ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ.
އެ އިދާރާއިން ލަފާކުރައްވާ ގޮތުގައި މޫސުން ރަނގަޅުވާނީ ކުރިއަށް އޮތް ދެތިން ދުވަސް ފަހުންނެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު