މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ދައުލަތުގެ ކުންފުނިތަކުން އިގުތިސާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.
ޕީސީބީން ނެރުނު ސާކިއުލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މީގެ ކުރިން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ވެސް ވަނީ އަންގާފައެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، މިއަދު ވަނީ އިތުރު ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ ހުރިހާ ކުންފުނިތަކަށް އިރުޝާދު ދީފައެވެ.
ޕީސީބީން އެންގި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް: މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
އިތުރުގަޑީގެ މަސައްކަތް: ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ފިޔަވައި އިތުރުގަޑީގައި މަސައްކަތް ނުކުރުމާއި، ރަސްމީގަޑީގެ ތެރޭގައި ހުރިހާ މަސައްކަތްތައް ނިންމޭނެ ގޮތަށް ރޭވުން.
މަގާމުގެ ކުރިއެރުމާއި އައު މުވައްޒަފުން: މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، ކުންފުނީގެ އޮޕަރޭޝަންތަކަށް ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން.
ދަތުރުފަތުރު: ރާއްޖެއިން ބޭރަށް ކުރާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމާއި، އޮންލައިންކޮށް ބައްދަލުވުންތަކާއި ތަމްރީނުތަކުގައި ބައިވެރިވުން. އަދި ދަތުރުތަކުގައި ކުރާ ހަރަދު ކުޑަކުރުން.
ހިންގުމުގެ ހަރަދު: ކުންފުނީގެ އަސާސީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރުމާއި، ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުން.
އިޔާދަކުރަނިވި ހަކަތަ: ކުންފުނިތައް ހިންގުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުން.
މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ޕީސީބީން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުގެ އިތުރުން، ސަރުކާރުގެ އެހެން ބައެއް އިދާރާތަކުން ވެސް ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތު ވަގުތު ކުޑަކުރުމާއި އިތުރުގަޑީގެ މަސައްކަތް ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު