Advertisement

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މި އަހަރުގެ ތެރޭގައި މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ.

އޭޑީބީން މި މަހު ނެރުނު “އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް” ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު 5.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް، މި އަހަރު އެ ނިސްބަތް އެއް އިންސައްތައަށް ދަށްވާނެ ކަމަށް އޭޑީބީން އަންދާޒާކުރެއެވެ. އަދި ތެލާއި ކާބޯތަކެތި ފަދަ ޒަރޫރީ ތަކެތި އިމްޕޯޓުކުރުމުގެ ހޭދަ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ފަސް އިންސައްތައަށް އުފުލޭނެ ކަމަށްވެސް އެ ބޭންކުން ލަފާކުރެއެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން އޭޑީބީން ފާހަގަކުރީ، ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން އަދާކުރުމަކީ ލިބުނު ކުރިއެރުމެއް ކަމުގައިވީ ނަމަވެސް، ރާއްޖޭގެ ދަރަނި އަދިވެސް ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 130 އިންސައްތައިގައި ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ހިންގާ ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރަންޖެހޭ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މެދުއިރުމަތީގެ ހާލަތު ރަނގަޅުވެ ދުނިޔޭގެ އިގުތިސާދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ތިން އިންސައްތައަށް އުފުލޭނެ ކަމަށް އޭޑީބީން އުއްމީދު ކުރެއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު، ހަނގުރާމައިގެ ހާލަތުގައިވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި އަހަރުގެ ތެރޭގައި އިތުރުވާނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް