ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމްގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވާ ދިނުމުގެ އިންތިޒާމް ހަމަޖައްސާދޭން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ރާއްޖޭގެ ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި އެދިއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މި އަހަރުގެ ފަސް ވަނަ ބައްދަލުވުމުގައެވެ.
މިއަދު ހަވީރު އެފްއޭއެމްގެ ވަގުތީ އޮފީސް، ގަލޮޅު ދަނޑުގައި ބޭއްވި އެ ބައްދަލުވުމުގައި އޭއެފްސީ އެޝިއަންކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ރަހުމަތްތެރިކަމުގެ ދެ މެޗް ކުޅުމަށާއި، ރާއްޖޭގައި ކޭމްޕްކޮށް ތިބުމުގެ އިންތިާމް ހަމަޖެއްސުމުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މިގޮތުން މި އަހަރުގެ 8-19 ނޮވެމްބަރަށް ރާއްޖޭގައި ތިބުމާއި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމަށާއި، ދެ މެޗަށް ސްޕޮންސަރުން ހޯދުމަށް އެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ނިރުބަވެރި އިސްރާއިލުން ފަަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 63،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ ކުޅިވަރުގެ ދާއިރާގެ 800 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.
ޕީއެފްއޭއާ ހަވާލާދީ މި މަހުގެ ހަތް ވަނަ ދުވަހު އަނަޑޯލް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 22 މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި ޝަހީދުވި 808 އެތުލީޓުންގެ ތެރޭގައި 421 ފުޓުބޯޅަ ކުޅުންތެރިން ހިމެނޭ އިރު، އޭގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
މި ހަމަލާތަކުގައި އެންމެ ފަހުން ޝަހީދުވެފައި ވަނީ ފަލަސްތީނުގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސުލައިމާން އަލް އުބައިދެވެ.
ޣައްޒާގައި މިހާރު ހިނގަމުންދާ ގަތުލުއާންމުގެ ތެރޭގައި ފަލަސްތީނުގެ ކުޅިވަރު ކުޅޭ ތަންތަންވެސް ވަނީ ސުންނާފަތިކޮށްލައިފައެވެ. މިގޮތުން ގިނަ އެތުލީޓުންނާއި ކޯޗުންނާއި ރެފްރީން ޝަހީދުވުމުގެ އިތުުރން، ކުޅިވަރު ކުޅޭ ގިނަ ތަންތަނަށް ބޮން އަޅައި، އަންދާލައި، ނުވަތަ ބޮޑެތި ކައްވަޅުތަކުގެ ގޮތުގައި ބޭނުން ކުރަމުން ދެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ގާތްގަނޑަކަށް 90 ޕަސެންޓް ވަނީ ހަލާކުވެފައެވެ.
ޕީއެފްއޭ އިން ބުނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ސްޓޭޑިއަމްތަކާއި ޖިމްތަކާއި ފުޓްބޯޅަ ކްލަބްތައް ހިމެނޭ ގޮތަށް 288 ކުޅިވަރު ފެސިލިޓީތަކުގެ ބައެއް ނުވަތަ މުޅިން ހަލާކުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ އަސަރު ކުރި ޕީއެފްއޭގެ މައި މަރުކަޒު ވެސް ހިމެނެއެވެ. ހަލާކުވި ފެސިލިޓީތަކުގެ ތެރެއިން 268 ތަނެއް ޣައްޒާގައި ހުރިއިރު، 20 ތަނެއް ހުރީ ހުޅަނގު އައްސޭރީގައި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަނަކީ ސީދާ ފަލަސްތީނުގެ ފުޓްބޯޅައާ ގުޅިފައިވާ ތަންތަން ކަމަށް ބުނެފައި ވެއެވެ.





