މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ދުރު ކަންކަމާ މެދު އަހަރެމެން ހޭލުންތެރިވާން ވެއްޖެ: ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ދުރު ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މިކަމާ މެދު ހޭލުންތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފުރުޞަތެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، ބައެއް ޒުވާނުން ޢަޤީދާއާއި އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް ކަސިޔާރުވަމުންދާކަން ފާހަގަކުރެއްވިއެވެ.

އިސްލާމްދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދަމުންދާކަން ފާހަގަކުރައްވައި، މިކަމުގެ ނޭދެވޭ އަސަރު ތަޢުލީމީ ދާއިރާއަށާއި ޅަދަރިންގެ ތަރުބިއްޔަތަށް ކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

“އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމައަށް ބައްޓަންވެގެން” ކަމަށް ވިދާޅުވެ، ޅަފަތުގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރިންގެ ހިތްތަކުގައި ބިންވަޅުނެގުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މައްޗަށް މުޖުތަމަޢު ބިނާކުރުމުން ލިބޭ މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި ކުރިއެރުމުގެ މިސާލުތައް އުންމަތުގެ މާޒީން ފެންނަން ހުރިކަން ފާހަގަކުރައްވައި، މަދީނާގެ މުޖުތަމަޢު އޭގެ ހެއްކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

“ މުޖުތަމަޢުގައި ފެތުރެމުންދާ މި ފަދަ ދީނާ ދުރު ކަންކަމާ މެދު އަހަރެމެން ހޭލުންތެރިވާން ވެއްޖެއެވެ. ދީނީ ތަޢުލީމަށް އިތުރު މުހިންމުކަމެއް ދޭން ވެއްޖެއެވެ. ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައިއާލާކުރާން ވެއްޖެއެވެ. މުޖުތަމަޢުގެ އެންމެހައި އަފްރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައިކަންކަން މަނާކުރާ ބަޔަކަށް ވާން ވެއްޖެއެވެ. ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުމެވެ.” ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ތަނަކީ މިސްކިތެވެ. އެއީ އެތަނަކުން ޢިލްމާއި ހުނަރު ހޯދައިގެން އެތަކެއް ޢިލްމުވެރީންނާއި މުފައްކިރުން ނެރެދީފައިވާ ތަރުބަވީ މަދަރުސާއެކެވެ. ފިޤުހާއި ޙަދީޘް ޢިލްމު ފަދަ ޝަރުޢީ ޢިލްމުތަކުގެ އިތުރަށް ހިސާބާއި ބޭސްވެރިކަން ފަދަ ދުންޔަވީ ޢިލްމުތައް މި މަދަރުސާއިން އުނގަންނައި ދީފައިވާކަމުގެ ފަޚުރުވެރި ތާރީޚެއް ފެންނާން އެބަ އޮތެވެ. ރަނގަޅު މުޖުތަމަޢެއް ބިނާކުރެވޭނީ މިސްކިތުގެ ދައުރު ފުރިހަމައަށް އަދާކޮށްގެންނެވެ.

ކާބޯތަކެތި ނުލިބި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 240 އިން މައްޗަށް އަރައިފި

ކާބޯތަކެތި ނުލިބި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 240 އަށް އަރައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ އެކަނި ވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާއިން ކުޑަކުއްޖަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. މިއާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 240 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 107 މީހުންނަކީ ކުޑަކުދިންނެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިއްޔެ ފަލަސްތީނުން 41 މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އެހީ ހޯދުމަށް ދިޔަ 16 މީހަކު ހިމެނޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ނިރުބަވެރި އިސްރާއީލުން އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ކުށެއް ނެތް އާންމު ރައްޔިތުންނަށެވެ. ޣައްޒާގެ އެތައް މިތަނަށް ބޮން އެޅުމުގެ އިތުރުން، ނިރުބަވެރިން ދަނީ އެކި ގޮތްގޮތުން ޣައްޒާއަށް އެހީތައް ވަނުން ހުއްޓުވަމުންނެވެ.

އެގޮތުން ދިގު މުއްދަތަކަށް ޣައްޒާއަށް އެހީ ވަނުން ހުއްޓުވާފައި އޮތުމަށްފަހު، ބޮޑެތި ފާޑުކިޔުންތަކާއި ގުޅިގެން ޣައްޒާއަށް މިހާރު އެހީ ވަނަސް، އެ ލިބެނީ މަދު ބަޔަކަށެވެ. އެންމެ އެކަށީގެންވާ މީހުންނަށް އެހީ ނުލިބި، އެތައް ހާސް ބަޔަކު ދިރިއުޅެމުން ދަނީ ވަރަށް ހާލުގައެވެ.

މި ހާލަތުގެ ސަބަބުން ޣައްޒާގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ފަރުވާ ހޯދުމަށް ހޮސްޕިޓަލުތަކަށް ވެސް ދެއެވެ. އަދި ކާނާ ނުލިބި އެތައް ބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ.

ޣައްޒާގައި ހިންގަމުން ގެންދާ ގަތުުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 61،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ފްލެޓަށް ޕޮއިންޓް ދޭ ގޮތުގެ ތަފުސީލް އާންމުކުރަންޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާއިރު، އެމީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް ވެސް އާންމުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔަވާހިކަމުގެ ބިލުގައި މިހާރު ހިމަނާފައި ކަންކަމުގެ އިތުރުން، އެ ބިލުގައި ހިމަނަން އިތުރު އިސްލާހެއް ހުށަހަޅައިފަ އެވެ.

ކުޑޫ ހުށަހެޅުއްވީ ބޯހިޔާވަހިކަމުގެ ބިލުގެ 51 ވަނަ މާއްދާ ނުވަތަ ސޯޝަލް ހައުސިން ޕްރޮގްރާމަށް ކުރިމަތިލާ މީހުންގެ ލިސްޓު އާންމުކުރުމާ ބެހޭ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ.

އޭނާ ހުށަހެޅުއްވީ ގާނޫނުގައިވާ ގޮތުގެ މަތިން ސޯޝަލް ހައުސިން ޕްރޮގްރާމަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް ހައުސިން މިނިސްޓްރީން އާންމުކުރަން ޖެހޭ ގޮތަށް ހެދުމަށެވެ.

އެ ލިސްޓުގައި ހިމެނެން ޖެހޭ ބައިތަކަކީ؛

  • ފުރިހަމަ ނަން
  • ދާއިމީ އެޑްރެސް
  • ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާނަމަ އޭގެ ސަބަބު
  • ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް

ސަރުކާރުން މިހާރު އާންމުކުރާ، ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ޝަރުތު ހަމަނުވާ ސަބަބުން ބަޔާންކޮށްފައި ހުރެ އެވެ. އެކަމަކު، ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް އާންމެއް ނުކުރެ އެވެ. ހަމައެކަނި އާންމުކުރަނީ ޕޮއިންޓް ލިބިފައިވާ އަދަދެވެ.

ބޯހިޔާވަހިކަމުގެ ބިލުގައި މި މާއްދާ ހިމަނަން ހުށަހެޅި އިރު، އެމްޑީޕީގެ އެންމެފަހުގެ ސަރުކާރުގެ “ގެދޮރުވެރިޔާ ސްކީމް”ގެ ދަށުން ހުޅުމާލެ 2 އިން ދޭ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދިން ގޮތުގެ ތަފުސީލް އާންމުނުކޮށްގެން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. ހައްގު މިންވަރަށް ވުރެ މަދުން ޕޮއިންޓު ލިބުނު ކަމަށާއި ޝަރުތު ހަމަވެގެން ނުވާނެ ބަޔަކަށް ފްލެޓު ލިބުނު ކަމުގެ ޝަކުވާއެކު ގިނަ ބަޔަކު ހައުސިން މިނިސްޓްރީއަށް ގޮސް އިހުތިޖާޖު ވެސް ކުރިއެވެ.

ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާކަން، މި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލައާ ގުޅިގެން އޭސީސީން ކުރި ތަހުގީގުން ވެސް ހާމަވިއެވެ.

ރައީސް މައުމޫން: ޔާމީންގެ ވާހަކަފުޅުތައް ދޮގު، ޤާނޫނީ ފިޔަވަޅު އަޅަން ވިސްނަވަނީ

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ނެރުއްވި ނޫސްބަޔާނެއްގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ. ރައީސް ޔާމީން ދެއްކެވި މި ވާހަކަތަކާއި ގުޅިގެން ޤާނޫނީ ފިޔަވަޅުތައް އެޅުމާމެދު ރައީސް މައުމޫން ވިސްނަވަމުން ގެންދަވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީން 2025 އޮގަސްޓް 13 ވަނަ ދުވަހު އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތަކަކީ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ހައްޔަރުކުރަން ޖެހުނު ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކެވެ. މި ވާހަކަތަކާ ގުޅިގެން ރައީސް މައުމޫންގެ ނޫސްބަޔާނުގައި ވަނީ، އެއީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އަދި އެއީ ރައީސް މައުމޫންގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ކޯޓުން ނެރުއްވި ކޯޓު އަމުރަކީ ރައީސް މައުމޫނާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ނެރުމުގެ ގޮތުން ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ޙަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދުވަހަކުވެސް ކުރައްވާފައެއް ނުވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ގައިވެސް އަދި އޭގެ ކުރިންކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ މަގާމަކާއި ޙަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްވެދް އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމަޢުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

ނޫސްބަޔާނުގައި ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޔަޤީންކަން އަރުވަމުން ރައީސް މައުމޫން ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އެއްވެސް ޢަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ތެދުވެރިވާށެވެ!

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ތެދުވެރިކަމަކީ ވަރަށް މާތް ސިފައެކެވެ. އަދި އެއީ އޭގެ ސަބަބުން އެމީހެއްގެ ޢަމަލުތައް އިޞްލާޙުވެގެންދާ ކަމެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا» [رواه مسلم 105 – (2607)]

މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއް ކަމުގައި ލިޔެވެންދެން ތެދުބުނުމާ އަދި ތެދުވެރިކަން މަތީގައި އަޅާ ދެމިހުރެއެވެ. ދޮގުހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައި ކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަން މަތީގައި އަޅާ ދެމިހުރެއެވެ.”

ތެދުވެރިކަމުގެ އިދިކޮޅު ސިފައަކީ ދޮވެރިކަމެވެ. ފަހެ ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ، ވަރަށް ނުބައި ކަމެކެވެ. އަދި އެއީ މުނާފިޤުންގެ ޢަލާމާތެކެވެ. ދޮގު ހަދާ މީހާ އެ އަރައިގަންނަނީ ބޮޑު ފާފައަކަށެވެ .

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«آيَةُ المُنَافِقِ ثَلاَثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ» [ رواه البخاري (33) ومسلم 107 – (59)]

މާނައީ: “މުނާފިޤުންގެ ތިން ޢަލާމަތެއްވެއެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ ޚިލާފުވާނެއެވެ. އަދި އަމާނަތެއް ހަވާލުކޮށްފިނަމަ ޚިޔާނާތްތެރިވާނެއެވެ.”

ނަބިއްޔާ صلى الله عليه وسلم އަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ އޮށޯވެގެން އޮތް މީހެއްގެ ކައިރީ ކޮޅަށް ހުރި މީހަކު ދަގަނޑު ބުޅިއަކުން އެ އޮށޯވެ އޮތް މީހާގެ ކޮލުން ފެށިގެން ފުއްކިބައާ ހަމައަށް، ނޭފަތުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ލޮލުން ފެށިގެން ފުއްކިބައާ ހަމައަށް އިރާލަމުންދާ މަންޒަރެވެ. އަދި އެއަށްފަހު މޫނުގެ އަނެއް ފަޅިއަށްވެސް ހަމަ އެފަދައިން ހަދަމުންދާ މަންޒަރެވެ. އަދި އެކަމާ ބެހޭގޮތުން ޖިބްރީލާއި މީކާއީލު عليهما السلام އަށް ސުވާލު ދެންނެވުމުން، ޖަވާބުގައި އެބޭކަލުން ވިދާޅުވިއެވެ.

«وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ، يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ، فَيَكْذِبُ الكَذْبَةَ تَبْلُغُ الآفَاقَ»

މާނައީ: “އެމީހެއްގެ ކޮލުން ފެށިގެން ފުއްކިބައާ ހަމައަށް، ނޭފަތުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ލޮލުން ފެށިގެން ފުއްކިބައާ ހަމައަށް އިރާލެވެމުން ދިޔަ މީހާއާމެދު ދަންނައެވެ. އޭނާއަކީ (ކޮންމެ ދުވަހަކުވެސް) ގެއިން ނުކުމެގެން ގޮސް، އުދަރެހާ ހަމައަށް ފޯރާވަރަށް ދޮގުހަދާ މީހާއެވެ.” [رواه البخاري (1386)(7047) وانظر: الفتح (12 / 441)]

ބައެއް މީހުން ދޮގުހެދުމަށް އާދަވެފައިވާ މިންވަރުން އެއްވެސް ފައިދާއެއް ނުވާ ކަންކަމުގައިވެސް ދޮގު ހަދާކަން ފާހަގަވެއެވެ.

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

“އެތެރެފުށާއި ބޭރުފުށުގެ ކޮންމެ ފާސިދު ޢަމަލެއްގެ އަސްލަކީ ދޮގުވެރިކަމެވެ. ދޮގުވެރިއާއަށް ﷲ ގެ ޙަޟްރަތުން އޮތް ޢުޤޫބާތަކީ އޭނާ ކުރިއަރައިގެން ނުދިޔުމާ އަދި އޭނާއަށް މަޞްލަޙަތު ހުރިކަންކަމާއި މަންފާތަކުން އެއްކިބާވުމެވެ. އެއާ ޚިލާފަށް ތެދުވެރިންނަށް، އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި މަޞްލަޙަތުހުރި ކަންކަންކުރުމުގެ ތައުފީޤު އެއިލާހު ދެއްވައެވެ. ދުނިޔެއާއި އާޚިރަތުގެ މަޞްލަޙަތުތައް ގެނުވައި ދިނުމުގައި ތެދުވެރިކަން ފަދަ ސިފައެއް ނުވެއެވެ. އަދި ފަސާދަތަކާއި ގެއްލުންތައް ގެނުވުމުގައި ދޮގުވެރިކަން ފަދަ ސިފައެއް ނުވެއެވެ.”[الفوائد لابن القيم (ص: 136)]

ދުޢާއަކީ ﷲ ތަޢާލާ އަޅަމެންނީ ތެދުވެރިންކަމުގައި ލެއްވުމެވެ. އަދި ދޮގުހެދުމުގެ ނުބައި ފާފައިން ރައްކާތެރިކޮށްދެއްވުމެވެ. އާމީން!

ލާމަރުކަޒީ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީގުކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފަ އެވެ. ބިލުގައިވާ އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެ އެވެ.

އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ.

ސަރުކާރުން ގެނައި މި އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ވެސް ދެކޮޅެވެ. އަދި އެ އިސްލާހުތަކުގެ މަގުސަދަކީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުންކަމަށް ތުހުމަތު ކޮށް އެމްޑީޕީން ވަނީ މި އިސްލާހު ތަސްދީގު ނުކުރުމަށް ގޮވައިލައިފަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ރޭ ވިދާޅުވީ ލާމަރުކަޒީ ނިޒާމު”އަލިފުން ޔާއަށް” އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ނިޒާމެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގައިގަތުމުގެ ކުރިން މާލޭ މޭޔަރަކަށް ހުންނެވިއިރު، މާލޭގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް ލޭބަލް ކުރަމުންދާ ކަމަށާއި އެކަން އޮތީ އެހެން ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.

މިކަމުގައި ކޮބައިތޯ ރައްޔިތުން ބާރުވެރިކުރުވުން ނޫން ކަމެއް ޗެކް އެންޑް ބެލެންސް ގާއިމްކުރުން ނޫން ކަމެއް ގުޑް ގަވަނަންސް ނޫން ކަމެއް އަމިއްލަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތއް ހިމާޔަތްކުރުން ނޫން ކަމެއް އަޅުގަނޑުމެން މި އިސްލާހުތަކުގެ ތެރެއިން ގެނެސްފައި؟ ނެތް،” ރައީސް ވިދާޅުވި އެވެ.

މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކުއެވެ.

ބިލުގައި ކައުންސިލަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ފުޅާ ފުރުސަތު ވަނީ އިސްލާހުގައި ހަނިކޮށްފަ އެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެ މަސައްކަތަކީ އެލްޖީއޭން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
  • އެއީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
  • އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން

ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި އިސްލާޙަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން އޮގަސްޓު މަސްތެރޭގައި ފަށަނީ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފްކޯއިން މި އޮގަސްޓު މަހުގެ ތެރޭގައި ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ވަނީ ހާމަކޮށްފައެވެ. މިކަމަށްފަހު ފުވައްމުލަކުން ދާއިމީކޮށް މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނީގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީގެ ކައުންސިލާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަރުހަތު ވިދާޅުވީ، ފުވައްމުލައް ސިޓީގައި މިފްކޯއިން ޤާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ، އެތަން އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަރުކަޒު ނިމުމުން، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ފަރުހަތު ވަނީ ދެއްވާފައެވެ.

މަސްވެރިކަމުގެ ސިނާޢަތަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުމުން މަހަށް ލިބެންޖެހޭ ހަމަ އަގު ނުލިބުމެވެ. މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، މަހަށް އަގުއެއްކޮށްގެން ބޭރުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ތިން ކާރުހާނާއެއް ތަރައްގީކުރުމަށް ނިންމާ، އެތަންތަނުގެ ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. މި އަހަރު ނިމުމުގެ ކުރިން އެތަންތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

ހުޅުމާލޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށްޓަކައި، “މަދިރިން ރައްކާ” ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަސައްކަތް ކުރިއަށްގެންދަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައެވެ.

އެޗްޑީސީން ބުނީ މި ކެމްޕެއިނުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުން ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 05:00 އަދި ހަވީރު 05:30 ގައި ކަމަށެވެ.

“މަދިރިން ރައްކާ” ކެމްޕެއިނަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރުވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮ ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.

ފާއިތުވި އަހަރުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް ”މަދިރިން ރައްކާ“ ކެމްޕެއިންގެ ދަށުން ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް އަނބުރާދީފި

މާލެއިން މިއަދު ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިގޮތުން، ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް މިހާރު ކަރަންޓް ލިބެމުންދާކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ހުޅުމާލޭގެ ވެސް މަދު ސަރަހައްދަކަށް ފިޔަވައި ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެހެންކަމުން، ދެ ރަށުގެ ގިނަ ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް މިހާރު ވަނީ އާދައިގެ ހާލަތަކަށް އައިސްފައެވެ.

މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑިފައި ވަނީ ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ.

މާލޭގެ 34 އިންސައްތަ ކަސްޓަމަރުންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އިސްރާއީލުން ޣައްޒާގެ ސިއްހީ ހިދުމަތްތެރިންނަށް ހަމަލާ އަމަޒު ކުރާތީ ފިޔަވަޅު އަޅަން ގޮވާލައިފި

ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންނަށް އަމާޒު ކޮށްގެން ހަމަލާދޭކަން ހާމަކޮށްފައިވާ ސިޓީއެއްގައި ސޮއިކޮށް، އެމީހުން ރައްކާތެރިކޮށް، ޣައްޒާގައި ފުނޑުފުނޑުވެފައިވާ ސިއްހީ ނިޒާމު އަލުން ބިނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މުޅި ދުނިޔެއަށް އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިލްތިމާސްކޮށްފައި ވަނީ ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ވޮލަންޓިއާކޮށް މަސައްކަތްކުރި 100 އަށް ވުރެ ގިނަ ބައިނަލްއަގްވާމީ ޑޮކްޓަރުންނާއި ނަރުހުންނެވެ.

