އޯލެވެލް އާއި އޭލެވެލަށް ހާއްސަ ސްކޫލެއް ހުޅުމާލެ ފޭސް ދެއެއްގައި އިމާރާތް ކުރަނީ

ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލަކާއި އޭލެވެލަށް ހާއްސަ ސްކޫލެއް ހުޅުމާލެ ފޭސް ދެއެއްގައި އިމާތާރް ކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

“ހަވާސާ” އަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގެ ގިނަ ސްކޫލުތަކުގެ ޖާގަ ވަރަށް ބޮޑަށް ފުރިފައިވާ ކަމަށެވެ.

އިތުރު ސްކޫލެއް ހުޅުމާލެ އަށް ބޭނުންވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގްރޭޑް 1-10 އަށް ކިޔަވައިދޭ އާ ސްކޫލެއް ރާއްޖޭގައި އެންމެ ބާރަށް އާބާދީ އިތުރުވަމުންދާ ހުޅުމާލެ 2 ގައި އިމާރާތް ކުރުމުގެ މަސައްކަތުގެ ކޮންސެޕްޓް ފައިނަލްކޮށް، މިހާރު އޮތީ ޑިޒައިން ހާރުހަލާގައި ކަމަށެވެ.

އެ ސްކޫލުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވަ އެވެ.

“ޝަހީދު އަލީ ސްކޫލަށް އަޅުގަނޑުމެން އަންދާޒާ ކުރީ 1،850 ވަރަކަށް ދަރިވަރުންނޭ އަންނާނީ. އެކަމަކު ފަހިދިރިއުޅުން ފްލެޓްތައް އެންމެ ފަހު ވަގުތު ދެވިގެން ދިއުމުން އެ އަދަދު ވަނީ 2،000 އިން މައްޗަށް ގޮސްފައި. އަންނަ އަހަރަށް އަޅުގަނޑުމެންނަށް އެންމެ ގިނަވެގެން އެ ސްކޫލުން ޖާގަ ދެވޭނީ 600 ވަރަކަށް ދަރިވަރުންނަށް. އެހެންވީމަ އަންނަ އަހަރަށް މައްސަލައެއް ނުޖެހޭނެ،” އިސްމާއިލް ވިދާޅުވި އެވެ.

“އެކަމަކު 2027 އަންނަން ވާއިރަށް އިތުރު ސްކޫލެއް ނެތް ނަމަ ފޭސް 2 އިން އަޅުގަނޑުމެންނަށް ޖާގައެއް ނުދެވޭނެ.”

ހުޅުމާލޭގައި އިތުރު ސްކޫލެއް މި އަހަރު އަޅަން ފަށަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ ސްކޫލުތަކާއި ދަރިވަރުންގެ އަދަދު

ހުޅުމާލެ 1

  • ޣާޒީ ސްކޫލު: 1،628 ދަރިވަރުން
  • ރެހެންދި ސްކޫލު: 2،416 ދަރިވަރުން
  • ހުރަވީ ސްކޫލު: 2،202 ދަރިވަރުން
  • ހުޅުމާލެ ސީއެޗްއެސްއީ: 1،056 ދަރިވަރުން

ހުޅުމާލެ 2

  • ކާމިލްދީދީ ޕްރައިމަރީ ސްކޫލު: 1،049 ދަރިވަރުން
  • ސަލާހުއްދީން ސްކޫލު: 2،560 ދަރިވަރުން
  • ޝަހީދު އަލީ ސްކޫލު: 2،179 ދަރިވަރުން

ހުޅުމާލޭގެ ސްކޫލުތަކަށް ވަނުމަށް ޖާގަ އަށް މިހާރު އެދެމުން އަންނަ މިންވަރާއި ގްރޭޑް 1 އަށް ވަންނާނެ ދަރިވަރުންގެ އަދަދަށް ބަލައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލެއް ބޭނުންވާނެ ކަމަށެވެ.

“އޭލެވެލް އަށް ކިޔަވައިދޭ ވަކި ހާއްސަ ސްކޫލެއް ފޭސް 2 އަށް ބޭނުންވާނެ. ކުރިން އޮތް ގޮތަށް ފަސް މާއްދާ އިން ފާސްވާ ކުދިން އެކަނި އޭލެވެލް ކިޔެވޭ ގޮތަށް އޮތް ނަމަ އަދި ޖާގަ އޮންނާނެ،” އިސްމާއިލް ވިދާޅުވި އެވެ.

“އެކަމަކު އަޅުގަނޑުމެން ވީހާ ވެސް ގިނަ ކުދިންނަށް ޖާގަ ދޭން އެގޮތަށް ބަދަލުކުރުމުން މިހާރު އެ އަދަދު އިތުރު ވެފައި އޮތީ ވަރަށް ބޮޑަށް.”

އޭލެވެލަށް ކިޔަވައިދޭނެ ހާއްސަ ސްކޫލެއް ހުޅުމާލެ 2 ގައި މިހާރަކު ނެތެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ 2 ގައި މިހާރު ހުރި ދެ ސްކޫލާ ކައިރި ހިސާބެއްގައި އޭ ލެވެލަށް ހާއްސަ ސްކޫލެއް އިމާރާތް ކުރުމުން ދަރިވަރުންނަށް ވެސް ފަސޭހަ ވާނެ ކަމަށެވެ.

އޭލެވެލް ސްކޫލެއްގެ ކޮންސެޕްޓް އަދި ނުފެށުނު ކަމަށް ވިޔަސް ހުޅުމާލެ 2 ގައި އޭލެވެލް ސްކޫލެއް ވެސް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދަޅުވި އެވެ.

ސުކޫކު ދައްކަން 350 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅެނީ 17 ޕަސެންޓުގައި: ޔާމީން

ސުކޫކު ރިފައިނޭންސް ކުރުމަށްޓަކައި ސަރުކާރުން 350 މިލިއަން ޑޮލަރުގެ ލޯނެއް، 17 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އޭޕްރީލް 8 ގެ ކުރިން ދައްކަން ޖެހިފައިވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމަށް ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ އެނގިފަ އެވެ. ސަރުކާރުން މިކަން ހާމައެއް ނުކުރެ އެވެ.

ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ސުކޫކު އަނބުރާ ދައްކަން ލޯނު ނަގަނީ ކޮން ފަރާތަކުންކަން ޔާމީން ވިދާޅުނުވިޔަސް، އެ މަނިކުފާނު ފާހަގަ އެ ކުރެއްވީ ކާގިލްގެ ވާހަކަ ކަމަށް ބެލެވެ އެވެ.

ޔާމީން ވިދާޅުވީ 17 ޕަސެންޓުގެ ރޭޓަކީ އާދައިގެ ލޯނު ދޭ އުސޫލެއް ނޫން ކަމަށާއި، މިއީ “ލޯން ޝާކްސް” ނުވަތަ ބޮޑު އިންޓްރެސްޓުގައި ފައިސާ ދޫކުރާ ފަރާތްތަކުން އަމަލުކުރާ އުސޫލެއް ކަމަށެވެ. އަދި މިހާ ބޮޑު އިންޓްރެސްޓެއްގައި ލޯނު ނެގުމަކީ ހަގީގަތުގައި މަނީ ލޯންޑަކުރުން ފަދަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“17 ޕަސެންޓުގައި ވެސް އެ މީހުން ބޭނުމެއް ނުވޭ ލޯނު ދޭކަށް. އެއީ މިތަނުގައި މިތަނުގެ ކްރެޑިޓް ރޭޓިންގެ ފެންވަރު ހުރިވަރު މިހާރު. ކާކުތޯ ގައުމެއްގައި ޝޯޓު ޓާމް ކަމަކަށް ނުވަތަ ލޯންގް ޓާމް ބޭނުމަކަށް ވެސް 17 ޕަސެންޓުގައި ލޯނެއް ނަގާނީ؟،” ޔާމީން ސުވާލު އުފެއްދެވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީ ކަމުގައިވާ މޫޑީސް އާއި ފިޗުން ވެސް ވަނީ އިންވެސްޓު ކުރުން ރަނގަޅު ނޫން ގްރޭޑަށް ރާއްޖެ ދައްކޮށްފަ އެވެ.

މި ރޭޓިން އޮތްހާ ހިނދަކު ހެޔޮ އަގެއްގައި ލޯނެއް ލިބުމާއި ދަށް ޔީލްޑެއްގައި ސުކޫކެއް ވިއްކަން ވެސް އުނދަގޫ ވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

ޔާމީން ފާހަގަކުރެއްވި ގޮތުގައި، ދަރަންޏަށް ފައިސާ ދޭ ފަރާތްތަކުން 17 ޕަސެންޓު ފަދަ ބޮޑު އިންޓްރެސްޓެއް ކަނޑައަޅަނީ، ކޮންމެ އަގެއްގައި ވިޔަސް ފައިސާ ހޯދަން ރާއްޖެއަސށް މަޖުބޫރުވެފައިވާކަން އެނގޭތީއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު މިއަދު އޮތް ނާޒުކު ދަރަޖަ ހާމަކޮށްދޭ ކަމެކެވެ.

ރާއްޖޭގެ ޖުމުލަ ދަރަނި މިހާރު އުޅެނީ 160 ބިލިއަން ރުފިޔާގައި ކަމަށް ރަސްމީ ހިސާބުތަކުން ދެއްކި ނަމަވެސް، ހަގީގީ އަދަދު އެއަށް ވުރެ މާ ބޮޑުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ އަދި މިހާރު ހުރި ލޯނުތައް އަދާކުރުމުގެ ބަދަލުގައި އެ ތަކެތި “ރޯލްއޯވާ” ކުރަމުން ދިއުމަކީ ދަރަނީގެ ބޮޑު މަދަވަޅެއްގެ ތެރެއަށް ގައުމު އިތުރަށް ގަރަގުވަމުންދާ ކަމެއްގެ ގޮތުގައި ޔާމިން ފާހަގަކޮށްފައެވެ.

ބީއެމްއެލްގެ އައު ބުރާންޗެއް ކުޑަހުވަދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ އެ ބޭންކުގެ ޚިދުމަތް ފުޅާކުރުމަށާއި، އަތޮޅުތެރޭގެ އިގްތިސާދީ ކުރިއެރުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ ބަރާންޗް ހުޅުވުމަށް ކުޑަހުވަދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ބީއެމްއެލްއިން ބުނީ ކުޑަހުވަދޫގައި ހުޅުވި އާ ބްރާންޗަކީ މީގެ ކުރިން އެ ރަށުގައި ހިންގަމުން އައި ބްރާންޗުގެ ބަދަލުގައި، ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރެވުނު ތަނެއް ކަމަށެވެ. އަދި ކުޑަހުވަދޫގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް އަވަސްވެ، ފަސޭހަކަމާއެކު ބޭންކިން ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްރަށުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށާއި ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް. އަދި މިއީ ކަރުދާސް ބޭނުންކުރުން މަދުކޮށް ޑިޖިޓަލްކޮށް ޚިދުމަތް ދޭ ބްރާންޗަކަށް ވުމުން ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

އެ ބޭންކުން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް 12 ބްރާންޗެއް ހުޅުވައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ބީއެމްއެލްއިން މިހާރުވެސް ދަނީ 20 އަތޮޅު ހިމެނޭހެން ޖުމްލަ 42 ބްރާންޗާއި، 267 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިންގް ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުންނެވެ.

މިދިޔަ އަހަރު އެސްޓީއޯގެ އާމްދަނީ އިތުރުވެ، 15.5 ބިލިއަން ރުފިޔާއަށް އަރައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ނިމިދިޔަ އަހަރު ލިބިފައިވާ ޖުމްލަ އާމްދަނީ 15.5 ބިލިއަން ރުފިޔާއަށް އަރައިފައި ވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ އެ ކުންފުނީގެ ނިމިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުމްލަ އާމްދަނީގެ ގޮތުގައި ނިމިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަކުރުގައި އެ ކުންފުންޏަށް 4.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، އަށް ޕަސެންޓުގެ އިތުރުވުމެކެވެ.

ޖުމްލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 15.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު، 2024ގެ އާމްދަނީއަކީ 15.4 ބިލިއަން ރުފިޔާއެވެ.

އެ ކުންފުނިން ވަނީ ކުންފުނީގެ އާމްދަނީއާއި ފައިދާ އިތުރުވުމުން ޓެކުހަށް ކެނޑުމުގެ ކުރީން މިދިޔަ އަހަރު 910 މިލިއަން ރުފިޔާ ލިބިފައި ވާކަމަށް ބުނެފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު 762 މިލިއަން ރުފިޔާ އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 741 މިލިއަން ރުފިޔާގައެވެ.

އެ ކުންފުނިން ވަނީ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ވިޔަފާރި ރަނގަޅުވުން ކަމަށް ބުނެފައެވެ.

މިދިޔަ ޑިސެމްބަރުގައި އެކަނި ފެމިލީ ކޯޓުން 137 ވަރި ކޮށްދިން

މިދިޔަ ޑިސެމްބަރު މަހުގައި އެކަނި ފެމިލީ ކޯޓުން، 137 ވަރި ކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުގެ ހިސާބުތަކުން އެނގޭ ގޮތުގައި، ޑިސެމްބަރުގައި ވަނީ، 277 ކައިވެންޏެއް ކޮށްދީފައެވެ. އަދި، 137 ވަރި އެ މަހު ކޮށްދީފައިވާއިރު، އޭގެ ކުރިން ނޮވެންބަރުގައި ވަނީ، 108 ވަރި ކޮށްދީފައެވެ. އެހެންވެ، މިދިޔަ މަހު ނޮވެންބަރަށް ވުރެ އިތުރަށް 29 ވަރިއެއް ވަނީ ކޮށްދީފައެވެ.

ނޮވެންބަރަށް ވުރެ މިދިޔަ މަހު، ކޮށްދިން ކައިވެނީގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިގޮތުން، ނޮވެންބަރަށް ވުރެ އިތުރަށް 108 ކައިވެނި މިދިޔަ މަހު ފެމިލީ ކޯޓުގައި ވަނީ ކޮށްދީފައެވެ.

ފެމިލީ ކޯޓުން ބުނީ، މިދިޔަ މަހު އެ ކޯޓުން 176 ވަރީގެ މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށެވެ. އެއީ، ނޮވެންބަރުގައި ވަރިވުމަށް އެދި ހުށަހެޅި 74 މައްސަލައަކާއި ވަރިކުރުމަށް އެދުނު 40 މައްސަލައާއި ވަރި ސާބިތުކުރުމަށް ހުށަހެޅި 59 މައްސަލައިގެ އިތުރަށް ވަރިއާމެދު ޝައްކު ކުރެވުނު ތިން މައްސަލައެކެވެ.

ފުވައްމުލަކުން ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނު އަތުލައިގެންފި

ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފުވައްމުލައް ސިޓީން ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުން ރޭ ބުނީ މި ތަކެތި ހޯދާފައިވަނީ، މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުވައްމުލައް ސިޓީ ފުލުުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަންގައި ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލައިފާސްކޮށްފައި ވާކަމަށާއި މި ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި، ހަންތަކެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ބުނެފައެވެ.ވާ ބޮޑަށް ހުންނަ, އަތޮޅު ތެރޭގެ ބައެއް ރަށްތަކުން މީގެ ކުރިން ވެސް ބަނގުރާ ކައްކާ ސާމާނާއެކު މީހުން ވެސް ހައްޔަރުކޮށްފައި އެބަހުއްޓެވެ. އާއްމުކޮށް މިއީ ބިދޭސީން ވަރަށް ގިނައިން ކުރާ ކަމެކެވެ.

ޓަވަރުގައި ރޯވި ހާދިސާ: ވަގުތީ ހިޔާވަހިކަން ދިން މީހުންގެ އަދަދު 85 އަށް

ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް 85 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ހާދިސާގެ މައުލޫމާތު އިއްޔެ 18:33 ހާއިރު ރިޕޯޓުކުރުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ.

އެ ހާދިސާ ހިނގީ، އެ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާއާއި 14 ވަނަ ފަންގިފިލައާ ދެމެދުގެ ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯއެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންވެ، އެ ޓަވަރުގައި ހުންނަ ވައި ގޮޅީގައި ހުރި ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހެނދުނު 09:19 ހާއިރު އެންޑީއެމްއޭއިން ބުނީ، އެހާތަނަށް ހަތް އެޕާޓުމަންޓަކުން 37 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ، ފަސް ދުވަހަށް ކަމަށް އެ އޮތޯރިޓީން އޭރު ވަނީ ބުނެފައެވެ.

އޭގެފަހުން 13:30ހާއިރު ކުރި ޕޯސްޓެއްގައި އެންޑީއެމްއޭއިން ބުނީ، މިހާތަނަށް 18 އެޕާޓުމަންޓުގައި ދިރިއުޅޭ 85 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި ބުއިމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭގެއިތުރަށް، ފަސް ވަނަ ޓަވަރުގެ 38 އެޕާޓުމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެ ގެއްލުންތައް ދެނެގަނެ، މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ.

އޭގެއިތުރަށް، އެހީތެރިކަމެއް ބޭނުންވާނަމަ، އެންޑީއެމްއޭގެ އިމަޖެންސީ ނަމްބަރު 115އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ބޮޑު އާބާދީއެއް އޮންނަ ހިޔާ ޓަވަރުތަކުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގައި، ގެއްލުންތައް ވެފައި އެބަހުއްޓެވެ.

ގިރާވަރުފަޅު އަލުން ހިއްކަން ފަށައިފި

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ ހުޅުމާލެ ފޭސް3 ހިއްކައި ނިންމުމަށްފަހު އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ބިން ހިއްކުން އަވަސް ކުރަން ގެނައި ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.

ކުރިން މި މަސައްކަތް ކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަށް ބިންތަކެއް ދޭން ޖެހޭ ގޮތަށް ކަމަށްވާތީ އެއްބަސްވުން ފަހުން ބާތިލްކުރީ އެވެ.

ގިރާވަރުފަޅުން ގާތްގަނޑަކަށް 90 ހެކްޓަރު ހިއްކައި ނިންމާފައި އޮތްއިރު، މި ސަރުކާރުން ވަނީ ތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، އިތުރަށް 50 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ. މިހާރު އެ ފަޅުން ޖުމްލަ 219 ހެކްޓަރު ހިއްކާނެ އެވެ.

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައިވެ އެވެ.

ގިރާވަރުފަޅުން ދޫކުރަނީ 1،250 އަކަފޫޓުގެ 2،605 ޕްލޮޓާއި 1،650 އަކަފޫޓުގެ 1،213 ޕްލޮޓާއި 2050 އަކަފޫޓުގެ 253 ޕްލޮޓުގެ އިތުރުން 2،450 އަކަފޫޓުގެ އެއް ޕްލޮޓެވެ.

ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ސަރަހައްދުތައް ބަދަލުވެފައިވާތީ ގޯތީގެ ގުރު ނެގުން މާދަމާ ބާއްވަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން : އެޗްޑީސީ

މި އަހަރުގެ ރޯދަމަހަށް ތައްޔާރުވުމަށް އެޗްޑީސީން ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ބާއްވާ “ރޯދަ ބާޒާރު” އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީން ބުނީ މި ހަރަކާތުގެ ފޯރި އިތުރު ކުރުމުގެ ގޮތުން މިއަދު ހަވީރު އެ ބާޒާރުގައި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތައް ވެސް އޮންނާނެ ކަމަށެވެ.

އެޗްޑީސީ އާއި ހައިރައިޒް ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި ބާޒާރު މާދަމާގެ ނިޔަލަށް އޮންނާނެ އެވެ.

މިއަދާއި މާދަމާ ވެސް ބާޒާރު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:30 އަށެވެ. މި ބާޒާރުގައި 49 ސްޓޯލް ހުންނައިރު، ކައްކާ ތެއްޔާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވިއްކަ އެވެ.

މި އަހަރުގެ ރޯދަމަސް ފަށާނީ ކަލަންޑަރުގައިވާ ގޮތުން އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އެޗްޑީސީން ބުނީ، އެ މުއްދަތާ ހަމައަށް ކޮންމެ ހަފުތާ ބަންދެއްގައި ރޯދަ ބާޒާރު އޮންނާނެ ކަމަށެވެ.

އެފްއޭއެމް ޚިޔާނާތާ ގުޅިގެން ދައުވާކުރާ އަގީލް، ބެންކޮކުން ހައްޔަރުކޮށްފި

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް، ހައްޔަރުކޮށްގެން ހާޒިރުކުރަން އަމުރުކޮށްފައިވާ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް ތައިލޭންޑްގެ ވެރިރަށް ބެންކޮކުން މިއަދު ހައްޔަރުކޮށްފިއެވެ.

އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އޮތީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެއީ، ބައްސާމްގެ ހިޔާނާތާ ގުޅިގެން ހެކިބަސް ނެގުމަށެވެ. އަގީލްގެ މައްޗަށް ވެސް އޮތީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ފުލުހުން މިއަދު ބުނީ، އަގީލް ތައިލޭންޑްގައި ހިފަހައްޓާފައިވަނީ ވިސާ ވަޔަލޭޝަންގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައިވުމާ އެކު، އެ ގައުމުގެ ކަމާ ބެހޭ އިދާރާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

އެހެންވެ، އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.

އަނެއްކޮޅުން ބައްސާމް މިހާރު ވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާ އެކު ޖުމުލަ ނުވަ އަހަރެވެ.

ބައްސާމާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.

ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ޒިންމާއެއް: ޚުތުބާ

ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް ހަރުދަނާކުރާއިރު، ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ކަމާބެހޭ އިދާރާތަކުގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!” މިއެވެ.

ޚުތުބާގައި ބުނެފައިވަނީ، ތަޢުލީމީ މަންހަޖުތަކާއި މުޤައްރަރުތައް ބިނާކުރަންވާނީ އިލާހީ މަންހަޖާ އެއްގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމުގެ ބަދަލުގައި، އެ ކުދިންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ވަށައިޖެހޭ ތަޢުލީމަކަށް ވާންޖެހޭނެ ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.

މުދައްރިސުންގެ ދައުރާ ގުޅޭގޮތުން ޚުތުބާގައި ބުނީ، މުދައްރިސުންނަކީ ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށްދޭ މޭސްތިރިން ކަމަށެވެ. އެހެންކަމުން، ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައިވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް އެކަންކަން ފެއްތުމަކީ މުދައްރިސުންގެ ބޮޑު އަމާނާތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ބެލެނިވެރިންނަށް އިލްތިމާސްކުރަމުން ޚުތުބާގައި ބުނީ، ދަރިން މަދަރުސާއަށް ފޮނުވުމުން ޒިންމާ ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެކުދިންނަށް ހިތްވަރުދީ، ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިވާ ގާތް އެކުވެރިއަކަށް ބެލެނިވެރިން ވާންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން ޚުތުބާގައި ބުނީ، އުނގެނުމުގެ މަގަކީ ބުރަ މަސައްކަތެއް ނަމަވެސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއް ކަމަށެވެ. އެހެންކަމުން މުދައްރިސުންނަށް އިޙުތިރާމުކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޢަޒުމާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ގޮވައިލިއެވެ.

ޚުތުބާ ނިންމާލަމުން ބުނީ، އުންމަތް މިއަދު ބޭނުންވަނީ ދީނީ އަދި ދުންޔަވީ ޢިލްމަށް މާހިރު، އިޚުލާޞްތެރި، އަދި ޤައުމީ މަޞްލަޙަތު އިސްކުރާނެ ޖީލެއް ކަމަށެވެ. މިފަދަ ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ވޯކް ސައިޓު ޑިކްލަރޭޝަން ފޯމު ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްދީފި

ބިދޭސީ މުވައްޒަފުން މަސައްކަތްތަކަށް ސައިޓު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ވޯކް ސައިޓު ޑިކްލަރޭޝަން ފޯމު ހުށަހެޅުމަށް ދިން މުއްދަތު ހޯމް މިނިސްޓްރީން މިއަދު އިތުރުކޮށްދީފިއެވެ.

މިދިޔަ މަހު 31ގައި ވަނީ، ބިދޭސީންނަށް ދާއިމީ ކޯޓާ ދޭ އުސޫލަށް ބަދަލު ގެނެސްފައެވެ. އެ އުސޫލުގެ ދަށުން، އޭރު ވޯކް ސައިޓު ޑިކްލަރޭޝަން ފޯމު ހުށަހަޅަން ހުށަހަޅަން ފުރުސަތު ދިނީ، މި މަހު 31ގެ ކުރިންނެވެ.

އެ މުއްދަތުގެ ކުރިން، ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓުތައް ސަސްޕެންޑު ކުރާނެ ކަމަށް އޭރު މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެފަހުން، މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ކޯޓާ ދޫކުރާ މަސައްކަތްތަކަށް ސައިޓު ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ޖެހޭ ލިޔުންތަކާއި ނޯޓަރައިޒް ކޮށްފައިވާ ވޯކް ސައިޓު ޑިކްލަރޭޝަން ފޯމާއި އިޤްރާރު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ވަޒީފާ ދޭ ގިނަ ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ.

އެހެންވެ، އެ ލިޔުންތައް ހޯދުމަށް ހުށަހަޅަން ޖެހޭ މުއްދަތު އަަންނަ ޖޫން މަހު އެކަކަށް އިތުރުކޮށްދީފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މުއްދަތުގެ ކުރިން، “ވޯކް ސައިޓް ޑިކްލަރޭޝަން ފޯމާއި އިޤްރާރާއި ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ “ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް” ނުވަތަ “ސައިޓް ޕަރމިޓް އަޕްޑޭޓް” މެދުވެރިކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވާއިދަށް ފެއްތުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.