ހަސަދަވެރިކަމަށް މަގުފަހިވާ ކަންކަމުން ދުރުވޭ: ޚުުތުބާ

އިސްލާމްދީނުގައި ވަރުގަދައަށް ހިފަހައްޓައި، ހަސަދަވެރިކަމަށް މަގުފަހިވާ ކަންކަމުން ދުރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ޚުތުބާ ދީފައި ވަނީ، އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށެވެ.

މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މައްޗަށް ކަމަށާއި އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާންގެއަށް އީމާންވުމާއި އެކަލާންގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށް ޚުތުބާގައިވެއެވެ.

.ޚުތުބާގައި ބުނީ، ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައި ކަމަށާއި އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބައެއްގެ ކަމަށެވެ. ނަމަވެސް، ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީން ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

“ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلقފުޅެއްގެ މަތީގައިކަން ކަށަވަރެވެ. ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންނާއި އުންމަތް، މި މަތިވެރި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިޔަތުކުރެއްވިއެވެ. އެއީ ހުރިހާ ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަންކަމުގައިވާތީއެވެ” ޚުތުބާގައި ބުންޏެވެ.

އޭގެއިތުރުން، ރިވެތި އަޚުލާގުގެ ވެރިއަކަށް ވުމަށް ކީރިތި ރަސޫލާ އަހަރެމެނަށް އަންގަފާއިވާ ކަމަށާއި ގިޔާމަތް ދުވަހުގައި އެމީހެއްގެ ދަރަޖަ އުފުލޭނެކަން ހަނދާންކޮށްދީފައެވެ.

މި ފަދަ ކަންކަމުން އިސްލާމްދީނަކީ ލޯތްބާއި ހަމްދަރުދީއާއި އޯގާވެރިކަމާއި ހެޔޮފޯރުވުމުގެ ދީންކަން އަހަރެމެނަށް އެނގޭކަން ޚުތުބާގައި ފާހަގަކުރިއެވެ. ހަމައެހެންމެ، ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އިސްލާމްދީން މަސައްކަތްކުރާކަމަށް ޚުތުބާގައިވެއެވެ.

އިސްލާމީ އުންމަތުގެ އަފުރާދުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ ބަޔަކަށްވުމަށް ދީނުގައި ބާރުއަޅާ ކަމަށް ޚުތުބާގައި ބުންޏެވެ. މި ސިފަތަކުގެ ސަބަބުން ދުނިޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބޭކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އެހެންވެ، އެކުވެރިވެ، އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހެއްޓުމަށާއި ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި،މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ޚުތުބާގައި ވަސިއްޔަތްކުރިއެވެ.

އަލްހާނާއި 2 ކޮއްކޮއިންނަށް ކުރި ދައުވާ ނަގައިފި

ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އެއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީއާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފިއެވެ.

މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އެހެންވެ، އެ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • އަލްހާނު ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ
  • ޝަހުބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ
  • ޝަޒްބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ތިން މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހުންނަށް ބަދަލު ދީފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. އަދި، ފުލުހުންގެ ފަރާތުން އެކަން ސާފުކުރުމުން ވެސް އެކަން ޔަގީންވެފައިވާތީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

ޕީޖީން ބުނީ، މައްސަލަ އަނބުރާ ގެންދަން ނިންމީ ގެއްލުންވި މީހުން އެދުމުންނާއި ފައިސާ ލިބުނުކަން ކަށަވަރުވުމުން ކަމަށެވެ.

އެކަމަކު، ތިން މީހުންނަށް ތުހުމަތުވާ މި މައްސަލައާ ގުޅޭ އިތުރު މީހުންގެ ބައިތައް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ޕީޖީން ބުންޏެވެ. އެ މައްސަލަތަކުގެ ތަހުގީގު ނިމުމުން، އެ ބައިތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

“މި މައްސަލައިގައި ބަދަލު ލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި އެބަ ކުރިއަށްގެންދަމެވެ،” ޕީޖީގެ ބަޔާނުގައިވެއެވެ.

މި ދަޢުވާތައް ކުރީ އަލްހާނު ފަހުމީއާއި، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދެއްކުމުންނެވެ.

އަދި، އެ ކަމަށް އާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ.

ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތައް ފެއިލްވެ، ބޭރުގެ އެހީ ހޯދުމަށް ނުކުޅެދިއްޖެ: އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ސަރުކާރުގެ މާލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުންނާއި ބޭރުގެ މާލީ އެހީ ހޯދުމުގައި ސަރުކާރަށް ދިމާވެފައިވާ ނާކާމިޔާބީއާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

އެމަނިކުފާނު ޓްވިޓަރ (އެކްސް) ގައި ޝާއިޢުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މި އަހަރު ބޭރުގެ މާލީ އެހީގެ ގޮތުގައި 7 ބިލިއަން ރުފިޔާ ހޯދުމަށް ރޭވި ނަމަވެސް، މިހާތަނަށް އެއްވެސް ރުފިޔާއެއް ބޭރުގެ ބާޒާރުން ނުވަތަ އެއްވެސް ޤައުމަކުންވެސް ހޯދިފައިނުވާ ކަމަށެވެ. ޝާހިދު ވިދާޅުވިގޮތުގައި މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފެއިލްވެފައިވާކަމުގެ ސާފު ހެއްކެކެވެ.

“ބޭރުގެ ގައުމުތަކުން ރާއްޖެއަށް އޮތް އިތުބާރު ވަނީ ގެއްލިފައި. ސަރުކާރުގެ ޚާރިޖީ ސިޔާސަތުވެސް ފެއިލްވެފައިވާކަން މިއީ ސާފު ހެއްކެއް. މިކަމުގެ ސަބަބުން މިހާރު ދިވެހިރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވޭ،” އެމަނިކުފާނު ވިދާޅުވިއެވެ. ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މާކެޓުގައި ރާއްޖެއަށް އޮތް ގަދަރާއި އިތުބާރު ވަނީ ކެނޑިގެން ގޮސްފައެވެ. މިއީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ނަތީޖާއެއްކަމަށް ޝާހިދު ދެކެވަޑައިގަންނަވައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ޝާހިދު ވިދާޅުވެފައިވަނީ، މިއީ އެއްވެސް ގޮތަކަށް އޮޅުންފިލާނެ ބަޖެޓެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މި ބަޖެޓަކީ އިޤްތިޞާދީ އަސާސްތަކާ ދުރު، އަދި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙަޤީޤަތްތަކާވެސް ހެޔޮވަރަށް ދުރު ބަޖެޓެކެވެ.

“މުދަލުގެ އަގުތައް ބޮޑުވެ، ވިޔަފާރިތައް އިނދަޖެހެމުންދާއިރު، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ގޮތްދަތިވެފައިވޭ. އަންނަ އަހަރު މިކަންކަމަށް ހައްލެއް ލިބި، ދިރިއުޅުން ރަނގަޅުވާނެ ކަމުގެ އެއްވެސް އުންމީދެއް މި ބަޖެޓުން ނުފެނޭ،” “ހަމަ އެއްވެސް ހިތްހަމަޖެހުމެއް، އަދި އެއްވެސް އިތުބާރެއް ނެތް. އަނެއްކާވެސް އަޅުގަނޑުމެންނަށް އިތުރު އަހަރެއް ގެއްލެނީ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވާނެ،” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، މިހާރުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

 

އާ މުވައްޒަފުން ނެގުން މަޑުޖައްސާލަން ސީއެސްސީން އަންގައިފި

ސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ސިވިލް ސާވިސްގެ މަގާމުތަކަށް އާ މީހުން ނެގުން މެދުކަނޑާލުމަށް އަންގައިފި އެވެ.

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ވަޒީފަތަކުގެ މުސާރަ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އޮތީ ބޮޑުކޮށްފަ އެވެ. އަދި ސިވިލް ސާވިސްގެ އެހެން ވަޒީފާތަކުގެ މުސާރަ ނޮވެމްބަރު 1، 2025 އިން ފެށިގެން ބޮޑުކުރަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

އެހެންވެ، ސީއެސްސީ ވިއުގަ އަދާހަމަކުރުމާއ،ި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްގެން ދާތ،ީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ހަމަޖެއްސުމުގައި އަދި ކުރިއެރުން ދިނުމުގައި އަމަލު ކުރާނެ ގޮތްތަކެއް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި އިއްޔެ އިއުލާނުކޮށްފައިވެ އެވެ.

އެ މިންގަނޑުގައި ވާ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަރާތްތައް (ޑޮކްޓަރުން، ނަރުހުން، ސިއްހީ ދާއިރާގެ ބައެއް މަގާމުތައް، އަދި ޓީޗަރުން) ފިޔަވައި ދާއިމީ އެހެން މަގާމުތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިއުލާންތަކުގެ ދަށުން ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ވަޒީފާ ނޮވެމްބަރު 1 އާ ހަމައަށް ހަމަޖައްސާފައި ނުވާނަމަ، އެ މަސައްކަތް މަޑުޖައްސާލަންޖެހެ އެވެ.

އެފަދަ ހާލަތަށް ދާ މީހުންގެ ވަޒީފާ ހަމަޖައްސަން ވާނީ ސީއެސްވިއުގަ އަދާހަމަކޮށް، އެކަން ކޮމިޝަނުން އެނގުމުން ކަމަށް ވެސް އުސޫލުގައިވެ އެވެ.

ސަރުކާރުން މި އަހަރުގެ ބަޖެޓު ސިވިލް ސާވިސްގެ މުސާރަ އެއްހަމަ ކުރުމަށް 500 މިލިޔަން ރުފިޔާ ހިމެނި އެކަން މިކުރަނީ ދިގު ދަންމަމުން އައިސް އަހަރު ނިމެން ދެ މަހަށް ވެފައި ވަނިކޮށެވެ. ސިވިލް ސާވިސްގެ މުސާރަ ބޮޑުނުކޮށްގެން މުއިއްޒަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުން މުސާރަ ބޮޑުކުރުން ފަސްކުރި ނަމަވެސް، މުއިއްޒު ވައުދުވި މިންވަރަށް ވުރެ ސިޔާސީ މުވައްޒަފުން އިތުރުކޮށް، އަދި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ ބޭނުމުގައި ގިނަ ބަޔަކު ވައްދައި، ދައުލަތުގެ ބަޖެޓުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުކޮށްފައިވެ އެވެ.

ހަރަދު ކުޑަކުރަން އުފެއްދި މީޑިއާ ކޮމިޝަންގެ ރައީސަށް 59000 ރ . މެންބަރަކަށް 48000 ރ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ދެ ތަނެއްގެ ގޮތުގައި ހިންގުން ހަރަދު ބޮޑުވާ ކަމަށް ބުނެ ގާނޫނު ފާސްކޮށްގެން އުފެއްދި މީޑިއާ ކޮމިޝަންގެ ރައީސަށް 59,000ރ އަދި ކޮންމެ މެންބަރަކަށް 48,000 ރުފިޔާ ލިބޭނެ ކަމަށް ބުނެފި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މީޑީއާ ކޮންޓްރޯލްކުރުމަށް ގާނޫނު ފާސްކުރި އިރު ކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ނެގީ ދެ ކޮމިޝަން ވަކިން ހިންގުމުން ހަރަދު ބޮޑުވާތީ އެވެ.

މިނިވަން މުވައްސަސާއެއްގެ ގޮތުގައި ހިންގާ މީޑިއާ ކޮމިޝަންގެ މެންބަރުންނަށް މެމްބަރުންގެ އަސާސީ މުސާރައަކީ 33،000 ރުފިޔާ އެވެ. އެލަވަންސް ތަކާއެކު ޖުމްލަ 48,000ރުފިޔާ ލިބޭނެ އެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ފަރުޝަތަށް 58,000 ރުފިޔާ ޖުމްލަ ލިބޭނެ އިރު ނައިބު ރައީސް ޒަމްއަތު 55,000ރުފިޔާ ލިބޭނެ އެވެ.

މީގެ ކުރިން ހިންގި މީޑިއާ ކައުންސިލް މެންބަރުންގެ މުސާރައަކީ 7000ރުފިޔާ އެވެ. ބްރޯޑްކޮމް މެންބަރުންގެ މުސާރައަކީ 35000 ރުފިޔާ އެވެ.

އައިލެންޑް އޭވިއޭޝަނުން 49 މިލިއަން ރުފިޔާއަށް ހުޅުމާލޭއިން ބިމެއް ގަނެފި

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން އިން ހުޅުމާލޭގެ ބިމެއް 49 މިލިއަން ރުފިޔާއަށް ގަނެފި އެވެ.

އައިލެންޑް އޭވިއޭޝަނުން ގަތީ ސެންޓްރަލް ޕާކާ މާ ދުރު ނޫން ހިސާބަކުން ލޮޓު ނަންބަރު 11725 ބިމެވެ. އެ ބިމުގެ ޖުމްލަ އަގަކީ 49،428،482 ރުފިޔާ އެވެ. އެއީ 12،481 އަކަފޫޓުގެ ބިމެކެވެ. ބެލެވޭ ގޮތުގައި މިއީ އެ ކުންފުނިން ހުޅުމާލެއިން ގަތް ފުރަތަމަ ބިމެވެ.

ބިން ގަތުމުގެ މުއާމަލާތް ސިވިލް ކޯޓުން ވަނީ އިއްޔެ ނިންމައިފަ އެވެ.

އައިލެންޑް އޭވިއޭޝަނަކީ ގެއްލުމުގައި ހިންގާ ކުންފުންޏެވެ. މި އަހަރު އާންމު ކުރި އޮޑިޓު ރިޕޯޓަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2.8 މިލިއަން ރުފިޔާގެ ގެއްލުމެއް އެ ކުންފުންޏަށްވި އެވެ. އަދި ކުންފުނީގެ ލަޔަބިލިޓީސް 1.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓުން ދެއްކި އެވެ.

އައިލެންޑް އޭވިއޭޝަނުގެ އެސެޓަށްވުރެ އެތައް ގުނައެއް ލަޔަބިލިޓީސް ބޮޑުކަމުން، ކުންފުނި ހިންގިދާނެ ކަމަށް ސުވާލު އުފެދޭ ކަމަށް އެ އޮޑިޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، އިއުލާނެއް ކުރުމެއް ނެތި އައިލެންޑް އޭވިއޭޝަނުން މަތިންދާބޯޓެއް ވިއްކާލި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އިއުލާނު ނުކޮށް ވިއްކާލީ DHC-8 MSN 591 ނަންބަރު މަތިންދާބޯޓެވެ. އެ ބޯޓު ވިއްކާލީ 3.7 މިލިއަން ޑޮލަރަށެވެ.

އެ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ވަނީ ބަލައިފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިހާރު އެ މައްސަލަ ދަނީ ބަލަމުންނެވެ.

18 މީޑިއާއަކަށް ބަޖެޓުން 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފި

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން، ސަރުކާރުގެ އިސް ބޭފުޅުންގެ މަސްލަހަތު އޮންނަ މީޑިއާތައް ހިމެނޭހެން ފައިސާ ދޫކުރުމަށް ނިންމައިފިއެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅިއެވެ. އެއީ ދައުލަތުގެ އަހަރީ ބަޖެޓްގެ 0.01 ޕަސެންޓެވެ.

މީޑިއާތަކަށް ދޫކުރުމަށް ނިންމާފައިވާ ފައިސާ ދޫކުރުމަށް ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ދަށުންނެވެ. ޔޫތް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގައި އެކަމަށް އެދި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތައް މިހާރު ވަނީ އާމުކޮށްފައެވެ. އަދި އެ މީޑިއާތަކަށް ލިބޭ ފައިސާގެ ތަފްސީލް ވެސް ވަނީ އާއްމުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ އެ ފައިސާ ދޫކުރާ ވުޒާރާ، ޔޫތު މިނިސްޓްރީގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް ޖުމްލަ 3.8 މިލިއަން ލިބެއެވެ. މީގެ އިތުރުން ސަންގު އޮންލައިން އަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެހެންކަމުން ޖުމްލަ 5.1 މިލިއަން ރުފިޔާ ސަންގައް ލިބޭނެއެވެ.

ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ ސަން އަށެވެ. ސަންމީޑިއާ ގްރޫޕްގެ ދަށުން ހިންގާ އެސްއެސްޓީވީ އަށް 2.9 މިލިއަން ރުފިޔާ ލިބޭ އިރު ސަން އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ. ސަން މީޑިއާ އަކީ އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ މީޑިއާއެކެވެ.

މީގެ އިތުރުުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމްގެ މަސްލަހަތު އޮންނަ ވީޓީވީއަށް ތިން މިލިއަން އަދި ވީނިއުސް އޮންލައިނަށް 1.1 މިލިއަން ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އެހެނިހެން މީޑިއާތަކަށް ފައިސާ ދޫކުރަން ނިންމާފައިވާ ގޮތަށް ބަލާ އިރު ވޮއިސް، ވަންއޮންލައިން، ދަޕްރެސް، ދައުރަށް 1.3 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. އަދި މިހާރު އަށް 1.2 މިލިއަން، މިހާރުގެ ދަށުން ހިންގަމުންދާ އެޑިޝަން އަށް 1.1 މިލިއަން ދިނުމަށް ވަނީ ނިންމާފައެވެ.

ހަމައެހެންމެ ތީރު، އަދަދު ނޫސް، ދިޔަރެސް އަށް 1.1 މިލިއަން ރުފިޔާ އަދި ގާފު އޮންލައިން އަށް 1 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މާލްދީފް އޮންލައިން އަށް 899،197 ރުފިޔާ އަދި ތިލަދުން އަށް 1.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ފައިސާ ލިބޭ މީޑިއާ ގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަރަބި ބަހުން ނެރުއްވި މާލްދީފް އޮންލައިން ހިމެނޭ އިރު އެ ނޫހަކީ ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމްގެ އިތުރުން ޝަހީމްގެ ގާތް ބޭފުޅެއް ކަމަށްވާ އިސްލާމިކް މިނިސްޓްރީގެ ނައިބު މިނިސްޓަރު އަލީ އަހުސަންގެ ކޮއްކޮ އިބްރާހިމް އަޝްވާގުގެ ހިއްސާ އޮތް ނޫހެކެވެ. އެ ނޫހަށް އިނގިރޭސި ހަބަރު ލިޔަން މި އަހަރު ފެށި ނަމަވެސް މި އަހަރު ތެރޭގައި މާ ގިނަ ހަބަރުތަކެއް އެ ނޫހުން ފެންނާކަށް ނެތެވެ.

މީގެ އިތުރުން ދިޔަރެސް ނޫހަކީ ޕީއެންސީގެ މަޖްލިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ނޫހެވެ. ފައިސާ ދޭ ބައެއް ނޫސްތަކަކީ ދުވާލަކު އެއް ފަހަރު ވެސް ޚަަބަރެއް ނުލިޔާ ނޫސްތަކެކެވެ. އެހެންކަމުން ފައިސާ ދިނުމުގައި ބަލާފައިވާ ކަންކަމާއި މެދު ބައެއް އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މާދަމާ މަޖިލިހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާއަށް ތާވަލްކޮށްފިއެވެ.

މާދަމާ އެ ޖަލްސާ ބާއްވާނެ ކަން އިއުލާން ކުރެއްވީ، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހެޅުމަށް ތާވަލުކޮށްފައިވާއިރު، މި ބަޖެޓުގައި ހިމަނާނެ ބައެއް މުހިންމު ކަންކަމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ބައެއް ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ތަކުގައި ވިދާޅުވީ ބަޖެޓްގެ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ތައުލީމީ ދާއިރާއިން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވެއެވެ. މި މަޝްރޫއުގައި އެ ކުދިންނަށް ތައުލީމް ހާސިލްކުރެވޭނެ ގޮތްތަކާއި ހާއްސަ ކްލާސްރޫމްތައް ހެދުން ވެސް ހިމެނޭނެއެވެ.

ސިއްހީ ދާއިރާ ކުރިއަރުވައި، ރާއްޖެއިން ނުހެދޭ ޓެސްޓުތައް ހެދުމަށާއި، އޮޕަރޭޝަންތަކާއި ޑޮކްޓަރަށް ދައްކަން ބޭރަށް ދިއުން ނިމުމަކަށް ގެނައުމަށް ރާއްޖޭގައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން ފަދަ ސިއްހީ ހިދުމަތްތެރިން ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ގާތްގަނޑަކަށް ތިން ބިލިއަން، 3،000 މިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް މި އަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަޅުގަނޑުމެން އަލަށް ފަށާ މިދެންނެވި ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށާއި، މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައަޅާނަން،” ރައީސް ވިދާޅުވެފައިވެއެވެ.

މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ކުރީ އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި، މި އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދެކެވެ.

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އައްޔަންކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް އެ ތަނުގެ ސީއޯއޯގެ މަގާމުގައި ހުންނެވި އަދި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ސަބީހާ އަހްމަދު އައްޔަންކޮށްފި އެވެ.

ސަބީހާ އަހްމަދު ވަނީ މީގެކުރިން ޖުމޭރާ ގްރޫޕް، ފެއާމޮންޓް މޯލްޑިވްސް އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިން ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ.

ދުނިޔޭގެ ފެންވަރުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އައްޔަންކުރުމަކީ ބޯޑަށް މާކެޓިން ދާއިރާއިން އިތުރު ތަޖުރިބާ އާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ބޯޑުގައި ސަބީހާގެ އިތުރުން ދެން ތިއްބަވަނީ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް އާއި ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީގެ އިތުރުން ނޮން އެގްޒެކެޓިވް ޑިރެކްޓަރުން ގޮތުގައި ތިއްބަވާ މާހާ ނަޒީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމް އާއި އަބްދުލް ސަމީއު އިމާދު އަދި އައިޝަތު ހަމީދު އެވެ.

ކަސްޓަމުން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް މިއަދު ވަކިކުރީ ކަސްޓަމުގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒްކަން އެނގިއްޖެ އެވެ.

ހަވާސާ އަށް އެނގިފައިވާ ގޮތުގައި ކަސްޓަމުގައި ވަޒީފާ އަދާކުރާތާ 35 އަހަރުވެފައިވާ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީވާން ފުރުސަތު ވެސް ނުދީ އެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ބޭރުކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިން ލަފަޔާއެކު ކަސްޓަމުގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކި ކުރުމުގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އަންގަފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކިކުރި ކަސްޓަމުގެ މުވައްޒަފުންނާއި ފިޔަވަޅު އެޅި ކަސްޓަމުގެ މުވައްޒަފުންގެ މައުލޫމާތު އަދި ފިޔަވަޅު އެޅި މުވައްޒަފުންނަށް އެޅީ ކޮން ފިޔަވަޅެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

ކަސްޓަމުގެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރާ ބޭފުޅުން ވަކިކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބެ އެވެ.

ނަމަވެސް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ވަކިކުރި ދެ މުވައްޒަފުންނާ ތަހުގީގީ އިދާރާއަކުން ސުވާލުކޮށްފައި ނެތް ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ބުންޏެވެ.

ސަރުކާރުން ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް މިދިޔަ އަހަރު ނޮވެމްބަރު 1، އިން ފެށިގެން ބޮޑުކޮށް، ކުރިން ނަގި 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށްފަ އެވެ.

ސަރުކާރުން ސިނގިރޭޓު ޑިއުޓީގެ އަގުބޮޑުކުރުމާ ގުޅިގެން ރާއްޖޭގައި ސިނގިރޭޓުގެ ވަގު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ ސިނގިރޭޓްތައް ފަހަކަށް އައިސް އަގުހެޔޮކޮށް ލިބޭކަން ފާހަގަކުރެވެ އެވެެ.

ސެޕްޓެމްބަރު މަހު ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 36 މައްސަލަ ހުށަހެޅި

މި އަހަރުގެ ސެޕްޓެމްބަރު މަހު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ޖުމްލަ 36 މައްސަލަ ހުށަހެޅިފައިވާއިރު، އެންމެ ގިނައީ ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ މައްސަލަ ކަމަށް އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޖުމްލަ 36 މައްސަލަ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހުށަހެޅި އިރު، މީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ މައްސަލަތަކެވެ. މި ބާވަތުގެ 14 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި 11 އަންހެނުންނަށް ކުރެވުނު އަނިޔާގެ މައްސަލަތަކާއި، ތިން ފިރިހެނުންނަށް ކުރެވުނު އަނިޔާގެ މައްސަލަތައް ހިމެނެއެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. މި ބާވަތުގެ 13 މައްސަލައެއް ވުޒާރާއަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 12 މައްސަލައަކާއި، ފިރިހެނުންނާއި ގުޅޭ އެއް މައްސަލައެކެވެ.

މީގެ އިތުރުން، މި ތަފާސް ހިސާބުތަކުގައި ޖިންސީ ހާނިކަ ކުރުމުގެ ހަތަރު މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތިން މައްސަލަ ހިމެނެއެވެ. އަދި މުދާ ހިފަހެއްޓުމާއި ނުވަތަ މުދަލަށް ގެއްލުންދިނުމުގެ ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާކަން ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސެޕްޓެމްބަރު މަހު ހުށަހެޅި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 36 މައްސަލައިގެ ތެރެއިން، 32 މައްސަލައަކީ އަންހެނުންނާއި ގުޅޭ މައްސަލަތަކެވެ. އަދި ހަތަރު މައްސަލައަކީ ފިރިހެނުންނާ ގުޅޭ މައްސަލަތައް ކަމަށް ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 މައްސަލައެއް

މިދިޔަ ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ވިދާޅުވެއްޖެއެވެ.

އެ ވުޒާރާ އިން ހާމަ ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ރިޕޯޓުކޮށްފައިވާ 100 މައްސަލައިގެ ތެރެއިން އެންމެ ގިނަ އަދަދެއް ހިމެނެނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. މިގޮތުން 32 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި 21 ފިރިހެން ކުދިންނާއި 11 އަންހެން ކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ހިމެނެއެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައެވެ. ސެޕްޓެންބަރ މަހު 23 ޖިންސީ ހާނިއްކައިގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ފިރިހެން ކުދިންނާއި ގުޅޭ 05 މައްސަލައަކާއި، އަންހެން ކުދިންނާއި ގުޅޭ 18 މައްސަލަ ހިމެނެއެވެ.

އަނިޔާގެ އެހެނިހެން ބާވަތްތަކުގެ ތެރޭގައި، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 07 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 02 މައްސަލަ، ކުދިން ދޫކޮށްލާފައި ދިޔުމުގެ 01 މައްސަލަ އަދި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ ހިމެނެއެވެ. ޖުމްލަ 100 މައްސަލައިގެ ތެރެއިން އަންހެން ކުދިންނާއި ގުޅޭ 50 މައްސަލައާއި، ފިރިހެން ކުދިންނާއި ގުޅޭ 50 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އިތުރުން، ސެޕްޓެންބަރު މަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަހްލާގީ މައްސަލަތަކާ ގުޅޭ 12 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތަކެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 06 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ހަމައެހެންމެ، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 02 މައްސަލައާއި، ގެއިން ނިކުމެގެން ދިއުމުގެ 01 މައްސަލަ ވެސް ސެޕްޓެންބަރު މަހު ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، އެހެނިހެން 03 މައްސަލަ ހިމެނެއެވެ.

ކުދިންގެ އަހްލާގީ މައްސަލަތަކާއި ގުޅިގެން ސެޕްޓެންބަރު މަހު އެ ވުޒާރާއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ މައްސަލައެވެ. އެގޮތުން، އަންހެން ކުދިންގެ 08 މައްސަލައަކާއި ފިރިހެން ކުދިންގެ 04 މައްސަލަ ހިމެނެއެވެ.