އޮގަސްޓު މަހުގެ ތެރޭގައި ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު 50 އިންސައްތައިން މައްޗަށް ގޮސްފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފިއެވެ.
ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހުގެ ތެެރޭގައި ރާއްޖޭގައި ކާބޯތަކެތީގެ އަގުތަކަށް އައި ބަދަލުތައް ފާހަގަކޮށް އާންމުކޮށްފައިވާ ރިޕޯޓުގައި ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާގޮތުން ޖުމުލަ ގުރޫޕުގެ އަގުތައްވަނީ 1.60 އިންސައްތައިން އިތުރުވެފައިކަމަށެވެ.
އެންމެ ބޮޑަށް އަގު އުފުލިގެންދިޔަ ބާޥަތްތަކުގެ ތެރޭގައި އޮރެންޖު ހިމެނޭއިރު އެއީ 59.14 އިންސައްތައިންކަން ފާހަގަކުރެވެއެވެ. އާފަލުގެ އަގު 23.35 އިންސައްތައިން އިތުރުވިކަމަށްވެސް ބުނެފައިވާއިރު ފަރުމަހުން 7.88 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވާކަންވެސް ހާމަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ލުނބޯގެ އަގު 25.80 އިންސައްތައިން އުފުލިގެން ދިޔަކަމަށް ބުނެފައިވެއެވެ.
ބޯހިޔާވަހިކަމާއި ފެން އަދި ކަރަންޓާއި ހަކަތައިގެ އެހެނިހެން ބާވަތްތައް ހިމެނޭ ކެޓަގަރީގެ މުދަލުގެ އަގު 0.33 އިންސައްތައިން ދަށަށް ދިޔައިރު މައިގަނޑު ސަބަބަކީ ކަރަންޓުގެ އުނިޓެއްގެ އަގު ދަށްވުމުންކަން ފާހަގަކޮށްފައިވެއެވެ. އެ ދާއިރާގެ އަގު 2.11 އިންސައްތައިން ދަށްވެފައިވާކަމަށް ބުނެފައިވެއެވެ.