އިނގިރޭސިވިލާތުގެ އިމަޖެންސީ ފިޒިޝަން ޖޭމްސް ސްމިތު ހިމެނޭ ގޮތަށް މެޑިކަލް ޕްރޮފެޝަނަލުންގެ ގްރޫޕަކުން ތައްޔާރުކޮށްފައިވާ މި ސިޓީގައި ބުނެފައި ވަނީ މެއި މަހުގެ ނިޔަލަށް ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންގެ ތެރޭ ހިމެނޭ 1،500 އަށް ވުރެ ގިނަ މީހުން އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެތައް ހިދުމަތްތެރިންނެއް ރަހީނުކޮށް، ބަންދުކޮށް، އެ މީހުންނަށް ނިރުބަވެރިން އަނިޔާކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ހުއްޓުމެއް ނެތި ހަމަލާދެމުން އަންނަ ކަމަސް ވެސް އެ ސިޓީގައި ވެއެވެ.

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުންނާއި ނިރުބަވެރިންގެ ފުރަބަންދުގެ ސަބަބުން ކުރިމަތިވި ބޮޑެތި ދަތިތަކުގެ ސަބަބުން އެނެސްތެޝިއާ ނުލައި ސާޖަރީތައް ކުރާ ކަމަށާއި، އެންޓިބަޔޮޓިކްސް ނުލައި އިންފެކްޝަންތަކަށް ފަރުވާ ދޭން މަޖުބޫރު ވެފައިވާ ކަމަށް އެ ސިއްހީ ހިދުމަތްތެރިން ފާހަގަކޮށްފައިވެއެވެ.

މެޑިކަލް ފެސިލިޓީތަކަށާއި އެމްބިއުލާންސްތަކަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި ބަންދުކޮށްފައިވާ ސިއްހީ ހިދުމަތްތެރިން ދޫކޮށްލައި، ފުރަބަންދު ނިމުމަކަށް ގެނެސް، ފުރިހަމަ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަދީ، ދާއިމީ ހަނގުރާމަ ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

“މިއީ ކުރިމަތިވެފައިވާ މުސީބާތެއް ނޫން. މިއީ ފުރާނަ ސަލާމަތްކުރާ މީހުންނަށް ގަސްތުގައި ދޭ ހަމަލާއެއް،”. އެ ސިޓީގައިވެއެވެ.

ސަމާލު: ޑެންގީ އާއި ބޭރަށް ހިންގުން ރިޕޯޓްކުރާ މިންވަރު އިތުރުވެއްޖެ

ޖޫން މަހާ އަޅައިބަލާއިރު ނިމިދިޔަ ޖުލައި މަހު، އަރިދަފުސް ރޯގާގެ ކޭސްތައް ދަށްވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖޫން މަހުގެ ތެރޭގައި ޑެންގީ ހުމުގެ 168 ކޭހެއް ރިޕޯޓުކުރި އެވެ. އަދި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ހުރީ 188ގަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މަދު އަދެދެކެވެ.

އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 33،156 ކޭސް ރިޕޯޓުކުރި ކަމަށެވެ. ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ޖޫން މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 3،946 ކޭސް ރިޕޯޓުކުރިއިރު ޖުލައި މަހު 5،528 ކޭސް ރިޕޯޓްކުރި އެވެ.

އެ އެޖެންސީން އިތުރަށް ބުނީ މިދިޔަ މަހު ޑެންގީ ހުން އެންމެ ގިނައީ އއ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ކ. އަތޮޅުގައި ކަމަށެވެ. އަދި ވައިރަލް ހުން އެންމެ ގިނައީ އއ. އަތޮޅާއި ކ. އަތޮޅާއި ލ. އަތޮޅުގަ އެވެ. ބޭރަށް ހިންގުމުގެ ބަލި އެންމެ ގިނައީ މާލެ އާއި ފ. އަތޮޅުގަ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ޓަކައި ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި ފާހާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ހަނދާންކޮށްދެ އެވެ.

މީގެ އިތުރުން، ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނު ޕެކެޓު (އޯއާރްއެސް)އާއި ފެނާއި ސޫޕާއި ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށް ސިއްހީ އިދާރާތުން ލަފާދެ އެވެ.

ޑެންގީ ހުމުން ރައްކާތެރިވާން ކުރެވިދާނެ ކަންކަން:

  • ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން.
  • މަދިރި އެންމެ ގިނަވާ ވަގުތު [ފަތިސް/ ހަވީރު/ އިރުއޮއްސޭ ގަޑި] ގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
  • ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން.