ޗެލްސީގެ އިނގިރޭސި ފޯވާޑް ނޮނީ މަޑުއެކޭ، 50 މިލިއަން ޕައުންޑް (68 މިލިއަން ޑޮލަރު) އަށް ވާދަވެރި އާސެނަލް އަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން އެއްބަސްވެފައިވާ މަޑުއެކޭ ހޯދަން 50 މިލިއަން ޕައުންޑްގެ އިތުރުން ބޯނަސްގެ ގޮތުގައި ދެ މިލިއަން ޕައުންޑް ވެސް ޗެލްސީއަށް ހުށަހަޅައިފައި ވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ އަކީ މިވަގުތު، ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ތައްޔާރުވަމުން އަންނަ ޗެލްސީގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި އޭނާ ކުޅުނެވެ.
ނެދަލެންޑްސްގެ އަޔެކްސް އިން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީއަށް ބަދަލުވި މަޑުއެކޭ ވަނީ މިހާތަނަށް އެ ކްލަބަށް 92 މެޗު ކުޅެދީ 20 ގޯލު ޖަހައިފަ އެވެ. ނެދަލެންޑްސް އަށް ބަދަލު ވުމުގެ ކުރިން މަޑުއެކޭ ވަނީ ލަންޑަނުގެ ވާދަވެރި ޓޮޓެންހަމްގެ އެކަޑަމީގައި ތަމްރީންވެފައެވެ.
ލަންޑަނުގެ ވާދަވެރިކަމާ އެކު ވެސް ފަހުގެ ތާރީހެއްގައި ޗެލްސީގެ ގިނަ ކުޅުޅުންތެރިންތަކެއް ވަނީ އާސެނަލް އަށް ބަދަލުވެފަ އެވެ. އެގޮތުން މި ޓްރާންސްފާ ބާޒާރުގައި ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވެސް ވަނީ އާސެނަލް އަށް ސޮއި ކޮށްފައެވެ.
މީގެ އިތުރުން އެންމެ ފަހުން ޗެލްސީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ޖަރުމަން ފޯވާޑް ކައި ކަވާޓްޒް ވެސް މިހާރު ކުޅެމުން އަންނަނީ އާސެނަލް އަށެވެ. އަދި އެ ސްކޮޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ މިދިޔަ ސީޒަނަަށް ފަހު އާސެނަލް ދޫކޮށް ބްރެޒިލްގެ ފްލަމެންގޯ އާއެކު ކްލަބް ވޯލްޑް ކަޕްގައި ކުޅެފައެވެ.
އޭގެ ކުރިން ކުޅުނު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ވިންގާ ވިލިއަން ބޯޖެސް އާއި ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ އިތުރުން، ގޯލްކީޕަރު ޕީޓާ ޗެކް ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު