އިސްރާއީލާއި ލުބުނާންގެ ހިޒްބުﷲ އާ ދެމެދު ކުރިއަށްދާ ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް އައިސްފިއެވެ.
މިފަދަ އެއްބަސްވުމެއް ގާއިމުކުރެވިފައިވަނީ އިސްރާއީލުން ލުބުނާނުން ފައިބަން ދެކޮޅު ހެދުމާއި ލުބުނާނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދޭތީ އެކަމުގެ ކަންބޮޑުވުން އީރާނުން ފާޅުކުރަމުން ދަނިކޮށެވެ. އީރާނުން ވަނީ ލުބުނާނަށް ދޭ ހަމަލާތައް ކުށްވެރިކޮށް، ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށްފައެވެ.
އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ކުރިއަށްދާ ހަމަލާތައް ހުއްޓާލަން އެއްބަސްވީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6:00 އިން ފެށިގެންނެވެ. މި އެއްބަސްވުމަކީ އެމެރިކާ އާއި ގަތަރު މެދުވެރިވެގެން، އިސްރާއީލާއި އީރާނާ އެކު ކުރި މަޝްވަރާތަކަށްފަހު އެކުލަވާލި އެއްބަސްވުމެކެވެ.
ލުބުނާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަކީ އެމެރިކާ އާއި އީރާންއާ ދެމެދު ގާއިމުކުރި އެމްއޯޔޫ ނުވަތަ ވަގުތީ އެއްބަސްވުމުގައި ވެސް ހިމެނޭ ކަމެކެވެ. ނަމަވެސް ލުބުނާންގެ ހެލްތު މިނިސްޓްރީން ވިދާޅުވީ ރޭ މެންދަމުން ފެށިގެން މިއަދު މެންދުރު ފަހާ ހަމައަށް އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ލުބުނާންގެ ދެކުނުން ބެކާ ވެލީ ހިމެނޭ ސަރަހައްދުތަކުން 47 މީހުން ޝަހީދުކޮށްލައި 97 މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ.
މިދިޔަ މާޗް 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 3,980 މީހުން ޝަހީދުކޮށްލައި 12,001 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.
ރޮއިޓާސްއާ ވާހަކަ ދައްކަމުން އިސްރާއީލުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ކުރިއަށް ދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް، ހިޒްބުﷲ އިން އިސްރާއީލަށް ހަމަލާ ދީފި ނަމަ “އެ ހިސާބުން އެއީ ހަނގުރާމައިގެ ވަގުތު” ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ މިހާރު ވެސް ހިފާފައިވާ ލުބުނާންގެ ދެކުނުގައި އިސްރާއީލު ސިފައިން ދެމިތިބޭނެ ކަމަށެވެ.
ހިޒްބުﷲ އިން ބުނެފައިވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު