އަށްވަނަ ބުރުގައި ނެގި ވޯޓުން މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކަށް ޒައީމާ

އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައިސަކު ހޮވަން އާ ކައުންސިލަރުންގެ މެމްބަރުންގެ މެދުގައި އަށް ވަނަ ފަހަރަށް ބޭއްވި ވޯޓުގައި، އެ ރަށު ކައުންސިލުގެ ނައިބަކަށް އެމްޑީޕީގެ މެމްބަރު ޒައީމާ މުހައްމަދު ހޮވިއްޖެއެވެ.

ކައުންސިލްތަކުގެ އާ ދައުރަށް އިންތިހާބުކުރި ކައުންސިލަރުން ހުވާކުރީ އާދިއްތަ ދުވަހުއެވެ. ގާނޫނުގައިވާ ގޮތުން މެންބަރުން އިންތިހާބުވުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ކައުންސިލަށް ނައިބަކު ހޮވަން ޖެހެއެވެ. ކައުންސިލްގެ މަސައްކަތްތައް ފެށޭނީ ނައިބު ރައީސް ހޮވުމަށްފަހުއެވެ.

ނަމަވެސް އިއްޔެ ނެގި ވޯޓުތަކުން ނަތީޖާ އެއްވަރުވެ، އެ ކައުންސިލްގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ.

މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަަމަށް ތިން ބޭފުޅަކު ވާދަ ކުރެއްވިއެވެ. އެއީ އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދާއި ޕީއެންސީގެ މެމްބަރު މުހައްމަދު މައުމޫން އަދި އަމިއްލަ މެމްބަރު ބުންޏާމީން ހަސަންއެވެ.

އެގޮތުން ނައިބު ރައީސް ހޮވުމަށް ފުރަތަމަ ނެގި ވޯޓުގައި ޒައީމާ މުހައްމަދަށް ދެ ވޯޓު އަދި މުހައްމަދު މައުމޫނަށް ވެސް ދެ ވޯޓު އަދި ބުންޏާމީން ހަސަން އަށް ލިބުނީ އެއް ވޯޓެވެ. ވޯޓު އެއްވަރު ވުމުން، އިތުރަށް ނެގި ހަ ފަހަރު ވެސް ވަނީ ވޯޓު އެއްވަރުވެފައެވެ.

އެގޮތުން ޒައީމާއަށް ދެ ވޯޓު އަދި މައުމޫނަށް ދެ ވޯޓު ލިބިވަޑައިގެންނެވި އިރު، ނަތީޖާ ނުނެރެވުނީ ބާތިލު އެއް ވޯޓުގެ ސަބަބުންނެވެ.

އެންމެ ފަހުން ރޭ ނެގި ވޯޓުގައި އެ ރަށު ކައުންސިލަށް ވަނީ ނައިބު ރައީސަކު ހޮވައިފައެވެ.

އެގޮތުން ރޭ ނެގި ވޯޓުގައި ޒައީމާ އަށް ލިބުނީ ތިން ވޯޓެވެ. އަދި މައުމޫނަށް ލިބުނީ ދެ ވޯޓެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމުގެ ލައިސަންސް ދީފި

މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގް ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއްކަމަށް އެ ބޭންކުން ބުނެއެވެ.

މިއީ އެމްއޭސީއެލްގެ ޗެއާމަން, އައިޝާ ނޫރައިން ޖަނާހު އިސްވެ ހުންނަވައި ހިންގަވަން މަސައްކަތް ކުރައްވާ ބޭންކެކެވެ.

އެމްއެމްއޭއިން ބުނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުމަކީ އެ އޮތޯރިޓީގެ މައިގަނޑު އެއް މަޤްޞަދު ކަމަށެވެ.

“މޯލްޑިފްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑްއަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި, ބޭންކިން ސިޔާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭރެ މަގު ތަނަވަސްކޮށްދިނުމަށް މިއޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.” އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

މި ބޭންކަށް 2025 ވަނަ އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ ‘ޓިއާ 1’ ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ.

އެ ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން، މިހާރު ވަނީ ރާއްޖޭގައި ކޮމާޝަލް ބޭންކިންގް ވިޔަފާރިކުރުމުގެ ދާއިމީ ލައިސަންސާއި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދީފައެވެ.

ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު، އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުންދަނިކޮށް ނައިބް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޔަޒްމީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އަޑު ކަމަށް ބުނާ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖޭއެސްސީން ވަނީ ޔަޒްމީދު އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމަށް އިންތިޚާބު ކުރެވުނީ މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައީ ކުރިން އެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔަޒްމީދު ޖޭއެސްސީގެ މެންބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވީ 23 ފެބްރުއަރީ 2025 ގައެވެ.

ޔަޒްމީދުގެ ސުލޫކީ މައްސަލަ ބަލަން ފެށީ މައިގަނޑު ދެ ތުހުމަތަކާ ގުޅިގެންނެވެ. ފުރަތަމަ ތުހުމަތަކީ ޖިނާއީ މައްސަލައެއްގެ ނަތީޖާއަށް ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެވެ. ދެވަނަ ތުހުމަތަކީ ލީކުވި އޯޑިއޯތަކުގައި، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ގޮވާލުމާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުގޮސް ސަލާމަތް ކުރެވިދާނެ ކަމަށް ބުނެފައިވާ މައްސަލައެވެ.

ޔަޒްމީދަކީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަންވެސް އޭނާ ކުރެއްވިއެވެ. ވިލިނގިލީ ދާއިރާގައި ޕީއެންސީގެ ތާއީދު ވަރުގަދަ ކުރުމުގައި އިސްކޮށް އުޅުއްވާ ޔަޒްމީދު ޖޭއެސްސީއަށް އައްޔަންކުރުމުން، އޭނާގެ ސިޔާސީ ފަސްމަގުގެ ސަބަބުން އޭރުވެސް ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ގާނޫނީ ޒިންމާ އޮތް މުއައްސަސާގެ އިސްވެރިއަކު، ޖިނާއީ މައްސަލަތަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތު ކުރެވުމަކީ ޖޭއެސްސީގެ މިނިވަންކަމާ މެދު ސުވާލު އުފެދުނު ކަމެކެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުންދިޔަ ދަނޑިވަޅެއްގައި އޭނާ މަގާމަށް އައްޔަން ކުރުމުންވެސް ސުއާލު އުފެދުނެވެ.

މި ތުހުމަތުތަކާ ގުޅިގެން ނުވަތަ މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން ޔަޒްމީދު މުހައްމަދު މިހާތަނަށް އާންމުކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި އަހަރު ނިމުމުގެ ކުރިން މަޖިލިސް މެދުވެރިކޮށް މުއިއްޒުގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

މިހާރު އޮތް ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ސޯބެގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ޕާޓީ ބަދަލުކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދާނެ ކަމަށްވެސް އެމަނިކުފާނު ލަފާކުރެއްވިއެވެ.

“މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރު ބަދަލުކުރަން ޖެހޭ. ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ މަޖިލީހުގެ އަޣުލަބިއްޔަތު، ސުޕަ މެޖޯރިޓީ، އިތުބާރު ނެތްކަމުގެ ވޯޓުގެ ތިންބައިކުޅަ ދެބައި އަޅުގަނޑުމެން ހޯދާނަން. ރައީސް ޔާމީން ވެސް ހުންނެވީ މިކަން ކުރަން ވަރަށް ތައްޔާރަށް. އަދި އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ޕީއެންސީގެ ގިނަ މެންބަރުންތަކެއް ފްލޯ ކްރޮސް ކުރާނެކަން،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރުމަށް މިމަހު ކުރީކޮޅު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަކީ ރައީސް މުއިއްޒު ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް ނެގޭ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ. މި ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ ނުދައްކައިގެން ސުޕްރީމް ކޯޓުން އޭނާގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 76 ގޮނޑި މިވަގުތު ޕީއެންސީން ކޮންޓްރޯލް ކުރަމުންދާއިރު، ނަޝީދު ވިދާޅުވާ ފަދަ ބޮޑު ބަދަލެއް އައުމަކީ ސިޔާސީ ގޮތުން ނާދިރު ކަމެއްގެ ގޮތުގައި ބެލެވެއެވެ. ޚާއްސަކޮށް ފްލޯ ކްރޮސިންއާ ދެކޮޅަށް ހުރި ގާނޫނީ ހުރަސްތަކުގެ ސަބަބުން މިފަދަ ބަދަލެއް ގެނައުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ.

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ

މިދިޔަ ޖެނުއަރީ މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީން ބުނީ އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.

އެގޮތުން އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުން ކަމަށާއި ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް ވެސް ޑީޕީއީން ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނުގައި 267 ސެންޓަރަކުން 8،218 ދަރިވަރުން ބައިވެރިވިއެވެ. އެއީ ރަށްރަށުގެ 246 ސެންޓަރަކާއި މާލޭގެ 21 ސެންޓަރެއްގައެވެ.

މި އަހަރު ގްރޭޑު ދިހައެއް ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ފަށާނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

އަހަރެމެން ދިވެހިންގެ ތެރޭގައި ކޮފީ ބޯ މީހުން ގިނައެވެ. ދުވަހުގެ ފެށުމަކީ ކޮފީއަކަށް ނުވެއްޖެނަމަ މުޅި ދުވަސް “ހަރާބުވާ” މީހުން ގިނަވެއްޖެއެވެ. ވާހަކައެއް ދައްކާލަން ވިޔަސް ނުވަތަ ރައްޓެހިންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ވިޔަސް ގުޅާނީ ކޮފީއަކަށް ދާށެވެ. ވަޒީފާގެ މާހައުލުގައި ވެސް ކޮފީ ބްރޭކަކާއި ނުލާ ފުރިހަމަ އަށް މަސައްކަތެއް ނުކުރެވެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ކޮފީ ބުއިމަކީ ހަށިގަނޑަށް އޭގެއިން ކޮން ކަހަލަ އަސަރެއް ކުރާ ކަމެއްތޯ އެވެ. ކޮފީ ބޯ މީހުންނަށް އޮތީ އުފާވެރި ހަބަރެކެވެ. އެއީ ކޮފީ ބުއިމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ކޮފީ ބުއިމުން ތަފާތު ބަލިތަކުން މީހާ ދުރުކޮށްދޭކަން ދިރާސާތަކުން ދައްކާފައި އެބަހުއްޓެވެ. ކޮފީ ބުއިމަކީ ހަމައެކަނި ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އުޅޭ މީހުންގެ ދުވަހުގެ ފެށުމަކީ ކޮފީއެވެ.

އެގޮތުން ނޭޝަނަލް ކޮފީ އެސޯސިއޭޝަނުން 2023 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާގެ 63 އިންސައްތަ މީހުން ކޮންމެ ދުވަހަކު ކޮފީ ބޮއެވެ. އެއީ ފެން ފިޔަވައި އެހެން ހުރިހާ ބުއިމަކަށްވުރެ އިތުރު އަދަދެކެވެ. މީގެއިތުރުން ކޮފީ ވަނީ ޔޫކޭގެ އެންމެ މަގުބޫލު ބުއިމުގެ ގޮތުގައިވެސް ފާހަގަވެފައެވެ. ބްރިޓިޝް ކޮފީ އެސޯސިއޭޝަންގެ މައުލޫމާތު ދައްކާ ގޮތުގައި ޔޫކޭގައި ދުވާލަކު ގާތްގަނޑަކަށް 98 މިލިއަން ތަށި ކޮފީ ބޮއެވެ.

ކޮފީ ބުއިމަކީ ކެންސަރު ޖެހުމާއި މީހާ ދުރުކޮށްދޭ ކަމެއް

ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް ބައެއް ކަހަލަ ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑައެވެ. ކެންސަރަކީ ހަށިގަނޑުގެ ސެލްތައް ކޮންޓްރޯލް ކުރެވޭ މިންވަރަށްވުރެ ގިނައިން އުފެދުމުން ޖެހޭ ބައްޔެކެވެ.

މިއީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވުމަށް ދިމާވާ ބައްޔަށް ވާއިރު، ކޮފީ އަކީ ލިވާ ކެންސަރު އަދި ކޮލޮރެކްޓަކް ކެންސަރުން ދިފާއުކޮށްދޭ އެއްޗެކެވެ. ކޮފީ ބޯ މީހުންނަށް ލިވާ ކެންސަރު ޖެހުމުގެ ފުރުސަތު 40 އިނަސައްތަ ކުޑަ ކަމަށް އެމެރިކާގެ ދިރާސާއަކުން ވަނީ ހާމަވެފައެވެ.

ކޮފީ ބުއިމަކީ ކެންސަރުގެ އިތުރުން އެހެނިހެން ބަލި ތަކުންވެސް މީހާ ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ޓައިޕް ޓޫ ޑައިބެޓިކްގެ އިތުރުން ހިތުގެ ބަލިތަކުންވެސް ކޮފީ ބުއިމުގެ ސަބަބުން މީހާ ދުރުކޮށްދެއެވެ. ހާއްސަކޮށް ސްޓްރޯކް ޖެހުމުން މީހާ ރައްކާތެރިކޮށްދެއެވެ. ޓައިފް ޓޫ ޑައިބެޓިކްސް އަކީ އިންސުލިން ރެސިސްޓެންސް ނުވަތަ އިންސުލިން އުފައްދައި ނުދެވުމުގެ ސަބަބުން ހަކުރު މައްޗަށް ގޮސް ޖެހޭ ބައްޔެކެވެ.

މީގެއިތުރުން ކޮފީ ބުއިމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށްވެސް ދިރާސާތަކުން ހާމަވެފައި އެބަހުއްޓެވެ. ކޮފީގައި ހުންނަ ބައެއް މުހިންމު ނިއުޓްރިއެންޓްތަކުގެ ތެރޭގައި ރައިބޯފްލޭވިން، ޕެންޓޯތެނިކް އެސިޑް، މެންގަނީސް، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ނައެސިން ހިމެނެއެވެ. މި ނިއުޓްރިއެންޓުތަކަކީ ހަށިގަނޑަށް ފައިދާ ހުރި މާއްދާތަކެކެވެ.

ނަމަވެސް މި ފައިދާތައް ގުޅިފައިވަނީ ކޮފީ ބޯ މިންވަރާއެވެ. އެހެންކަމުން މި ފައިދާތައް އެންމެ އެދެވޭ ގޮތުގައި ހާސިލުކުރުމަށް ދުވާލެއްގެ މައްޗަށް ބޯން ޖެހެނީ ކިތައް ތަށި ކޮފީ ހެއްޔެވެ؟ މިއީ ކޮންމެ މީހަކުވެސް ދެނެގަތުން މުހިންމު ކަމެކެވެ.

ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ 3 ނުވަތަ 4 ތަށި ކޮފީ

ޔޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސްއިން ލަފާދެނީ ދުވާލަކު 400 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ނުބުއިމަށެވެ. އެއީ ގާތްގަނޑަކަށް 3-4 ތަށި ކޮފީއެވެ.

ކެފެއިންގެ އަސަރު ފެށެނީ ކޮފީ ބުއިމަށްފަހު ގާތްގަނޑަކަށް 45 މިނެޓާއި 1 ގަޑިއިރާ ދޭތެރޭގައެވެ. އަދި އޭގެ އަސަރު ދެމިގެންދަނީ 3 ގަޑިއިރާއި 5 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.

އެހެން މަސްމަހާ ހިލާފަށް ރޯދަ މަހަކީ ކެއުމާއި ބުއިމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. ކޮފީ ބޯ ފަރާތްތަކަށް ރޯދަ މަހު ހާއްސަކޮށް މިއީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ރޯދަ މަހު ކޮފީ ބޯން އެންމެ ރަނގަޅު ވަގުތަކީ ކޮބައި ކަން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. ނޫންނަމަ ގޭސްޓްރިކް ފަދަ މައްސަލަތަކާއި ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ނިއުޓްރިޝަނިސްޓް ޑރ. ރިޓާ ރަމަޔުލިސް އިރުޝާދުދޭ ގޮތުގައި ކޮފީ ބޯ މީހުން ރޯދަ މަހު ކޮފީ ބޯން އެންމެ ރަނގަޅު ވަގުތަކީ ހާރު ކެއުމުގެ ދެ ތިން ގަޑިއިރު ކުރިންނެވެ.

ރޯދަ ވީއްލުމަށްފަހު ވަގުތުން ކޮފީ ބުއިމަކީ ގޭސްޓްރިކަށް މަގުފަހިވެދާނެ ކަމެއް ކަމުގައި ޑރ. ރިޓާ ވަނީ ފާހަގަކޮށްފައެވެ. އަދި ނިދަން ދާ ވަގުތު ކޮފީ ބުއިމަކީ ހަމަ ނިދި ލިބުމުން މަހުރޫމު ވުމަށް މަގުފަހިވާ ކަމެއް ކަމުގައިވެސް ރިޓާ ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ކޮފީ ބޯނަމަ ދުވާލެއްގެ މައްޗަށް ބޯންވީ 3 ނުވަތަ 4 ތަށި ކޮފީއެވެ. މާ ގިނައިން ކޮފީ ބުއިމަކީވެސް އޭގެ ސަބަބުން ނޭދެވޭ އަސަރު ހަށިގަނޑަށް ކުރުމަށް މަގުފަހިވާ ކަމެކެވެ.

އެގޮތުން މާ ގިނައިން ކޮފީ ބޯނަމަ ނިދަން އުނދަގޫވުމާއި، ހަށިގަނޑުގެ ހަޖަމް ކުރުމުގެ ނިޒާމަށް މައްސަލަ ޖެހުމާއި، ޑީހައިޑްރޭޓް ވުމުގެ އިތުރުން ބޮލުގައި ރިއްސުން ފަދަ ސިއްހީ މައްސަލަ ތަކާއި ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ކޮންމެ ކަމެއްވެސް މެދު މިންވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ފުލުހުންގެ ބަންދުން ފިލި މީހަކު ހޯދައި، އަލުން ހައްޔަރުކޮށްފި

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލި މައްސަލާގައި، އޭނާ ހޯދައި އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ މެއި 13 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ފިލި މި މީހާ، ފުލުހުންގެ ބެލުމުގެ ދަށަށް އަލުން ގެނެސްފައިވަނީ އޭނާ ހޯދުމަށް ކުރި ސިލްސިލާ މަސައްކަތްތަކުން 2026 މެއި 18 ވާ ހޯމަ ދުވަހުއެވެ.

ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ، އޭނާ ފުލުހުންގެ ބަންދުން ފިލި މައްސަލަ މިހާރު ވަކި ޚާއްޞަ މައްސަލައެއްގެ ގޮތުގައި ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.

ރައީސްގެ ބޭންކް އެކައުންޓްތަކުގައި 1.8 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި އާންމު ކޮށްފިއެވެ.

މާލީ ބަޔާނުގައި ވާގޮތުން ރައީސްގެ ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްގައި 184،845.52 ރުފިޔާ ހުރިއިރު ބީއެމްއެލްގެ ސޭވިސް އެކައުންޓްގައި 1،701،470.44 ރުފިޔާ އެބަހުއްޓެވެ. އަދި އިސްލާމިކް ބެންކުގެ ސޭވިންގްސް އެކައުންޓްގައި ވަނީ 1،000 ރުފިޔާ އެވެ.

މީގެ އިތުރުން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެން ނެގި ލޯނަކަށް މިވަގުތާ ހަމައަށް ނުދެއްކި 1،319،265.13 ރުފިޔާ އޮތް ކަމަށްވެސް މާލީ ބަޔާނުގައިވެއެވެ.

މާލީ ބަޔާނުގައި ވާގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހު މުސާރައިގެ ގޮތުގައި ރައީސަށް ލިބިވަޑައިގެންފައިވަނީ 282،024.00 ރުފިޔާއެވެ. އަދި ހުޅުމާލޭ ރޯހައުސް އަކުން ކުލީގެ ގޮތުގައި 240،000 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. އަދި މ. ފިޤް އިން 180،000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.

ރައީސްގެ މިލްކިއްޔާތުގައިވާ މ. ދިމްޔާތަކީ ވާރުތައިން ލިބިވަޑަައިގެންފައިވާ ބިމެއްކަން މާލީ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ހުޅުމާލެ އެމްބަރ ޓެރަސް 2 ގެ އަގަކީ 5،919،500.00 ރުފިޔާއެވެ. ހއ. ވަަށަފަރުގައިވާ ރައީސްގެ ދިމްޔާތު ނަމަކަށްކިޔާ ބިމުގެ އަގަކީ 150،000 ރުފިޔާއެވެ. މ. ފިޤްގެ ބައެއް ރައީސަށް ލިބިވަޑައިގެންފައިވަނީ ހިބައިންނެވެ.

މީގެ އިތުރުން 260،000 ރުފިޔާގެ ކާރެއް އެމަނިކުފާނުގެ މިލްކިއްޔާތުގައިވެއެވެ.

ހަމައެއާއެކު ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް އެލަވަންސްގެ ގޮތުގައި 199،99.98 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި އެކަމަނާއަށް ދިމްޔާތު ޕްރައިވެޓް ލިމިޑެޓުން މުސާރައިގެ ގޮތުގައި 78،000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވުމުން މުސާރައިގެ ގޮތުގައި ހަ މަސްދުވަސްތެރޭ 4،927.32 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.

މިއަދު އާއްމު ކޮށްފައިވާ ނައިބު ރައީސްގެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނަށް މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި 314،664 ރުފިޔާ ލިބިފައިވެއެވެ. ނައިބުރައީސްގެ ބީއެމްއެލް އެކައުންޓުގައި 8،390 ރުފިޔާ އަދި އިސްލާމިކް ބޭންކުގައި ހުރީ 39 ރުފިޔާއެވެ. އޭގެއިތުރުން އިސްލާމިކް ބޭންކުގެ ޑޮލަރު އެކައުންޓުގައި 397 ޑޮލަރު އެބަހުއްޓެވެ.

އަޑިއަށް ދިޔައީ ނެޝަނަލް ސާވިސްގެ ދަރިވަރުން ގޮވައިގެން މާލެ އައި ލޯންޗެއް

މާފިލާފުށިން މާލެއަށް ދަތުރު ކުރަނިކޮށް ފަޅައިގެން ގޮސް އަޑިއަށް ދިޔައީ ނެޝަނަލް ސާވިސްގެ ދަރިވަރުންތަކެއް ގޮވައިގެން މާލެ އައި ލޯންޗެއް ކަމެއް އެމްއެންޑީއެފުން ބުނެފިއެވެ.

ފުލުހުން ބުނީ މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ހަރަކާތްތެރިވި ކަމަށެވެ.

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިން ހިނގި މި ހާދިސާގައި ކަނޑުވި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން މިހާރު ވަނީ ސަލާމަތްކޮށް، ގެނެސްފައެވެ.

‘ހަވާސާ’ އަށް އެނގިފައިވާ ގޮތުގައި އެ ހުރިހާ ދަރިވަރުންގެ ހާލު ވެސް ރަނގަޅެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ އަޑިއަށް ދިޔައީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ކަނޑަށް ބޭލީ ކަމަށް މީގެ ކުރިން ބުނެފައެވެ.

ސިއްރުން އެތެރެކުރަން އުޅުނު 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަނެފި

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި ޖުމްލަ 2,304,200 (ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުއިސައްތަ) ސިނގިރޭޓު ސްޓިކްސް ވަނީ އަތުލައިގަނެފައެވެ. އެއީ ކޮން ގައުމަކުން ގެނައި ތަކެތިކަން ނުވަތަ މިކަމުގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ. ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އީ-ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން މިހާރު ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއެއް ކަމަށް އެ އިދާރާއިން ބުންޏެވެ.ސިއްރުން އެތެރެކުރަން އުޅެނިކޮށް ދެ މިލިއަނަށްވުރެ ގިނަ ސިނގެރޭޓް ކަސްޓަނަސް އިން ހިފަހައްޓާފައިވާއިރު، ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި, ދެ ވިޔަފާރިވެރިން ކަމަށްވާ, ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފައެވެ.

ރާއްޖޭގެ ފުރަތަމަ އޭއައި ލެބް އިފްތިތާހުކޮށްފި

ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ “މޯލްޑިވްސް 2.0” އެޖެންޑާގެ ދަށުން، ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރ ނުވަތަ “މޯލްޑިވްސް އޭއައި ލެބް” ރަސްމީކޮށް  އިފްތިތާހުކޮށްފިއެވެ.

މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދާ “ކޯ.ލެބް 26” އިވެންޓް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ލެބް އިފްތިތާހުކޮށްދެއްވީ ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މިއަދު ފެށުނު “ކޯ.ލެބް 26” އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ގައުމީ އުސޫލުތަކާއި އިސްތިރާތީޖީތައް ކަނޑައެޅުމަށްޓަކައި ބާއްވާ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސަރުކާރުގެ އިސްވެރިންނާއި، އަމިއްލަ ވިޔަފާރިތަކާއި، ފަންނީ މާހިރުންގެ އިތުރުން ސޮފްޓްވެއަރ ޑިވެލޮޕަރުން ބައިވެރިވެއެވެ.

ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާތަކަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެއިތުރުން ޑޭޓާގެ ތައްޔާރީތަކާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ޕްރޮގްރާމުގެ ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ “ހެކަތަން” އެކެވެ. މި ހެކަތަން ކުރިއަށްދާނީ ދެ ޓްރެކަކަށް ބަހާލައިގެންނެވެ:

އެޕްލައިޑް އޭއައި ޓްރެކް: ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރާނެ ގޮތްތައް ދެނެގަތުން.
ފިންޓެކް އިނޮވޭޝަން ޓްރެކް: ބީއެމްއެލްގެ ‘ސްވައިޕް އޭޕީއައި’ ބޭނުންކޮށްގެން މާލީ ދާއިރާއަށް އާ އީޖާދުތައް ތައާރަފުކުރުން.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އޭއައިގެ ސަބަބުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި، ސްކޭމްތައް ހުއްޓުވުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. “ޓެކްނޮލޮޖީއަކީ މިހާރު ހަމައެކަނި މަސައްކަތްތަކަށް އެހީތެރިވެދޭ ކަމެއް ނޫން. އެއީ އިގްތިސާދީ ބައިވެރިވުން ބައްޓަންކުރަމުންދާ މުހިންމު ވަސީލަތެއް،” ޝަރީފް ވިދާޅުވިއެވެ.

މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ސަރުކާރުތައް ހިންގުމަށާއި އިގްތިސާދަށް އޭއައިގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާނެއެވެ. މި ސެންޓަރުގެ ސަބަބުން ދިވެހި ހުނަރުވެރިން ބިނާކުރުމަށާއި، ގައުމީ ފެންވަރުގައި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އޭއައި ކޮންސެޕްޓްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

“މޯލްޑިވްސް އޭއައި ލެބް” ވެގެންދާނީ ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގެ ބިންގާ ކަމުގައާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރެއްވިއެވެ.

ގިނަ އަހަރުތަކަކަށްފަހު އަތޮޅު އޮފީސްތައް އުފައްދަނީ

ގިނަ އަހަރުތަކަކަށްފަހު އަތޮޅު އޮފީސްތައް އުފައްދަން ރައީސް މުހައްމަދު މުއިއްޒު ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަވައިފި އެވެ.

މި އެންގުން އަންގާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުވި ސިޓީއަކުންނެވެ.

އެ ސިޓީގައި ވަނީ މިއަދުން ފެށިފެން އަތޮޅު ކައުންސިލްތައް އުވިފައިވާތީ، އަތޮޅު އޮފީސްތައް އުފައްދައި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެހެން އިންތިޒާމްތައް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނަގޮތަށް ކަމާބެހޭ އިދާރާއާ މަޝްވަރާކޮށްގެން އިންތިޒާމްތައް ހަމަޖައްސަވަން ވެސް ރައީސް މުއިއްޒު ވަނީ އަންގަވާފަ އެވެ.

ރައީސް މުއިއްޒުގެ ނިންމެވުމާއެކު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލީ އެއީ ބޭކާރު ތަނެއް ކަމަށް ބުނުމަށްފަހު އެވެ. ނުވަދިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އޮތް އަތޮޅު އޮފީސް ނިޒާމް އަލުން އިޔާދަކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކޮންމެ އަތޮޅަކަށް އަތޮޅުވެރިއެއް ވެސް ހަމަޖައްސަން ވަނީ ނިންމާފަ އެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވާތީ އެ މަގާމުގެ ނަން ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

އަތޮޅު ކައުންސިލްތައް އުވާލީ ބޭކާރުތަކަނަކަށް ވެފައި ހަރަދު ކުޑަވާނެތީ ކަމަށް ސަރުކާރުން ބުންޏަސް އެތަނުގެ ނަން ބަދަލުކޮށް އިތުރު މުވައްޒަފުން ނެގުމުން ހަރަދު ކުޑައެއްނުވާނެ އެވެ.