއެވެ.

އެޗްޑީސީން ރޭގަ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ބެނާތައް ނަގާފައިވަނީ ހުއްދަ ނުހޯދައި ދަމާފައި ހުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ފަރާތުން ބުނެފައިވަނީ މި ބެނާތައް ދަމާފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

މި ބެނާތަކުގައި ލިޔެފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން “ގައުމު ލޫޓުވައިފި” ކަމަށް އެމްޑީޕީން ތުހުމަތުކުރާ އެކި ކަންކަމެވެ. މީގެ އިތުރުން، މާލޭގައި ދަމާފައި ހުރި އެމްޑީޕީގެ ބެނާތައް މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ނަގާފައެވެ.

އެމްޑީޕީން އޮކްޓޯބަރު 3 ގައި ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން ދަނީ ސިލްސިލާކޮށް އެކި ހަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި ބެނާ ދެމުމުގެ އިތުރުން، ޕިކަޕް ބުރު، ސައިކަލް ބުރު، އަދި އެކި ބައްދަލުވުންތަކާއި ސައްލާތައް ހިމެނެއެވެ.

މި ހަރަކާތްތަކަކީ އެމްޑީޕީން މިހާރުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ އިހުތިޖާޖުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެމްޑީޕީން ބުނާ ގޮތުގައި މި އެއްވުމުގެ މަޤްޞަދަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމެވެ.

އެމްޑީޕީގެ ވަފުދެއް ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުންނާ ކޮލޮމްބޯގައި ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ވަފުދެއް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި މަންދޫބުންނާ މިއަދު ހެނދުނު ސްރީލަންކާގެ ކޮލޮމްބޯގައި ބައްދަލުކުރައްވައިފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ފާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް ނަސީމް އަދި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މެންބަރު ހުސައިން ޝަހީމް އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިހާރު ރާއްޖޭގައި ވެރިކަންކުރަމުންދާ ޕީއެންސީގެ ސަރުކާރުން މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ކަންކަމަށް ނުފޫޒު ފޯރުވުމާއި، ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކާއި، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކާއި، މީޑިއާ ކޮންޓްރޯލް ބިލެއްގެ ޒަރީޢާއިން މީޑިއާ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ކަންކަމާ ގުޅޭގޮތުން އީޔޫގެ އިސްވެރިންނަށް މައުލޫމާތު ދިނުމެވެ. އަދި ދުސްތޫރީ އަދި ޚާރިޖީ ސިޔާސަތުތަކަށް އަންނަމުންދާ އޮޅުންބޮޅުން ބޮޑު ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލެވުނެވެ.

އެމްޑީޕީގެ ވަފުދުން ވަނީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ އާއި އިސްލާހީ މަގު ފެނުނު ހާލަތާއި، ގާނޫނުތަކުގެ ޒަރީއާއިން މިނިވަން މުއައްސަސާތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވުނު ދިގު މަސައްކަތްތައް އީޔޫގެ މަންދޫބުންނަށް ހަނދާންކޮށްދީފައެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ، މިފަދަ ޑިމޮކްރެޓިކް ހަމަތައް މިހާރު ހަލުވިކަމާއެކު ފަހަތަށް ޖެހި، ނެތިދާން ކައިރިވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ކޮންމެ އަހަރަކު ފަސް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަކަން ފާހަގަކުރަމުން، ދިވެހިރާއްޖެއާ އެކު އީޔޫގެ ވަރުގަދަ އިގްތިސާދީ އަދި ސަގާފީ ގުޅުމެއްވާކަން އެމްޑީޕީގެ ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓުމުގައި އީޔޫގެ ސަފީރުންނާއި މަންދޫބުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެމްޑީޕީގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.

ހުވަދޫ އަތޮޅުގެ އެމް.ޑީ.ޕީ ގަޢުމީ މަޖްލީހުގެ މެންބަރުންނާއި ލީޑާޝިޕުން ބައްދަލުކުރައްވައިފި

އިދިކޮޅު މައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ސިޔާސީ ހަރަކާތުގެ ތައްޔާރީތަކާ ގުޅޭގޮތުން، ހުވަދޫ އަތޮޅުގެ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުންނާއި ޓީމުތަކާ އެމް.ޑީ.ޕީގެ ލީޑަރޝިޕުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ކުރިއަށް އޮތް ހަރަކާތަށް ހަރުދަނާ ތައްޔާރީތަކެއް ވުމުގެ ގޮތުން ކުރެވުނު މުހިންމު މަޝްވަރާ ބައްދަލުވުކެވެ.

މި ބައްދަލުވުމުގައި އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ހަރަކާތަކީ މިހާރު ރާއްޖޭގައި އޮތް ޕީ.އެން.ސީ ގެ ވެރިކަމުން ހިނގަމުންދާ ކަންތައްތަކާއި ދެކޮޅަށް އެމް.ޑީ.ޕީއިން އިސްނަގައިގެން ބާއްވާ އިހްތިޖާޖެކެވެ.

މީޑިއާ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވަގުތީ ކޮމިޓީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލައިފިއެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ މީޑިއާ ކޮމިޝަނުގެ މެންބަރުން އައްޔަންކުރެވެންދެން ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ބެލެހެއްޓުމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މިދިޔަ އާދީއްތަ ދުވަހު އެކުލަވާލި މި ކޮމިޓީގައި 5 މެންބަރުން ހިމެނެއެވެ. އެގޮތުން ކޮމިޓީގައި ހިމެނެނީ ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މަޢުސޫމް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރު އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދެވެ.

އައު ޤާނޫނުގެ ދަށުން އެކުލަވާލެވޭ މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ. ޤާނޫނުގައިވާ ގޮތުން މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް ރުހުން ދިނުމުގެ މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން އިންތިޚާބުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މި އިންތިޚާބު ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށެވެ.

މި އައު ޤާނޫނާއެކު ކުރީގެ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި އަރުޝީފުކުރުމުގެ މަސައްކަތްތައްވެސް މި ކޮމިޝަނަށް ބަދަލުވެގެންދާނެއެވެ.

ޔަމަންގައި ބޮޑު މުޒާހިރާއެއް

ޔަމަނުގައި އިއްޔެ ކުރިއަށްދިޔަ މުޒާހަރާގައި މިލިއަނަކަމަށްވުރެ ގިނަ މީހުން ބައިވެރިވެ އިސްރާއީލާ ދެކޮޅަށް އަޑު އުފުލައިފި އެވެ.

މުޒާހަރާގައި ބައިވެރިވި ކުޑަކުއްޖެއްގެ ބަސް:

”މިއަދު އަޅުގަނޑުމެން މިވަނީ، ކާމިޔާބު މުޤައްދަސް ޖިހާދެއް ފަށާފަ، އަޅުގަނޑުމެން މިތިބީ ޣައްޒާގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއެކު…

އަޅުގަނޑިމެން މިތިބީ ތިޔަބޭފުޅުންގެ އަރިހުގައި…

އެހެން މީހުން ކަންކުރާހެން އަޅުގަނޑުމެން ޣައްޒާ ދޫކޮށްނުލާނަން،

އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން.“

 

ތަލަ ރައްޓެއްސަކަށް ދޭނެ ނަށޭހަތް

ޒަމާނަށް އަންނަ ބަދަލުތަކާ އެކު ތަލަވުމަކީ ފެޝަނެއް ކަމުގައި ވިޔަސް، ގިނަ ބަޔަކަށް އަދިވެސް ބޮލުން އިސްތަށި ފޭބުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އިސްތަށި ފޭބުން މަދުކުރުމަށް ނުވަތަ އިސްތަށި ފޭބުން ހުއްޓުވުމަށް، އެތައް ހާސް ރުފިޔާއެއް ހޭދަނުކޮށް ގުދުރަތީ ގޮތެއް ހުރިބާވައޭ ކިތައް މީހުންނަށް ހިތަށް އަރާނެހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ގޭގޭގެ ބަދިގޭގައި ހުރި ތަކެތީގެ ތެރޭގައި ވެސް ހުރެދާނެއެވެ! ހަށިގަނޑަށް ފައިދާހުރި ބައެއް ކާނާގެ ބާވަތްތަކުގައި، އިސްތަށިގަނޑު ވަރުގަދަކޮށް، ތުނިވިޔަ ނުދީ، އަލުން އިސްތަށި ފެޅުވުމަށް އެހީތެރިވާ ފައިދާހުރި މާއްދާތައް ގިނަ އަދަދަކަށް އެކުލެވިފައިވެއެވެ.

ތަލަނުވެ އިސްތަށިގަނޑު ވަރުގަދަކޮއް ބެހެއްޓުމަށް ތިރީގައިވާ ތަކެއްޗަކީ ބަޖެޓައްލުއި އަދި އެހާމެ އަވަހަށް ނަތީޖާ ދައްކާ ބާވަތްތަކެވެ.

1 – ބިހާއި ކިރުގެ ބާވަތްތައް – ބަޔޮޓިންގެ ހަކަތަ

ބަޔޮޓިން (ވައިޓަމިން ބީ7) އަކީ އިސްތަށިގަނޑު ރަނގަޅަށް ހެދި ބޮޑުވުމަށް ވަރަށް މުހިންމު މާއްދާއެއްކަން ކަށަވަރެވެ. ބިސް، ކިރު، ކިރުދޯނި، ޗީޒް، އަދި ކިރުގެ އެހެނިހެން ބާވަތްތަކުގައި ބަޔޮޓިން، ޕްރޮޓީން، ވައިޓަމިން ބީ12، ދަގަނޑު، ޒިންކް، އަދި އޮމެގާ-6 ފެޓީ އެސިޑް ގިނަ އަދަދަކަށް އެކުލެވިފައިވެއެވެ. މި ހުރިހާ މާއްދާއަކީ ވެސް އިސްތަށިގަނޑަށް އެތެރެއިން ގިނަ ގޮތްގޮތުން ފައިދާކުރާ މާއްދާތަކެކެވެ. މި ތަކެތި ކޮންމެ ދުވަހެއްގެ ކާނާގައި ހިމެނުމުން، ބަލިކަށި އިސްތަށިގަނޑު ވަރުގަދަވެ، އިތުރަށް އިސްތަށި ފޭބުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.

2 – އަލްމަންޑް – އިސްތަށިގަނޑު ބޯކޮށްދޭ މޭވާ

އަލްމްންޑަކީ ބަޔޮޓިން އަދި މެގްނީޒިއަމްގެ އެންމެ މުއްސަނދި ގުދުރަތީ މަސްދަރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މި ދެ މާއްދާއަކީ ވެސް އިސްތަށިގަނޑުގެ ސިއްހަތަށް ވަރަށް މުހިންމު ދެ މާއްދާއެވެ. ބަދާމުގު އާދަކާދައެއްގެ ގޮތުގައި ކެއުމުން، އިސްތަށިގަނޑު ބޯވެ، ގަދަވެ، ފަޅުފިލުވައިދީ، ހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ. ކޮންމެ ދުވަހަކު ކުޑަ އަލްމަންޑް ކޮޅެއް ކެއުމުން ބޮލުގެ ނާށިގަނޑާއި އިސްތަށިގަނޑުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ.

3 – ވޯލްނަޓް – އޮމެގާ-3 އާއި ބަޔޮޓިންގެ އެހީތެރިކަން

“ސިކުނޑީގެ ކާނާ” ގެ ނަމުން މަޝްހޫރުވެފައިވާ ވޯލްނަޓަކީ އިސްތަށިގަނޑަށް ވެސް ވަރަށް ފައިދާހުރި ސުޕަރފުޑެކެވެ. ވޯލްނަޓްގައި އޮމެގާ ފެޓީ އެސިޑްސް އާއި ވައިޓަމިން ބީ7 އެކުލެވިފައިވާތީ، މިއީ ހަމައެކަނި އިސްތަށި ފޭބުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެއް ނޫނެވެ. މީގެ އިތުރުން، މި އެއްޗެހި ކެއުމުން އިސްތަށީގެ ބުޑުތައް ވަރުގަދަވެ، އަލުން އިސްތަށި ފެޅުވުމަށް ވެސް ބާރު އަޅައެވެ. އިސްތަށި ފޭބުމުގެ ކަންބޮޑުވުމެއް ހުރިނަމަ، ކޮންމެ ދުވަހެއްގެ ކާނާގައި އަލްމަންޑް ހިމެނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

4 – ސްޓްރޯބެރީ – އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ސިލިކާ

މި މީރު މޭވާއަކީ އިސްތަށިގަނޑު ހެދިބޮޑުވުމަށް ވަރަށް މުހިންމު މަޢުދަނެއް ކަމުގައިވާ ސިލިކާ ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން، މި މޭވާގައި އެލަޖިކް އެސިޑް ވެސް އެކުލެވިފައިވެއެވެ. މީގެ ސަބަބުން އިސްތަށިގަނޑު ތުނިވުމާއި ބިނދުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.

ތަލަވުމަކީ ފެޝަނެއް ކަމުގައި ވިޔަސް، ތިބާގެ އިސްތަށިގަނޑު ދިގު މުއްދަތަކަށް ދެމެހެއްޓުމަށް ބޭނުންވާ ނަމަ، ކާނާއަށް ފަރުވާކުޑަ ނުކުރާށެވެ. ބިސް، ކިރުގެ ބާވަތްތައް، އަލްމްންޑް، ވޯލްނަޓް، އަދި ސްޓްރޯބެރީއަކީ އިސްތަށި ފޭބުން ގުދުރަތީ ގޮތެއްގައި ހުއްޓުވުމަށް އެހީތެރިވެދޭނެ ވަރަށް އާދައިގެ އަދި ނަމަވެސް ވަރުގަދަ ކާނާގެ ބާވަތްތަކެކެވެ.

އޮކްޓޯބަރ 3 ގަ ބާއްވާ އިހްތިޖާޖަށް ދައުވަތު ދޭން ދޮރުން ދޮރަށް

ސަރުކާރުން ޤައުމު ލޫޓުވަމުންދާ ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް އޮކްޓޯބަރ 3 ވަނަ ދުވަހު އެމްޑީޕީ ސެކްރެޓޭރިއެޓުން ބާއްވާ އިހުތިޖާޖަށް ތައްޔާރުވުމުގެ ގޮތުން، އެޕާޓީގެ އިސް ބޭފުޅުން މާލޭގައި ދޮރުން ދޮރަށް ހިނގާލުމުގެ ކެމްޕޭނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިނގާލުމުގެ ތެރެއިން، ރަށުތެރެއިން ދިމާވި އެކި އުމުރުފުރާގެ، އަދި ރާއްޖޭގެ އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފާޑުކިއުންތައް ގިނައިން އިވެމުންދާ ކަމަށެވެ. އެގޮތުން، އެ ބޭފުޅުންނަށް ފާހަގަކުރެވިފައިވާ ގޮތުގައި، ސަރުކާރުން ހައްޤަކަށްފަހު ހައްޤެއް، އަދި މުވައްސަސާއަކަށްފަހު މުވައްސަސާއެއް ލޫޓުވަމުންދާކަމުގެ ބިރުވެރިކަން ވަރަށް ބޮޑެވެ.

މިކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ ރައްޔިތުން ދައްކަމުންދާ ކަމަށާއި، މިހާލަތުން ޤައުމު ސަލާމަތްވާން ޖެހޭކަމަށް އެންމެން އެއް އަޑަކުން ގޮވާލާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ ސަރުކާރަށް ނިސްބަތްކޮށް “ބީރު ކަންފަތެއް ދީގެން ސަރުކާރަށް ތާއަބަދު ނޯވެވޭނެ” ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށްޓަކައި، އޮކްޓޯބަރ 3 ވަނަ ދުވަހު ބާއްވާ އިހުތިޖާޖަށް ވީހާވެސް ގިނަ ރައްޔިތުން ނިކުތުމަށް ގޮވާލައްވާފައެވެ.

‘ޖޮލީ އެލް.އެލް.ބީ 3’ އެޅުވި ފުރަތަމަ ދުވަހު ރަނގަޅު އާމްދަނީއެއް ހޯދައިފި

ބޮލީވުޑްގެ ދެ ކުޅަދާނަ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި އަރުޝަދު ވާރްސީގެ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރި ކޯޓްރޫމް ޑްރާމާ ފިލްމު ‘ޖޮލީ އެލް.އެލް.ބީ 3’ މިހާރު ވަނީ ފިލްމު ހޯލުތަކަށް އައިސްފައެވެ. މި ފިލްމު ދައްކަން ފެށި ފުރަތަމަ ދުވަހު، އިންޑިއާގެ ބޮކްސް އޮފީހުން ވަނީ ހެޔޮވަރުވަރެއްގެ އާމްދަނީއެއް ހޯދާފައެވެ.

ފިލްމުގެ ފުރަތަމަ ދުވަހުގެ ނެޓް އާމްދަނީ ވަނީ 12.5 ކްރޯޑް (ދިހަ މިލިއަން) ރުޕީސްއަށް އަރާފައެވެ. ‘ޖޮލީ’ގެ ދެ ތަރިން އެކުގައި އަނބުރާ އައި ކަމީ ބެލުންތެރިންގެ ވަރަށް ބޮޑު ފޯރިއަކާއެކު ތަރުހީބު ލިބުނު ކަމެކެވެ.

ފުރަތަމަ ދުވަހުގެ އާމްދަނީއަށް ބަލާއިރު، ‘ޖޮލީ އެލް.އެލް.ބީ 3’ ވަނީ އާމިރް ޚާންގެ ‘ސިތާރޭ ޒަމީން ޕަރ’ (10.20 ކްރޯޑް ރުޕީސް) އަށް ވުރެ ކުރި ހޯދާފައެވެ. ނަމަވެސް، މި ފިލްމު އައިސްފައިވަނީ 2017 ވަނަ އަހަރު ރިލީޒްކުރި މި ފްރެންޗައިޒްގެ ކުރީގެ ފިލްމު ‘ޖޮލީ އެލް.އެލް.ބީ 2’ (13 ކްރޯޑް ރުޕީސް) އަށް ވުރެ ފަހަތުގައެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން ކުރިއަށް ގެންދެވުނު އެޑްވާންސް ސޭލްސް (ކުރިން ޓިކެޓު ވިއްކުން) ގައި ވެސް ‘ޖޮލީ އެލް.އެލް.ބީ 3’ ވަނީ 3.23 ކްރޯޑް ރުޕީސްގެ ގްރޮސް އާމްދަނީއެއް ހޯދާފައެވެ. ފިލްމީ ދާއިރާގެ ތަޖުރިބާކާރުން މި ފިލްމު ދައްކަން ފެށި ފުރަތަމަ ދުވަހު 11-12 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، ފިލްމަށް ވަނީ މި އަދަދަށް ވުރެ އިތުރު އާމްދަނީއެއް ލިބިފައެވެ. ފާޑުކިޔުންތެރިންނާއި ފިލްމު ބެލި ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ރަނގަޅު ރިވިއުތަކުގެ ސަބަބުން، ފިލްމަށް އިތުރު ބެލުންތެރިން ލިބެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.

ބައެއް ވިޔަފާރިވެރިން ގަސްދުގައި ތަކެތީގެ އަގު ބޮޑުކުރީ ސިޔާސީ ބޭނުމަކަށްކަމުގައި ރައީސް ވިދާޅުވެއްޖެ

ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ބައެއް ވިޔަފާރިވެރިން މޭވާގެ ބައެއް ބާވަތްތައް ބޮޑު އަގުގައި ވިއްކީ ރައްޔިތުންނަށް ދަތިކުރުމަށްޓަކައި، އެކަން ގަސްދުގައި ރާވައިގެން ސިޔާސީ ބޭނުމަކަށް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ތަރުކާރީއާއި މޭވާގެ ބައެއް ނާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފެށީ މަޖުބޫރުވެގެން ކަމަށެވެ. އެސްޓީއޯ މެދުވެރިކޮށް މިކަން ކުރަން ޖެހުނީ ވިޔަފާރިވެރިންނަށް ތަކެތީގެ އަގު ހެޔޮކުރަން ޑޮލަރު ލިބުނު ނަމަވެސް، ސިޔާސީ ބޭނުމެއްގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުކުރަން ފެށުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް، ޑޮލަރުން އާމްދަނީ ލިބޭ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެ އާމްދަނީގެ ވަކި އިންސައްތައެއްގެ ޑޮލަރު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ހެދުމުން ބޭންކުތަކަށް ޑޮލަރު ލިބި، އެކަމުގެ ފައިދާ ވިޔަފާރިވެރިންނަށް ކުރި ކަމަށެވެ. މިގޮތުން، ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށް ޓީޓީ ހެދުމަށް ކުރިން ނުލިބޭ މިންވަރަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެން ފެށުމުން ތަކެތީގެ އަގު ހެޔޮވި ކަމަށެވެ.

ނަމަވެސް، އެގޮތަށް ތަކެތީގެ އަގު ހެޔޮވާން ފެށުމުން، ސިޔާސީ ބޭނުމަކަށް ބައެއް ވިޔަފާރިވެރިން ވަނީ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން ތަކެތީގެ އަގު ބޮޑުކޮށްފައި ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

“ނަތީޖާއަކީ ކޮބައިތޯ. އިހަށް ދުވަހު، ބޭންކުން ޑޮލަރު ނުލިބިގެން ހަމަ އެއްވެސް ގޮތެއް ނެތިގެން އަގުބޮޑުކުރި އޮރެންޖާއި އާފަލު މިހާރު ތިރިވެގެން ހިނގައްޖެ އަގު. ހަމަ އޭރުގައި ވެސް ލިބެއޭ ރަނގަޅަށް (ބޭންކު ރޭޓުގައި ޑޮލަރު) އެ ވާހަކަ މި ދަންނަވަނީ. ސިޔާސީ ބޭނުމެއްގައި އޯގަނައިޒް ގޮތެއްގައި ގަސްތުގައި ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށް ޓަކައި ބައެއް ކަންތައްތައް އެބަކުރޭ،” ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ވިޔަފާރިވެރިންނަށް އެގޮތަށް ރައްޔިތުންނަށް ދަތިވާހާ ބޮޑު އަގެއްގައި މުދާ ވިއްކުމުގެ ފުރުސަތު މީގެ ކުރިންވެސް ސަރުކާރުން ދީފައިނުވާނެ ކަމަށާއި، މިހާރުވެސް ދިނުމަށް ގަސްދުކުރައްވާފައި ނުވާނެ ކަމަށެވެ.