ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ހަ ތަނެއް ބަލައި ފާސްކޮށް ހަތް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.

އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ހަ ތަނަކުން 17 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

އުތުރާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ނެރެފައިވާ މޫސުމީ އެލާޓްގައި ބުނެފައިވަނީ، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާކަމަސެވެ. މީގެ އިތުރުންދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނޭކަމަށްވެސް ވަނީ ބުނެފައެވެ.

ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު އެހެނ ްހިސާބުތަކަށް 10 މޭލާއި 20 މޭލު ބާރުމިނުގައި ވައި ޖެހޭނޭކަމަށް ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މާލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

ދެކުނުގެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ކަނޑު މަޑުވިނަމަވެސް، އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނޭކަމަށް ވަނީ ބުނެފައެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް ކަމަށްވާ “މިއަހެލި” ނަކަތެވެ. އިހުގެ ނަކަތްތެރިން ބުނާގޮތުގައި މި މޫސުމުގައި ވައިބާރުވާނެއެވެ. ޢާންމުގޮތެއްގައި ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ދަތުރުފަތުރުކުރަން ދަތިވާ ވަރަށް ކަނޑުތައް ގަދަވާނެއެވެ. އަދި ޢާންމުގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 20.37 ކިލޯމީޓަރ ބާރުމިނުގައެވެ. މި ނަކަތުގައި ވައި ބާރުވެ، ކަނޑުގަދަވުމުގެ ސަބަބުން މަސްވެރިކަންވެސް ދަށްވާނެއެވެ.

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރާނެ ކަމަށް އިއުލާނުކުރި ލ. ފޮނަދޫ, ހުދުވިލާގެ އިބްރާހީމް މުޙައްމަދު (ވާޑު) އިންތިހާބުގައި ވާދަނުކުރަން ނިންމާ އޭނާގެ ތާއީދު އޮތީ މީކާއީލް އަހްމަދު ނަސީމަށް ކަން ހާމަކޮށްފި އެވެ.

ވާޑު ބުނީ އޭނާ އިންތިހާބުގައި ވާދަނުކުރަން ނިންމާ ފަހަތަށް ޖެހުނީ އެމްޑީޕީގެ ލީޑާޝިޕަކަށް މީކާއީލް ފަދަ ޒުވާނަކު ގެންނަން ފުރުސަތު ފަހިކުރަން ކަމަށެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ބުންޏެވެ.

މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ދަނީ ފޯރީގައި ހިންގަމުންނެވެ. ރައީސް ނަޝީދާއި މީކާއީލް ދަނީ އަތޮޅުތަކަށް ދަތުރުކޮށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންތިހާބުގެ ފޯރިގަދަވީ ރައީސް ސޯލިހްގެ ތާއީދު މީކާއީލަށް އޮތްކަން ހާމަކުރުމުންނެވެ.

އެމްޑީޕީއަށް ޗެއާޕާސަނަކު ހޮވުން އޮތީ އަންނަ ހުކުރު ދުވަހު އެވެ.

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނުނަގަން ނިންމައި އެ ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

“ދަ ޕަލްސް” ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓް ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގަސް އިންދުމާއި ފެހިކުރުމުގެ މަޝްރޫއަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. ބައެއް ފަހަރު، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރަކަށް ގަސް ނަގަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަސް ނަގަން ޖެހުނަސް، އެއަށް ވުރެ ގިނައިން ގަސް އިންދުމަކީ ސަމާލުކަން ދެއްވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ބެލިއިރު، އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ގަސްތައް ގިނަކަމުން ގަސްތައް ނުނަގަން ނިންމާފައިވާ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑުމެން ބޭނުން ވިލިމާލެއަކީ އަބަދުވެސް ފެހި ތަނެއްވީމަ، ފެހިކޮށް ބާއްވަން. އަދި އަމުދުން މާލެ ކައިރީގައި އެފަދަ ތަނެއް އޮތުން ވަރަށް މުހިންމު. ޒަމާނުއްސުރެ، އޮތް ރީތި ހިތްގައިމު މާހައުލު އޮންނަން ބޭނުން. އަދި ތަރައްގީ ވެސް އަންނަން ބޭނުން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީ އާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިފައިވާ، އެއް ކަމަކުން، އަނެއް ކަމަކަށް ފައިދާ ކުރާ ގޮތުގައި ދާ ކަމަކަށްވާން އެބަޖެހެއެވެ. ތިމާވެއްޓާއި ތަރައްގީއަކީ އެކުއެކީގައި ވަށާޖެހޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައިވާއިރު، ހޮސްޕިޓަލް އަޅާ ސަރަހައްދުގައި ހުރި ގަސްތަކެއް ވެސް ނަގާނެ ކަމަށެވެ. އޭގެ ބަދަލުގައި ގިނަ ގަސްތަކެއް އިންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެހެން ރަށްރަށުގައި ވެސް މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ވަގުތީ ގޮތުން އަންނަ ބަދަލެއްގެ ބަދަލު، އެއަށް ވުރެ މާ ރަނގަޅަށް ފެހި ކުރުމުގެ ތެރެއިން ހާސިލް ކުރުމަކީ ސަރުކާރުގެ ސިޔާސަތު.” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 300 ފްލެޓު އަޅަން ވަނީ ނިންމައިފައެވެ. ވިލިމާލޭގެ ދުވަސްވީ ފުނަ ގަސްތަކެއް އޮންނައިރު، ހައުސިން ޔުނިޓްތައް އަޅަން ނިންމާފައި ވަނީ ގަސްތައް ގިނަ ސަރަހައްދުގައެވެ. ނަމަވެސް ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަން ޖެހޭތީ އާއި ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅެވެ.

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭގައި އަންހެނަކު ކޮޓަރިއެއްގައި ބަންދުކޮށްގެން، ހަށިވިއްކުމުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މުޙައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަލޮޅުގެ ގެއެއްގައި ދިރިއުޅޭ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 10 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާގެ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި ވިކްޓިމްއާ ގުޅޭ ލިޔުންތަކެއް ހިމެނެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ, އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން އޭނާ ލައްވައި ހަށިވިއްކުމުގެ އަމަލުތައް ހިންގުވިކަމަށެވެ.

އެ އަންހެން މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދަނީ އާދައިގެ ކުށެއްގެ ގޮތުގައެއް ނޫނެވެ. ކޯޓު އަމުރުގައި ހަވާލާދީފައިވާ ގާނޫނުތަކަށް ބަލާއިރު، މިއީ އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަހުގީގުކުރަމުންދާ މައްސަލައެކެވެ.

މައްސަލަ ބެއްލެވި ގާޒީ ނިންމެވި ނިންމެވުމުގައި، މީހާ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ނެޓްވޯކްތައް ހިންގާ މައްސަލަތައް ފަހަކަށް އައިސް ފުލުހުން ދަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. މިފަދަ މައްސަލަތަކުގައި ގިނައިން ޝާމިލުވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި، ވަޒީފާގެ ނަމުގައި ބޭރު ގައުމުތަކުން ރާއްޖެއަށް ގެނެސް ޕާސްޕޯޓު ހިފެހެއްޓުމަށްފަހު މަޖުބޫރުން ހަށިވިއްކުވާ އަންހެނުންކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް

7 ފެބުރުއަރީ 2012 ގައި އައްޑޫ ސިޓީގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ރޯކުރުމުގެ މޭސްތިރިއަކީ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކަމަށް ބުނެ ސަރުކާރުގެ ވަޒީރަކު ވާހަކަ ދެއްކެވި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި، އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވަނީ ސޯބެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީގައި ބަދަލުވެ، އޭގެ ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައިދިޔަ އެވެ. އެގޮތުން ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި، ކޯޓުތައް އަދި ރަށު އޮފީސްތަކުގައި ވަނީ ރޯކޮށްފަ އެވެ.

އައްޑޫގައި ހިނގި އެ ހަމަނުޖެހުންތަކާއި ގުޅޭގޮތުން ޕީއެންސީ ބޭއްވި ކެމްޕެއިން ޖަލްސާގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ އެ ދުވަހުގެ ރޯކުރުންތަކުގައި އިސްކޮށް ހުންނެވީ ސޯބެ ކަމަށެވެ. އައްޑޫ ސިޓީގެ މޭޔަރަކަށް ސޯބެ އޭރު ހުންނަވައިގެން، އައްޑުއަށް ވަރަށް ބޮޑެތި ގެއްލުންތައް ދިންއިރު އެކަމުން އަރައިގަތުމަށް އެތައް އަހަރެއް ނެގިކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ، ސޯބެއަށް ކުރީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަސްލަމް ވިދާޅުވީ އައްޑޫގައި ހިނގި ހަމަނުޖެހުމާއި، ރޯކޮށްލުމުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރޭގައި ސޯބެގެ ނަމެއް ނޯންނާނެކަމަށެވެ. އަދި އެ މައްސަލައިގައި އޭރު ދައުވާ ކުރި މީހުންގެ ތެރޭގައި ހިމެނޭ އެއް ނަމަކީ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ، ޕީއެންސީ ކެންޑިޑޭޓު އަހުމަދު ސައީދުކަމަށް އޭނާ ވިދާޅުވި އެވެ،

އަޅުގަނޑު ޝިޔާމަށް ދަންނަވާލަން ބޭނުންވަނީ، އޭރު ޝިޔާމް ކޮބައިތޯއޭ.. އަސްލު މިކަން ހިނގި ގޮތެއް ޝިޔާމަކަށް އިހުސާސެއް ނުކުރެވޭނެ. ސޯބެއަކީ އިސްލާހީ ހަރަކާތުގައި އެތައް އަނިޔާއެއް ތަހައްމަލުކުރި ބޭފުޅެއް

އަސްލަމް ވިދާޅުވީ، ފެހި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތައް މިއަދު ނިގުޅައިގަނެވެމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ނޫސްވެރިކަމަށް އޮތް ބިރުވެރިކަން ހާމަވަމުންދާކަމަށް ވިދާޅުވި އެވެ.

މިއީ އަނިޔާވެރިކަމުގެ ސިފައެއްކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް އެބައޮތްކަމަށް އަސްލަމް ވިދާޅުވި އެވެ.

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އަސީރުންނާ ބައްދަލުކުރުމުގެ ފުރުސަތު ބައިނަލްއަގުވާމީ ރެޑް ކްރޮސްގެ މަންދޫބުންނަށް ދިނުމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފިއެވެ.

އެ ހުކުމާއެކު، ރެޑް ކްރޮސްގެ މަންދޫބުން ޖަލުތަކަށް ވަނުން މަނާކޮށް އިސްރާއީލު ސަރުކާރުން ގެންގުޅެމުންދިޔަ ސިޔާސަތު ވަނީ ބާތިލުވެފައެވެ.

ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، ރެޑް ކްރޮސްއަށް އަސީރުންނާ ބައްދަލުކުރުން މަނާކުރުމަކީ އިސްރާއީލުގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން، ޖަލުތަކަށް ޒިޔާރަތްކުރުން ހުއްޓުވުމަށް ސަރުކާރުން ނިންމި ނިންމުމަށް އެއްވެސް ގާނޫނީ ބިނާއެއް ދެއްކިފައި ނުވާކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ.

އެއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ރެޑް ކްރޮސްގެ ޒިޔާރަތްތައް އިސްރާއީލުން ހުއްޓުވި ފުރަތަމަ ފަހަރެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ އެސޯސިއޭޝަން ފޯ ސިވިލް ރައިޓްސް އިން އިސްރާއީލް އާއި އިތުރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނެވެ. އޭސީއާރްއައި އިން ހާމަކުރި ގޮތުގައި، އެ ނިންމުމުގެ ސަބަބުން އިސްރާއީލުގެ ޖަލުތަކާއި އަސްކަރީ ބަންދު މަރުކަޒުތަކުގައި ތިބި 9،000 އަށްވުރެ ގިނަ ފަލަސްތީނު މީހުންނަށް ރެޑް ކްރޮސްގެ އެހީތެރިކަން ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި މިހާތަނަށް 72،950 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު، ގިނަ އިލްމުވެރިންނާއި އދ. އިން ވަނީ މިއީ ނަސްލު ނައްތާލުމުގެ (ޖެނޮސައިޑް) އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކޯޓުގެ އެ ނިންމުން އައިސްފައިވަނީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު މީހުންނަށް ބޮޑެތި އަނިޔާތަކެއް ކުރަމުންދާކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އދ. އިން ދާދިފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ‘ސްޑޭ ޓޭމަން’ ފަދަ އަސްކަރީ މަރުކަޒުތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށް ޖިންސީ ގޯނާކުރުމާއި، ރޭޕްކުރުމާއި، އަދި އެ ނޫންވެސް ލާއިންސާނީ އަނިޔާތައް އިސްރާއީލުގެ ސިފައިން ދަނީ ހިންގަމުންނެވެ.

ރެޑް ކްރޮސް އިން ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އަސީރުންނާ އަމިއްލައަށް ބައްދަލުކުރުމުގެ ފުރުސަތު ލިބުމަކީ ލާޒިމު ކަމެއް ކަމަށާއި، ވީ އެންމެ އަވަހަކަށް ޒިޔާރަތްތައް އަލުން ފެށުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

2026 ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގެ ކުރިން ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ލަވަކިޔާ ގޮތަށް ހަމަޖެހިއްޖެއެވެ.

މެކްސިކޯގެ ސިޓީގައި ހުންނަ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި 11 ޖޫން ވާ ބުރާސްފަތި ދުވަހު ބާއްވާ މި ރަސްމިއްޔާތުގައި ޝަކީރާ ހުށަހަޅައިދޭނީ މި މުބާރާތުގެ ރަސްމީ ލަވަ ކަމަށްވާ “ޑާއި ޑާއި” އެވެ. އިޓަލީ ބަހުން “ހިނގާ ދާން” ނުވަތަ “އަވަސްކުރޭ” މި މާނަ ދޭހަވާ މި ލަވަ ޝަކީރާ އާއެކު ބާރްނާ ބޯއީ ވެސް ހުށަހަޅައިދޭނެއެވެ. މި ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ.

މެކްސިކޯގައި ބާއްވާ މި ޝޯގައި ކޮލަމްބިއާގެ ރެގޭޓަން ތަރި ޖޭ ބަލްވިން އާއި ސައުތު އެފްރިކާގެ ލަވަކިޔުންތެރިޔާ ޓީލާ ވެސް ބައިވެރިވާނެއެވެ. މި ފަހަރުގެ މުބާރާތަކީ ތިން ގައުމެއްގައި ބާއްވާ މުބާރާތަކަށް ވުމާއެކު، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުޅޭ ފުރަތަމަ މެޗުތަކުގެ ކުރިން ހުޅުވުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެގޮތުން 12 ޖޫން ވާ ހުކުރު ދުވަހު ކެނެޑާގެ ޓޮރޮންޓޯގައި ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ ބައްދަލުކުރާ މެޗުގެ ކުރިން ބާއްވާ ރަސްމިއްޔާތުގައި މައިކަލް ބޫބްލޭ އާއި އެލަނިސް މޮރިސެޓް ޕާފޯމްކުރާނެއެވެ. ހަމަ އެ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައި އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ ކުރިން ކޭޓީ ޕެރީ އާއި ފިއުޗާގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

މީގެ އިތުރުން، 19 ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފް-ޓައިމް ޝޯގައި ޝަކީރާގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ އާއި ކޭ-ޕޮޕް ބޭންޑް ބީޓީއެސް ވެސް ފެނިގެންދާނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ.

ޕާޓީ ބަދަލުކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމު 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ މިހާރު ވަނީ އުވާލާފައެވެ. އެއާއިއެކު ޝުޖާއު ވަނީ އެމްޑީޕީއާއި މިހާރު ގުޅިވަޑައިގެންފައެވެ.

މި މައްސަލައާއި ގުޅޭގޮތުން ޝުޖާއު “ހަވާސާއަށް” ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރިކޮށް އެލްޖީއޭއިން ކައުންސިލްގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީ ޝުޖާއު ވަނީ ހިއްސާކޮށްފައެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހްމަދަށް އެލްޖީއޭއިން ފޮނުވި އެ ސިޓީގައި ވިދާޅުވެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހުގައި އެ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބު ޕާޓީ ނޫން އެެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުވުމުން ކައުންސިލާއި ކައުންސިލްގެ މެންބަރުކަމުގެ މަގާމުން ވަކިވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

“ތިޔަ ކައުންސިލް ރައީސް ޝުޖާއު އަލީ މި އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ދަ ޑިމޮކްރެޓްސްގެ ހައިސިއްޔަތުން އިންތިހާބުވުމަށްފަހު ދައުރު ފެށުމަފަހު މެއި މަހުގެ 19 ވަނަ ދުވަހު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަމަށް އެ ކޮމިޝަނުން ވަނީ އަންގާފައި.” އެލްޖީއޭއިން ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކިގޮތެއް އަންގަންދެން ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީގޮތުން އެއްކިބާވުމަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އެ ސިޓީގައި އަންގާފައިވެއެވެ.

އަދި އެ މުއްދަތުގައި ކައުންސިލް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ކައުންސިލްގެ ނައިބު ރައީސް ހަވާލުވެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ވެސް އަންގާފައިވެއެވެ.

ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ޕާޓީއެއް އުވިއްޖެނަމަ ދެން އެ ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެލްޖީއޭއަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ގޮތް ނިންމޭނީ ސްޕްރީމްކޯޓުގެ ނިންމުމަކުން ކަމަށް ވެސް ވިދާޅުވިއެވެ.

ސަބްސްކްރިޕްޝަންތައް ލިމިޓެއް ނުކުރަން، ފައިސާ ނުދެއްކޭނަމަ ވަގުތުން ހައްލުކޮށްދޭނަން: ބީއެމްއެލް

އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ ކަމަށާއި އެ މައްސަލަ ދިމާވެގެން ރިޕޯޓުކުރުމުން އެ ކަމަށް އެންމެ އެކަށީގެންވާ ހައްލު ވަގުތުން ހޯދަދޭނެ ކަމަށް ގައުމީ ބެންކު، ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ވަނީ، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުމަށް ނިންމާފައެވެ.

އެ ނިންމުމާއެކު، ޚިދުމަތްތަކުގެ ސަބްސްކްރިޝަނަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ. އަދި، އެ ބެންކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެ ކަމާ ގުޅިގެން އިއްޔެ ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ސަބްސްކްރިޕްޝަންތައް ‘ޑެއިލީ ފޮރިން ސްޕެންޑުގައި’ ނުހިމެނޭ ކަމަށާއި އެ ޕޭމަންޓުތައް ލިމިޓުކޮށްފައެއް ނުވާނެ ކަމަށެވެ.

ނަމަވެސް، އެކި ކަންކަމާ ގުޅިގެން ބައެއް މީހުންގެ ސަބްސްކްރިޕްޝަންތައް ނުދެއްކޭ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ބެންކުން ބުނެފައިވެއެވެ. އަދި، އެފަދަ ޕޭމަންޓުތައް ފައިސާ ނުދެއްކޭނަމަ، ވީއެންމެ އަވަހަށް އެ ކަން އެންގުމުން ވަގުތުން މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެ ބެންކުން ވަނީ، ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު އިތުރުވާ ކަމަށް ބުނެ، ތަފާސްހިސާބުތަކެއް ވެސް އާންމުކޮށްފައެވެ.

މިގޮތުން، ޑެބިޓް ކާޑާއި ކްރެޑިޓު ކާޑުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. އެ ބެންކުން ބުނި ގޮތުގައި، އެވަރެޖުކޮށް، އެ ފަދަ މުއާމަލާތްތަކަށް މަހަކަށް 40 މިލިއަން ޑޮލަރު ވިއްކާ ކަމަށެވެ.

މީގެއިތުރުން، ބޭންކަށް ގަނެފައިވާ ޑޮލަރަށް ވުރެ އިތުރަށް، 69 މިލިއަން ޑޮލަރު މިއަހަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން އެފަދައިން ބުނިއިރު، ބީއެމްއެލްއިން ފިޔަވަޅުތައް އަޅައިފައިވަނީ އެ ބެންކަށް ދަތިތަކެއް ދިމާވުމުން ކަމަށް މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި، މި މަސް ނިމޭ ހިސާބުގައި، ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ގައުމީ ބޭންކް، ބީއެމްއެލްއިން އިޝާރާތްކޮށްފައިވާ ކަމަށް އެދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

ފަސާދައިގެ ދޮރުތައް ބަންދުކުރޭ: ޙުތުބާ

ފަސާދައިގެ ދޮރުތައް ބަންދުކޮށް، ހަރުދަނާ އަޚުލާގީ ޖީލެއް ބިނާކުރުމަށް އެންމެން އަތުގުޅައިލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަސިއްޔަތްކޮށްފިއެވެ.

މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިއްވި ޚުތުބާގައި އަލިއަޅުވާލީ، ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، މާތްﷲ އަށް އީމާންވުމާއި ހެޔޮ ކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ނުބައި ކަންކަމުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތް ކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

މިގޮތުން، ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ ﷲވެރިކަން ދެއްވި ބައެއްގެ އެންމެ އިސް ވާޖިބު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަހަރެމެންނަކީ ގަރުނުތަކެއް ވަންދެން އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ދެމިތިބި ބައެއް ކަމަށްވާއިރު، އަހަރެމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި އަމާނަތްތެރިކަމުގެ ރިވެތި ސިފަތައް ދަމަހައްޓަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރަށް، މިއަދުގެ ހާލަތަށް ބަލާއިރު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރިކަން ޚުތުބާގައި ފާހަގަކުރިއެވެ.

“ޚާއްޞަކޮށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ މީސްތަކުންގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރުމަށްޓަކައި މަސައްކަތްތަކެއްކުރާން ވަނީ ޖެހިފައެވެ. މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެންނެވެ،” ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރަން މަސައްކަތްކުރާނެ ބަޔަކު އަބަދުވެސް މުޖުތަމައުގައި ތިބެން ޖެހޭނެ ކަމަށެވެ. އެ މީހުންނަކީ، ކާމިޔާބީގެ އަހުލުވެރީން ކަމަށް ﷲ ވަހީކުރެއްވި ބަސްފުޅަކާ ހަވާލާވީ ޚުތުބާގައި ފާހަގަކުރިއެވެ.

މުޖުތަމައު ރަނގަޅު ތަނަކަށް ނުވަތަ ނުބައި ތަނަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށްކަން ފާހަގަކޮށް، ޚުތުބާގައި ހަނދާންކޮށްދިނީ މުޖުތަމައު އިސްލާހުކުރުމަށް މަސައްކަތްކުރާހާ ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެ ކަމެވެ.

ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ޚުތުބާގައި ވަނީ މިއަދުގެ ހާލަތާ ގުޅޭ އެތައް ވަސިއްޔަތެއް ކޮށްފައެވެ. މިގޮތުން، ދުނިޔަވީ އެދުންތަކާއި ފަސާދައިގެ މަގުތައް ބަންދުކޮށް، ފިތުނައިގެ މަގުތަކަށް ތަބާވާ މީހަކަށް ނުވުމަށް ގޮވާލިއެވެ.

މާތްﷲ ގެ ހަޒުރަތުން ވާގި އެދޭ ހަރުދަނާ، އަޚުލާގީ ޖީލެއް ބިނާކުރުމަށް އެންމެން އަތުގުޅާލުމަށް ވެސް މިއަދުގެ ޚުތުބާގައި ވަސިޔަތްކޮށްފައިވެއެވެ.

“މުޖުތަމަޢުގައި ހުރި، ފަސާދައިގެ ދޮރުތައް ބަންދުކޮށް، މި މުޖުތަމަޢަކީ އަމާން މުޖުތަމަޢެއް ކަމުގައި ހެދުމަށް މަސައްކަތްކުރާށެވެ. މި ކަން ކުރެވޭނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްގެންނެވެ” ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާ ނިންމާލީ މުޖުތަމައުއަކީ ރައްކާތެރި ތަހުޒީބު މުޖުތަމައުއަކަށް ހެދުމަށް މަސައްކަތް ކުރުމުގެ ތައުފީގު ދެއްވުން އެދި ދުއާކުރަމުންނެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގައި، ތިން އުމުރުފުރާއެއްގެ އެއްވަނަ ދިވެހި ދަރިވަރުންނަށް

ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ “ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026” މުބާރާތުން ދިވެހި ދަރިވަރުން ރަން ވަނަތަކެއް ހާސިލްކޮށްފިއެވެ.

ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް (ވައިއެމްއެސްއޭ) މުބާރާތަކީ، ހިސާބު އިލްމު އުނގެނޭ, އުމުރުން ހަތަރު އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީއާއިން، މާނަފުން އަދި ޝައުގުވެރި މާހައުލެއްގައި ހިސާބުގެ ތަސައްވުރުތައް ރީތިކޮށް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގްވާމީ މުބާރާތެވެ. އިނގިރޭސިވިލާތުގައި ހިންގާ މެތުސް ތުރޫ ސްޓޯރީޒް އޯގަނައިޒޭޝަނުން އިންތިޒާމުކުރާ އެ މުބާރާތް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރަކީ އެ މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ގައުމަކުން ހާސިލުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން އެ މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ އުމުރުފުރާއިންވެސް އެއްވަނަ ހޯދާފައިވަނީ ރާއްޖޭގެ ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެ ކުދިންގެ މައުލޫމާތު އެ މިނިސްޓްރީން ހިއްސާނުކުރެއެވެ.

އެ މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، އެއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ފާހަގަކުރެވޭ މުބާރާތެއްކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވެސް ވަނީ ރާއްޖޭގެ ދަރިވަރުން އެ މުބާރާތުގައި ދެއްކި އާދަޔާޚިލާފު އުފެއްދުންތެރިކަމާއި ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ މިއީ ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ 34 ގައުމަކުން ދަރިވަރުން ބައިވެރިވި އެ މުބާރާތުގައި ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެރިވެފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެއާއެކު މި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ ނިސްބަތުން، އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިފައިވާކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ދަރިވަރުންނަށް ފައިތިލަސާބިތު ކުރެވޭނެ ފަދަ ފަހި މާހައުލެއް ގާއިމުކޮށްދީފައި ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، އެމްއެންޔޫ އާއި އެންއައިއީ ގުޅިގެން މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތަކަކީ މި ކާމިޔާބީގެ މުހިންމު ބިންގަލެއްކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ވަނީ އެ ޕްރޮގްރާމްތަކުގެ ތެރެއިން، ވާހަކަ ކިޔައިދިނުމުގެ ތެރެއިން ހިސާބު އިލްމު އުނގަންނައިދެވޭނެ އުފެއްދުންތެރި ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުވާފައިވާކަން ފާހަގަކޮށްފައެވެ.

މެތްސް ތުރޫ ސްޓޯރީޒް އޯގަނައިޒޭޝަންގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ދިވެހިރާއްޖޭގެ މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ފަންނީ ތަމްރީނުތައް ފޯރުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ވެސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.