ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެ

ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ޚިދުމަތް މެދުކެނޑިއްޖެއެވެ.

ބީއެމްއެލްގެ އެޕާއި އޮންލައިން ޚިދުމަތް ބޭނުން ނުކުރެވޭތާ އެއް ގަޑިއިރަށް ވުރެ ގިނައިރު ވަނީ ވެފައެވެ. އެގޮތުން ޚިދުމަތްތައް ބޭނުންނުކުރެވޭކަން، ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލްގެ ކޯލް ސެންޓަރަށް ގުޅުމުން، ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެޕާއި އިންޓަނެޓް ބޭންކިން ޚިދުމަތް ހޯދަން ދަތިތައް ދިމާވެދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވެސް ވަނީ، މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ، ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ބީއެމްއެލް އެޕާއި އޮންލައިން ބޭންކިން ޚިދުމަތަށް ބައެއް ފަހަރު ބުރޫ އަރާ ނަމަވެސް، އާންމު ގޮތެއްގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކުރެއެވެ.

ޣައްޒާ ޔުނިވާސިޓީން އަލުން ކްލާސްތައް ފަށައިފި

އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ގެއްލުން ލިބުނު އިމާރާތްތަކުގައި ކިޔަވައިދޭން އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާއިން އަލުން ފަށައިފިއެވެ.

އަލްޖަޒީރާއިން ބުނީ އެތައް ސަތޭކަ ދަރިވަރުންތަކެއް ކުލާސްރޫމްތަކަށް އެނބުރި އައިސްފައިވާ މި މަންޒަރުތަކަކީ ހަނގުރާމައިގެ ޒަޚަމްތަކާ އެކުވެސް، ޣައްޒާގެ ރައްޔިތުން ދިރިއުޅުން އަލުން އާރާސްތުކުރުމަށް ކުރާ އަޒުމް ރަމްޒުކޮށްދޭ މަންޒަރުތަކެއް ކަމަށެވެ.

މިގޮތުން ނިރުބަވެރިން ދެ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ހިންގި ގަތުލުއާންމުގެ ތެރޭގައި އެ ޔުނިވާސިޓީގެ ބައެއް އިމާރާތްތަކުގައި ހަނގުރާމައިގެ ސަބަބުން ގެތައް ސުންނާފަތިވި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުން ގޮސްފައި ވެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި އިސްރާއީލުން ހަނގުރާމައިގެ ސަބަބުން 165 ސްކޫލާއި ޔުނިވާސިޓީ އަދި ތައުލީމީ މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި ބައެއް ތަންތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންތައް ލިބިފައެވެ.

ނިރުބަވެރިން ޣައްޒާގައި ހިންގި ގަތުލުއާންމުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 70،100 އަށް އަރާފައެވެ.

އެއްބަސްވުމެއްގެ ދަށުން މިހާރު ޣައްޒާގައި ގަތުލުއާންމު ހުއްޓާލާފައި އޮތް ނަމަވެސް، އޭގެ ފަހުންވެސް ހަމަލާތަކެއް ދީފައި ވެއެވެ. މިގޮތުން އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވމުމަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އިސްރާއީލުގެ ހަމަަލާތަކުގައި 354 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ދެ މީހެއްގެ ހަށިގަނޑު ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

އަދި އެންމެ ފަހުން ޝަހީދުވި މީހުންގެ އަދަދު އިތުރުވީ 299 މީހެއްގެ ހަށިގަނޑުގެ ޑޭޓާ ޕްރޮސެސްކޮށް ކަމާ ގުޅުން ހުުރި އިދާރާއިން އެޕްރޫވް ކުރެވިފައިވާތީ ކަމަށްވެސް ބުނެފައި ވެއެވެ.

ލޯންޗެއް ރާޅެއްގައި ޖެހި ގެއްލުންވެ، ތިން ފަތުރުވެރިންނާއި ފަޅުވެރިއަކަށް އަނިޔާތަކެއް

ފަތުރުވެރިންތަކެއް ގޮވައިގެން އދ. މަހިބަދޫން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެން ގޮސް މިއަދު ހިނގި ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މި ހާދިސާގައި އެ ލޯންޗުގެ ބިދޭސީ ފަޅުވެރިޔަކަށާއި ތިން ފަތުރުވެރިޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ގަޑިއަކީ އދ. އަތޮޅާއި މާލެ ސަރަހައްދު ހިމެނޭ ގޮތަށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވާ ގަޑިއެކެވެ. އެގޮތުން، ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން އޮތީ ލަފާކޮށްފައެވެ.

ލޯންޗުގެ ބިއްލޫރިގަނޑު ތަޅައިގެން ދާން މެދުވެރިވީ އެ ލޯންޗު އަލިހުރަސް ކަނޑުން ދަތުރުކުރަމުން ދަނިކޮށް ނެގި ރާޅެއްގައި ޖެހުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ތިން ފަތުރުވެރިންނަށް، މާލެއާ ކައިރި ކްރޮސްރޯޑްސްއިން ފަރުވާދިން ކަމަށެވެ. އަދި، ލޯންޗުގެ ފަޅުވެރިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި ހާދިސާގައި ލޯންޗަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި މީހުންގެ އަދަދު ފުލުހުން ހާމަކޮށްފައިނުވާ ނަމަވެސް، އެ ހާދިސާގެ ވީޑިއޯތަކުން، ލައިފް ޖެކެޓް އަޅައިގެން ތިބި ފަތުރުވެރިންނާއި ފަޅުވެރިން ލޯންޗުގައި ތިބި މަންޒަރު ފެނެއެވެ. އަދި ލޯންޗުގެ ކުރީކޮޅުން ބިއްލޫރިގަނޑެއް ތަޅައިގެންގޮސްފައިވާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.

ފާހަގަކުރެވޭ ގޮތުގައި އދ. ބޮޑުފިނޮޅުގައި އޮންނަ ބާސެލޯ މޯލްޑިވްސް ރިސޯޓުގެ ފުއްޓަރު ފަރާތާ ދިމާލުން ބޭރުގައި، ފަތުރުވެރިންތަކެއް ގޮވައިގެން އެކްސްކާޝަނަށް ދިޔަ ދެ ދޯންޏެއް ޖެހި، އެއް ދޯނި އަޑިއަށް ދިޔަ ހާދިސާއެއް މިމަހުގެ 11ވަނަ ދުވަހު ހިނގާފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވެސް އޮތީ މެދުރާއްޖެ ތެރެއަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ އެލާޓްގައި ވަނީ، ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 10:30 އަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ސްރީލަންކާ އެއާފޯސްއިން މާވިލް އަރޫގައި ތާށިވެފައި ތިބި 121 މީހަކު ސަލާމަތްކޮށްފި

މާވިލް އަރޫ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައި ތިބި 121 މީހުން މިއަދު ސްރީލަންކާ އެއާފޯސްގެ ރެސްކިއު ޓީމްތަކުން އެތަނުން ސަލާމަތްކޮށްފިއެވެ.

ބެލް-412 އަދި އެމްއައި-17 ހެލިކޮޕްޓަރު ބޭނުންކޮށްގެން، މިއަދު މެންދުރު ފަހު ސަލާމަތީ މަސައްކަތްތައް ކުރިއަށް ދިޔައިރު، ތާށިވެފައި ތިބި މީހުން ވަނީ ސަލާމަތް ކުރުމަށް އެއާލިފްޓްކޮށްފައެވެ.

މީގެ ކުރިން އިރުމަތީ ޕްރޮވިންސްގެ ގަވަރުނަރު ޖަޔަންތާ ލާލް ރަތުނަސެކެރާ ވަނީ މާވިލް އަރޫ އަނިކުޓް ކައިރީގައި ތިބި މީހުން ވަގުތުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ފިޔަވަޅުތައް އަޅާފައި ވަނީ އެ ސަރަހައްދުން ފެން ކޮންޓްރޯލްކުރަން ހަދާފާއިވާ “ބަންޑް”އިން ފެން ފޭބުމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމުން ކަމަށް ވިދާޅުވެފައެވެ.

ނަަމަވެސް އެ “ބަންޑް”އަށް އެއްވެސް ގެއްލުމެއް ލިބުފައިނުވާ ކަމަށް ގަވަރުނަރު ފާހަގަކޮށްފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކާރިސާއާ ބެހޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކުން މީހުންނަށް އޮޅުވާލުމުން ދުރުހެލިވާން ޖެހޭނެ ކަމަށާއި ކަމާބެހޭ ހަރަކާތްތައް ކުރިއަށް ގެންދަނީ ސަލާމަތީ ބާރުތަކާ ގުޅިގެން ކަމަށެވެ.

ޑިސްޓްރިކްޓް ސެކްރެޓަރީ ވިދާޅުވީ އެމީހުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށެވެ.

އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު 193 އަށް އަރާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ އެންމެ ފަހުގެ ސިޗުއޭޝަން ރިޕޯޓުގައި ވަނީ ބުނެފައެވެ.

ފެންބޮޑުވުމާއި ބިންގަނޑު ކަންޑައިގެން ދިއުމުގެ ސަބަބުން ފުޅާދާއިރާއެއްގައި ގެއްލުން ލިބިފައިވާ އެތައް ޑިސްޓްރިކްޓެއްގައި މީހުން ސަލާމަތްކުރުމާއި ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު 228 މީހުން ގެއްލިފައިވާކަން ވެސް ޑީއެމްސީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ލަންކާގައި 266،114 އާއިލާގެ 968،000 އަށް ވުރެ ގިނަ ފަރުދުންނަށް ވަނީ މި ކާރިސާގެ ސަބަބުން އަސަރުކޮށްފައެވެ.

“ސިލޯނާއެކު ދިވެހީން” ޓެލެތޯންއަށް މިހާތަނަށް 1.4 މިލިއަން ރުފިޔާ!

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯން ފެށީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ.

“ސިލޯނާއެކު ދިވެހީން” ޓެލެތޯން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9 އަކުން މިރޭ މެންދަމު 1 ޖެހުމާހަމައަށެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިހާތަނަށް އައިރު ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 8 ލައްލައަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 1500 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމުވަނީ ކާރިސީ ޙާލަތުގައެވެ.

މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދާ މީހެއް ހައްޔަރުކޮށްފި

ވިޔަފާރި އެކައުންޓް ބޭނުންކޮށްގެން މަކަރާއި ޙީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މަކަރާއި ޙީލަތުން ފައިސާ ހޯދި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / މަންޒަރުގެ، 23 އަހަރުގެ މުޙައްމަދު ޝާވިންއެވެ. އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޑޮލަރު މާރުކުރުމަށް މީހަކު، 1،250 ޑޮލަރު ޓްރާންފަރކުރުމުން އެ ޑޮލަރަށްވާ ރުފިޔާ ދީފައިނުވުމުން މިދިޔަ ހޮނިހިރު ދުވަހު ހުށައެޅު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހާ ހައްޔަރުކުރީ އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މަކަރާއި ހީލަތުން ހޯދި 1250 ޑޮލަރު ރިކަވަރކޮށްފައިވާ ކަމަށެވެ. އަދި މިފަދަ އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ރިކަވަރކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެކި ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ، ރައްޔިތުންގެ ތެރެއިން އެ ކަންކަމަށް ބޭނުންވާ ފަރާތްތަކުން އެ ޚިދުމަތް ހޯދުމަށް ފައިސާ ފޮނުވުމަށް ކުށްކުރާ މީހާ އެދެމުންދަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަކަށް ކަމަށެވެ.

އެގޮތުން ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށް ބުނެ އެ ޚިދުމަތަށްވާ ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވުމަށްފަހު، ކުށްކުރާ މީހާ އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެ ފައިސާއަށްވާ މުދާ ނަގަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމާ މެދު ޢާންމު ރައްޔިތުންނާއި ވިޔަފާރިކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް 5 ބޭފުޅުން އައްޔަންކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ފަސް ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ:

  1. ސ. ހިތަދޫ މާވަހި، ޙަސަން ނާޞިޙް އަޙްމަދު
  2. ށ. ކޮމަންޑޫ ޗަމަން، އުސާމާ މޫސާ
  3. ހމ. ފްލެޓް ނަންބަރު 02-2-88، ޢާއިޝަތު އިޝާ
  4. ގއ. ނިލަންދޫ ގަސްދޮށުގެ، ޝިފްޒާ ޢަބްދުލްޤައްޔޫމް
  5. ގދ. ގައްދޫ ބީޗްކޯނާ، އަޙްމަދު ޔާމީން

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެ ހަމަވުމާއި ގުޅިގެން، މެންބަރުކަމަށް، މި ފަސް ބޭފުޅުން މިވަނީ އިއްޔެ އައްޔަންކުރައްވާފައިވެއެވެ.

