28 ފުޅި ރަލާއެކު ބުރިޖު މަތިން ހައްޔަރުކުރި ދެ ބިދޭސިއެއް ޑީޕޯޓުކޮށްލަނީ

ހުޅުމާލޭން މާލެއަށް ބަނގުރާ އުފުލަނިކޮށް ދެ ބިދޭސިއަކު ހިފަހައްޓައި، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ، ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ މީހާއާއި 36 އަހަރުގެ މީހާ ހައްޔަރުކުރީ، ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ކޮންޓެއިނަރު ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް، ފުލުހުން ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލުހުންނާއި ހައިވޭ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބުރިޖުމަތިން ދެ މީހުން ހުއްޓުވައި ފާސްކުރިއިރު، 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، 40 ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު، މިމަހުގެ 11ވަނަ ދުވަހު ބަންގްލަދޭޝަށް ނިސްބަތްވާ، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލަތަކުގެ އިތުރުންވެސް، ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

އައްޑޫ ސިޓީގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދައިގެ އޮފީހެއް ހުޅުވައިފިއެވެ.

އައްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ޝިހާމާ ވިދާޅުވީ އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. ޝިހާމާ ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ކުރައްވަމުންދާ މަސައްކަތުގެ ތެރެެއިން ކުރެއްވިކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވިގެން ދިޔުމުގެ ސަބަބުން، އައްޑޫ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އައިސްފައިވާ ކަމަށެވެ.

“މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން” ޝިހާމާ ވިދާޅުވިއެވެ.

އައްޑޫގައި ހުޅުވި އެންސްޕާ އަދި އާސަންދަ އޮފީހުގެ ހިދުމަތްތައް ފުވައްމުލަކު ސިޓީއާއި ހުވަދު އަތޮޅަށް ފުޅާވެގެންދާނެކަމަށްވެސް ޝިހާމާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެންސްޕާ އަދި އާސަންދައިން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށްޓަކައި ލިޔެކިޔުންތައް ހުށަހަޅައި، އެކަމުގައި ލިބޭ ޖަވާބެއްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެންސްޕާ އަދި އާސަންދަ އޮފީހެއް އައްޑޫގައި ހުޅުވިގެން ދިޔުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހީނާ ވިދާޅުވީ އެންސްޕާ އަދި އާސަންދައިގެ ހިދުމަތްތަކަކީ ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވެގެމުންދާ ހިދުމަތްތަކެއް ކަމެއް ވިޔަސް، ބޮޑެތި ސިޓީތަކުގައި މުވައްޒަފުން ހަރަކާތްތެރިވާން ޖެހޭނެ ކަމަށެވެ.

ރިފަރެންޑަމް ވޯޓުގެ ސުވާލުގައި މައްސަލައެއްނެތް ކަމަށާއި ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ސަރުކާރުން ބޭނުންވާގޮތަށް ނިމިއްޖެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ދުވަހު ފަނޑިޔާރުން ވަނީ އިތުރު ކަމެއް ސާފު ކުރައްވަން ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރެއްވުންކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހު އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި އެދިފައިވަނީ މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.

މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓު ނެގުން ލާޒިމުވާ ޙާލަތްތަކެއް އެބަހުރި ކަމަށާއި، އިހުތިޔާރީ ޙާލަތްތަކެއްވެސް އެބަހުރި ކަމަށެވެ. އަދި އެ ދެ ޙާލަތުގައިވެސް ރައީސް ޤަރާރެއް ނެރުއްވަންޖެހޭއިރު، ރައީސްގެ ޤަރާރުގައި ހިމެނުން ލާޒިމު ކަންކަން ރެފަރެންޑަމް ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ހިޔާލު ހޯދުމަށް އެއްކަމަކަށް ވުރެ ގިނަ ކަންކަން ހިމެނޭގޮތަށް ސުވާލު ފަރުމާ ކުރެވިދާނެކަން ޤާނޫނީ ނައްސުން އެނގޭ ކަމަށެވެ.

ޤާނޫނުއަސާސީގައިވާ އިބާރާތެއްގައި ބުނާ އެއްޗެއް އޮޅުން އަރާނަމަ އެންމެ ރަނގަޅުވާނީ ޤާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަޤްސަދަށް ބެލުންކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، އެއީ އެ ޙާލަތުގައި ބަލަން އޮތް ހަމައެކަނި މަސްދަރެއް ނޫން ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގައި ބުނެފައިވާ ވެރިކަމުގެ ބާރުތައް ވަކި ކުރުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތް ކުރުން ފަދަ ކަންކަމަށްވެސް ފަނޑިޔާރުން އިސްކަން ދޭން ޖެހޭނެކަމަށް ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރުމުން މިހާރު އޮތް މަޖިލީހުގެ ދައުރު ބަދަލުވާނެކަން އެއީ އެ އިސްލާޙާއެކު އަންނާނެ ޔަޤީން ބަދަލެއްކަމަށެވެ. އަދި ވިދާޅުވީ، މުޅި ބިލަށް ރައްޔިތުން ރުހެން ޖެހޭނެ ކަމަށާއި، އެހެންކަމުން މުޅި ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ރައީސް ސުވާލު ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކިނުލައްވާކަމަށެވެ.

އެހެންކަމުން ރެފަރެންޑަމް ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައެޅޭނެ ޤާނޫނީ އަސާސެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރުގެ މި ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ނަގާ ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ހައިކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާއެވެ. ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ރިފަރެންޑަމް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައެވެ.

މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރިފަރެންޑަމާ ގުޅޭ މައުލޫމާތު، ވޯޓު ކަރުދާހުގެ ނަމޫނާ އާއި ބިލާއި ރިޔާސީ ގަރާރު އެއް ތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަފައި ނެތުމާއި، އިންތިހާބާ ގުޅޭ ކަންކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނެތުން ހިމެނެއެވެ.

މީގެ އިތުރުން، މި އިސްލާޙުގެ 4 ވަނަ މާއްދާގައި ހިމެނިފައިވާ ކަންކަމަކީ ޤާނޫނު ތަސްދީޤުކުރުމާއެކު ޤާނޫނުއަސާސީގެ ތެރެއަށް ވަންނާނެ މާއްދާއެއްތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ސުވާލު ވެސް ޝުނާނާ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ މާއްދާގައި އޮންނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ މަޖިލީހުގެ އުމުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަމަވާނެ ކަމަށާއި، މަޖިލިސް މެމްބަރުން ހޮވުމަށްޓަކައި ޤާނޫނަށް އަމަލުކުރުމަށް ފަހު އެންމެ އަވަހަށް ބާއްވަންޖެހޭ އިންތިޚާބު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވައި، އެ މަޤާމުތަކަށް މީހުން އައްޔަނު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ނިންމައި،  2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނެ ކަމަށެވެ.

ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ބަޔާން ކުރައްވާފައިވަނީ، މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނީ ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކޮށް ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ ގާތްގަނޑަކަށް 177 ދުވަސް ކުރިން މަޖިލީސް އުވާލެވިގެން ކަމަށާއި، އެކަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައި ނެތް ކަމަށެވެ.

މި އިސްލާޙު މިހާރު އޮތް ގޮތުން 4 ވަނަ މާއްދާ އަންނަނީ ޤާނޫނުއަސާސީގެ ކޮން ހިސާބަކަށްކަން ވެސް އެނގޭކަށް ނެތްކަމަށް ޤާނޫނީ ބައެއް ބޭފުޅުންވެސް ގެންދަނީ ފާހަގަ ކުރައްވަމުންނެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރި ހަރަދަށް، ދެ އަހަރުގެ ކުލި ކަނޑާލައިފި

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރި ހަރަދަށް، ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފްލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓުތަކުގެ ޖުމުލަ ކުލިން 220،000 ރުފިޔާ މައާފުކޮށްދިނުމަށް ނިންމާފައިވާކަން އެޗްޑީސީން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކޮށްފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރައްވައި، މިމަހުގެ 26 ގައި ފުލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިމަހުގެ 23 ގެ ނިޔަލަށް ދެ ލައްކަ ރުފިޔާގެ ތެރެއިން ޑިސްކައުންޓުން ނުދެވިވާ އަދަދާއި ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

އެ ސިޓީގައި ވަނީ، ރައީސްގެ ވައުދުފުޅު އެންމެ ފުރިހަމައަށް ހާސިލުކުރުމަށްޓަކައި އަންނަ ބުދަ ދުވަހުން ފެށިގެން ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ދޭން ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުން މިހާތަނަށް ނުދެވިވާ ފުލެޓުގެ ކުލީގެ ގޮތުގައި (މެނޭޖްމަންޓު ފީ ނުހިމަނައި) ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރެވިގެންދާނެ ކަމަށް ސިޓީގައިވެއެވެ.

ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރުމަށްފަހު ބާކީވާ ނަމަ، ނުވަތަ ފްލެޓުގެ ކުލީގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްލާ ބައި (މަހަކު 5300 ރުފިޔާގެ ރޭޓުން) ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް އަންނަ ބުދަ ދުވަހުން ފެށިގެން މެނޭޖްމަންޓު ފީ ގަވާއިދުން ދައްކަން ޖެހޭނެ ކަމަށް ސިޓީގައިވެއެވެ.

ކުލި ދެއްކުން މެދުކަނޑާލެވޭ މުއްދަތު (ރެންޓް ފްރީ ޕީރިއަޑް) އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަންނަ މަހުގެ އެކެއްވާ ބުދަ ދުވަހުން ފެށިގެން 2028 ވަނަ އަަހަރުގެ މާޗް 1 ގެ ނިޔަލަށެވެ. އެއީ ދެ އަހަރުގެ މުއްދަތަކަށެވެ.

ސިޓީގައި ވަނީ، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުދީ ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓުގެ އަގު ދައްކައި ހަލާސްކުރެވެންދެން، މެނޭޖްމަންޓު ފީ ނުހިމަނައި ފްލެޓުގެ މަހު ކުއްޔަކީ 5300 ރުފިޔާ ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެ ބަދަލާ ގުޅިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެންކަމުން މި މަސް ނިމުމުން، މި މަހުގެ ނިޔަވަލަށްވާ ބެލެންސް އަދަދަށް ބަލައި، އޭގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށް ވެސް ސިޓީގައިވެއެވެ.

އެ މުއްދަތަށްފަހު ވެސް ހިޔާ ފުލެޓުގެ ކުލި އިތުރަށް ބޮޑުނުވާނެ ގޮތަށް އެގްރިމަންޓުތައް ބަދަލުކޮށްދެއްވާނެ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 18 ގައި ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނޭވީ ޗީފް އަވަހާރަވެއްޖެކަން އިރާނުން އިއްލާންކޮށްފި

އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސަފުތަކުގެ ކޮމާންޑަރު، އަލީރިޒާ ތަންގްސީރީ އަވަހާރަވެފައިވާކަން އެ ޖަމާއަތުން އިއުލާންކޮށްފިއެވެ. އައިއާރުޖީސީން ބުނާ ގޮތުގައި އޭނާ ޝަހީދުވީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

އައިއާރުޖީސީގެ ބަޔާނުގައިވާ ގޮތުން، ރިއަރ އެޑްމިރަލް ތަންގްސީރީ އަވަހާރަވީ ދާދި ފަހުން ދިން ހަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ނަމަވެސް، މި ހާދިސާ ހިނގި ވަގުތާއި ތަނުގެ ތަފްސީލެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭ މިނިވަން އެއްވެސް މަސްދަރަކުން މިހާތަނަށް މި މައުލޫމާތު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ތަންގްސީރީއަކީ އީރާނުގެ ކަނޑުގެ އަސްކަރީ ސްޓްރެޓެޖީ އެކުލަވާލުމުގައި، ހާއްސަކޮށް ހޮރްމުޒް ކަނޑުއޮޅީގައި އައިއާރުޖީސީން ހިންގާ ހަރަކާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. އޭނާގެ ބެލުމުގެ ދަށުން އެ ސަރަހައްދުގައި އީރާނުގެ އަސްކަރީ ބާރު ދެއްކުމާއި، ހަލުވި ހަމަލާތައް ދޭ އުޅަނދުފަހަރު ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަންތައް ވަނީ ވަރުގަދަކޮށްފައެވެ.

މި ޚަބަރު ކަށަވަރުވެއްޖެ ނަމަ، މިއީ ފަހުގެ ތާރީޚެއްގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ވެރިއަކު އަވަހާރަކޮށްލެވުނު ފުރަތަމަ ފަހަރަށް ވާނެއެވެ. މިއީ ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، މަސްރަހު ނުތަނަވަސްވެގެންދާނެ ކަމެއް ކަމަށް މުހައްލިލުން ދެކެއެވެ. އަދި އީރާނުގެ ދިފާއީ ނިޒާމުގައި އައި.އާރު.ޖީ.ސީ ނޭވީގެ މުހިންމުކަމަށް ބަލާއިރު، މީގެ ބަދަލުހިފުމުގެ ގޮތުން ތެހެރާނުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ އިންޒާރުވެސް މުހައްލިލުން ދެއެވެ.

މި ހަމަލާއާ ގުޅޭގޮތުން އެމެރިކާގެ ވޮޝިންގޓަނުން ނުވަތަ އިސްރާއީލުގެ ތެލް އަވީވުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން މި މަހުގެ 26 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލީރިޒާ ތަންގްސީރީ އަވަހާރަވީ ބަނދަރު އައްބާސްގެ އައްސޭރިފަށުގެ ސަރަހައްދަކަށް އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައެވެ.

އެމެރިކާގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް

އެމެރިކާގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް އަރައިފި އެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އިރާނަށް ދިން ހަމަލާއަށް މަހެއް ވެފައިވާއިރު ހަނގުރާމަ ފެށިފަހުން މެދުއިރުމަތިން ތެޔޮ ބޭރުކުރާ މައި މަގު ހޮރުމޯޒު ކަނޑު އޮޅި ބަންދުކޮށް ގިނަ ފިޔަވަޅުތަކެއް އިރާނުން އެޅުމާއެކު ތެލުގެ ބާޒާރަށް ވަނީ އެކަމުގެ އަސަރު ކުރަން ފަށާފައެެވެ.

އެމެރިކާގައި ވެސް ތެލުގެ އަގު ބޮޑުވެ އެންމެ ފަހުން އެގައުމުން ސާފު ނުކުރާ ތެޔޮ ފީފާއެއް 100 ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމަ ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެމެރިކާއިން އިރާނަށް އެއްގަމު މަގުން އެރުމަށް ނިންމުމާއެކު އެގައުމުގައި ތެލުގެ އަގު ބޮޑުތަނުން މަތިވެ އެކަމުގެ ސަބަބުން ތަކެތީގެ އަގުވެސް އުފުލިގެންދާނެ ކަމަށް ބުނެފައެވެ.

އެމެރިކާގައި ސާފު ނުކުރާ ތެޔޮ އަގުބޮޑުވެފައިވާއިރު ބައިނަލްއަގުވާމީ މާކެޓުގައި ވެސް ސާފުނުކުރާ ތެޔޮ ފީފާއެެއްގެ އަގު ވަނީ 112.78 އެމެރިކާ ޑޮލަރަށް އަރާފައެވެ.

އިރާނަށް ހަމަލާދިނުމަށް ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ: ސްޕެއިން

އިރާނަށް ހަމަލާދިނުމަށް ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ސްޕެއިން އިން ބުނެފިއެވެ.

ސްޕެއިންގެ ޑިފެންސް މިނިސްޓަރު މާގަރިތާ ރޮބްލެސް ވަނީ އެމެރިކާއިން އިރާނަށް ހަމަލާދިނުމަށް ބޭނުންކުރާ އެއްވެސް ފްލައިޓަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދު ކަމަށް ވިދާޅުވެފައެވެ.

ރޮބްލެސް ވަނީ އެގައުމުގެ މިލިޓަރީ ބޭސްތައް ކަމަށްވާ މޮރޮންގެ އިތުރުން ރޯޓާ ބޭސް ވެސް އެއްވެސް ބޭނުމެއްގައި އެމެރިކާއަށް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ސްޕެއިން ސަރުކާރުން ވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން ހަމަލާ ދޭން ފެށުމާއެކު އެބޭސްތައް ބޭނުން ނުކުރެވޭނެ ކަމަށް ސާފުކޮށް ބުނެފައި ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސް މަނުއެލް އަލްބަރެސް ވިދާޅުވީ އެގައުމުން ނިންމި ނިންމުމަކީ މިދަނޑިވަޅުގައި ހަނގުރާމަ އިތުރަށް ފުޅާވުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ސްޕެއިން ސަރުކާރުގެ ނިންމުމާއެކު އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން ”އެޕިކް ފިއުރީ” އަށް ސްޕެއިންގެ އަދި އެހެން ފަރާތެއްގެ އެހީތެރިކަމެއް ބޭނުން ނުވާކަމަށް ބުނެފައެވެެ.

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާއާ އެކު ބައިއަތު ހިފުމަށް އެކަމުން ދުނިޔޭގެ ނުފޫޒު ގަދަ ބޮޑެތި ގައުމުތަކުގައި އެދުމުން ވެސް އެގައުމުތަކުން ވަނީ ހަނގުރާމައިގައި ބައިވެރި ނުވުމަށް ނިންމާފައެވެ.

ސައުދިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކޮށްފި އެވެ.

ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ.

އެމްއޭސީއެލުން ބުނީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓް, SV838ގެ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށެވެ. އަދި އެ އެއާލައިނުން އިއްޔެ ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ.

ސައުދިއާއިން ރާއްޖެއަށް ފާއިތުވި އަހަރު 10ގައި ދަތުރު ކޮއްފައި ވާއިރު އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ގޮސްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކެނަބިސް ޓްރެފިކް ކުރި މީހަކު 12 އަހަރަށް ޖަލަށް

ކެނަބިސް ޓްރެފިކް ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 25ގައި ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ ދަފްތަރު. ނަންބަރު ދރ. 2069 / މާލެ، ހަމްދޫން އަހްމަދު (31އ) ގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގެ ކުށް ސާބިތުވުމުން 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމްދޫން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި 2024 ފެބުރުއަރީ ހަތް ވަނަ ދުވަހުއެވެ.

އެސްޑީއެފަށް 400 މިލިޔަން ރުފިޔާ ޖަމާކޮށްފި

މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް 400 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މި މަހުގެ 19ގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖުމްލަ 425.1 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 8.6 ޕަސަންޓެވެ.

މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ބޭރުގެ ލޯނުތައް ދެއްކުމާއި އިގްތިސޯދީ ލޮޅުންތަކުން އައިސްދާނެ ގެއްލުމަކުން އަރައިގަތުމަށް އެމްއެމްއޭގައި އުފައްދާފައިވާ ސަރުކާރުގެ ވަކި ފަންޑެކެވެ.

މި މަހުގެ ދެ ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައިރާއްޖޭގެ ގްރޮސް ރިޒާވް ތާރީހުގައި މައްޗަށް ނުދާވަރަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ގްރޮސް ރިޒާވްގައި 1.27 ބިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

18 ބިދޭސީން ބަލައި ފާސްކޮށް 1 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މާލެއިން 18 ބިދޭސީން ބަލައި ފާސްކޮށް އެއް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި މަހުގެ 28 ވަނަ ދުވަހު ގެންދިޔަ އޮޕްރޭޝަންގައި 18 ބީދޭސީން ބަލައި ފާސްކޮށް، އެއް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.