ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރު އާންމުކުރުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަންނީ އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްމުގައި އެކަމާ ބެހޭ އެއްބަސްވުމުގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު މުހައްމަދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލް އަލީ އެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މައުލޫމާތު އިންޓަނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެއެވެ. އެކަން ކުރުމަށް މަތިކޮށްފައިވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ އެވެ.
މިހާރު އެ މައުލޫމާތު ޝާއިއުކުރަމުން ގެންދަނީ، މިނިސްޓްރީއާ ގުޅިގެން ޕީޖީ އޮފީހުގެ “އާމަހި” ވެބްސައިޓުގައެވެ.
ޕީޖީ އޮފީހުން ބުނީ އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން އެ މައުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްގީކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ޝާއިއުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު