ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.
އެގޮތަށް ނިންމީ “ދުސިތު ޑީ ޓޫ ފޭދޫ މޯލްޑިވްސް” ގައި މިރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި 85 ރުފިޔާ ބެހުމަށް ނިންމީ ޖަލްސާއަށް ހާޒިރުވި 263 ހިއްސާދާރުންގެ ތެރެއިން 99 ޕަސަންޓު ހިއްސާދާރުންގެ ވޯޓުންނެވެ.
އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި 85 ރުފިޔާ ބެހުމަށް ނިންމި އިރު، މިއީ މިދިޔަ އަހަރު ބަހަން ނިންމި އަދަދަށްވުރެ 5 ރުފިޔާ އިތުރުވުމެކެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެސްޓީއޯގެ ބޯޑުގައި ކުރިއަށް އޮތް އަހަރު އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާނޭ ޑިރެކްޓަރަކަށް ހޮވުނީ މުހައްމަދު އަހުސަން ސަލީމެވެ.
މީގެ އިތުރުން އެސްޓީއޯގެ އޮޑިޓަރަކަކަށް އެއް މިލިއަން ރުފިޔާއަށް އައްޔަނުކުރީ އާނެސްޓް އެންޑް ޔަންގެވެ.


ކިޔުންތެރިންގެ ހިޔާލު