ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

ބީއެމްއެލް ނޯތު ރީޖަން ލީގުގެ ޒޯން 1 ގެ ޗެމްޕިއަން ހދ. ހަނިމާދޫ އަދި ރަނަރ އަޕް ހއ. ދިއްދޫ ބައްދަލުކުރާ ‘ރީމެޗު’ މިއަދު ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ދިއްދޫގައި ކުޅޭ މި މެޗަށް ދެ ޓީމުން ނިކުންނައިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ކޮލިފައިއާސްގައި މި ދެ ޓީމު ބައްދަލުކޮށްފައިވާ ކަމެވެ. ކޮލިފައިއާސްގެ ފައިނަލުގައި ދެ ޓީމު ކުޅުނު ވާދަވެރި މެޗު 3-3 އިން އެއްވަރުވެގެން ނިމުނު ކަމުގައިވިޔަސް ޕެނަލްޓީ ޖަހައިގެން ޗެމްޕިއަންކަން ކާމިޔާބު ކޮށްފައިވަނީ ހަނިމާދޫއެވެ.

ރީޖަން ލީގުގައި ދެ ޓީމު ކުޅެފައިވާ މެޗުތަކަށް ބަލާލާއިރު ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އެ ގޮތުން ހަނިމާދޫ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ނ. މަނަދޫ މައްޗަށް ކުރި ހޯދާފައިވާއިރު ދިއްދޫ ވަނީ ބ. އޭދަފުށި ‘ބްރެޒިލް’ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

ނޯތު ރީޖަންގެ އެއްވަނައިގައި އޮތް ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. މިއަދުގެ މެޗަށް ދިއްދޫ ނިކުންނަނީ ހޯމް އެޑްވާންޓޭޖާ އެކީގައި ކަމުގައިވިޔަސް މުބާރާތުގެ ފޯމެޓުގެ ދަށުން އަދި ހަނިމާދޫގެ ދަނޑުގައި ވެސް ދެ ޓީމު ބައްދަލުކުރާނެއެވެ.

ރާއްޖެއާއި ސްރީލަންކާގެ ގުޅުމަކީ ހަމަހަމަ ފައިދާ ކުރަނިވި ގުޅުމަކަށް ހެދުމުގެ ތަސަވުރު ހާމަކުރައްވައިފި

ކޮޅުނބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި މައިގަނޑު ދެ ހަރަކާތުގައި، އެމަނިކުފާނު ވަނީ ރާއްޖެއާއި ސްރީލަންކާ ގުޅުމާއި ސަރަޙައްދީ ހައިސިއްޔަތާ ބެހޭ މާނަފުން މެސެޖެއް ދެއްވާފައެވެ. ދައުލަތުގެ ޖާފަތުގައި ދެއްވި ތަޤުރީރުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ ތާރީޚީ ގުޅުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެއްވި ނޫސްބަޔާނުގައި އެމަނިކުފާނު ސަމާލުކަން ދެއްވީ ސިޔާސަތުތަކާއި، ކަންކަން ތަންފީޒުކުރުމާއި، އަދި ރާއްޖޭން ގަސްތުކުރާ އިޤްތިޞާދީ މިޞްރާބުގެ މައްޗަށެވެ. މި ދެ ހަރަކާތުން ފެނިގެންދިޔައީ، ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން ރަމްޒީ ގޮތުންނާއި އަމަލީ ގޮތުން އާ އުސްމިންތަކަކަށް ގެންދިއުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅެވެ.

ދައުލަތުގެ ޖާފަތުގެ ތަޤުރީރުގައި ރައީސް މުޢިއްޒުގެ ވާހަކަފުޅު ބޮޑަށް ބިނާކުރެއްވީ ދެގައުމުގެ ގުޅުން ސިފަކުރައްވައި ދެގައުމުން ހިއްސާކުރާ ތާރީޚީ ހަނދާންތަކުގެ މައްޗަށެވެ. އެގޮތުން ސްރީލަންކާއަކީ “ދިވެހިންގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ޤައުމެއް” ކަމުގައި ސިފަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުމަކީ “ދެ ޖަޒީރާ ޤައުމު ގުޅުވައިދޭ ކަނޑު ބާނިތަކާ އެއްފަދައިން، ދެމިގެންވާ” ގުޅުމެއް ކަމަށް ސިފަކުރެއްވިއެވެ.

ޖާފަތުގައި ރައީސްގެ ވާހަކަފުޅު ބިނާ ކުރެއްވީ ގުޅުމުގެ ގާތްކަން ހާމަކޮށްދެއްވުމަށް އަދަބީ ގޮތުން މުއްސަނދި ބަހަކަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި މެދުކެނޑުމެއް ނެތް ގުޅުން ހާމަކޮށްދިނުމަށް ބޭނުންކުރެއްވި ބަސްމަގަކެވެ. ދިވެހިން އަބަދުވެސް ސްރީލަންކާއާ މެދު ދެކެނީ “އާއިލާއެއް ފަދަ ގާތް އަވަށްޓެރިއެއްގެ” ގޮތުގައިކަން ހަނދާންކޮށްދެއްވި އެވެ. އަދި މި ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމަކަށްވުރެ ބޮޑަށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްގެ ގޮތުގައި ބޭއްވުމަށް ބޭނުންފުޅުވާ ކަންވެސް ހާމަކޮށްދެއްވިއެވެ.

ރައީސް މުޢިއްޒުުގެ ތަޤުރީރުގައި މައިގަނޑު މިސާލެއްގެ ގޮތުގައި ބޭނުންކުރެއްވީ ކަނޑެވެ. ރައީސް މުޢިއްޒު ވިދާޅުވީ ކަނޑަކީ “އަޅުގަނޑުމެން ވަކިކުރާ އެއްޗެއް ނޫން” ކަމަށާއި، އެއީ “އަޅުގަނޑުމެން ގުޅުވައިދޭ” އެއްޗެއް ކަމަށެވެ.

އިންޑިއާ ކަނޑަކީ ވާދަވެރިކަމުގެ މައިދާނެއްގެ ބަދަލުގައި، އެންމެން ހިއްސާވާ ސްޓްރެޓެޖިކް ސަރަޙައްދެއްގެ ގޮތުގައި ސިފަކުރެއްވުމަށް ރައީސް ބޭނުންކުރެއްވި އުސްލޫބެކެވެ.

ތިމާވެށީގެ ނާޒުކުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންވެސް މޫސުމީ ބަދަލުތަކަކީ “މި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން” ކަމުގައި ވިދާޅުވެ، ދެ ގައުމުން ގުލިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ހެނދުނު ދެއްވި ނޫސްބަޔާން ބިނާ ކުރައްވާފައި ވަނީ އިންތިޒާމުވެފައިވާ، އަމަލީ ނަތީޖާތަކެއް ނެރުމުގެ މައްޗަށެވެ. އަދި އެ ބަޔާނުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ކުރިއަށްދާނެ ގޮތްތަކާއި، ތާވަލުތަކާއި، އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ މައްޗަށެވެ.

ރައީސް މުޢިއްޒު ސިފަކުރެއްވި ގޮތުގައި ސްރީލަންކާގެ ރައީސާއެކު ބޭއްވެވި މަޝްވަރާތަކަކީ “ވަރަށް ކާމިޔާބު” މަޝްވަރާތަކެކެވެ. އަދި މި ދަތުރުފުޅަކީ “މުސްތަޤުބަލަށް އަމާޒުހިފާފައިވާ ގުޅުމެއްގެ ފެށުން” ކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު މިވަނީ ހަމައެކަނި ރަމްޒީ ކަންކަމަށްވުރެ ބޮޑަށް، ތަރުތީބުކުރެވިފައިވާ ސިޔާސަތުތަކެއްގެ ދަށުން މަސައްކަތްކުރާ އަމަލީ ނަތީޖާ ނެރެދޭ މަރުހަލާއަކަށް ވަދެފައިވާ ކަން ދޭހަވެއެވެ.

ރައިސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ދާއިރާތައް ގިނަ ނަމަވެސް، އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ކަންކަން ތަންފީޒުކުރުމަށް ދެއްވި އަހަންމިއްޔަތެވެ. “އަޅުގަނޑުމެންގެ އަމާޒު މިހާރު ސާފު: އެއީ ނަތީޖާ ނެރުމާއި ތަންފީޒުކުރުން،” ރައީސްގެ ޕްރެސް ސްޓޭޓްމެންޓްގައި ވިދާޅުވިއެވެ.

މި ނޫސްބަޔާނުގެ އެންމެ މުހިންމު ބަޔަކީ އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ވާހަކައެވެ. ރައީސް މުޢިއްޒު ވަނީ “ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ” އަދި “ވިޔަފާރީގެ އާ ފުރުސަތުތައް ހުޅުވާލުމާ” ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގެ ވިޔަފާރީގެ ތަފާތުތަކުގެ މައްސަލަ ފާހަގަކުރައްވައި، “މިހާރަށް ވުރެ ބޮޑަށް ހަމަހަމަ، އިންސާފުވެރި، އަދި ދެފަރާތަށްވެސް ފައިދާހުރި” ގުޅުމެއްގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ގާއިމުކުރުމުގެ ފުރުސަތާއި، ރާއްޖޭގެ މަތީ ފެންވަރުގެ މަހުގެ އުފެއްދުންތައް ސްރީލަންކާއަށް ތައާރަފުކުރުމަކީ މިފަރަގު ކުޑަ ކުރުމުގެ އެންމެ ސާފު އަމަލީ މިސާލުތަކެވެ. މީގެ އިތުރުން، މިއީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ އިގްތިސާދީ ނުފޫޒު ފުޅާކުރުމުގެ ތަސައްވުރެއް ކަމަށް ބެލެވެއެވެ.

ސަލާމަތީ ދާއިރާގެ އެއްބާރުލުމަށް ވެސް ބޮޑު އިސްކަމެއް ރައީސްގެ ބަޔާންގައި ދެއްވިއެވެ. ކަނޑުގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ރާއްޖެއިން ދޭ ސަމާލުކަން ރައީސް މުޢިއްޒު ތަކުރާރުކުރެއްވިއެވެ. އަދި “ގުޅިފައިވާ ތަމްރީނުތަކާއި، ތަމްރީނު ދިނުމާއި، ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ސްރީލަންކާއިން މެދުނުކެނޑި ދެމުންދާ އެހީތެރިކަން ރާއްޖެއިން ނުހަނު ބޮޑަށް ބަލައިގަންނަ” ކަމަށް ވިދާޅުވިއެވެ.

މި ދެ ތަގުރީރުގެ މެސެޖު އެއްކޮށްލުމުން ދޭހަވަނީ، ރާއްޖެއިން ބޭނުންވަނީ ސްރީލަންކާއާއެކު އޮންނަ ގުޅުމަކީ ރައްޔިތުންނާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ވުމުގެ އިތުރުން، އެއީ ނަތީޖާ ފެންނަ، އިންތިޒާމުވެފައިވާ އަދި ރާއްޖެއިން ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގުޅުމަކަށް ވުމަށް ބޭނުންވާ ތަސައްވުރެވެ.

ޕީއެންއެފްގެ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލު ތަކުރާރުވާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރަމުންދާ ކަމަށް ބުނެ، އެ އަމަލުތައް ހުއްޓާނުލައިފި ނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންޒާރު ދީފިއެވެ.

އީސީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ހަރަކާތްތައް ބޭއްވުމަކީ ސުލޫކީ މިންގަނޑާ ހިލާފު އަމަލެކެވެ.

ދާދި ފަހުން ޕީއެންސީން، އެ ޕާޓީގެ ޖަގަހައިގައި ބައްދަލުވުމެއް ފަށާފައިވަނިކޮށް، އެތަނުގެ ކައިރީގައި ޕީއެންއެފްގެ މެންބަރުންތަކެއް އެއްވުމެއް ކުރިއަށްގެންދިއުމާ ގުޅިގެން އީސީން ބުނީ، އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެއް ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ވެސް އެ ގާނޫނުގެ 45 ވަނަ މާއްދާގެ (އ) އާއި (މ) އާ ހިލާފު ކަމެއް ކަމަށެވެ.

އީސީން ބުނީ މިފަދަ އަމަލުތައް ނުހިންގުމަށް ޕީއެންއެފަށް ނަސޭހަތްތެރިވެ އެކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، ޕީއެންއެފުން އެކަމަށް އުޒުރުވެރިވެފައިވާ ކަމަށް ވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް ކުރާ ވިއްސާރަ އިތުރުވާނެ ކަމަށް ލަފާކޮށްފި

މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވެހޭނެ ވާރޭގެ މިންވަރު އާންމު މިންގަނޑަށްވުރެ އިތުރުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މީޓިއޮރޮލޮޖިސްޓް ނަޞްރު އިސްމާޢީލް ވިދާޅުވީ ޖުމްލަ ވާރޭ ވެހޭ މިންވަރު އިތުރުވި ނަމަވެސް، ވާރޭ ވެހޭ ދުވަސްތަކުގެ އަދަދު މަދުވުން އެކަށީގެންވާ ކަމަށެވެ. މީގެ މާނައަކީ ވާރޭ ވެހޭ ވަގުތުތަކުގައި ވަރަށް ބޯކޮށް ވެހޭނެ ކަމެވެ.

މިހާރު ރާއްޖެ މި އޮތީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ އިންތިގާލީ މަރުހަލާގައެވެ. އާންމުކޮށް ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގައެވެ.

ހުޅަނގު މޫސުން އުފެދެނީ ދެކުނު ބިތުގައެވެ. އެހެންކަމުން، މޫސުން ބަދަލުވުމުގެ އަސަރު އެންމެ ފުރަތަމަ ކުރާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ބަދަލުވާނެއެވެ.

ވިއްސާރަ އިތުރުވި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ ހޫނުމިން ވެސް ހުންނާނީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓް އޮފީހުން މި މައުލޫމާތު ހާމަކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ނެރުނު ސީޒަނަލް ފޯކާސްޓްގައެވެ. ރައްޔިތުން މޫސުމަށް ސަމާލުވުމަށާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

 

 

ދޫނިދޫ ޖަލުގައި ބިޑިއަޅުވައި ގައިދީން އަވީގައި ބައިތިއްބާ މައްސަލައެއް ފެންމަތިކޮށްފި

ޖަލު އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދައްކާ ގައިދީންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައިދީންގެ އަތާއި ފައިގައި ބިޑި އެޅުވުމަށް ފަހު، ވަރަށް ހޫނުވާ ސަރަހައްދެއްގައި އެކަހެރި ކޮށްފައި ބައިތިއްބާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފެންމަތިކޮށްފި އެވެ.

ބައިނަލްއަގްވާމީ އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެޗްއާރްސީއެމުން ކޮންމެ އަހަރަކު ވެސް ޖަލުތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ބަލައި، އަހަރީ ރިޕޯޓެއް ނެރެ އެވެ.

އެގޮތުން އެޗްއާރްސީއެމުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ރިޕޯޓްގައި، ބަންދު މަރުކަޒުތަކުގައި އަޅަމުންދާ ތައުދީބީ ބައެއް ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫ ޖަލުގައި އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ގައިދީން ބިޑި އަޅުވައި، އެހެން މީހުންނާ ވަކިން ގޮޅިން ބޭރުގައި ބައިތިއްބަ އެވެ. ނުކިޔަމަންތެރިވާ ގައިދީންނާ މެދު މިފަދަ ވަގުތީ ފިޔަވަޅު އަޅަން، ޖަލުގެ މަސްލަހަތަށްޓަކައި ގަވާއިދުން ހުއްދަ ކުރާ ކަމަށް ރިޕޯޓްގައިވެ އެވެ.

ނަމަވެސް، މިގޮތަށް ގައިދީން އެކަހެރިކޮށް ބައިތިއްބާ ތަނާ މެދު ރިޕޯޓުގައި ކަންބޮޑުވުން ފާޅުކުރި އެވެ. ރިޕޯޓްގައިވާ ގޮތުން އެއީ މެންދުރު ވަގުތު ވަރަށް ހޫނުވާ ތަނެކެވެ. ބައެއް ފަހަރު ބަންދު މީހުން އަތާއި ފައިގައި ކްލިޕް ބިޑި އަޅުވައި ކުނަލެއް މަތީ ގިނަ އިރުތަކެއް ބާއްވާާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެހެން ބާއްވާއިރު، ނަމާދު ކުރުމަށާއި ފާހަނާ ކުރަން ފުރުސަތު ދޭ ކަމަށް އޮފިސަރުން ބުންޏަސް، އެކަން ލޮގް ކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން އެޗްއާރްސީއެމް ފާހަގަކޮށްފައިވާ ބައެއް ކަންބޮޑުވުންތައް:

  • ރިމާންޑް ބަންދު މީހުންގެ އަދަދު އިތުރުވުން.
  • ކަސްޓޯޑިއަލް ޖަލުތަކުގައި ރިމާންްޑް ބަންދު މީހުންގެ އަދަދު އިތުރުވުން.
  • ސިއްހީ ފަރުވާ ލިބުން ލަސްވުން.
  • މުވައްޒަފުންގެ ދަތިކަން.
  • މުހިންމު އުސޫލުތަކާއި އެސްއޯޕީތައް ހަދާފައި ނެތުން.
  • ދައުލަތުގެ އިދާރާތަކަށް ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އެކަށީގެންވާ މަރުކަޒުތައް ގާއިމްކޮށްފައި ނުވުން.

ރައީސް މުއިޒުއަށް ސްރީލަންކާ ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެޤައުމުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

މި ކުލަގަދަ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމިއްޔާތު އޮތް މައިދާނަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. އަދި ސްރީލަންކާގެ އަސްކަރިއްޔާއިން އެރުވި ގާޑް އޮފް އޮނަރ އެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ޢިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދުގެ ބޭފުޅުން ސްރީލަންކާގެ ރައީސަށް ވަނީ ތަޢާރުފުކޮށް އަރުވާފައެވެ. މި ވަފުދުގައި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރަސްމީ އިސްތިޤުބާލަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބަހައްޓާފައިވާ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މި ކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ފޯރިގަދަވެ، ރައީސް ނަޝީދާއެކު ޕާޓީ އާރޯވާން ފަށައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލެއްވުމާ ގުޅިގެން ޕާޓީގެ ކުރީގެ ފޯރިއާއި ޖޯޝް އަލުން އިއާދަވާން ފަށައިފިއެވެ.

ރައީސް ނަޝީދު މިރޭ ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަޕޯޓަރުން ބައިވެރިވިއެވެ. މުޅި ސަރަޙައްދު ރީނދޫ ކުލައިން ފުރާލާފައި އޮތް އިރު، ޖަލްސާގެ ބައިވެރިން ބުނަމުން ދިޔައީ ރައީސް ނަޝީދު ޕަޓީއަށް އައިސް މަސައްކަތް ފެށުމުން ޕާޓީގެ ކުރީގެ ރޫޙު އިއާދަވަމުންދާ ކަމަށާއި ރައީސް ނަޝީދު މި މަޤާމަށް ކުރިމަތިލެއްވުމަކީ ޕާޓީއަށް ލިބުނު އާ ދިރުމެއް ކަމަށެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. ކެމްޕެއިންގެ ފޯރިއާ އެކު، އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ހޯދުމަށް ގިނަ ބަޔަކު އަލަށް އެމްޑީޕީއާ ގުޅެމުންދާ ކަން ފާހަގަކުރެވެއެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން ފާހަގަކުރާ ގޮތުގައި، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސް ނަޝީދުގެ ތަޖުރިބާއާއި މަޤުބޫލުކަން ނުހަނު ބޭނުންވެއެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުން އަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

އޮންލައިން ނޫހެއް ކަމުގައިވާ “އަދަދު” ގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ބަލައި ފާސްކުރުމާ ގުޅިގެން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޝާހިދު މިކަން ކުށްވެރިކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުމަށް ސަރުކާރުން ކުރަމުންދާ މިފަދަ މަސައްކަތްތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް އޮތް ހައްގަށް ދެވޭ ސީދާ ހަމަލާއެއް ކަމަށެވެ. އަދި މިއީ މިނިވަން މީޑިއާތައް ނައްތާލުމަށް ސަރުކާރުން ހިންގާ ވަރަށް ނުރައްކާތެރި އަމަލެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

 

ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް ތަނބުކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެއީ ވެރިކަމުގައި ތިބޭ ބަޔަކު ބޭނުންވުމުން ދީފައި، ބޭނުން ނުވުމުން އަތުލެވޭނެ ފަދަ އިނާޔަތެއް ނޫން ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ސަގާފަތެއް ގާއިމުކުރުމަކީ ގައުމުގެ ޑިމޮކްރަސީ އެތައް އަހަރެއް ފަހަތަށް ގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ ބައެއް ވަސީލަތްތައް ބަލައި ފާސްކުރުމަށެވެ. މި އަމަލަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅައި، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ސިސްޓަމެޓިކްކޮށް ހިންގާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުންނާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ”އަދަދު”ގެ އޮފީހަށް ވަދެއްޖެ

ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ އުފައްދާފައިވާ ވީޑިއޯ ޑޮކުމެންޓްރީއަކާ ގުޅިގެން ‘އަދަދު’ ނޫހުގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.

‘އަދަދު’ ނޫހުން މިދިޔަ މަހު ފަހުކޮޅު އާންމު ކުރި ޑޮކުމެންޓްރީގައި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ.

ޑޮކުމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާއި މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައެވެ. އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ، އެއީ “ކަނޑައެޅިގެން ދޮގު ކަމަށް” ކަމަށެވެ.

ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދޭ ކަމުގައި ރައީސް ޕްރެސްކޮންފަރެންސްގައި ވިދާޅުވިއެވެ. އެއާއެކު ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.

މިރޭ 8ޖަހާއެހާއިރުން ފެށިގެން ފުލުހުން ދަނީ އަދަދު އޮފީސް ހުންނަ ހ. ހަޒާރުމާގޭގެ އަަށް ވަނަ ފަންގިފިލާ ބަލާ ފާސް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ބަލާ ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

‘ހަވާސާ’ ލިބިފައިވާ އެ ކޯޓު އަމުރުގައިވާ ބަލާ ފާސް ކުރަން ބޭނުންވާ ސަބަބެއް ކަމަށް އޮތީ:

  • 2026 މާޗް 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުން އައިޝާ ނަމުގައި ޝާއިއުކޮށްފައިވާ ވީޑިއޯ ރިޕޯޓުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް، ގަޒުފްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށް

 

  • އަދި އެ ވީޑިއޯ ތައްޔާރުކޮށް، ޕަބްލިޝްކޮށްފައިވަނީ، އަދަދު އޮންލައިންގެ އެކްސް އެކައުންޓުންކަމަށްވާތީ، “ޑޮކުމެންޓްރީ ތައްޔާރުކުރުގައްޔާއި ޕަބްލިޝްކުރުމުގައި ހަރަކާތްތެރިވި އެނެމެންނަކީވެސް ގަޒުފް ކުރުމުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމަށް ތުހުމަތު ކުރެވޭތީ” އެކަމާ ގުޅޭ ހެކި ގަރީނާ ހޯދުމަށް

 

  • އެކަމާ ގުޅޭ ހެކި ގަރީނާ ހުރި ކަމަށް ބެލެވެނީ، އަދަދު އޮންލައިން އޮފީހުގައި ބޭނުން ކުރާ ކޮމްޕިއުޓާ ސްޓޯރޭޖްތަކުގައި ރައްކާކޮށްފައިކަމަށް ތަހުގީގަށް ފެންނާތީ

ބަލާ ފާސް ކުރަން ދީފައިވަނީ، 72 ގަޑިއިރެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދަނީ، ކޯޓު އަމުރުގައިވާ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.

ލިޓަން މަރާލިކަން ސާބިތުވެ، ނިޒާމް 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

މުޙައްމަދު ލިޓަން ނަމަކަށް ކިޔާ ބަންގުލަދޭޝް ރައްޔިތެއް މަރާލިކަން ސާބިތުވެ، މި މައްސަލާގައި ހިމެނޭ މުޙައްމަދު ނިޒާމް 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.

މި ޙުކުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ މުއައްސަސާއިން ތަޙުޤީޤުކުރި، އެނގިހުރެ މީހަކު މަރައިލުމުގެ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (48އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ (ގާނޫނު ނަންބަރު 9/2014) ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓަން 35، މަރުގެ މައްސަލަ ފެންމަތިވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުގައި މި 2 މީހުން ގެއްލުމުންނެވެ. މި ދެމީހުންނަކީ ކުންފުންޏެއްގެ ދޯންޏެއްގައި މަސައްކަތްކުރަމުން ދިޔަ ދެ މީހުންނެވެ. ނަމަވެސް މި 2 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފުލުހުން ނިޒާމު ހޯދީ ސައްޔިދުކިލެގެފާނު މަގުގައި ހުންނަ ގެސްޓުހައުސްއަކުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 22 ވަނަ ދުވަހު މުޙައްމަދު ނިޡާމްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ނިޡާމް 25 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު ނިޡާމް، މި ދައުވާއާ ގުޅިގެން 3 ޖަނަވަރީ 2023 އިން ފެށިގެން 1 މާރިޗު 2026 އަށް، ޖުމުލަ 1154 ދުވަސް ބަންދުގައި ހުރުމުން އެ ދުވަސްތައް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު ނިޡާމް ތަންފީޒުކުރަންޖެހޭ މުއްދަތަކީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރޯދަ މަހުގެ ޑިސްކައުންޓު ބިލަށް ފަހު އައި ކަރަންޓު ބިލު ބޮޑުވެ އަނގޮޅިތީމުގައި މުޒާހަރާކުރަނީ

ނިމިދިޔަ ރަމަޟާން މަހު ކަރަންޓު ބިލަށް ދިން ޚާއްޞަ ޑިސްކައުންޓަށް ފަހު، މި މަހު ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، ރ. އަނގޮޅިތީމުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، ފެނަކަ ކޯޕަރޭޝަންގެ އެ ރަށު ބްރާންޗު ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެންދިޔަ ގޮތުގައި، ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ރައްޔިތުން ވަނީ ފެނަކަ ބްރާންޗު ކުރިމަތީ ނިކުމެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މުޒާހަރާގައި ބައިވެރިވި ރައްޔިތުން ވަނީ ފެނަކަ ބްރާންޗުގެ މެނޭޖަރު ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ކަރަންޓު ބިލު އަތްފޯރާ ފަށަށް ތިރިކޮށްދިނުމަށް ވެސް ގޮވާލިއެވެ. ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކުގެ ތެރޭގައި، ރޯދަ މަހުގެ ޑިސްކައުންޓަށް ހަޖޫ ޖަހައި، “ރޯދަ މަހަށް އުއްބަތި ބަހާ” ފަދަ ބަސްތައް ހިމެނިފައިވެއެވެ. ހަމައެއާ އެކު، “ރޯދަ މަހަށް މަސްދަޅު ކޭހެއް ދިނުމަށް ފަހު ރައްޔިތުން ހަލާކޮށްލައިފި” ކަމަށާއި، “ކަރަންޓު ބިލުން ފޭރެނީ” ފަދަ ބަސްތައް ވެސް ބޯޑުތަކުގައި ލިޔެފައިވެއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ރ. އަނގޮޅިތީމު ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ސާޖިދު “ރަސް އޮންލައިން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ދޫކުރި މަސްދަޅު ކޭސްތަކުގެ އަގު، ކަރަންޓު ބިލު މެދުވެރިކޮށް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިމަހުގެ ކަރަންޓު ބިލުތައް އާދަޔާޚިލާފަށް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނަށް މަގުމައްޗަށް ނުކުމެ އިޙުތިޖާޖު ކުރަން މަޖުބޫރުވީ ކަމަށް ސާޖިދު ވިދާޅުވިއެވެ.

ރަމަޟާން މަހު ސަރުކާރުން ކަރަންޓު ބިލަށް ދިން ލުޔަށް ފަހު، ރޯދަ ވިއްލި ބިލު ބޮޑުވެ، ގިނަ ގޭބިސީތަކަށް ކުރިއަށް ވުރެ ދެ ގުނަ ނުވަތަ ތިން ގުނަ ބޮޑު ބިލެއް ލިބިފައިވާ ކަމަށް ރައްޔިތުން ބުނެއެވެ. ރައްޔިތުންގެ ނަޒަރުގައި، ރޯދަ މަހު ދިން ޑިސްކައުންޓަކީ ހަގީގީ ލުޔެއް ނޫން ކަމަށާއި، ފަހުން ބިލު ބޮޑުކޮށް ރައްޔިތުންގެ ޖީބުން ފައިސާ ނެގުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަން ނުވަތަ ކަމާ ބެހޭ ސަރުކާރު ފަރާތްތަކުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީ މި މަހު 25 ގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ކޮންގްރެސް ޕާޓީން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހިތަދޫ އުތުރު ދާއިރާގައި އަދި މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.

ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން އެ ޕާޓީން ބުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓްލާނީ ހިތަދޫގައި ބަހައްޓާ ފޮށިތަކަށް ކަމަށެވެ. އަދި މާލެއާއި އެހެނިހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.

މި އިންތިޚާބުގެ ހުރިހާ ކަމެއް ރާވާ ހިންގާނީ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިތުރު އިންތިޒާމުތަކާއި އަމަލުކުރަންޖެހޭ އުސޫލުތައް އެ ކޮމެޓީން ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށްވެސް ކޮންގްރެސް ޕާޓީން މައުލޫމާތު ދެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.