ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި ސަރުކާރަށް ނޫނެކޭ ބުނުމުގެ ގޮތުން ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ބޮޑެތި ވައުދުތައް ވުން ކަމަށާއި ވައުދުތައް ފުއްދޭ ތަން ނުފެންނަ ކަމަށެވެ.
ރިޔާސީ ބަޔާނުން ވެސް ފެނިގެން ދިޔައީ އެފަދަ ބައެއް ޖޯކު ވައުދުތައް ކަން ފާހަގަކޮށް، ސަރުކާރު ކުންފުނިތަކުން ތަރައްގީކުރާ ރިސޯޓުތަކުން ކޮންމެ ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވީ ވައުދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އެއްވެސް ކަމެއްގެ ވާހަކަ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިނުވާ ކަމަށެވެ.
ރަށްރަށުގައި މަޝްރޫއުތައް ފަށައި ބިންގާއެއް އެޅުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ބިންގާ ވެސް ގިނަ ފަހަރު އޮންނަނީ ގެއްލިފައިވާ ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވީ ޕީއެންސީއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ބައެެއް ނޫން ކަމަށާއި ޕީއެންސީ ކައުންސިލަރުންނަށް ކައުންސިލްތައް ދީގެން ރަށުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެ ކައުންސިލަރުން ކުރާނެ ހަމައެކަނި ކަމަކީ މުއިއްޒު ބުނާ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ކަންކަމާއި ސަރުކާރަށް ނޫނެކޭ ބުނުމަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު