އެމްއެންޔޫ ދަނާލުގައި އަންހެން ކުއްޖަކު މަރުވެއްޖެ

ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ ދަންވަރު މަރުވެއްޖެއެވެ.

ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ވެސް ހަރަކާތްތެރިވެފައިވެއެވެ.

“ހަވާސާ” ނޫހަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަރުވެފައިވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާ ނުކުރެއެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މި އަހަރުގެ ތެރޭގައި މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ.

އޭޑީބީން މި މަހު ނެރުނު “އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް” ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 5.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް، މި އަހަރު އެ ނިސްބަތް އެއް އިންސައްތައަށް ދަށްވާނެ ކަމަށް އޭޑީބީން އަންދާޒާކުރެއެވެ. އަދި ތެލާއި ކާބޯތަކެތި ފަދަ ޒަރޫރީ ތަކެތި އިމްޕޯޓުކުރުމުގެ ހޭދަ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ފަސް އިންސައްތައަށް އުފުލޭނެ ކަމަށްވެސް އެ ބޭންކުން ލަފާކުރެއެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން އޭޑީބީން ފާހަގަކުރީ، ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން އަދާކުރުމަކީ ލިބުނު ކުރިއެރުމެއް ކަމުގައިވީ ނަމަވެސް، ރާއްޖޭގެ ދަރަނި އަދިވެސް ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 130 އިންސައްތައިގައި ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ހިންގާ ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރަންޖެހޭ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މެދުއިރުމަތީގެ ހާލަތު ރަނގަޅުވެ ދުނިޔޭގެ އިގުތިސާދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ތިން އިންސައްތައަށް އުފުލޭނެ ކަމަށް އޭޑީބީން އުއްމީދު ކުރެއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު، ހަނގުރާމައިގެ ހާލަތުގައިވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި އަހަރުގެ ތެރޭގައި އިތުރުވާނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ.

ގިނަ ބަޔަކާއެކު ދަތުރުކުރި ‘އުދަރެސް’ ބޯޓު ލ. އަތޮޅު ކައިރިއަށް ބަންޑުން ޖަހާލައިފި

މާލެއިން ފުރައިގެން ގދ. ފިޔޯރީއަށް ދަތުރުކުރި “އުދަރެސް” ބޯޓު ގިނަ ބަޔަކާއެކު ލ. މާމެންދޫ ކައިރިއަށް ބަންޑުން ޖަހާލައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ލ. އަތޮޅު ކައިރިން ބޯޓެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުން 15 އަށްވުރެ ގިނަ މީހުން ދަތުރުކުރަމުން ދިޔައެވެ.

މި ހާދިސާ ހިނގިކަން އެނގުނީ ބޯޓުން ދަތުރުކުރި ބަންގްލަދޭޝްގެ ރައްޔިތަކު ކަނޑުވެފައި ވަނިކޮށް، ފަތާފައި ގޮސް އެ ސަރަހައްދުގައި އޮތް ރިސޯޓަކަށް އެރުމުންނެވެ. އޭނާއާ ހަވާލާދީ މައުލޫމާތު އެނގޭ މީހަކު “ހުވަދޫ މީޑިއާ” އަށް ބުނެފައިވަނީ، ބޯޓު ބަންޑުން ޖަހާލުމާއެކު އޭގައި ތިބި އެހެން މީހުން ގެއްލިފައިވާ ކަމަށެވެ.

ބޯޓުން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ފެނިފައިވާ ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން ޕީސީބީން އަންގައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ދައުލަތުގެ ކުންފުނިތަކުން އިގުތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.
ޕީސީބީން ނެރުނު ސާކިއުލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މީގެ ކުރިން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ވެސް ވަނީ އަންގާފައެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، މިއަދު ވަނީ އިތުރު ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ ހުރިހާ ކުންފުނިތަކަށް އިރުޝާދު ދީފައެވެ.
ޕީސީބީން އެންގި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް: މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
އިތުރުގަޑީގެ މަސައްކަތް: ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ފިޔަވައި އިތުރުގަޑީގައި މަސައްކަތް ނުކުރުމާއި، ރަސްމީގަޑީގެ ތެރޭގައި ހުރިހާ މަސައްކަތްތައް ނިންމޭނެ ގޮތަށް ރޭވުން.
މަގާމުގެ ކުރިއެރުމާއި އައު މުވައްޒަފުން: މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، ކުންފުނީގެ އޮޕަރޭޝަންތަކަށް ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން.
ދަތުރުފަތުރު: ރާއްޖެއިން ބޭރަށް ކުރާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމާއި، އޮންލައިންކޮށް ބައްދަލުވުންތަކާއި ތަމްރީނުތަކުގައި ބައިވެރިވުން. އަދި ދަތުރުތަކުގައި ކުރާ ހަރަދު ކުޑަކުރުން.
ހިންގުމުގެ ހަރަދު: ކުންފުނީގެ އަސާސީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރުމާއި، ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުން.
އިޔާދަކުރަނިވި ހަކަތަ: ކުންފުނިތައް ހިންގުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުން.

މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ޕީސީބީން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުގެ އިތުރުން، ސަރުކާރުގެ އެހެން ބައެއް އިދާރާތަކުން ވެސް ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތު ވަގުތު ކުޑަކުރުމާއި އިތުރުގަޑީގެ މަސައްކަތް ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

 

އެއް ފަހަރު ބޮނޑި ބޮވިއްޖެ، ބައިބާންވާން ދެން ފުރުސަތު ނުދެމާ: އަބްދުﷲ ޝާހިދު

އެމްޑީޕީ ބައިބައިވާން ދެން އެއްވެސް ފުރުސަތެއް ނުދިނުމަށް އެެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަން ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ކާމިޔާބު ލިބުނީ އަމިއްލަ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އާންމުން މެންބަރުންްގެ އެދުމަކީ ޕާޓީ ބައިބައިނުވެ ކުރިއަށް ދިއުން ކަމުގައި ޝާހީދު ވިދާޅުވި އެވެ.

“ދެ ރައީސުން [ރައީސް ސޯލިހާއި ރައީސް ނަޝީދު] ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުން އެއީ ޕާޓީގެ މެންބަރުންނަށާއި ޕާޓީއަށް ތާއީދުކޮށް ވޯޓް ދިން މީހުން މި ޕާޓީއަށް އިތުބާރުކުރާނެ ހަމައެކަނި ގޮތަކީ,” ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެއް ފަހަރު “ބޮނޑި ބޮވިއްޖެ” ކަމުގައި ވިދާޅުވެ ދެން އެކަން ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. ޝާހިދު އެ އިޝާރާތް ކުރައްވަނީ ކުރީން އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވެ ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދި އުފެއްދުމަށެވެ. އެކަމާއި ގުޅިގެން އެމްޑީޕީއަށް އިންތިހާބުން ނާކާމިޔާބުވެ ދެވަނަ ދައުރެެއް ގެއްލުނެވެ.

ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައިފި

ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފިއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކައި ނިންމާފައެވެ. މި ފައިސާ ދެއްކުމާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ “ސަނީ ސައިޑް” ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ.

މި ފައިސާ ދައްކައި ޚަލާޞްކޮށްފައިވާއިރު، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިޔަން ޑޮލަރަށް އަރާފައެވެ.

މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިޔަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވުނު މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިފައިވާކަން ސަރުކާރުން ފާހަގަކޮއްފައިވެއެވެ.

އިސްރާއީލުގެ ބެން ގޫރިއަން އެއަރޕޯޓް ކައިރީގައިވާ މަތިންދާ ބޯޓްތަކަކަށް އީރާނުން ހަމަލާދީފި

އިސްރާއީލުގެ ބެން ގޫރިއަން އެއަރޕޯޓް ކައިރީގައިވާ މަތިންދާ ބޯޓްތަކަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ބެން ގޫރިއަން އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރ އަދި ހައިފާ ސަރަޙައްދަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ވަނީ ދީފައެވެ.

އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ރިޕޯޓުކުރާ ގޮތުގައި، މިއަދު ހެނދުނުން ފެށިގެން އެއަރޕޯޓުގައި ހުރި ތެޔޮ އަޅާ މަތިންދާބޯޓުތަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދެމުންދާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެއަރޕޯޓް ކައިރީގައިވާ އަސްކަރީ އަދި އެއަރޯސްޕޭސް ސިނާޢީ މަރުކަޒުތަކަށާއި ހައިފާގައި ހުރި މިފަދަ ތަންތަނަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެއެވެ.

މި ހަމަލާތަކުން ލިބުނު ގެއްލުން އަދި ސާފެއް ނުވެއެވެ. އިސާރާއީލުންވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަޒީފާގައި 75 އަހަރު ވަންދެން ދެމިހުރެވޭ ގޮތަށް ހަމަޖައްސައިފި

ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވައިލި ”ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގެ ގަވާއިދު“ ސަރުކާރުން ގެޒެޓުކޢަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަކީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި، ވަޒީފާ އަދާކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. މި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ނުވަތަ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުންނެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަސްދީޤުކުރެއްވީ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

މި ގަވާއިދު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް، ސިފައިން، ފުލުހުން، ފަނޑިޔާރުން، އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް އައްޔަންކުރާ މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ.

މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ 7 އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް އަލުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ވަޒީފާއަށް އެދޭ ފަރާތަކީ އެ ފަރާތަށް 75 އަހަރު ފުރުމާ ދެމެދު މަދުވެގެން 13 މަސް ދުވަހުގެ މުއްދަތެއް އޮތް ފަރާތަކަށް ވާންޖެހެއެވެ. އަދި މިހާރު ވަޒީފާގައި ހުރި މީހަކު 65 އަހަރު ފުރުމަށްފަހު ވަޒީފާގައި ދެމިހުންނަން ބޭނުންވާނަމަ، 6 މަސް ދުވަހުގެ ކުރިން އެކަން އަންގަންވާނެއެވެ. އެ އިދާރާއަކުން 2 މަސް ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން ޖެހެއެވެ.

ރީ-އެމްޕްލޯއިމަންޓްގެ ދަށުން ވަޒީފާ ހަމަޖައްސާނީ ކޮންމެ އަހަރަކު އެއްފަހަރު އައުކުރާ ގޮތަށް، 12 މަސް ދުވަހުގެ މުއްދަތަށެވެ.

މި ބަދަލަކީ މަސައްކަތުގެ މާހައުލުގައި ދެމިތިބެން ބޭނުންވާ ޤާބިލު މީހުންނަށާއި، ޤައުމުގެ ތަރައްޤީއަށް ބޭނުންހިފޭ ފަދަ ތަޖުރިބާކާރު، ހުނަރުވެރި ފަރާތްތަކަށް ޤައުމީ ޚިދުމަތުގައި ދެމިތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގެނެވުނު މުހިންމު އިސްލާހެކެވެ.

 

 

މޯލްޑިވްސް ގޭސްއިން ކޮންޓްރޯލްކޮށްގެން ގޭސް ވިއްކަން ފަށައިފި

މެދުއިރުމަތީގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތަ ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ މިންވަރު ކޮންޓްރޯލްކޮށް، މަދުން ގޭސް ވިއްކަން ފަށާފައިވާކަން މިއަދު ވަނީ އިޢުލާންކޮށްފައެވެ.

މޯލްޑިވް ގޭސްއިން މި ބަދަލު ގެނެސްފައިވަނީ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ލިބުން ބައިނަލްއަގުވާމީ ފެންވަރުގައި ދަތިވެ، އަވައްޓެރި އިންޑިއާއާއި ސްރީލަންކާއަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން ބުނީ، މި ފިޔަވަޅަކީ ރާއްޖޭގައި ހުރި ގޭހުގެ ރިޒާވް ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ

މި ބަދަލާއެކު، މޯލްޑިވް ގޭސްއިން މިހާރު ވަނީ އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭސް ވިއްކަން ފަށާފައެވެ. އެހެންކަމުން، މިހާރު ކަސްޓަމަރުންނަށް 10 ކިލޯގެ ގޭސް ފުޅިއެއް ލިބޭނީ އެއަށް ފަސް ކިލޯއަށް ގޭސް އަޅައިގެންނެވެ.މޯލްޑިވް ގޭސްއިން މިއަދު މަޢުލޫމާތު ދިން ގޮތުގައި، މިހާރު ލިބެންހުރީ ފަސް ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް 100 ރުފިޔާގެ ރޭޓުންނެވެ. މި ނިންމުމުގެ ސަބަބުން އާންމު ގޭބިސީތަކަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ހަނގުރާމައިގެ ހާލަތު ހުރިގޮތުން މިއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

ނަމަވެސް، ގައުމުގެ ހާލަތު މިފަދަ ނާޒުކު ފައްތަރެއްގައި އޮތްއިރުވެސް، ސަރުކާރުން ދަނީ ހުރިހާ ކަމެއް ރަނގަޅަށް ދާކަމަށް ބުނެ ހަގީގީ ހާލަތު އޮޅުވާލަމުންނެވެ. ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުންދަނީ ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ތެލުގެ ތާށިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އެކަމަކު އާންމު ރައްޔިތުންނަށް ފެންނަމުންދާ މަންޒަރާއި ސަރުކާރުގެ ބަސްމަގު ދިމާނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުޖްތަބާ ޚާމަނާއީގެ މަޢުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު ދޭން އެމެރިކާއިން ހުށައަޅައިފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ “ރިވޯޑްސް ފޯ ޖަސްޓިސް” (Rewards for Justice) ޕްރޮގްރާމުގެ ދަށުން، އީރާނުގެ އިސްވެރިންނާއި އައި.އާރް.ޖީ.ސީގެ އިސް މެންބަރުންގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރާ ހަމައަށް އިނާމު ދޭނެކަން މިއަދު އިޢުލާން ކޮށްފިއެވެ.

މި އިނާމު ހުށަހަޅާފައިވާ މީހުންގެ ތެރޭގައި އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރުގެ ދަރިކަލުން، އާޔަތުﷲ މުޖުތަބާ ޚާމަނާއީ ހިމެނެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މުޖުތަބާ ޚާމަނާއީ އާއި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ބައެއް އިސް ބޭފުޅުން ސިފަކޮށްފައި ވަނީ “ޓެރަރިސްޓް ލީޑަރުން” ގެ ގޮތުގައެވެ.

މި ޕްރޮގްރާމުގެ ދަށުން މި ފިޔަވަޅު އަޅާފައިވަނީ އެ ފަރާތްތަކާ ބެހޭ މުހިންމު މަޢުލޫމާތު ހޯދުމަށެވެ. މީގެ ތެރޭގައި އެ ފަރާތް ތަކުގެ މާލީ ވަޞީލަތްތަކާއި، އެމީހުން ހިންގާ ޙަރަކާތްތަކުގެ މަޢުލޫމާތު ހިމެނެއެވެ.

މިއީ އެމެރިކާގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތައް ކުޑަ ކުރުމަށާއި، ބައިނަލްއަޤްވާމީ ގޮތުން ހޯދަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އިނާމަކީ އީރާނުގެ ނުފޫޒު ގަދަ ލީޑަރުންނާއި އެ ޤައުމުގެ އަސްކަރީ އިސް ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. “ރިވޯޑްސް ފޯ ޖަސްޓިސް” ޕްރޮގްރާމަކީ އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ މުހިންމު ވަޞީލަތެކެވެ.

ރަޝިޔާއަކީ އިސްލާމީ ޖުމްހޫރިއްޔާގެ އިތުބާރުހުރި ބައިވެރިއެއްކަން ޔަގީންކޮށްދެމުން އީރާންގެ އައު އިސް ލީޑަރަށް ޕުޓިންގެ މަރުހަބާ ކިޔައިފި

އީރާނުގެ އާ ރޫޙާނީ ލީޑަރުގެ މަޤާމާ މުޖްތަބާ ޚާމަނާއީ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާ ވިދާޅުވެއްޖެއެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޚާމަނާއީ އައްޔަނު ކުރެއްވުމާ ގުޅިގެން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށް ކްރެމްލިންއިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ.

ކްރެމްލިންއިން ނެރުނު ބަޔާނުގައިވާ ގޮތުން ޕުޓިން ވިދާޅުވީ، އީރާނަށް ހަތިޔާރު އެޅި ހަމަލާތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެފަދަ މަތީ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑު ހިތްވަރަކާއި ފިދާވުމެއް ބޭނުންވާނެ ކަމަށެވެ. އަދި މުޖްތަބާ އޭނާގެ ބައްޕާފުޅުގެ މަސައްކަތްޕުޅު ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަވައި، ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އީރާނުގެ ރައްޔިތުން އެކަތިގަނޑަކަށް ހައްދަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

މީގެ އިތުރުން، މޮސްކޯއިން ތެހެރާނަށް ދޭ އެއްބާރުލުން އައުކުރައްވަމުން، ރަޝިޔާއަކީ އަބަދުވެސް އީރާނުގެ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ވަނީ ދެއްވާފައެވެ.

އެމެރިކާއާއެކު މަޝްވަރާކުރުމުގެ ބޭނުމެއް އޮތްކަމާމެދު އީރާނުން ސުވާލު އުފައްދައިފި

އެމެރިކާއާއެކު ސިޔާސީ މަޝްވަރާތަކެއް ކުރުމުގެ ބޭނުމެއް މިވަގުތު އޮތްކަމާމެދު ޖެނީވާގައި ހުންނަވާ އީރާނުގެ ސަފީރު ޢަލީ ބަހްރައިނީ މިއަދު ސުވާލު އުފައްދަވައިފިއެވެ.

“މިވަގުތަށް ބަލާއިރު، މަޝްވަރާތަކުގެ ބޭނުންތެރިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ޝައްކުކުރަން” އދ. އިން ޖެނީވާގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބަހްރައިނީ ވިދާޅުވިއެވެ.

އީރާނުގެ ސަފީރުގެ މި ވާހަކަތައް ދައްކަވާފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު މަޝްވަރާކުރުމުގެ ވަގުތު ފާއިތުވެފައިވާ ކަމަށް ބުނެފައެވެ. ޓްރަމްޕް ބުނި ގޮތުގައި އީރާނުން މިހާރު މަޝްވަރާކުރަން ބޭނުންވި ނަމަވެސް، އެކަމަށް މިހާރު ވަނީ މާ ލަސްވެފައެވެ.

“އެމީހުންގެ ވައިގެ ދިފާއީ ނިޒާމާއި، ވައިގެ ސިފައިންނާއި، ކަނޑުގެ ސިފައިން އަދި ލީޑަޝިޕް ވަނީ ނެތިގޮސްފައި. އެމީހުން ބޭނުންވަނީ ވާހަކަދައްކަން. އަޅުގަނޑު ބުނިން މާ ލަސްވެއްޖެއޭ!” ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރުތް ސޯޝަލް’ ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

މަޝްވަރާކުރުމަށް އެއްބަސްވެފައިވާ ކަމަށް މީގެ ދެ ދުވަސް ކުރިން ޓްރަމްޕް ބުނި ނަމަވެސް، ފަހުގެ ބަޔާނުގައި ވަނީ އެ ނިންމުން ބަދަލުކޮށްފިއެވެ. ޓްރަމްޕަށްވެސް ދެއްކޭ ވާހަކައެއް ނުދެއްކޭ ވާހަކަައެއް ނޭނގެއެވެ.