ނޮނީ މަޑުއެކޭ 50 މިލިއަނަށް އާސެނަލަށް ބަދަލުވަނީ

ޗެލްސީގެ އިނގިރޭސި ފޯވާޑް ނޮނީ މަޑުއެކޭ، 50 މިލިއަން ޕައުންޑް (68 މިލިއަން ޑޮލަރު) އަށް ވާދަވެރި އާސެނަލް އަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

 

ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން އެއްބަސްވެފައިވާ މަޑުއެކޭ ހޯދަން 50 މިލިއަން ޕައުންޑްގެ އިތުރުން ބޯނަސްގެ ގޮތުގައި ދެ މިލިއަން ޕައުންޑް ވެސް ޗެލްސީއަށް ހުށަހަޅައިފައި ވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

 

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ އަކީ މިވަގުތު، ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ތައްޔާރުވަމުން އަންނަ ޗެލްސީގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި އޭނާ ކުޅުނެވެ.

 

ނެދަލެންޑްސްގެ އަޔެކްސް އިން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީއަށް ބަދަލުވި މަޑުއެކޭ ވަނީ މިހާތަނަށް އެ ކްލަބަށް 92 މެޗު ކުޅެދީ 20 ގޯލު ޖަހައިފަ އެވެ. ނެދަލެންޑްސް އަށް ބަދަލު ވުމުގެ ކުރިން މަޑުއެކޭ ވަނީ ލަންޑަނުގެ ވާދަވެރި ޓޮޓެންހަމްގެ އެކަޑަމީގައި ތަމްރީންވެފައެވެ.

 

ލަންޑަނުގެ ވާދަވެރިކަމާ އެކު ވެސް ފަހުގެ ތާރީހެއްގައި ޗެލްސީގެ ގިނަ ކުޅުޅުންތެރިންތަކެއް ވަނީ އާސެނަލް އަށް ބަދަލުވެފަ އެވެ. އެގޮތުން މި ޓްރާންސްފާ ބާޒާރުގައި ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވެސް ވަނީ އާސެނަލް އަށް ސޮއި ކޮށްފައެވެ.

 

މީގެ އިތުރުން އެންމެ ފަހުން ޗެލްސީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ޖަރުމަން ފޯވާޑް ކައި ކަވާޓްޒް ވެސް މިހާރު ކުޅެމުން އަންނަނީ އާސެނަލް އަށެވެ. އަދި އެ ސްކޮޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ މިދިޔަ ސީޒަނަަށް ފަހު އާސެނަލް ދޫކޮށް ބްރެޒިލްގެ ފްލަމެންގޯ އާއެކު ކްލަބް ވޯލްޑް ކަޕްގައި ކުޅެފައެވެ.

 

އޭގެ ކުރިން ކުޅުނު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ވިންގާ ވިލިއަން ބޯޖެސް އާއި ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ އިތުރުން، ގޯލްކީޕަރު ޕީޓާ ޗެކް ފާހަގަ ކޮށްލެވެއެވެ.

ގަދަވަޔާއެކު މާލޭ އޯކިޑް މަގުގައި ހުރި ގަހެއް ވެއްޓިޖެ

ގަދަވަޔާއެކު މާލޭ އޯކިޑް މަގުގައި ހުރި ގަހެއް ވެއްޓި މަގު ބަންދުވެއްޖެއެވެ.

 

ވެއްޓިފައިވަނީ، އޯކިޑްމަގާއި އާބުރުޒު ހިނގުން ގުޅޭ ސަރަހައްދުގައި ހުރި ގަހެކެވެ. އެ ގަސް މަގުމައްޗަށް ވެއްޓި އެ ކަންމަތިން ފެށިގެން މަގު ވަނީ ބަންދު ވެފައެވެ.

 

ފުލުހުން ބުނީ، ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

 

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މާލެއަށްވެސް ވަރަށް ވައިގަދަވެ އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ.

 

އޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

 

މެޓް އޮފީހުންވެސް ވަނީ، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހއ އިން ލ އަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ވަނީ 19 މޭލާއި 24 މޭލަށް ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

ޑރ. އިބްރާހިމް މުސްތަފާ ނިޔާވެއްޖެ

ސިއްހީ ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ ޑރ. އިބްރާހިމް މުސްތަފާ ނިޔާވެއްޖެ އެވެ.

 

ޑރ. މުސްތަފާ އަކީ ތައުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.

 

އަދި ސިއްހީ ދާއިރާ ކުރިއެރުވުމާއި ދިރާސާތައް ކުރުމުގައި ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ގައުމު ތަކުގައިވެސް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވޯޓާރ ސްޕޯޓްސް ހަރަކާތްތައް ހުއްޓާލުމަށް ފުލުހުންގެ އިލްތިމާޒްކޮއްފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވިއްސާރަ ކުރުމާއި، ގަދަ ވަޔާއެކު ކަނޑުތައް ގަދަވެފައިވާ ކަމަށް ރިޕޯޓްކުރެވިފައިވާއިރު، މި ހާލަތުގައި ކަނޑުގެ އެއްވެސް ކުޅިވަރެއްގައި ބައިވެރިނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިރުޝާދު ދެއްވައިފިއެވެ.

 

ފުލުހުން ބުނެފައިވަނީ، މޫސުމީ މި ހާލަތުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމާއި، ކަނޑުގެ ކުޅިވަރުތަކުގައި ބައިވެރިވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަކީ ފުލުހުން އެންމެ އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވެ، މޫސުން ރަނގަޅުވަންދެން ކަނޑުގެ އެއްވެސް ހަރަކާތެއްގައި ނުވަތަ ކަނޑުދަތުރުފަތުރެއްގައި ބައިވެރިނުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

ފުލުހުންގެ އިރުޝާދުގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިވަގުތު މޫސުން ގޯސްވެ، ވިއްސާރަވެ، ކަނޑުތައް ގަދަވެފައިވާ ކަމަށެވެ. މިހާލަތުގައި ކަނޑުމައްޗަށް ނުކުތުމަކީ ބޮޑެތި ނުރައްކާތަކާ ކުރިމަތިވެދާނެ ކަމެއްކަމަށެވެ.

 

މޯލްޑިވްސް މެޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ދޫކުރާ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ސަމާލުވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ. މޫސުން ރަނގަޅުވެ، ކަނޑުތައް މަޑުވަންދެން ކަނޑުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން ވަނީ ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރިވެފައެވެ.

ހޯކްސްއަށް ދައުވާ ކުރެވޭ ވަރަށް ތަހުގީގުގައި ހެެއްކެއް ނެތް!

ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި ރާއްޖެ އަށް ވަގަށް އެތެރެކުރި މައްސަލާގައި ދައުވާ ކުރަން ނިންމީ ތިން މީހެއްގެ މައްޗަށް ކަމަށާއި އެ ކުންފުންޏާއި އިތުރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ކަސްޓަމްސް އިން ތަހުގީގުކޮށް ފޮނުވި މައްސަލާގައި ނެތް ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ވަގަށް ސިނގިރެޓް އެތެރެކުރަން އުޅުނު މައްސަލާގައި ޕީޖީ އޮފީހުން މިއަދު ބުނީ، ދައުވާ ކުރުމުގެ މުއްދަތު އަދި ހަމަނުވާތީ، ހޯކްސް ކުންފުނީގެ މައްޗަށް އިތުރު ހެކި ލިބިއްޖެ ނަމަ ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

 

އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ ހޯކްސްގެ އިތުރުން އިސްމާއިލް އާދަމް ކިޔާ މީހެއްގެ މައްޗަށެވެ. އެހެންވެ، އެ މައްސަލާގައި ހިމެނޭ އެ ދެ ފަރާތުގެ ބައި ކަސްޓަމްސް އަށް މިދިޔަ ޖޫން 10 ގައި އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

 

ޕީޖީ އޮފީހުން ބުނީ، މިހާރު ދައުވާ ކޮށްފައި ވަނީ ކަސްޓަމްސް އިން ތަހުގީގުކޮށް ހުށަހެޅި މައްސަލައެއްގައި ކަމަށާއި އެ މައްސަލައާ ގުޅުން ހުރި އިތުރު ޖިނާއީ ތަހުގީގެއް ފުލުހުން ކުރަމުން އަންނަކަމަށެވެ.

 

“އެ މައްސަލަ މި އޮފީހަށް ހުށަހެޅުމުން، މި މައްސަލާގައި ތުހުމަތު ކުރެވުނު ކުންފުނީގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ،” ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

 

ރާއްޖެ އަށް ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ފިޔަވަޅު ނޭޅި ދިގުލައިގެންދާތީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މި ހަފުތާގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، ޕީޖީ އޮފީހުން ރޭ ބުނީ، ދައުވާ ކުރުމާ ގުޅޭ މަރުހަލާތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ކަމަށެވެ. އެގޮތުން އޮކްޓޫބަރ 30 ގައި ޑިއުޓީ ޕްރޮސިއުޝަނަށް މައްސަލަ ހުށަހަޅައި ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ހަތަރު ފަހަރެއްގެ މަތިން ލިޔުމުން ދިން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

 

ޕީޖީ އޮފީހުގެ ޓައިމްލައިނުން ދައްކާ ގޮތުން ނަމަ ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ކަސްޓަމްސް އިން ކުރި ތަހުގީގު ނިމި އެ އޮފީހަށް މައްސަލަ ބަލައިގަންނަން ނިންމީ މި އަހަރުގެ އޭޕްރީލް 22 ގަ އެވެ. ތަހުގީގުގައި ތުހުމަތުތައް ކޮށްފައި ވަނީ 17 މީހަކާއި ހޯކްސް ކުންފުނީގެ މައްޗަށެވެ.

 

“ތުހުމަތު ކުރެވޭ އިންޑިއާގެ 11 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ކުށަށް އިއުތިރާފުވެ، ނަސޭހަތުގެ އެއްބަސްވަށް އެދިފައިވާތީ، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް ނިންމުނު،” ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

 

އެ މީހުންނާ އެކު އެއްބަސްވުން ހެދީ އޭނާ ވިދާޅުވިގޮތުގައި މިދިޔަ މޭ ހަތަރުވަނަ ދުވަހުއެވެ.

 

މި މައްސަލަ އޭރު ފެންމަތިވުމުން ހޯކްސް އިން ވަނީ އެކަމުގައި އެ ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ވެސް ހޯކްސް އިން ކުރިން ބުނެފައިވެއެވެ.

 

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިއްވި އެ މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސް އިން ފުރަތަމަ ހިއްސާކުރީ ނުބައި މައުލޫމާތު ހިމެނޭ ޓައިމްލައިނެކެވެ. އެކަމަކު، އެކަން، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ސަމާލު ކަމަށް ކޮމިޓީން ގެނައުމުން ފަހުން ތެދު މައުލޫމާތު ހިއްސާކުރި ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

ފިރިމީހާ ފެންނުވަރާތީ ވަރިއަށް އެދިއްޖެ

އުއްތަރު ޕްރަދޭޝްގެ އާގްރާގައި އުޅޭ އަންހެނަކު، އޭނާގެ ފިރިމީހާ ގަވާއިދުން ފެންނުވަރާތީ ވަރިއަށް އެދިއްޖެއެވެ.

 

އޭނާ ވަރިއަށް އެދިފައިވަނީ ކައިވެނިކުރިތާ އެންމެ މަހެއްހާ ދުވަސް ވެފައިވަނިކޮށް ކަމަށް އިންޑިއާ ޓުޑޭގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

 

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ފިރިހެން މީހާ ފެންވަރަނީ މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު އެކަނި ކަމަށާއި، އޭގެ ސަބަބުން އޭނާގެ ހަށިގަނޑުން ނުބައި ވަސް ދުވާ ކަމަށެވެ. އަދި އެކަން އޭނާގެ އަނބިމީހާއަށް ތަހައްމަލު ނުކުރެވޭ ކަމަށް ބުނެފައިވެއެވެ.

 

އެހެންވެ ކައިވެނިކޮށްގެން 40 ދުވަސް ވުމަށްފަހު، އަންހެން މީހާ ވަނީ ވަރިވުމަށް ނިންމާފައެވެ.

 

ސުވާލު އުފެދިފައިވާ ފިރިހެން މީހާ ކަމަށްވާ ރާޖޭޝް، ހަފުތާއަކު އެއްފަހަރު އިންޑިޔާ މީހުން މާތްކަމަށް ދެކޭ ކޯރެއް ކަމަށްވާ ގަންގާ ކޯރުން ފެންވަރައެވެ. ނަމަވެސް، ކައިވެނިކުރުމަށްފަހު، އޭނާގެ އަނބިމީހާގެ އެދުމުގެ މަތިން މަތިން 40 ދުވަހުގެ ތެރޭގައި 6 ފަހަރު ފެންވަރާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

 

އަންހެން މީހާގެ އާއިލާއިން ފުލުހުންނަށް “ކާވެނީގެ ރަން” ހޯދުމުގެ ފުރައްސާރައިގެ ޝަކުވާއެއް ހުށަހަޅައި، ވަރިވުމަށް އެދިފައިވާ ކަމަށް ބުނެފައެވެ. އޭރު އަންހެން މީހާ ވަނީ، ފިރިމީހާއާ ދެބަސްވުމަށްފަހު، އޭނާގެ މައިންބަފައިންގެ ގެއަށް އެނބުރި ގޮސްފައެވެ. އަދި ފިރިމީހާ ވަނީ އެންމެ ފަހުން އަމިއްލަ ސާފުތާހިރުކަން ރަނގަޅުކުރުމަށް އެއްބަސްވެފައެވެ.

 

ނަމަވެސް، އަންހެން މީހާ ދެވަނަ ފަހަރަށް އޭނާއާއެކު ދިރިއުޅުމަށް ބޭނުން ނުވާކަމަށް ބުނެފައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ވައިގެ ދަތުރުފަތުރަށް އަދިވެސް ކުރަމުންދޭ

މިދިޔަ މަހު ޔަހޫދީން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ކުރި ނޭދެވޭ އަސަރު އަދިވެސް ދަނީ ކުރަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުތަކަށް ގިނަ އެއަރލައިންތަކަކުން ކުރަމުންދިޔަ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ.

 

ޔަހޫދީންގެ ހަމަލާތަކާ ގުޅިގެން އީރާނުގެ މައި ވައިގެ ބަނދަރު ކަމަށްވާ ޚާމަނާއީ ވައިގެ ބަނދަރު 20 ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލާފައިވަނީ ޖުލައި 4 ގައެވެ. ނަމަވެސް ބައެއް ވައިގެ ސަރަހައްދުތައް އަދިވެސް ބަންދުކޮށްފައި އޮތުމާއި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޓްރެފިކް އަދިވެސް ހަމައަކަށް އެޅިފައެއް ނުވެއެވެ.

 

ގްރީސްގެ އީޖިއަން އެއަރލައިންސް އިން ލުބުނާނުގެ ބައިރޫތަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށްފަހު ބައެއް ދަތުރުތައް އަލުން ފަށާފައިވަނީ ޖުލައި 10 ގައެވެ. އަދި ޖުލައި 16 ގައި ޢިރާޤުގެ އަރބިލްއަށް، އަދި ޖުލައި 19 ގައި އުރުދުންގެ ޢައްމާންއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ޔަހޫދީ ދައުލަތުގެ ތެލް އަވީވަށް ކުރާ ދަތުރުތައް ސެޕްޓެމްބަރު 8 އާ ހަމައަށް ވަނީ މެދުކަނޑާލާފައެވެ.

 

އެއަރ ކެނެޑާއިން ޓޮރޮންޓޯއިން ދުބާއީއަށް ކުރާ ދަތުރުތައް އޮގަސްޓު 4 އާ ހަމައަށް މެދުކަނޑާލާފައިވާއިރު، ކެނެޑާއާއި އިސްރާއީލާ ދެމެދު ކުރާ ދަތުރުތައް ސެޕްޓެމްބަރު 8 އާ ހަމައަށް ވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން އެމިރޭޓްސް އެއަރލައިންސްއިން ވެސް ވަނީ އީރާނުގެ ތެހްރާނަށް ކުރާ ދަތުރުތައް ޖުލައި 17 އާ ހަމައަށް މެދުކަނޑާލާފައެވެ.

 

ފިންލޭންޑުގެ ފިން އެއަރއިން ބުނެފައިވާ ގޮތުގައި، ޖުލައި 10 އާއި ސެޕްޓެމްބަރު 2 އާ ދެމެދު ޤަޠަރުގެ ދައުޙާއަށް އެ އެއަރލައިނުން ކުރާ ދަތުރުތަކުގެ ޝެޑިއުލްއަށް ބަދަލު ގެނެސް، ކުރިން ހަމަޖެހިފައިވާ ގަޑިތަކަށްވުރެ 25 މިނެޓު ކުރިން ދަތުރުތައް ފަށާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ގެއްލުނު މަސް ދޯނި ރައްކާތެރިކަމާއެކު ކޮޅުފުއްޓަށް ވަދެއްޖެ

ގެއްލުނު މަސް ދޯނި ރައްކާތެރިކަމާއެކު ކޮޅުފުއްޓަށް ވަދެއްޖެ އެވެ.

 

އެމްއެންޑީއެފުން ބުނީ މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ ކަމަށެވެ. ދޯނީގައި ހަތް މީހުން ތިއްބެވެ.

 

އެ ރިޕޯޓާއި ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ވަގުތުން ފެށި އެވެ.

 

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދި ތ.ވިލުފުށީ “ވިލުރޯދި” ރޭ ދަންވަރު 02:00 ހާއިރު، ސަލާމަތްތެރިކަމާ އެކު ދޯނި ކޮޅުފުއްޓަށަ ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.

 

އިއްޔެއާ ރޭ އަދި މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ވަނީ ގަދަވެފަ އެވެ. ކަނޑު މަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

 

މޫސުން ގޯސްވެ ބޮޑު ބަޔަކަށް މިހާރު ވެސް އޮތީ ވައިޓްއެލާޓް ނެރެފަ އެވެ.

ބެޓްލް އޮފް ގަލްވާން ގެ އަންހެން ލީޑް ބަތަލާއަށް ޗިތުރަންގަދާ ސިންގް

ސަލްމާން ޚާންގެ އެކްޝަން ފިލްމު “ބެޓްލް އޮފް ގަލްވާން”ގެ އަންހެން ލީޑް ބަތަލާ އިއުލާނުކޮށްފިއެވެ. މި ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ބަތަލާ ޗިތުރަންގަދާ ސިންގް އެވެ.

 

ސަލްމާން ޚާން ޕްރޮޑަކްޝަންސްއިން އެކްސް މެދުވެރިކޮށް ޗިތުރަންގަދާ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ސަލްމާންއާއެކު ޗިތުރަންގަދާ ފިލްމެއް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

 

މި ފިލްމަކީ 2020 ވަނަ އަހަރު އިންޑިއާގެ އަސްކަރިއްޔާ އާއި ޗައިނާގެ އަސްކަރިއްޔާއާ ދެމެދު ގަލްވާން ވާދީގައި ހިނގި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ޕެޓްރިއޮޓިކް ޑްރާމާ ފިލްމެކެވެ. ފިލްމުގެ ޕޯސްޓަރުގައި ސަލްމާން ލޭގެ ކުލަ ތަތްތެޅިފައިވާ އަސްކަރީ ހެދުމެއްގައި ފެންނައިރު، “ކަނޑަށްވުރެ 15،000 ފޫޓަށްވުރެ މަތީގައި، އިންޑިއާއިން އެއްވެސް ބަޑިއެއް ނުޖަހައި އެންމެ ނުރައްކާތެރި ހަނގުރާމަ ކުރި” މިލިޔުން ހިމެނެއެވެ.

 

ފިލްމު ޑައިރެކްޓް ކުރަނީ އަޕޫރްވާ ލަކިއާއެވެ. ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސް ކުރާ މި ފިލްމުގެ މިޔުޒިކް ހަދަނީ ހިމޭޝް ރެޝައްމިޔާ އެވެ. ފިލްމު ރިލީޒް ކުރާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައުލޫމާތު ޝާއިއުކުރުމަށް ޕީޖީން ފަންނީ އެހީތެރިކަން ދެނީ

ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރު އާންމުކުރުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަންނީ އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްމުގައި އެކަމާ ބެހޭ އެއްބަސްވުމުގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު މުހައްމަދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލް އަލީ އެވެ.

 

ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މައުލޫމާތު އިންޓަނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެއެވެ. އެކަން ކުރުމަށް މަތިކޮށްފައިވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ އެވެ.

 

މިހާރު އެ މައުލޫމާތު ޝާއިއުކުރަމުން ގެންދަނީ، މިނިސްޓްރީއާ ގުޅިގެން ޕީޖީ އޮފީހުގެ “އާމަހި” ވެބްސައިޓުގައެވެ.

 

ޕީޖީ އޮފީހުން ބުނީ އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން އެ މައުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްގީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ޝާއިއުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ ރޭ ދަންވަރުގެ ވަގުތެއްގައި

ހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި ބުރާސްފަތި ދުވަހު ރޯވި އަލިފާންގަނޑު، ރޭ ދަންވަރުގެ ވަގުތެއްގައި ކޮންޓްރޯލްކޮށްފިއެވެ.

 

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ މި ގުދަނުގައި ރޯވެފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރުއެވެ. މި ހާދިސާގައި ރޯވެފައިވަނީ އެ ގުދަނުގެ ހަތަރުވަނަ ފަންގިފިލާގައެވެ.

 

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު އިރުއޮއްސި 6.41ގައި ކަމަށެވެ.

 

މި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނާއި އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަޔަރ އެންޑް ރެސްކިޔު ގުޅިގެންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

 

ކުރިއަށް އޮތް 3 ދުވަހު އުތުރާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

 

އެ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.

 

އެ އިދާރާއިން ލަފާކުރައްވާ ގޮތުގައި މޫސުން ރަނގަޅުވާނީ ކުރިއަށް އޮތް ދެތިން ދުވަސް ފަހުންނެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.