Advertisement

ހޯކްސްއަށް ދައުވާ ކުރެވޭ ވަރަށް ތަހުގީގުގައި ހެެއްކެއް ނެތް!

ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި ރާއްޖެ އަށް ވަގަށް އެތެރެކުރި މައްސަލާގައި ދައުވާ ކުރަން ނިންމީ ތިން މީހެއްގެ މައްޗަށް ކަމަށާއި އެ ކުންފުންޏާއި އިތުރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ކަސްޓަމްސް އިން ތަހުގީގުކޮށް ފޮނުވި މައްސަލާގައި ނެތް ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

 

Advertisement

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ވަގަށް ސިނގިރެޓް އެތެރެކުރަން އުޅުނު މައްސަލާގައި ޕީޖީ އޮފީހުން މިއަދު ބުނީ، ދައުވާ ކުރުމުގެ މުއްދަތު އަދި ހަމަނުވާތީ، ހޯކްސް ކުންފުނީގެ މައްޗަށް އިތުރު ހެކި ލިބިއްޖެ ނަމަ ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

 

އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ ހޯކްސްގެ އިތުރުން އިސްމާއިލް އާދަމް ކިޔާ މީހެއްގެ މައްޗަށެވެ. އެހެންވެ، އެ މައްސަލާގައި ހިމެނޭ އެ ދެ ފަރާތުގެ ބައި ކަސްޓަމްސް އަށް މިދިޔަ ޖޫން 10 ގައި އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

 

ޕީޖީ އޮފީހުން ބުނީ، މިހާރު ދައުވާ ކޮށްފައި ވަނީ ކަސްޓަމްސް އިން ތަހުގީގުކޮށް ހުށަހެޅި މައްސަލައެއްގައި ކަމަށާއި އެ މައްސަލައާ ގުޅުން ހުރި އިތުރު ޖިނާއީ ތަހުގީގެއް ފުލުހުން ކުރަމުން އަންނަކަމަށެވެ.

 

“އެ މައްސަލަ މި އޮފީހަށް ހުށަހެޅުމުން، މި މައްސަލާގައި ތުހުމަތު ކުރެވުނު ކުންފުނީގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ،” ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

 

ރާއްޖެ އަށް ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ފިޔަވަޅު ނޭޅި ދިގުލައިގެންދާތީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މި ހަފުތާގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، ޕީޖީ އޮފީހުން ރޭ ބުނީ، ދައުވާ ކުރުމާ ގުޅޭ މަރުހަލާތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ކަމަށެވެ. އެގޮތުން އޮކްޓޫބަރ 30 ގައި ޑިއުޓީ ޕްރޮސިއުޝަނަށް މައްސަލަ ހުށަހަޅައި ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ހަތަރު ފަހަރެއްގެ މަތިން ލިޔުމުން ދިން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

 

ޕީޖީ އޮފީހުގެ ޓައިމްލައިނުން ދައްކާ ގޮތުން ނަމަ ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ކަސްޓަމްސް އިން ކުރި ތަހުގީގު ނިމި އެ އޮފީހަށް މައްސަލަ ބަލައިގަންނަން ނިންމީ މި އަހަރުގެ އޭޕްރީލް 22 ގަ އެވެ. ތަހުގީގުގައި ތުހުމަތުތައް ކޮށްފައި ވަނީ 17 މީހަކާއި ހޯކްސް ކުންފުނީގެ މައްޗަށެވެ.

 

“ތުހުމަތު ކުރެވޭ އިންޑިއާގެ 11 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ކުށަށް އިއުތިރާފުވެ، ނަސޭހަތުގެ އެއްބަސްވަށް އެދިފައިވާތީ، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް ނިންމުނު،” ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

 

އެ މީހުންނާ އެކު އެއްބަސްވުން ހެދީ އޭނާ ވިދާޅުވިގޮތުގައި މިދިޔަ މޭ ހަތަރުވަނަ ދުވަހުއެވެ.

 

މި މައްސަލަ އޭރު ފެންމަތިވުމުން ހޯކްސް އިން ވަނީ އެކަމުގައި އެ ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ވެސް ހޯކްސް އިން ކުރިން ބުނެފައިވެއެވެ.

 

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިއްވި އެ މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސް އިން ފުރަތަމަ ހިއްސާކުރީ ނުބައި މައުލޫމާތު ހިމެނޭ ޓައިމްލައިނެކެވެ. އެކަމަކު، އެކަން، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ސަމާލު ކަމަށް ކޮމިޓީން ގެނައުމުން ފަހުން ތެދު މައުލޫމާތު ހިއްސާކުރި ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް