އީރާނުގެ އާ ރޫޙާނީ ލީޑަރުގެ މަޤާމާ މުޖްތަބާ ޚާމަނާއީ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާ ވިދާޅުވެއްޖެއެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޚާމަނާއީ އައްޔަނު ކުރެއްވުމާ ގުޅިގެން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށް ކްރެމްލިންއިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ.
ކްރެމްލިންއިން ނެރުނު ބަޔާނުގައިވާ ގޮތުން ޕުޓިން ވިދާޅުވީ، އީރާނަށް ހަތިޔާރު އެޅި ހަމަލާތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެފަދަ މަތީ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑު ހިތްވަރަކާއި ފިދާވުމެއް ބޭނުންވާނެ ކަމަށެވެ. އަދި މުޖްތަބާ އޭނާގެ ބައްޕާފުޅުގެ މަސައްކަތްޕުޅު ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަވައި، ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އީރާނުގެ ރައްޔިތުން އެކަތިގަނޑަކަށް ހައްދަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.
މީގެ އިތުރުން، މޮސްކޯއިން ތެހެރާނަށް ދޭ އެއްބާރުލުން އައުކުރައްވަމުން، ރަޝިޔާއަކީ އަބަދުވެސް އީރާނުގެ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު