ނަފްސާނީ ބަލިތަކުގެ ފަރުވާގެ ހުރިހާ ހަރަދެއް މާދަމާއިން ފެށިގެން ހިލޭ

ނަފްސާނީ ބައްޔަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމް އާސަންދައިން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ހިދުމަތްތައް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިއްމު ވައުދުތަކެއް ފުއްދެވުމަށް އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާގެ މުހިއްމު ފަސް ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހު ކޮށްފަ އެވެ.

އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ސޯޝަލް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. އެ ޕްރޮގްރާމް ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައިި ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އެއީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެންސްޕާއިން ފާހަގަކުރެ އެވެ.

ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ޒަކާތު ހައުސް އިން މީރާއާ އެކު ޒަކާތް ބަލައިގަތުމާ ގުޅޭ އެއްބަސްވުމެއް ހަދައިފި

ޒަކާތު ހައުސް އިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ އެކު، މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިިކުރީ އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޒަކާތު ހައުސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު އެވެ.

ޝަހީމް ވިދާޅުވީ އެއީ ވަރަށް ތާރީހީ އެއްބަސްވުމެއް ކަމަށާއި މީރާއިން މިދިޔަ ތަނުގައި ވެސް ޒަކާތް ނެގުމުގެ މަސައްކަތް ކުރީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށެވެ. ޒަކާތުގެ ގާނޫނު ތަންފީޒު ވާއިރު، އެ މަސައްކަތް އެ ގޮތުގައި މީރާ އިން ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކާތުގެ ކަންކަމާއި ސަދަގާތް އަދި ވަގުފުގެ ފައިސާ ނެގުމުގައި މީރާގެ ފަރާތުން މިނިސްޓްރީއަށް ދޭ އެއްބާރުލުމާއި އެހީތެރިކަމަށް އެ އިދާރާގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޒަކާތުގެ ގާނޫނު ތަންފީޒު ވާއިރު، ޒަކާތު ކައުންސިލްގައި މީރާގެ ފަރާތުން ބޭފުޅަކު ހިމެނޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މީރާ އާއި މިނިސްޓްރީގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް ވިދާޅުވީ ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައިވެރިއެެއްގެ ގޮތުގައި މީރާ ހިމެނިފައިވުމަކީ އެ އިދާރާއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި އެ މަސައްކަތާ އެކު، މީރާއަށް މީހުން ކުރާ އިތުބާރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދަ ބިލްތައް ޖެނުއަރީ ނިމުމުގެ ކުރިން ދައްކަނީ

ސަރުކާރުން ބޭސްފަރުވާކޮށްދޭ އިންޝުއަރެންސް ސްކީމް، އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތައް މި ފެށޭ ޖެނުއަރީ މަސް ނިމުމުގެ ކުރިން ދައްކައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންސްޕާ އިން ރޭ ބުނެފި އެވެ.

ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ބޭއްވެވި އެކިއެކި ބައްދަލުވުންތަކުގައި ބައެއް ރައްޔިތުން ވަނީ އާސަންދައިން ހިދުމަތް ދިނުމަށް ފަހު އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ބައިވެރިވެވަޑައިގަތް އެކި ފޯރަމްތަކާއި ރައްޔިތުން ހިޔާލު ހުށަހެޅުއްވި ކަންކަމަށް ހައްލެއްގެ ގޮތުން، އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި އެ ފައިސާތައް ޖެނުއަރީ 31ގެ ކުރިން ދައްކައި ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.

އެންސްޕާ އިން ބުނީ އާއްމުންގެ ޝަކުވާ ލިބުނު ބޭސްފަރުވާގެ ނިޒާމާއި އާސަންދައިގެ މައްސަލަތަކަށް ވެސް އަންނަނީ ހައްލުތަކެއް ހޯދައިދެމުން ކަމަށެވެ.

އެއް ކަމަކަށް، އާސަންދައިގެ ހިދުމަތް ބޭނުންވާ ކްލިނިކްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އާސަންދައިގެ ހިދުމަތް އަންނަ މަހުގެ 31 ގެ ކުރިން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.

އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖައްސައި ޝޭޑުކުރުން މަނާކޮށްފި

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑޫ ކުލައެއް ޖައްސައި ޝޭޑުކޮށް ހައިލައިޓްކުރުން މަނާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި، ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަން ޖެހެނީ ރީތިކޮށެވެ. އެގޮތުން އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުން ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފަ އެވެ.

ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން އަންހެން މުވައްޒަފުން ލާ ހެދުން ހުންނަން ޖެހެނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ހެދުން ކުރުނުވާ ވަރަށެވެ. އަންހެނުން ލާ ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާން ޖެހެ އެވެ. ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވެސް ވާން ޖެހެ އެވެ.

އަންހެން މުވައްޒަފުންގެ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަނަމަ، ފަޅައިފައި ހުންނަބައި ހުންނަން ޖެހެނީ މައްޗަށް އަތް ދަމާލީމަ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށެވެ.

ސިވިލް ސާވިސްގެ ގަވާއިދު ފުރަތަމަ އެކުލަވާލިއިރު އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފައެއް ނުވެ އެވެ. އެކަމަކު ގަވާއިދު މިހާރު އިސްލާހުކޮށްފައި އޮތްއިރު ވަރަށް ތަފްސީލުކޮށް ހެދުން އަޅަން ޖެހޭ ގޮތް ވަނީ ބަޔާން ކުރުމާއެކު މަޖުބޫރުކޮށްފަ އެވެ.

ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ލެވެ އެވެ. ގަމީހުގެ އަތް ހުންނަންޖެހޭނީ އަތް ދިގު ގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށެވެ. އަތްކުރު ގަމީހެއްނަމަ، އަތް ހުންނަންވާނީ އަތުގެ އުޅަނބޮށްޓަށްވުރެ ދެ އިންޗި ކުރުނުވާ ގޮތަށެވެ.

ރަސްމީ ގަޑީގައި ފިރިހެން މުވައްޒަފުން އަތްދިގު ގަމީހާއި އަތްކުރު ގަމީހަކާއެކު ދަށަށް ޖަހައި، ޓައި ބޭނުން ކުރަން ޖެހެ އެވެ. ޓައީގައި އަހްލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސް، މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ނުވަތަ އެފަދަ އެއްޗެއް ހުރެގެން ނުވެ އެވެ.

މީގެއިތުރުން ފިރިހެން މުވައްޒަފުން އޮހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ.

ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އަޅަންވީ ގޮތް ހަރުކަށިކޮށްފައި މިވަނީ މާލެ ސިޓީގެ އެކި އަވަށްތަކާ މުހައްމަދު މުއިއްޒު ބައްދަލުކުރެއްވިއިރު ބައެއް ރައްޔިތުން އެކަމަށް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އަންހެން މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ކަނޑައަޅައިފި

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި، ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.

ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތް ބަޔާންކުރާ ގަވާއިދު އިސްލާހުކޮށްފައިވަނީ ފިރިހެނުންގެ އިތުރުން ވަކިން ހާއްސަކޮށް އަންހެނުން ހެދުން ލާން ޖެހޭގޮތް ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ.

ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން އަންހެން މުވައްޒަފުން ލާ ހެދުން ހުންނަން ޖެހެނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ހެދުން ކުރުނުވާ ވަރަށެވެ. އަންހެނުން ލާ ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާން ޖެހެ އެވެ. ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވެސް ވާން ޖެހެ އެވެ.

އަންހެން މުވައްޒަފުންގެ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަނަމަ، ފަޅައިފައި ހުންނަބައި ހުންނަން ޖެހެނީ މައްޗަށް އަތް ދަމާލީމަ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށެވެ.

ކޮންމެ އަންހެން މުވައްޒަފެއް ލާ ހެދުމެއްގެ ވެސް ކަރު ހުންނަން ޖެހޭނީ، ކަރުވަޅު ނިވާވާގޮތަށެވެ. އަތްކުރު ހެދުމެއްނަމަ އަތް ހުންނަންޖެހޭނީ، އެ މީހެއްގެ ކޮނޑުހުޅާއި އުޅާބޮށްޓާ ދެމެދަށްވުރެ ކުރުނުވާ ވަރަށެވެ. ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންޖެހެނީ އަތުގެ ކުޑަހުޅަށްވުރެ ދިގުނުވާ ވަރަށެވެ.

އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުން ކުރެވޭއިރު، އެ ހެދުން ހުންނަން ޖެހެނީ ފައިގެ ތަނބިކަށްޓަވުރެ ކުރު ނުވާ ގޮތަށެވެ.

ނަމަވެސް އަންހެނުން އޮފީހަށްދާއިރު މޭކަޕްކޮށް ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅެ އެވެ. އެކަމަކު އިސްތަށިގަނޑު ހުންނަން ޖެހެނީ ރީތިކޮށެވެ. އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފަ އެވެ.

ސިވިލް ސާވިސްގެ ގަވާއިދު ފުރަތަމަ އެކުލަވާލިއިރު އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފައެއް ނުވެ އެވެ. އެކަމަކު ގަވާއިދު މިހާރު އިސްލާހުކޮށްފައި އޮތްއިރު ވަރަށް ތަފްސީލުކޮށް ހެދުން އަޅަން ޖެހޭ ގޮތް ވަނީ ބަޔާން ކުރުމާއެކު މަޖުބޫރުކޮށްފަ އެވެ.

ފިރިހެން މުވައްޒަފުން ހެދުން އަޅަން އަންގާފައިވާ ގޮތް

ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ލެވެ އެވެ. ގަމީހުގެ އަތް ހުންނަންޖެހޭނީ އަތް ދިގު ގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށެވެ. އަތްކުރު ގަމީހެއްނަމަ، އަތް ހުންނަންވާނީ އަތުގެ އުޅަނބޮށްޓަށްވުރެ ދެ އިންޗި ކުރުނުވާ ގޮތަށެވެ.

ފިރިހެން މުވައްޒަފުންގެ ހެދުމުގައި ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ދިގު ފަޓުލޫނެވެ. ފަޓުލޫނަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ފަޓުލޫނަކަށްވާން ޖެހެ އެވެ.

ބޭރަށް ބަހައްޓާ ގޮތަށް، އޮފީސް ގަމީހުގެ ގޮތުގައި ފަހައިފައި ހުންނަ އަތްދިގު ބުސް ގަމީސް ފިޔަވައި، އެހެން ގަމީސްތައް ދަށަށް ޖަހަން ޖެހެ އެވެ. ދަށަށް ޖަހާފައި ހުންނައިރު ހުންނަން ޖެހެނީ ގަމީސް ދަށަށް ޖަހައި ބެގީކުރުމުން، އަޅައިފައި ހުންނަ ކަމަރު އެއްކޮށް ނުފޮރުވޭ ވަރަށެވެ.

ރަސްމީ ގަޑީގައި ފިރިހެން މުވައްޒަފުން އަތްދިގު ގަމީހާއި އަތްކުރު ގަމީހަކާއެކު ދަށަށް ޖަހައި، ޓައި ބޭނުން ކުރަން ޖެހެ އެވެ. ޓައީގައި އަހްލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސް، މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ނުވަތަ އެފަދަ އެއްޗެއް ހުރެގެން ނުވެ އެވެ.

މީގެއިތުރުން ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ.

އާ އަހަރު ފެށުން ފާހަގަކުރަނީ ޕައިރޯ ޑްރޯން ޝޯއަކުން

އާ އަހަރު ފާހަގަކުރުމަށް މިރޭ ބާއްވަން ނިންމާފައި ވަނީ ޕައިރޯ ޑްރޯން ޝޯއެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ ޑްރޯން ޝޯ 15 މިނިޓަށް އޮންނާނެ ކަމަށެވެ.

ޑްރޯން ޝޯގައި ދައްކުވާ ދޭނީ، ދިވެހި ކުޑަކުއްޖެއްގެ ވާހަކަ އެވެ. ދިވެހިވަންތަ އަދި ރާއްޖޭގެ ތަރައްގީއާ ގުޅުވައިގެން އެ ވާހަކަ ކިޔައި ދިނުމުގައި 75 ޕައިރޯޑްރޯން ބޭނުން ކުރެ އެވެ. ޖުމުލަ 600 ޑްރޯން ބޭނުންކޮށްގެން އެ ޝޯ ކުރިއަށް ގެންދަނީ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ. އާންމުކޮށް ބޭނުންކުރާ ޑްރޯން އާއި ޕައިރޯޑްރޯންގެ ތަފާތަކީ، އެ ޑްރޯންތަކުން ހަވާގެ ކުޅިވަރުތައް ވެސް ފެންނާނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން އާ އަހަރު ކުލަ ގަދަކޮށް ފާހަގަކުރުން ކުރިއަށް ގެންދަނީ ބީއެމްއެލް އާއި އެޗްޑީސީއާ ފަދަ ކުންފުނިތަކާ ގުޅިގެންނެވެ. ޑްރޯންގެ ހަރަކާތް ކުރިއަށް ގެންދަނީ ދިވެހި ކުންފުންޏަކުންނެވެ.

“މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް” ގެ ނަމުގައި އާ އަހަރު ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަރަކާތްތައް ފަށައިފަ އެވެ. އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިއަދާއި މާދަމާ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާނެ އެވެ.

ބޮޑުބެރުގެ ހަކަރާތްތައް މިރޭ ކުރިއަށްދާ އިރު ހަވާ އެރުވުން ވެސް އޮންނާނެ އެވެ.

ކޭޕާކު މައްސަލާގައި މަންޑޭ 397 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު މަންޑޭގެ އިތުރުން އޭނާ އާއެކު މި މައްސަލައިގައި ހިމެނޭ ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކާއި ކުރި ހުކުމްތައް

  • ޓެކުމުގެ 46 ދައުވާ؛ ކޮންމެ ދައުވާ އަކަށް އަށް އަހަރުގެ ދައުވާ (ޖުމްލަ 368 އަހަރުގެ ޖަލު ހުކުމް)
  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ؛ ކޮންމެ ދައުވާ އަކަށް 3 މަހާއި 18 ދުވަސް (ޖުމުލަ 13 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމް)
  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ؛ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް
  • މަނީ ލޯންޑްރިންގެ އެއް ދައުވާ؛ 14 އަހަރާއ 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމް

މި މައްސަލާގައި މަމްދޫހު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާއަށް ކުރި ޖުމްލަ ޖަލު ހުކުމުގެ ދިގުމިނަކީ 397 އަހަރާއި ހަ މަހާއި 20 ދުވަހެވެ.

ޖައިޝާންގެ މައްޗަށް ސާބިތުވި ދައުވާތައް

  • ޓެކުމުގައި ބައިވެރިވުމުގެ 46 ދައުވާ؛ ކޮންމެ ދައުވާއަކަށް ތިން މަހާއި 18 ދުވަސް (ޖުމްލަ 12 އަހަރާއި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް)
  • އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ؛ ކޮންމެ ދައުވާއެއް ތިން އަހަރާއި ދެ މަހާއި 12 ދުވަސް (ޖުމުލަ 140 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމް)
  • މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ؛ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް
  • މަނީ ލޯންޑާކުރަން އެހީތެރިވެދިނުމުގެ ދައުވާ: ހަތަރު އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމް

ޖައިޝާން ބަންދުގައި ހޭދަކުރި ދުވަސްތަށް ކެނޑުމަށްފަހު އޭނާއަށް އިއްވި ޖަލު ހުކުމުގެ ޖުމްލަ މުއްދަތަކީ 159 އަހަރާއި 5 މަހާއި 14 ދުވަހެވެ.

މި މައްސަލާގައި ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައިވާތީ އެފްޑަބްލިއު ރެޒިޑެންސްގައި ހުރި އެޕާޓްމަންޓަކާއި ޕާކިން ސްލޮޓެއް ވެސް ދައުވަލަތަށް ވަނީ ނަގާފަ އެވެ.

އެއީ މި މައްސަލައިގެ ތަހުގީގައި ފުލުހުން ބަލައިފާސްކުރި މަންޑޭގެ ޕެންޓްހައުސް އެވެ. ޖުމުލަ 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް މަންޑޭ ގަތީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.

ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނަ އެވެ. އެތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ.

ޕެންޓްހައުސް އާއި އެތަނުން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

ޔަމަނުގައި ތިބި ޔޫ.އޭ.އީ ގެ އަސްކަރީ ފައުޖުތައް ބާލަން އެ ގައުމުން ނިންމައިފި

މަސްލަހަތު ގޯސްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޔަމަނުގެ ލީޑަރު ވަނީ ޔޫ.އޭ.އީ އާއެކު ވެފައިވާ ދިފާއީ އެއްބަސްވުން ބާތިލުކުރިކަން އިއުލާނުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫ.އޭ.އީގެ އެހީތެރިކަން މިހާރު އޮތީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށެވެ. އެހެންކަމުން 24 ގަޑިއިރުގެ ތެރޭގައި އެގައުމުގެ ހުރިހާ ސިފައިން ޔަމަނުން ފޭބުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އަލް-އަލީމީ ވަނީ ޔަމަނަށް ވަދެ ނުކުމެވޭ ހުރިހާ މަގުތަކެއް (ވައިގެ، އެއްގަމު އަދި ކަނޑުގެ) 72 ގަޑިއިރަށް ބަންދުކޮށް، 90 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ. އަދި މި މުއްދަތު އިތުރުކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔަމަނުގެ މުކައްލާ ބަނދަރަށް ބޭލި ހަތިޔާރުގެ ޝިޕްމަންޓަކަށް ސައުދީ އިސްވެ ހަރަކާތްތެރިވާ ކޯލިޝަނުން ހަމަލާދިނުމާ ގުޅިގެން، 24 ގަޑިއިރުގެ ތެރޭގައި އެމިރޭޓްސްގެ ސިފައިން އެ ގައުމުން ފޭބުމަށް ޔަމަނުގެ ރިޔާސީ މަޖިލީހުން ކުރި ޑިމާންޑަށް ސައުދީ އަރަބިއްޔާއިން ވަނީ ތާއީދުކޮށްފައެވެ. ސައުދީން ބުނާ ގޮތުގައި އެ ހަތިޔާރުތަކަކީ އެމިރޭޓްސްގެ ތާއީދާއެކު ޔަމަނުން ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތަކަށް ފޮނުވި ތަކެއްޗެވެ.

ސައުދީ ޚާރިޖިއްޔާ އިން ތުހުމަތުކުރާ ގޮތުގައި، ޔަމަނުގެ އިރުމަތީގެ ޕްރޮވިންސްތައް ކަމަށްވާ ޙަޟްރަމައުތާއި އަލް-މަހްރާގައި މިފަހަކުން ދިން ހަމަލާތަކަކީ، ދެކުނު ޔަމަނުގެ މިނިވަންކަމަށް މަސައްކަތްކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލަށް (އެސް.ޓީ.ސީ) އެމިރޭޓްސް އިން ބާރުއަޅައިގެން ދީފައިވާ ހަމަލާތަކެކެވެ. މިއީ އިންތިހާ އަށް ނުރައްކާތެރި އަމަލުތަކެއް ކަމަށް ސިފަކޮށް، މިފަދަ ކަންކަމާ ކުރިމަތިލުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފައެވެ.

މިކަމާ ގުޅިގެން އެމިރޭޓްސްގެ ޚާރިޖިއްޔާ އިން ވަނީ އެ ޝިޕްމަންޓުގައި ހަތިޔާރު ހުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި ސައުދީގެ ބަޔާނާ ގުޅިގެން ނުހަނު ބޮޑަށް ހިތާމަކުރާ ކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.

އަރަބި ކޯލިޝަނުން އަންގާރަ ދުވަހު ބުނި ގޮތުގައި، އެމިރޭޓްސް އިން ޔަމަނުގެ ދެކުނުގެ ބަނދަރެއް ކަމަށްވާ މުކައްލާ އަށް އެތެރެކުރި ޝިޕްމަންޓްގެ ކޮންޓޭނަރުތަކުގައި ހުރީ ހަތިޔާރާއި ގޮވާތަކެތީގެ ވަސީލަތްތަކެވެ. ކޯލިޝަނުން މި ބަޔާން ނެރެފައި ވަނީ، އެ ޝިޕްމަންޓުގައި ހަތިޔާރު ނުހުންނާނެ ކަމަށާއި އެއީ އެމިރޭޓްސްގެ ސިފައިންނަށް ހާއްސަކޮށްގެން ގެނައި ތަކެތި ކަމަށް ބުނެ އެމިރޭޓްސް އިން ކުރިން ނެރުނު ބަޔާނަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އާއަހަރު ފާހަގަކުރުމަށް ސޮނާކްޝީ ސިންހާ ރާއްޖެ

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް މި އަހަރު ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.

ސޮނާކްޝީ އާއި އިގްބާލް މިދިޔަ ހޯމަ ދުވަހު ރާއްޖެ އައީ އާ އަހަރު ފާހަގަކުރުމަށެވެ. މި ފަހަރު އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ސޯ މޯލްޑިވްސް ރިސޯޓުގަ އެވެ.

ދަތުރުގެ ބައެއް ވީޑިއޯތަކާއި ފޮޓޯތައް ސޮނާކްޝީގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިއްސާކޮށްފަ އެވެ.

ސޮނާކްޝީ އާއި އިގްބާލް ވަނީ މިދިޔަ މެއި މަހު ވެސް ރާއްޖެ އަށް އައިސްފަ އެވެ. ދެ ދުވަހުގެ އެ ކުރު ދަތުރުގެ ވީލޮގް ވެސް ސޮނާކްޝީގެ ޔޫޓިއުބްގައި މިދިޔަ ޖޫން މަހު ހިއްސާކުރި އެވެ.

އެ ދެމަފިރިންގެ ވަރަށް ގާތް ރައްޓެއްސެއްގެ ކައިވެނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސް އެ މީހުން އެ ފަހަރު ތިބީ މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ މޯލްޑިވްސް ރިސޯޓުގަ އެވެ.

އެ ވުލޮގުގައި ސޮނާކްޝީ ބުނީ ރާއްޖޭގެ ނޫ ކަނޑު ފެނުމާ އެކު، އޭނާއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ރާއްޖެ އާދެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ މި އާދެވެނީ އޭނާގެ އަމިއްލަ ގެއަށް ކަމަށް އޭނާ ބުންޏެވެ.

ސޮނާކްޝީއަކީ ވަރަށް ގިނައިން ޗުއްޓީއަށް ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިއެކެވެ.

ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

“ހަވާާސާ” އަށް އެނގިފައިވާ ގޮތުގައި އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށެވެ.

އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާ އަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފައްތާހު ނިޔާވި އިރު، އޭނާ އައީ އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ވެސް ލިބިފަ އެވެ.

ފައްތާހު ފޭސްބުކްގައި ކުރިން ކުރި ޕޯސްޓެއްގައި ބުނީ ކެލާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.

ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ފައްތާހަކީ ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް އުފެއްދި ފަންނާނެކެވެ.

އަސަރުގަދަ ލޯބީގެ “ތަފާތު” ފިލްމުތައް ހެދުމަށް މަޝްހޫރު ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގައި ގެނެސްދިން “ހައްދު” އެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ ފިލްމީ ދާއިރާއިން ރިޓަޔާކޮށް ދާއިރާއަށް އެއްކޮށް ދުރަށް ގޮސްފަ އެވެ.

އެއަށް ފަހު، 2018 ހިސާބުގައި ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރި އޭނާ ފެށި އެވެ.

ފައްތާހު ވަނީ ފިލްމާއި ޑްރާމާ އާއި ވީޑިއޯ ލަވަ އަދި އިޝްތިހާރު އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފަ އެވެ. އަދި ފިލްމާއި ޑްރާމާތަކަށް ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުނެވެ. ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް އޭނާ އުފެއްދި އެވެ.

ފައްތާހު ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި “ހިމޭން ދުނިޔެ”، “ރަންމުތް”، “އާނ އަހަރެން ވެސް ލޯބިވިން”، “ވެހޭ ވާރޭ ތެރެއިން”، “14 ވިލޭރޭ”، “ޖިންނި”، “ހުރީމޭ އިންތިޒާރުގައި” އަދި “އޭނާ” ހިމެނެ އެވެ.

ފައްތާހުގެ އެންމެ ކާމިޔާބު ފިލްމަކީ 2003 ގައި ގެނެސްދިން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޖަމްޝީދާ އަހްމަދު ލީޑް ރޯލު ކުޅުނު “ވެހޭ ވާރޭ ތެރޭން” އެވެ. ހަތަރުވަނަ ގައުމީ ފިލްމު އެވޯޑުގައި އެ ފިލްމަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރާއި ސްކްރީންޕްލޭ އާއި އާޓް ޑިރެކްޝަން އަދި މޭކަޕްގެ އެވޯޑް ލިބިފަ އެވެ. އެ ފިލްމުގައި އެ ހުރިހާ މަސައްކަތެއް ކުރީ އޭނާ އެވެ.

އޭނާގެ ޑްރާމާތަކުގެ ތެރޭގައި ހިމެނޭ “އައިޝާ”، “ރޭޝަމް”، “ދޯޕައްޓާ”، “ފަހު ފިޔަވަޅު”، “މާފުކުރާށޭ” އަދި “ތިއޭ މިހިތުގެ ވިންދަކީ” އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނު ޑްރާމާތެކެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ފައްތާހު ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2004 ވަނަ އަހަރު އޭނާއަށް ގައުމީ އިނާމު ވެސް ދީފަ އެވެ.

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް : މިނިސްޓަރ އިބްރާހިމް ވަހީދު

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ އެކުލަވާލި މީޑިއާ ގްރާންޓްގެ އާ އުސޫލުގެ ދަށުން 41 މީޑިއާ އަކަށް އެހީ ދިނުމަށް އެންމެ ދެ ދުވަސް ތެރޭގައި ނިންމި ނިންމީ ރަނގަޅަށް ކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާ ގެ ބުރާސްފަތި ދުވަހު އާއްމު ކުރި އާ އުސޫލުގައި ބުނެފައި ވަނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް އެހީދިނުމަށް ނިންމާފައިވާ ކަމަށެވެ. އާ އުސޫލުގެ ދަށުން މީޑިއާ ގްރާންޓަށް އެދި ހުށަހަޅަން ދިނީ 3 ދުވަހުގެ މުއްދަތެކެވެ. އެއީ ޑިސެމްބަރ 25 އިން 28 ގެ ނިޔަލަށެވެ. އެހެންކަމަށް ވާއިރު އެހީ އަށް އެދި ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިތާ 2 ދުވަސް ތެރޭގައި އަވަސް އަރުވާލައިގެން މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިން މި ވަނީ އެހީ ލިބޭ މީޑިއާތައް ހާމަކޮށްފަ އެވެ.

އެ މަރުހަލާ ކުރިއަށް ދިޔަ ގޮތް އަަވަސް ވުމުން އާއްމުންގެ ފާޑުކިޔުމާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެހެންނަމަވެސް މީޑިއާ ގެ ކަންކަން ބަލަހައްޓަވާ ރައީސް މުއިއްޒުގެ ވަޒީރު ވިދާޅުވީ މިނިވަން ކޮމިޝަނަކުން ނިންމާފައިވާ ކަމަކާއި މެދު ކޮމެންޓް ކުރައްވާން ބޭނުންފުޅު ނުވާ ކަަމަށެވެ. އަދި ކޮމިޝަނުން އެ މަރުހަލާ އަވަސް ކުރީ މީޑިއާތަކާއި ދެކެވުނު ވާހަކައިގެ މައްޗަށް ބިނާކޮށް ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

“އެ ބޭފުޅުން އެކަން ކުރާނީ ރަނގަޅަށް. އެ ބޭފުޅުން އެކަން ކުރާނީ މީޑިއާ އާއި އެކުގަައި ހިނގި ޑައިލޮގްގެ މައްޗަށް ކަމަށް ޤަބޫލުކުރެވެނީ.” އަސްވާޑް ވިދާޅުވި އެވެ.

މިހާރު މީޑިއާތަކަށް ފައިސާ ލިބޭ ގޮތަށް ބަލާ އިރު އެންމެ ގިނައިން ޕޮއިންޓް ލިބޭ މީޑިއާ އަކީ މިނިސްޓަރު އަސްވާޑުގެ މަސްލަހަތު އޮންނަ 99 ޕޮއިންޓު ލިބުނު ސަންގު އެވެ. ވަގުތު ނޫހަށް 98 ޕޮއިންޓް ލިބުނު އިރު ސަން އަށް ލިބުނީ 97 ޕޮއިންޓެވެ.

30 އޮކްޓޯބަރ 2025ގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ނިންމި ނަމަވެސް އެކަން އިއުލާން ކުރިތާ 24 ގަޑި އިރު ނުވަނީސް އެ ނިންމުން ކެންސަލްކޮށްފައި ވެ އެވެ. އޭރު އުސޫލު އެކުލަވާލި ގޮތަށް ބަލާ އިރު މީޑިއާތަކަށް ފަންޑު ދޭން ނިންމި ޔޫތް މިނިސްޓްރީ ގެ ވަޒީރު، އިބްރާހިމް ވަހީދު ގެ މަސްލަހަތު ހިމެނޭ މީޑިއާ އަށް އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް ނިންމާފައިވެ އެވެ. ނަމަވެސް ވަޒީރު ވަނީ އެ މަރުހަލާ ކުރިއަށް ދިޔަ ގޮތް ދިފާއު ކުރައްވާ ވާހަކަދައްކަވާފަ އެވެ.

“އެ މަރުހަލާގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް ނެތް. އެ މަރުހަލާ ކުރިއަށް ދިޔައީ ރަނގަޅަށް. އަޅުގަނޑުގެ އެއްވެސް އިހުމާލެއް އެ މަރުހަލާގައި ނެތް،” ވަޒީރު ވިދާޅުވި އެވެ.

އާ އުސޫލުގައި އެހީ ލިބުމުގެ އެއް ޝަރުތަކީ ޖެނުއަރީ 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް އާއި އެކު މެދުކެނޑުމެއް ނެތި ހިންގާ ތަނަކަށް ވުމެވެ. މާކްސް ދިނުމުގައި ބަލާނެ ކަމަށް ބުނެފައި ވާ ކަންކަމުގެ ތެރޭގައި މީޑިއާ ގެ އުމުރާއި، މުވައްޒަފުން ގެ އަދަދު ހިމެނެ އެވެ. މި މަރުހަލާ މިހާ އަވަސް އަރުވާލައިގެން ގެންދިޔަ ސަބަބާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

41 މީޑިއާއަކަށް މާލީ އެހީދޭން މީޑިއާ ކޮމިޝަނުން ނިންމައިފި

ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް ވެސް އެހީ ދިނުން ހިމެނޭ ގޮތަށް މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އުސޫލަށް މިދިޔަ ހަފުތާގައި ގެނައި ބަދަލާ އެކު، 41 މީޑިއާއެއް މާލީ އެހީއަށް ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލީ ޔޫތު މިނިސްޓްރީންނެވެ.

އޭރު އެކުލަވައިލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައި ވުމެވެ. ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް އެ އުސޫލުގައި ނެތްއިރު އޭރު މާލީ އެހީއަށް ޝަރުތު ހަމަވީ އެންމެ 18 މީޑިއާ އެވެ.

އެހެންވެ، އެ ޝަކުވާ ބޮޑުވެ އެ އުސޫލު އުވާލައި، މީޑިއާ ކޮމިޝަނާ ހަވާލުކޮށްގެން ފަހުން ސަރުކާރުން ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

މީޑިއާ ކޮމިޝަނުން ބުނީ، މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށެވެ.

އެއީ ޖެނުއަރީ 1، 2024 ގެ ކުރިން ރަޖިސްޓަރީކޮށް ލައިސަންސް ލިބި މެދުކެނޑުމެއް ނެތި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ހާއްސަކޮށް ހުޅުވާލި ފުރުސަތެކެވެ.

މީޑިއާ ކޮމިޝަނުން ބުނި ގޮތުގައި މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލުގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި، އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމާ އެކު، ޝަކުވާއަށް ހުޅުވާލުމުން ކޮމިޝަނަށް އަށް ޝަކުވާއެއް ލިބުނެވެ. އަދި އެކަމާ ގުޅޭ ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން ތިން ފަރާތެއްގެ ޝަކުވާ ބަލައިގަތެވެ.

މީޑިއާ ކޮމިޝަނުން ބުނީ، މާކްސް ދިނުމުގައި ބަލާފައި ވަނީ މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމުތަކަށް ކަމަށެވެ.

މީޑިއާ ކޮމިޝަނުން ބުނީ މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި އެ ކޮމިޝަނާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެން ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު، އެއް ޕޭމަންޓެއްގެ ގޮތުގައި ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.