މާލޭގެ އޯކިޑް މަގުގައި ގަދަ ވަޔާއެކު ގަހެއް ވެއްޓި، އެ މަގުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކަށް ގެއްލުންވެއްޖެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އެގަސް ވެއްޓުނީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށެވެ. އެގޮތުން، ގަދަ ވައި ސަބަބުން ވެއްޓުނު މި ބޮޑު ގަހުގެ ސަބަބުން ސައިކަލުތަކާއި ކާރުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ހާދިސާ ހިނގި ތަނުން މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގި ހިސާބު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފައެވެ. އަދި، ވެއްޓުނު ގަސް އެ ސަރަހައްދުން ނެގުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސިފައިންނާއި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުން މިދާ ގަދަ ވަޔާއެކު މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު (White Alert) ނެރެފައެވެ. މެޓް އޮފީހުން ވަނީ ދަތުރުފަތުރުކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު