ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕް ފުރައިފި

ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާއަށް މިއަދު ފުރައިފިއެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި 238 މީހުން ސައޫދިއާ އެއާލައިންގައި ވަނީ ފުރާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ދިވެހިރާއްޖެއަށް މިއަހަރުވެސް ޙައްޖުގެ އަޅުކަމަށް ރަސްމީ 1000 ކޯޓާ ވަނީ ލިބިފަ އެވެ.

ޙައްޖު މޫސުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސްއެވެ. އަދި މިއަހަރުގެ ޙައްޖުވެރިންގެ އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިނެވެ.

ދިވެހި ޙައްޖުވެރިން ސަޢުދީއަށް ފުރަން ފަށާފައިވާއިރު، އިތުރު 3 ފްލައިޓް މި މަހު 17، 18 އަދި 19 ވަނަ ދުވަހު ފުރާނެއެވެ. މި ދަތުރުތައް ކުރިއަށްދާނީ މޯލްޑިވިއަން އާއި ސައުދީ އެއަރލައިންގެ ފްލައިޓްތަކުގައެވެ. ޙައްޖުވެރިންނާ ގުޅޭ އެންމެހާ އިންތިޒާމުތައް މިހާރު ފުރިހަމަކޮށްފައިވާކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. ޙައްޖުވެރިން މައްކާގައި ޖުމްލަ 21 ދުވަސް ހޭދަކުރާނެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 އިން 9 އާ ދެމެދުގެ ތާރީޚުތަކުގައެވެ.

ހއ އާއި ތ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް މޫސުމަށް ސަމާލުވުމަށް އެދި ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދަށް ގަޑިއަކު 14 މޭލާއި 19 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް އިސްކަންދިނުމަށް ވަނީ އެދިފައެވެ.

ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަދައިފި

ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާއި ނުލައި ދަތުރުކުރެވޭގޮތް ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ދެ ޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއާ އެގައުމާ ދެމެދު ވެފައިވާ ވިސާ އެގްޒެމްޕްޝަން އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ސީޝެލްސްގެ ޚާރިޖީ ވަޒީރު ބެރީ ފޯލް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، މި ތާރީޚީ ނިންމުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުން ދެ ޤައުމުގެ ރީތި ރަށްތަކާއި ކަނޑުފަޅުތަކުގެ ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގެއްލުނު ފަތުރުވެރިން ހޯދުމަށް ހުރިހާ އެހީތެރިކަމެއް އެބަ ފޯރުކޮށްދެން: މިނިސްޓަރު

ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ އިދާރާތަކުން ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެ މީހުން ހޯދުމަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިއްޔެ ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް އަންނަނީ މި އޮޕަރޭޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިއްޔެ ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް އަންނަނީ މި އޮޕަރޭޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ އިރުއޮއްވި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ލަފާކުރައްވާ ގޮތުގައި ބާކީ ތިބި ހަތަރު މީހުން ވެސް ތިބީ 200 ފޫޓު ދިގު އެ ހޮހަޅައިގެ ތެރޭގައެވެ. ފެނުނު ހަށިގަނޑު މިހާރު ވަނީ ވ. އަތޮޅު ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ލެކްޗަރާ މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. އުމުރުން 51 އަހަރުގެ މޮނިކާއަކީ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ މަޝްހޫރު ޕްރޮފެސަރެކެވެ. އޭނާ ރާއްޖެއަށް އައީ އެ ޔުނިވާސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ އުމުރުން 31 އަހަރުގެ މުރިއަލް އޮޑެނީނޯއާ އެކު ދިރާސާ މަޝްރޫއެއްގެ މަސައްކަތުގައެވެ. ނަމަވެސް، އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި މިއަދު މި މީހުން ޑައިވް ކުރަން ދިޔައީ އެ ދިރާސާގެ މަސައްކަތަކަށް ނޫނެވެ. މީގެ އިތުރުން މޮނިކާގެ 23 އަހަރުގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމަކާލް ވެސް މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ދެން ހިމެނެނީ އުމުރުން 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީއެވެ. އޭނާއަކީ މިދިޔަ މާރިޗު މަހު މެރިން ބަޔޮލޮޖީ އެންޑް އިކޮލޮޖީން ދަސްވެނިވި ދަރިވަރެކެވެ. ފެޑެރިކޯގެ ތީސީސް ހާއްސަކޮށްފައިވަނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގެ ފަރުތަކުގެ ދިރުންތަކާ ގުޅޭގޮތުންނެވެ. އޭނާގެ ތީސީސްގައި ޕްރޮފެސަރު މޮނިކާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވާ ކަމަށް ވެސް ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި، މޮނިކާއަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރުދީ، މަގުދެއްކި އެންމެ ގާތް އެހީތެރިޔާއެވެ. މި މީހުންގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީ ވެސް މި ހާދިސާގައި ގެއްލިފައިވެއެވެ.

މި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި “ހައި ރިސްކް” އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި މި މަސައްކަތުގައި ސަފާރީއަކާއި، ވ. އަތޮޅު ފުލުހުންގެ އިތުރުން އަލިމަތާ ރިސޯޓުން ވެސް ދަނީ އެހީތެރިވަމުންނެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ގާޒީ ވެސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުންނާއި، ކަނޑުއަޑީގެ އޮއިވަރު ހުރި ގޮތުން މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ސަރަހައްދަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.

އިޓަލީގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މި ހާދިސާ ގާތުން ބަލަމުން އަންނަ ކަމަށާއި، ސްރީލަންކާގައި ހުންނަ އިޓަލީގެ އެމްބަސީ މެދުވެރިކޮށް އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފައެވެ. މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްދަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ އަނެއް ހަތަރު މީހުން ހޯދައި، އެ މީހުންގެ ހަށިގަނޑުތައް ސަލާމަތުން ނެގުމުގެ މަސައްކަތެވެ.

ގެއްލުނު މީހުން 200 ފޫޓުގެ ދިގު ހޮހޮޅައެއްގައި ތިބި ކަމަށް ބެލެވޭ، ނުރައްކާތެރި އޮޕަރޭޝަނެއް ކުރިއަށް!

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން، ހަތަރު މީހުން ތިބީ 200 ފޫޓުގެ ދިގު ހޮހޮޅައެއްގައި ކަމަށް ބެލެވޭ ކަމަށާއި، އެ މީހުން ސަލާމަތް ކުރުމަށް ނުރައްކާތެރި އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި އެ ސަރަހައްްދުގައި ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް މިއަދު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުންނެވެ.

މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

މިގޮތުން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިން ފެނިފައިވާއިރު، އެމީހާގެ ހަށިގަނޑު ފެލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދ ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

“މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި. މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ،”. އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ތެރޭގައި “ވަކި މީހަކަށް” ބުރަވެފައި އޮތް ތިލަފަތް ހަމަހަމަކޮށް، ޕާޓީ އެއްބައިވަންތަ ކުރާނަން: މީކާއީލް

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކާއި ހިޔާލުތަފާތުވުންތައް ނައްތާލައި، ވަކި މީހެއްގެ މަސްލަހަތަށްވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާނެ “ޔުނިޓީ ކެނޑިޑޭޓަކީ” އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކާއި ހިޔާލުތަފާތުވުންތައް ނައްތާލައި، ވަކި މީހެއްގެ މަސްލަހަތަށްވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާނެ “ޔުނިޓީ ކެނޑިޑޭޓަކީ” އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެ މަގާމަކީ އެހެން މަތީ މަގާމަކަށް ދިއުމަށް ބޭނުންކުރާ ހަރުފަތެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށާއި، އަދި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް “ފެންބޮވައިގަނެގެން” ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ އަމާޒަކީ ޕާޓީގެ އާންމު މެންބަރުންނަށް ފުރުސަތުތައް ހޯދައިދީ، އާ މޫނުތަކަށް މޭޔަރުކަމާއި، މަޖިލިސް މެންބަރުކަމާއި، ކައުންސިލަރުކަމުގެ ފުރުސަތު ޕާޓީ ތެރެއިން ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، މެޗެއްގެ ރެފްރީއަކަށް ހުންނަ މީހަކު ވަކި ޓީމަކަށް ނުޖެހޭނެ ފަދައިން، ޗެއާޕާސަނަކަށް ހުންނަވާ ބޭފުޅަކުވެސް ވަކި ރިޔާސީ ކެނޑިޑޭޓަކަށް ފަހިވާ ގޮތަށް ޕާޓީގެ “ތިލަފަތް” އަރިއެއް ނުކުރެވޭނެ ކަމަށެވެ.

“މި ގައުމު ހަމަމަގަށް އެޅޭނީ ވަކި މީހަކު ދައުލަތުގެ އިސް ވެރިއަކަށް ނުވަތަ ސަރުކާރު ހިންގަން ގެނެސްގެނެއް ނޫން. މި ގައުމު ހަމަމަގަށް އެޅޭނީ އާ ޒުވާން ޖީލަކަށް މި ޕާޓީ ހަވާލުކޮށް، އާ ބަޔަކަށް ފުރުސަތު ދީގެން. 2028 އަށް ދާއިރު ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނީ ހަމަހަމަކަމާއި އިންސާފު ގާއިމްކޮށްގެން،” މީކާއީލް ވިދާޅުވިއެވެ.

ވޭތުވެދިޔަ 2023 ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ ޕާޓީ ތެރޭގެ އެއްބައިވަންތަކަން ގެއްލުމުންކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، އެތެރޭގެ ތަޅާފޮޅުންތަކުގައި ވަގުތު ބޭކާރުކުރާ ވަރަށްވުރެ ގައުމުގެ ހާލަތު މާ ގޯސްވެފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތައް ނައްތާލަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެކަމާ ދެކޮޅަށް އެމްޑީޕީން ވަރުގަދައަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“މި ގައުމު ބާރަށް ފަހަތަށް ސޮއްސާލަމުންދާއިރު، ގައުމު ކުރިއަށް ގެންދެވޭނީ މި ޕާޓީވެސް ކުރިއަށް ގޮސްގެން. އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ އެންމެން އެކުވެގެން. މި އިންތިޚާބުގައި ޕާޓީގެ އެކި ފެކްޝަންތައް އެއްގަލަކަށް އަރުވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މި ޕާޓީއަށް ކާމިޔާބު ކޮށްދޭނެ ކެނޑިޑޭޓަކީ އަޅުގަނޑު،” މީކާއީލް ވިދާޅުވިއެވެ.

އެލްޖީއޭގެ މުވައްޒަފުން ސީއެސްސީގެ ދަށަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ދަށަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 59 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ އެއްކޮޅަށް ވޯޓު ދެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ތަނުގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހާއެކު، އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އެ އޮތޯރިޓީގެ ބޯޑަށް އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. އަލަށް އިތުރުކުރި މާއްދާގައިވާ ގޮތުން، އެލްޖީއޭއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން ސީއެސްސީންނެވެ. އަދި ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އެލްޖީއޭގެ ސީއީއޯއެވެ.

މި އިސްލާހުގެ ދަށުން އެލްޖީއޭގެ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވާލާނީ ބޯޑުގެ ލަފާގެ މަތިން ސީއީއޯއެވެ. މި އޮނިގަނޑު ސީއެސްސީން ފާސްކުރަން ޖެހޭއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ބިލުގައިވާ ގޮތުން، ސީއެސްސީން އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު ނިންމަންޖެހެއެވެ. އަދި އެ އޮނިގަނޑު ކަނޑައަޅާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް މަޖިލީހުން ފާސްކުރި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބަދަލާއެކު އެލްޖީއޭގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ސަފާރީއަކުން ޑައިވިނަށް ގޮސްއުޅުނު ފަސް މީހަކު ނިޔާވެއްޖެ

ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަސް މީހަކު ނިޔާވެފައި ވަނިކޮށް ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނި ގޮތުގައި ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14 ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އަދި ގެއްލިފައިވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިން ކަމަށާއި އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާއިރު، ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އަދި މި ހާދިސާގެ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ބިލަކީ ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެކެވެ.

ބިލުގެ މައިގަނޑު މަގުސަދުތައް
މި ބިލުގެ ބޭނުމަކީ ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ބަޔާންކުރުމެވެ. މި ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. ގުނަވަން ހަދިޔާކުރާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމުގެ އިތުރުން، އަމިއްލަ އިހުތިޔާރުގައި އެކަމަށް ރުހުން ދިނުން ހިމެނެއެވެ. ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އާ ކައުންސިލަކާއި ކޮމިޓީއެއް އުފެއްދުން
މި ގާނޫނުގެ ދަށުން 9 މެންބަރުންގެ މައްޗަށް އެކުލެވޭ “ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް” އެއް އުފައްދާނެއެވެ. މި ކައުންސިލްގެ މަސްއޫލިއްޔަތަކީ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރުމާއި، ގަވާއިދުތަކަށް އިރުޝާދުދީ، މަރުކަޒުތަކުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމެވެ. މީގެ އިތުރުން، ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި 5 މެންބަރުންގެ “ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ” އެއްވެސް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ހުއްދަ ދިނުމުގެ އިޖުރާއަތްތައް
ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ބަލީގެ ހާއްސަ ޑޮކްޓަރު އެކަން ކަނޑައެޅުމުން، ހޮސްޕިޓަލުގެ ކްލިނިކަލް އަދި އެތިކްސް ކޮމިޓީން ކަންކަން ބަލަންޖެހެއެވެ. އޮތޮރައިޒޭޝަން ކޮމިޓީން ހުއްދަ ދޭނީ ހަދިޔާކުރާ ފަރާތުން ރުހުން ދިނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަން ކަށަވަރުކުރުމަށްފަހުގައެވެ.

ކުށާއި އަދަބު
މި ބިލުގައި ގުނަވަން ވިއްކުމާއި ގަތުން ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމާއި، ލައިސަންސް ނެތި މި ހިދުމަތް ދިނުމަކީ މަނާ ކަންކަމެވެ. މިފަދަ ކަންކަމަށް ގާނޫނީ ގޮތުން ދެވޭނެ އަދަބުތަކާއި އިދާރީ ފިޔަވަޅުތައް ވެސް ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

ސީޝެލްސްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑިއާސްޕޯރާ، ބެރީ ފޯރ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔަތާއި، މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ބެރީ ފޯރއަކީ ސީޝެލްސްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއެވެ. މިއީ ދެ ޤައުމުގެ ޚާރިޖީ ގުޅުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ.

މި ދަތުރުފުޅަކީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުދި ޖަޒީރާ ޤައުމުތަކެއްގެ ގޮތުގައި އޮތް ރާއްޖެއާއި ސީޝެލްސްއިން، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެއްބާރުލުން ދަމަހައްޓައި ވަރުގަދަކުރުމަށް ދެ ޤައުމުން ދޭ އަހަންމިއްޔަތުކަން ހާމަވެގެންދެއެވެ.

އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ނާޒިމް މެލޭޝިޔާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް، ބުދަ ދުވަހުގެ ރޭ އޭނާ މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނާޒިމް މަގާމުން ވަކިކުރުމަށް ނިންމިއެވެ. މި މައްސަލަ ރަސްމީކޮށް މިއަދު މަޖިލީހަށް ހުށަހަޅާފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނާޒިމް މެލޭޝިއާއަށް ފުރާވަޑައިގަތީ ބުދަ ދުވަހުގެ ރޭގައެވެ. އޭނާގެ އާއިލާ ދިރިއުޅޭ މެލޭޝިއާއަށް އޭނާ ގިނަ ފަހަރު ދަތުރުކުރެއްވި ނަމަވެސް، މި ދަތުރުފުޅު ކުރައްވާފައި މިވަނީ އޭނާގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. އޭނާ އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ނާޒިމްގެ ބަހެއް ހޯދުމަށް ކުރެވުނު މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ލިބޭތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީން އާންމު އެކަން އަންގަވަން ޖެހިވަޑައިގަންނަވާނެއެވެ.

ގަދަވަޔާއެކު ފުވައްމުލަކު ބަންޑާރަކިޅީގެ ފާލަމަށް ބޮޑެތި ގެއްލުންތަކެއް

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ފުވައްމުލައް ސިޓީގެ ބަންޑާރަކިޅީ ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ބަންޑާރަކިޅީގެ ހަލާކުވެފައިވާ ފާލަމުގެ ބައެއް ފޮޓޯތައް ފުވައްމުލައް ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާއިރު ފާލަމުގައި ހުރި ހަޓް ވަނީ ވެއްޓިފައެވެ. ކައުންސިލުން ބުނީ ހަޓް ވެއްޓިފައިވަނީ ރޭ ކުރި ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުންކަމަށެވެ. ރޭ އެރި ވަޔާއެކު ހަޓް ހިފެހެއްޓުމަށް ޖަހާފައިވާ ލަކުޑި ތަނބުތައް ވަނީ ބިންދައިގެންގޮސްފައެވެ. މީގެ އިތުރުން ހަޓް ވެއްޓުމުގެ ސަބަބުން ފާލަމަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހަޓްގެ ބޮޑުބައި ވެއްޓިފައި އޮތީ ކިޅީގެ ތެރެއަށެވެ.

ރޭ ކުރި ވިއްސާރާގައި ފުވައްމުލައް ސިޓީއަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ގެއްލުން ލިބުނު ގޭބިސީތަކަށް އެހީވުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، މަގުތަކަށް ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު “އަފުންސިޓީ” ޕޯޓަލް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

ބަންޑާރަކިޅިއަކީ ފުވައްމުލައްސިޓީގެ އެންމެ މަގްބޫލް ތަނެވެ. އެ ސިޓީއަށް ޒިޔާރަތްކުރާ ގިނަބަޔަކު އެތަނަށް ޒިޔާރަތްކުރެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ސަރައްދަކަށް ފޯރާފައިވާއިރު، ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ކެތި ނަކަތެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނޭކަމަށް ބުނެފައެވެ.