ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވައިލި ”ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދިނުމުގެ ގަވާއިދު“ ސަރުކާރުން ގެޒެޓުކޢަމަލުކުރަން ފަށައިފިއެވެ.
މި ގަވާއިދަކީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި، ވަޒީފާ އަދާކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. މި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ނުވަތަ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުންނެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަސްދީޤުކުރެއްވީ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
މި ގަވާއިދު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް، ސިފައިން، ފުލުހުން، ފަނޑިޔާރުން، އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް އައްޔަންކުރާ މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ.
މި ގަވާއިދުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ 7 އަހަރު ދުވަހުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަވެގެން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް އަލުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ވަޒީފާއަށް އެދޭ ފަރާތަކީ އެ ފަރާތަށް 75 އަހަރު ފުރުމާ ދެމެދު މަދުވެގެން 13 މަސް ދުވަހުގެ މުއްދަތެއް އޮތް ފަރާތަކަށް ވާންޖެހެއެވެ. އަދި މިހާރު ވަޒީފާގައި ހުރި މީހަކު 65 އަހަރު ފުރުމަށްފަހު ވަޒީފާގައި ދެމިހުންނަން ބޭނުންވާނަމަ، 6 މަސް ދުވަހުގެ ކުރިން އެކަން އަންގަންވާނެއެވެ. އެ އިދާރާއަކުން 2 މަސް ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން ޖެހެއެވެ.
ރީ-އެމްޕްލޯއިމަންޓްގެ ދަށުން ވަޒީފާ ހަމަޖައްސާނީ ކޮންމެ އަހަރަކު އެއްފަހަރު އައުކުރާ ގޮތަށް، 12 މަސް ދުވަހުގެ މުއްދަތަށެވެ.
މި ބަދަލަކީ މަސައްކަތުގެ މާހައުލުގައި ދެމިތިބެން ބޭނުންވާ ޤާބިލު މީހުންނަށާއި، ޤައުމުގެ ތަރައްޤީއަށް ބޭނުންހިފޭ ފަދަ ތަޖުރިބާކާރު، ހުނަރުވެރި ފަރާތްތަކަށް ޤައުމީ ޚިދުމަތުގައި ދެމިތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގެނެވުނު މުހިންމު އިސްލާހެކެވެ.


ކިޔުންތެރިންގެ ހިޔާލު