އިބޯލާ ވައިރަސް ރާއްޖޭގައި ޖެހިފައި ހުރި މީހަކު ހުރިތޯ ބަލައި، ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އިބޯލާ ވައިރަސް ފެތުރުމުގެ ސަބަބުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި ޔުގަންޑާގައި އުފެދިފައިވާ ނުރައްކާތެރި ހާލަތާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވަނީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް މިއަދު އިއުލާނުކޮށްފައެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ ބަލީގެ މީހަކު ރާއްޖޭގައި ހުރިތޯ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ 1976 ވަނަ އަހަރު މި ވައިރަސް ފުރަތަމަ ފެނުނު ފަހުން ކޮންގޯގައި ރިޕޯޓުކުރެވުނު 17 ވަނަ އިބޯލާ އައުޓްބްރޭކެވެ. މިހާރު މި ބަލި ވަނީ ކޮންގޯއިން ބޯޑަރު ހުރަސްކޮށް ޔުގަންޑާއަށް ފެތުރި، އެ ގައުމުގެ ވެރިރަށް ކަމްޕާލާއިންވެސް ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.
ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި، އިބޯލާގެ “ބުންޑިބުގްޔޯ” ސްޓްރެއިންގެ ސަބަބުން ފެތުރޭ މި ރޯގާއަކީ ބައިނަލްއަގުވާމީ ކަންބޮޑުވުން އޮތް “ޕަބްލިކް ހެލްތު އެމަޖެންސީ” އެކެވެ. މިއީ ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ ދަށުން ނެރޭ ދެވަނައަށް އެންމެ މަތީ އެލާޓެވެ. ނަމަވެސް، 2024 ވަނަ އަހަރު ތައާރަފުކުރި އެންމެ މަތީ އެލާޓް ލެވެލް ކަމަށްވާ “ޕެންޑެމިކް އެމަޖެންސީ” (އާލަމީ ބަލިމަޑުކަމުގެ ކުއްލި ހާލަތު) އިއުލާނު ކުރުމާ ހަމައަކަށް އަދި ނުދެއެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޑަބްލިޔުއެޗްއޯ އިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށް ގޮވާލައިފައެވެ. މިގޮތުން، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުން ވަގުތުން އެކަހެރިކުރުމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ހަލުވިކުރުމަށް ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް، ޑަބްލިޔުއެޗްއޯ އިން ވަނީ ބިރުވެރިކަމުގެ ތެރޭގައި ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ވިޔަފާރިއާއި ދަތުރުފަތުރު ހުއްޓުވުމަކީ ރަނގަޅު ފިޔަވަޅެއް ނޫން ކަމަށް ބުނެފައެވެ.
މި ފަހަރުގެ އައުޓްބްރޭކްގައި ފެތުރެމުންދާ ބުންޑިބޫގިޔޯ ވައިރަހަކީ ކުރިން ފެނިފައިވާ ވައިރަސްތަކާ ހިލާފަށް، މިހާތަނަށް އެކަށީގެންވާ ވެކްސިނެއް ފާސްކުރެވިފައި ނުވާ ވައިރަހެކެވެ. މި ވައިރަސް ފެތުރެނީ ޖިސްމާނީ ދިޔަތަކުގެ ޒަރީއާއިން ކަމަށް ވާތީ، ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ އިލްތިމާސްކޮށްފައެެވެ.