މި މަގާމުތަކަށް ޖުމްލަ 14 ބޭފުޅުން ކުރިމަތިލާފައިވެއެވެ. މަގާމުތަކަށް ކުރިމަތިލާން ހުށަހެޅި މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ނަންތައް މަޖިލީހަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ. އެ ބޭފުޅުންނަކީ:

  • އަޙްމަދު ޔާމީން، ބީޗް ކޯނާ/ ގދ، ގައްދޫ
  • ސިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ ނިލަންދޫ
  • އައިޝަތު އިޝާ، ހުޅުމާލެ
  • އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ
  • ހަސަން ނާސިހު އަހުމަދު، މާވަހި/ ސ. ހިތަދޫ
  • އިބްރާހީމް އަފީފް، ގުލްބަހާރުގެ/ ބ.ތުޅާދޫ
  • ހަސަން ޒުހައިރު މުހައްމަދު/ ގ. މާވާރުލު
  • ޝައުފާ އިބްރާހީމް، އަކިރިވިލާ/ ދ. މީދޫ
  • މުޙައްމަދު ވަހީދު އަލީ، ދަފްތަރު ނަމްބަރު، ރސ. 0495
  • މުޙައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
  • އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ
  • އިބްރާހީމް ޝަރީފް، ގ.އަލިޝާ
  • އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ
  • މުޙައްމަދު އަބާން އިބްރާހީމް. ގ. އަންމޯލް

މީގެ ކުރިން ދެފަހަރެއްގެ މަތިން ރައީސް އޮފީހުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލިއެވެ.

ލަންކާގެ ފެންބޮޑުވި ސަރަހައްދުގައި ތިބި ދެ ދިވެއްސަކަށް އެމްބަސީން އެހީތެރިކަން ފޯރުކޮށްދީފި

ލަންކާގައި ފެންބޮޑުވެފައިވާ ސަރަހައްދުގައި ތިބި ދެ ދިވެއްސަކަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން ދިވެހި ފިރިހެނަކާއި އަންހެނަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

“ހަވާސާ” އަށް މައުލޫމާތު ދެއްވަމުން އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ، ފެންބޮޑުވެ ޗަކަ އުފެދިފައިވާ ސަރަހައްދުގައި ތިބި އެ ދެ ދިވެހީން އެމީހުން ތިބި ތަނުން ރައްކާތެރި ތަނަކަށް ގެންދެވިފައިވާ ކަމަށެވެ.

“ފެންބޮޑުވި ސަރަހައްދެއްގައި ތިބި ދެ ދިވެއްސަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ އަޅުގަނޑުމެންނަށް. އެ ބޭފުޅުން ތިބި ލޮކޭޝަނުން އެހެން ތަނަކަށް މޫވް ކޮށްދިނީ،” ޝިޒްނާ ވިދާޅުވިއެވެ.

ލަންކާގެ އެކި ސަރަހައްދުތަކަށް ގަދަ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ގެދޮރާއި މުދާ ހަލާކުވެ އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް ބަޔަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.

ލަންކާ އަކީ ދިވެހިން ވަރަށް ގިނައިން ދިރިއުޅެމުންދާ ގައުމެކެވެ. އެމްބަސީން ދަނީ ލަންކާގައި ތޫފާނުގެ ސަބަބުން ގެއްލުންވި އަދިވެސް އެފަދަ ހާލަތުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ލަންކާގެ އެއާޕޯޓްގައި ތާށިވި ދިވެހީންނަށް ވެސް އެމްބަސީއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިފަދަ ހާލަތްތަކުގައި ލަންކާގައި ދިރިއުޅޭ ދިވެހީންނަށާއި، ދަތުރުކުރާ ދިވެހީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްބަސީން އަބަދުވެސް މަސައްކަތް ކުރަމުންދެއެވެ.

މީގެ އިތުރުން ދިވެހީންނަށް ބޭނުންވާ ކާބޯތަކެތި ހޯދުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެފަރާތްތަކަށް ބޭނުންވާ ޒަރޫރޫ ތަކެތި ހޯދުމަށް ވެސް އެމްބަސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ތޫފާން ޑިޓްވާ މިހާރު ލަންކާއާ ދުރައް ދަތުރުކުރިނަމަވެސް އެ ތޫފާން ލަންކާއަށް އަރައި ފާއިތުވި ތިން ދުވަހު މުޅި ލަންކާ ސުންނާފަތިކޮށްފިއެވެ. އެގޮތުން ވައިގަދަވުމެގެ ސަބަބުން މަގުތައް ބަންދުވެ، ކޯރުތައް ބަންޑުންވެ ލަންކާގެ ގިނަ އަވަށްތައް ވަނީ ފެނުގެ އަޑީގައެވެ. ލަންކާގެ ރައްޔިތުން ވެސް މިވަގުތު ތިބީ އަސާސީ ގިނަ އެހީތަކަށް ބޭނުންވެފައެވެ.

ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މިކަން ހާމަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރު 12:14 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި އޮތްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައިވެސް ދެމަފިރިއަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

 

އެމްޑީޕީ ޗެއާޕާސަން ކަމަށް މީކާއިލް ނަސީމް ވާދަކުރައްވަނީ

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް، ވާދަކުރައްވަން ނިންމަވައިފިއެވެ.

‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި މީކާއީލް ވަނީ އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދިވަޑައިގެންފައެވެ.

މީކާއީލަކީ، މަޖިލީހުގައި ހިމެނޭ ޒުވާން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމަށެވެ. އެއަށްފަހު އޭނާ ވަނީ ދެވަނަ ފަހަރަށް ވެސް ގޮނޑި ދިފާއުކުރައްވައި 20 ވަނަ މަޖިލީހުން ވެސް ޖާގަ ހޯއްދަވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަން ނިންމެވިއިރު މީކާއީލަކީ، މަޖިލީހުގައި ވެސް އެންމެ ގިނައިން ޕާޓީ ދިފާއުކުރައްވައި ވަކާލާތުކުރައްވާ އެއް މެންބަރެވެ.

މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެންނެވި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް, އެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ލިޔުއްވި ގޮތުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހިއްސާކުރައްވައިފައެވެ.

ފައްޔާޒުގެ އިސްތިއުފާއަށް ފަހު ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ވަގުތީ ޗެއާޕާސަނެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއެވެ. އެނގިފައިވާ ގޮތުގައި އެ މަގާމަށް ދެ ނަމެއް ހުށަހަޅަން މަސައްކަތްކުރިއެވެ. އެއީ މަޖިލީހުގެ ރައީސްކަން ކުރެއްވި، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަމާއި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމެވެ.

އަސްލަމްގެ ނަން ހުށަހަޅަން މަޝްވަރާކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާ ފެކްޝަންގެ ތެރެއިންނެވެ. ވަހީދު ނަން ހުށަހެޅީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ ތެރެއިންނެވެ.

ނަމަވެސް އަސްލަމުގެ ނަން ހުށަހަޅައިފައެއް ނުވެއެވެ. އެއީ އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު މުޙައްމަދު މައުރޫފް ދެއްވި ލަފާގައި، ޗެއާޕާސަންގެ މަގާމަށް ވަގުތީގޮތުން ހަމަޖައްސާ މީހަކީ، ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބީ މެންބަރަކަށްވުން ލާޒިމުކުރާ ކަމަށް އޮތުމުންނެވެ.

ދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރަން ވަހީދުގެ ނަން ހުށަހެޅި ނަމަވެސް އޭނާ ނުހޮވަން ވަނީ ނިންމައިފައެވެ.

ވަހީދު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން ފެނޭތޯ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރޭ ވޯޓަށް އެހުމުން ލިބުނީ 47 ވޯޓެވެ. ނަމަވެސް ފެންނަކަމަށް ކަނޑައަޅަން 48 ވޯޓު ބޭނުންވެއެވެ. އެހެންވެ އޭނާ ވެސް ނުހޮވުނެވެ. ވޯޓަށްފަހު، ނިޒާމު ގެއްލިފައިވާކަމަށް ބުނެ ރޭގެ ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއެއް ހޮވުމުގެ ޖަލްސާގައި ވޯޓު އޮޅުވާލުމުގެ ތުހުމަތު ޑެޕިޔުޓީ ޗެއަރ އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) އަށް

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއެއް ހޮވަން ރޭގައި ބޭއްވި އެމްޑިޕީ ޤަޢުމީ މަޖްލިސް ޖަލްސާގައި ވޯޓު ގުނުން އޮޅުވާލަން އެޕާޓީގެ ޑެޕިޔުޓީ ޗެއަރ އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) މަސައްކަތް ކުރި ކަމުގެ ތުހުމަތު ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން ކޮށްފިއެވެ.

ވޯޓު ގުނުމުގައި މަކަރު ހަދައި، ވޯޓުގެ އަދަދު އިއުލާނު ކުރުމުގައި ވެސް ޑެޕިޔުޓީ ޗެއަރ އިބްރޭ ވަނީ ސައްޙަ ނޫން ބޮޑު އަދަދުތަކެއް ކިޔައި ވޯޓު އޮޅުވާލަން މަސައްކަތް ކޮށްފައިކަމަށް އެމްޑީޕީގެ ޤަޢުމީ މަޖްލީހުގެ ބައެއް މެންބަރުންތަކެއް ހަވާސާ ނޫހަށް ވަނީ މަޢުލޫމާތު ދީފައެވެ. އެއާއިއެކު ޤަޢުމީ މަޖްލީސް ކުރިއަށް ގެންދިޔަ ތަނުގެ މަސްލަހަތު ގެއްލި، ގިނަ ބަޔަކު ތަން ދޫކޮށް ނުކުތުމުން ޖަލްސާގެ ކޯރަމް އަދި ނިޒާމު ގެއްލި ވޯޓު ލުން ވެސް ހުއްޓުނުކަމުގައި އެމެމްބަރުން ވިދާޅުވިއެވެ.
ޑެޕިޔުޓީ ޗެއަރ އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވޯޓު ގިނަކޮށްގެން ނަތީޖާ އިއުލާން ކުރީ، ކުރީގެ ދިއްދޫ ދާއިރާގެ މަޖިލީސް މެމްބަރު ވައްޑެއަށް ލިބުނު ވޯޓުގެ އަދަދެވެ. 96 މެމްބަރުންގެ ތެރެއިން ވައްޑެއަށް 47 ވޯޓު ލިބުންކަން އެމްޑީޕީގެ ޑެޕިޔުޓީ ޗެއަރ އިބްރޭ އިއުލާން ކުރިކަމަށް ވެއެވެ. ނަމަވެސް އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) އަށް ލިބުނު ވޯޓު ކަމަށް ވީޑިޔޯ އޮޑިޓުން ފެންނަނީ 36 ވޯޓެވެ. ތަކުރާރުކޮށް ވޯޓު ލިބުނު އަދަދަށް ވުރެ ގިނައިން އެކި އަދަދު އިއުލާން ކުރުމުން ތަނުގެ އަޑު ގަދަވެ މަސްލަހަތު ގެއްލިގެން ދިޔައެވެ.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަށް ކުރިމަތިލީ އަސްލަމާއި، ވައްޑެއާއި، މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަބޯ)އެވެ.
ޑެޕިޔުޓީ ޗެއަރ އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވަނީ އަސްލަމްގެ ނަން ވޯޓަށް އެހުމަށް ދެކޮޅު ހަދާފައެވެ. އެއީ އޭނާއަކީ ޤައުމީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޕާޓީގެ އެއްވެސް ގަވާއިދަކަށް ރިއާޔަތް ކޮށް މަދަނަ އިބްރޭ ނިންމި ނިންމުމެއް ނޫނެވެ. އެއަށްފަހު ވޯޓަށް އެހީ ވައްޑެއާއި އަސްލަމްއާއި ދެމީހުންގެ ނަމެވެ.

ލަންކާއަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 159 އަށް

އަވަށްޓެރި ސްރީލަންކާއަށް އަށް އެރި “ޑިޓްވާ” ތޫފާނުގައި މަރުވި މީހުންގެ އަދަދު 159 އަށް އަރައިފިއެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފައިވަނީ ލަންކާއަށް ކުރިމަތިވި ކާރިސާގައި 159 މީހުން މަރުވިއިރު، 203 މީހުން ގެއްލިފައިވާ ކަމަށެވެ. ޑީއެމްސީން ބުނި ގޮތުގައި މި ތޫފާނުގެ އަސަރު 217،263 އާއިލާއެއްގެ 774،724 މީހުންނަށް ކުރި ކަމަށެވެ.

އަދި ތޫފާނުގެ އަސަރު ލަންކާގެ 25 ޑިސްޓްރިކްޓަކަށް ކުރި ކަމަށް ވެސް ޑީއެމްސީން ބުންޏެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނަމަ، 27،494 އާއިލާއެއްގެ 100،898 މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހިފައެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް 798 ސެންޓަރު ބޭނުން ކުރަމުންދާ ކަމަށްވެއެވެ.

ތޫފާނާ ގުޅިގެން ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ލަންކާގެ އެކި ހިސާބުތަކުގައި އަދިވެސް ވަރަށް ގިނަ ބަޔަކު ތާށިވެފައި އެބަތިބި ކަމަށްވެއެވެ. އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

މި ވިއްސާރައިގައި 15،000 އަށް ވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައެވެ.

ލަންކާއަށް އެރި ތޫފާން މިހާރު ދަތުރު ކުރަނީ އިންޑިއާގެ އުތުރަށެވެ. މި ތޫފާނު މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭއިރު، އިންޑިއާގެ ޗެންނާއީ އެއާޕޯޓުން ފުރަން ހަމަޖެހިފައި އޮތް 54 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.