އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަށް އީރާނުން ހަމަލާ ދީފި

އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަށް އީރާނުން ހަމަލާދީފިއެވެ.

އީރާނުގެ ވެރިރަށް، ތެހެރާނުގައި ހުރި “އަލްޖަޒީރާ”ގެ ނޫސްވެރިއަކު އެކަން ހާމަކޮށްފައިވަނީ އީރާނުން ނެރުނު ބަޔާނަކާއި ހަވާލާދީއެވެ.

އެގޮތުން އީރާންގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި މީގެ ކުޑައިރުކޮޅެއް ކުރިން، އެކި ހިސާބުތަކަށް 15 ކްރޫޒް މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެފައިވާ ކަމަށް އެ ނޫސްވެރިޔާ ވަނީ ބުނެފައެވެ.

އެ މިސައިލްތައް ފޮނުވާލާފައިވަނީ ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށާއި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް އަމާޒުކޮށް ކަމަށް ވެސް ބަޔާނާއި ހަވާލާދީ ނޫސްވެރިޔާ ބުންޏެވެ.

އީރާނުން އެ ހަމަލާތައް ފޮނުވާޅި ނަމަވެސް މިހަމަލާތައް އެމެރިކާގެ ކަނޑު އުޅަނދުތަކަށް އެރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އީރާނުން އިސްރާއީލާއި އެމެރިކާއާއި ގުޅުން އޮންނަ އަސްކަރީ މަރުކަޒުތަކަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި ގުޅިގެން އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެވެ. އެގޮތުން އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލަށް ސީދާ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ އަރަބި ގައުމުތަކުގައި ހުންނަ އެ މަރުކަޒުތަކަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.

ހައިޕާ ސޮނިކް މިސައިލުން ހަމަލާދީ އިސްރާއީލުގެ ބަންކަރެއްގައި ތިބި އެތައް ބަޔަކު މަރާލައިފި

އިސްރާއީލުގެ ބެއިތު ޝެމޭޝް ސަރަހައްދަށް ދިން ވަރުގަދަ ހައިޕާ ސޮނިކް މިސައިލް ހަމަލާއެއްގައި، ބަންކަރެއްގެ ތެރޭގައި ތިބި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ. މި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި އެ ސަރަހައްދަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ކަމާބެހޭ އިމަޖެންސީ ރެސްޕޮންސް ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ހަމަލާ އަމާޒުވި ބަންކަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ މެދުކަނޑުމެއް ނެތި ކުރިއަށެވެ.

ހައިޕާ ސޮނިކް މިސައިލަކީ އާދަޔާ ހިލާފަށް ބާރު މިނުގައި ދަތުރުކުރާ އަދި ދިފާއީ ނިޒާމުތަކަށް އަތުލައިގަންނަން އުނދަގޫ ހަތިޔާރަކަށް ވުމުން، މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ މި ހަމަލާ ދިން ގޮތާއި އޭގެ ފަހަތުގައިވާ ފަރާތްތައް ދެނެގަތުމަށް ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

މި ހަމަލާއާ ގުޅިގެން މަރުވި މީހުންގެ ސީދާ އަދަދު އަދި ކަށަވަރުވެފައި ނުވި ނަމަވެސް، މިއީ ވަރަށް ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ހަމަލާއެއް ކަމަށް މަސްދަރުތަކުން ބުނެއެވެ. ބެއިތު ޝެމޭޝްގެ ހާލަތު މިހާރު އޮތީ ވަރަށް ނުތަނަވަސްކޮށެވެ.

މީސް މީޑިއާގައި އިސްލާމް ދީނަށް ހަޖޫ ޖަހަމުންދާ ޢާމިރު ހޯދަން ފުލުހުން އިޢުލާނުކޮށްފި

މީސް މީޑިއާގެ އެކި މަންސަތަކުގައި އިސްލާމް ދީނަށް ހަޖޫ ޖަހަމުންދާ އަޙްމަދު ޢާމިރު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކޮށްފި އެވެ.

މި މީހާއަކީ މީސް މީޑިއާގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދައްކަމުންދާ މީހެކެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އިސްލާމް ދީނަށް ހަޖޫޖަހާ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަޙުޤީގު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީގަށް މީނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާޢީ މައްސަލަތައް ތަޙުޤީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީގަށް ހާޒިރުވުމަށް އަންގައި އިޢުލާނުކުރާ ކަމަށެވެ.

ފުލުހުން އިތުރަށް ވަނީ، އަޙްމަދު ޢާމިރު (51އ)، ހ. ފިލިކުރިގެ / މާލެ، އަންނަ މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާފައެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅުހެދުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހާ ދެކޮޅު ހެދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

އެގޮތަށް ނިންމާފައިވަނީ އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެެވެ. ދެ އިންތިހާބު އެއްކޮށް ބޭއްވުމާއި ގުޅޭގޮތުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް އެކަމާ ގުޅޭ ގަރާރެއް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މީކާއީލް ހުށަހެޅުއްވި ޤަރާރުގައި ފާހަގަކޮށްފައިވާ މުހިންމު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:

1: ރައްޔިތުންގެ ސީދާ މަޞްލަޙަތާ ގުޅުންހުރި މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން، އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެއް ނެތި ޤާނޫނުއަސާސީ އިޞްލާޙުކުރަން ހުށަހެޅުން.

2: މި ބިލު ދިރާސާކުރުމާއި ފުންކޮށް މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ބަދަލުގައި، އަވަސްއަރުވާލައިގެން ފާސްކުރަން އުޅުމަކީ އިޚްލާޞްތެރި ނިޔަތެއް އޮތް ކަމެއް ކަމަށް ނުފެނުން.

3: ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު، ކައުންސިލް އިންތިޚާބާ ދިމާކޮށް ނަގަން ނިންމާފައިވީ ނަމަވެސް، އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ނެތުން.

މި ސަބަބުތަކަށްޓަކައި، ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ދެކޮޅު ހެދުމަށް، ބައްދަލުވުމުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ސިޔާސީ ގޮތުން މަގުމަތީގެ ޙަރަކާތްތައް ފެށުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ ހުށަހެޅުއްވި ޤަރާރުވެސް މެންބަރުންގެ ފުރިހަމަ ތާއީދާއެކު ވަނީ ފާސްވެފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު، މި ރިފަރެންޑަމް ކުރިއަށް ގެންދާނެކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ

ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާ ރަށްރަށުގައި ޚިދުމަތްދޭ ގަޑިތައް އެއިދާރާއިން ހާމަކޮށްފިއެވެެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އާންމު ދުވަސްތަކެކޭ ވެސް އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށެވެ. މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން 13:00 އަށް ކަަމަށާއި، ހުކުރު ދުވަހު ނަންބަރު ދޫކުރާނީ 09:15 އިން 11:00 އާ ހަމައަށްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރަށްރަށުގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ 09:15 އިން ފެށިގެން 12:00އަށް ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އެއިދާރާއިން ވަނީ އެދިލައްވާފައެވެ.

އިމިގްރޭޝަނުން ދޭ ވިސާގެ ޚިދުމަތް ރަމަޟާން މަހު ދޭނެ ގަޑިތައްވެސް އިމިގްރޭޝަނުން ވަނީ އާންމުކުރައްވާފައެވެ. އެގޮތުން އީ-ވިސާއަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގައިއިރު ހުށަހެޅޭނެކަމަށާއި، ވިސާގެ ޚިދުމަތް ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ހެނދުނު 09:00 އިން 13:00 އަށް ލިބޭނެކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް ލިބޭނެކަން އެއިދާރާއިން ފާހަގަކުރައްވައެވެ.

ސީޕޯޓުގެ ޚިދުމަތްތަކަށް ބަލާއިރު، ހުކުރު ދުވަސް ނޫން އެހެން ކޮންމެ ދުވަހެއްގެވެސް ފަތިހު 05:20 އިން މެންދުރު 12:00 އަށް އަދި 13:00 އިން 17:30އަށް ޚިދުމަތްދޭއިރު، ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށް ސީޕޯޓުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހު ސޫޕޯޓުގެ ޚިދުމަތްދޭނީ މެންދުރު ފަހު 14:30 އިން ހަވީރު 17:30އަށް އަދި ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށެވެ. މީގެ އިތުރުން ފަތިހު 05:30 އިންހެނދުނު 08:00 އަށްވެސް ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުއްޓާއި، އުލިގަން އަަދި ހިތަދޫ ސީޕޯޓުގެ އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00އަށް ކަމަށް އިމްގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ “ދޮރުން ދޮރަށް” ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ވަރުގަދަކުރުމުގެ ގޮތުން، ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މާލޭގައި ކުރިއަށްގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލުބައްލަވައި، އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ތައާރަފުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ޢަލީ ޖަލީލު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕީއެންސީން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ މި އިންތިޚާބުގައި ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ހޯދުމަށްޓަކައި މާލޭގެ ހުރިހާ ދާއިރާއެއްގައި މިފަދަ ހަރަކާތްތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

މި ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރު ރައްޔިތުންނާ ހިއްސާކުރައްވައި، ކައުންސިލްތަކުގެ އެއްބާރުލުން ސަރުކާރަށް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ނ. މަނަދޫގައި ދަގަނޑު ހޮޅި ބޮނޑިތަކެއް ވަގަށް ނަގައި ވަޅުލި މައްސަލައެއް ފެންމަތިވެއްޖެ!

ނ. މަނަދޫގައި ހުރި 7 ބޮނޑި ދަގަނޑު ހޮޅިތަކެއއ ވަގަށް ނަގައިގެން އެ ރަށު ތެރޭގައި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.

“ހަވާސާ” ނޫހަށް މައުލޫމާތު ދިން މަނަދޫ މީހަކު ބުނި ގޮތުގައި، މި ވައްކަން ކޮށްފައިވަނީ އެ ރަށުގެ އެމްޓީސީސީ (MTCC) ސައިޓުގައި މަސައްކަތް ކުރާ ބަޔަކެވެ. އަދި އެ މީހުން ވަނީ ވަގަށް ނެގި ކޭބަލް ރޯލްތައް އެމްޓީސީސީ ސައިޓް ތެރޭގައި ވަޅުލާފައެވެ. މި ތަކެތި ވަޅުލަން ތިއްބާ އެ ރަށު މީހަކު ވަނީ އެ މީހުންގެ ފޮޓޯވެސް ނަގާފައެވެ. މި ފޮޓޯ ވަނީ ހަވާސާ ނޫހަށް ލިބިފައެވެ.

ވައްކަން ކޮއްގެން އެތަކެތި ވަޅުލަން ތިއްބާ ނަގާފައިވާ ފޮޓޯ

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ވަޅުލާފައި ހުރި ތަކެތި ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން “ހަވާސާ” ނޫހުން މަނަދޫ ފުލުހުންނާ ސުވާލު ކުރުމުން ބުނެފައިވަނީ، މިއީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދާ ހަވާލުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުގައި 31 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ނަވީން ރިޓަޔަކުރެއްވީ އިއްޔެއެވެ. ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން، ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާ ފަރުހާދު ފިކުރީއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވަނީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ.

އިސްމާއީލް ނަވީން ސީޕީގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެވުނީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އަލީ ޝުޖާއު މަގާމުން ވަކިވުމާ ގުޅިގެން ސީޕީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި، ނަވީންގެ އިތުރުން މިހާރު އިދާރާ ހިންގުމާ ހަވާލުވެވަޑައިގަތް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އުފުލާ މުއައްސަސާ ކަމަށްވާއިރު، މި ބަދަލާއެކު މުއައްސަސާގެ ހިންގުމުގެ ދުވެލި މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ރައީސް މައުމޫން އަވަހާރަވީކަމަށް ބުނާ ވާހަކައަކީ ދޮގެއް: އަަވަހާރަވީ އެމަނިކުފާނުގެ ކޮއްކޯފުޅު މަމްނޫން!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަހާރަވެއްޖެކަމަށް ބުނެ ސޯޝަލްމީޑިއާގައި ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއްކަން ކަށަވަރުވެއްޖެއެވެ.

ސޯޝަލް މީޑިއާގެ ބައެެއް ޕްލެޓްފޯމްތަކުގައި ރައީސް މައުމޫން އަވަހާރަވެއްޖެކަމަށް ބުނެ މިރޭ ވަނީ ބައެއް ޚަބަރުތައް ފެތުރިފައެވެ. އެހެން ނަމަވެސް, މިހާރު އެ ވާހަކަތައް ވަނީ ޑިލީޓްކޮށްލައިފައެވެ.

ރައީސް މައުމޫންގެ އާއިލީ ބޭފުޅަކު “ޙަވާސާ”އަށް ވިދާޅުވީ އެ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި މިރޭ އަވަހާރަވީ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުالله މަމްނޫން އަބްދުލްގައްޔޫމް ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަމްނޫން އަވަހާރަވީ މިރޭ އިޝާނަމާދަށްފަހު ކުއްލި ގޮތަކަށެވެ. އަވަހާރަވީއިރު އުމުރުފުޅުން 68 އަހަރެވެ.

ރައީސް ޔާމީންގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު މަމްނޫނަކީ އާއްމުންގެ ތެރޭގައި މަޝްހޫރު ބޭފުޅެއް ނޫނެވެ. އަދި ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސީ މަސައްކަތްތަކުގައި ވެސް މަސައްކަތްކުރެއްވި ބޭފުޅެއް ނޫނެވެ.

 

ރައީސްގެ ދަރިކަލުން އުމައިރު އަކީ ‏މޮޅު ޓީޓީ ކުޅުންތެރިއެއް: މަހުލޫފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސްޕޯޓް މިނިސްޓްރީން ކޮންމެ އަހަރު އެއްފަހަރު ބައްވާ ކުޅިވަރު އެވޯޑު ކެޓަގަރީއަށް ރައީސްގެ ދަރިކަލުން އުމައިރު ވަނީ ނޮމިނޭޓް ވެފަ އެވެ.

އެހެންވެ، ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔަމުން އަންނިކޮށް، މަހުލޫފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެކެވެ. އަދި ޓީޓީ އިން ރަން ވަނަ ތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ އެހާމެ ހުނަރުވެރި ކުޅުންތެރިއެއް ވެސް މެ އެވެ.

“މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫނެވެ. އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުންނެވެ. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެވެ،” މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ އުމައިރު އަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ވެސް ހިމެނުނު އެތުލީޓެއް ކަމަށެވެ. އަދި ހަގީގަތް ނުބަލާ ކުދިންގެ މި ފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީ ކުރުން ހުއްޓާލަންޖެހޭ ކަމަށް ވެސް ކުރީގެ ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މި ސަރުކާރަށް ނޫނެކޭ ބުނަން އެމްޑީޕީ ކެންޑިޑޭޓުން ހޮވަން ޖެހޭ: އިބޫ

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި ސަރުކާރަށް ނޫނެކޭ ބުނުމުގެ ގޮތުން ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ބޮޑެތި ވައުދުތައް ވުން ކަމަށާއި ވައުދުތައް ފުއްދޭ ތަން ނުފެންނަ ކަމަށެވެ.

ރިޔާސީ ބަޔާނުން ވެސް ފެނިގެން ދިޔައީ އެފަދަ ބައެއް ޖޯކު ވައުދުތައް ކަން ފާހަގަކޮށް، ސަރުކާރު ކުންފުނިތަކުން ތަރައްގީކުރާ ރިސޯޓުތަކުން ކޮންމެ ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވީ ވައުދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އެއްވެސް ކަމެއްގެ ވާހަކަ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިނުވާ ކަމަށެވެ.

ރަށްރަށުގައި މަޝްރޫއުތައް ފަށައި ބިންގާއެއް އެޅުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ބިންގާ ވެސް ގިނަ ފަހަރު އޮންނަނީ ގެއްލިފައިވާ ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވީ ޕީއެންސީއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ބައެެއް ނޫން ކަމަށާއި ޕީއެންސީ ކައުންސިލަރުންނަށް ކައުންސިލްތައް ދީގެން ރަށުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެ ކައުންސިލަރުން ކުރާނެ ހަމައެކަނި ކަމަކީ މުއިއްޒު ބުނާ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ކަންކަމާއި ސަރުކާރަށް ނޫނެކޭ ބުނުމަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބާޒާރުމަތީ މަގުގައި ފެށޭ ހަފްތާ ތާރުއަޅަނީ

މާލޭ ބާޒާރުމަތީ މަގުހެދުމަށް މިހާރު ކުރިއަށްގެންދާ ފިޔަވަހީގެ ދަށުން މި ފެށޭ ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފަށާނޭކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބާޒާރުމަތީ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން އެމްޓިސީސީން މިއަދު ބުނީ، މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ސަބްބޭސް އެއްވަރުކޮށް ނިންމުމުގެ މަސައްކަތްކަމަށެވެ. އެމްޓީސީސީން ބުނީ ސަބްބޭސްގެ މަސައްކަތް ނިންމައި މި ފެށޭ ހަފްތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ތާވަލް ކޮށްފައިވާކަމަށެވެ.

މި މަސައްކަތްތަކާއެކު ބަނދަރު ސަރަހައްދުގެ ކާނު ހެދުމާއި، މަގުބައްތިތަކާއި މަގުމަތީގެ ނިޝާންތަކާއި އެނޫންވެސް ކަންކަން ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާނޭކަމަށް އެމްޓިސީސީން ބުންޏެވެ. ބާޒާރުމަތީ މަގުގެ މަސައްކަތްތައް ނިމުމުން އެ ސަރަހައްދަށް އެކި ބޭނުންތަކުގައި ދާ މީހުންނަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ބާޒާރުމަތީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މަގު 4 ލޭނަށް ފުޅާކޮށް ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން ނޯތް ހާބަރު ސަރަހައްދާ ހަމަޔަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެމްޓީސީސީން ވަނީ ނޯތް ހާބަރު ސަރަހއްދުގެ މަސައްކަތްވެސް ފަށާފައެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.