ރައީސް ޔާމީންގެ ސުވާލެއް: ރައްޔިތުން ގަރުދިޔައަށް ތިރިވެލަން ޖެހޭ ފަދަ ހާލަތެއް އަނެއްކާ އައީތަ؟

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ ދިވެހި ރައްޔިތުން އަނެއްކާ ވެސް ގަރުދިޔައާ ބަތާ ކައިގެން އުޅެން ޖެހޭ ފަދަ ހާލަތެއް އައީތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފިއެވެ.

 

އެމަނިކުފާނު މި ސުވާލު ކުރެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެންމެ މަދުން މަދުން އެކްސްގައި ޕޯސްޓް ކުރައްވާ ދިވެހި ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމީން ވަނީ މި ޕޯސްޓްގައި އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

 

ވިދާޅުވީ ބޭރުގެ ދަރަންޏަށް މި އަހަރު އެކަނިވެސް 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށެވެ.

 

އެމަނިކުފާނު ވަނީ ޑޮލަރުގެ ހަމަ އަގު ގެއްލި ކަޅުބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އަރާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. ޔާމީން ވަނީ އެއީ ގަވަރުނަރު އަހްމަދު މުނައްވަރުގެ ނާގާބިލް ކަމުން ކަމަށް ވިދާޅުވެފަ އެވެ. ގަވަރުނަރަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވިއެވެ.

 

ވިދާޅުވީ އިގްތިސާދު ނާޒުކުވެ އާންމުންގެ ދިރިއުޅުމަށް އަސަރުކޮށް ވިޔަފާރިތަކަށް ގެއްލުން ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ބޭރު ފައިސާގެ ސިޔާސަތެއް ގެނައި ނަމަވެސް އެކަމުގެ ހެޔޮ އަސަރުތަކެއް ރައްޔިތުންނަށް ނުފެންނަ ކަމަށެވެ. އެއީ ވެސް ގަވަރުނަރުގެ ދޯހަޅިކަމުގެ ކަމުން ސަަބަބުން ކަމަށް ޔާމީން ވިދާޅުވިއެވެ.

 

އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފަށް އިޝާރާތް ކުރައްވާ ވިދާޅުވީ އަނެއްކާވެސް ގަރުދިޔައާ ބަތް ކާލައިގެން އުޅެން ޖެހޭ ހިސާބަށް ތިރިވެލަން ޖެހޭ ހާލަތެއް އައީތޯއެވެ.

 

ޔާމީން އެހެން ވިދާޅުވީ މީގެ ކުރީން މިފަދަ ހާލަތެއްގައި ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ ކަަމަށް އަލީ އާރިފް ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

 

ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއަށް އުފުލިފަ އެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ސިޔާސަތެއް ގެނެސް ތަންފީޒު ކުރަން ފަށާފައެވެ.

 

ނަމަވެސް އޭގެ ހެޔޮ އަސަރެއް އަދި ނުފެނެ އެވެ. ބެލެވޭ ގޮތުން އެ އަސަރު ފެންނާނީ މި އަހަރާ އަންނަ އަހަރު ދައްކަން އޮތް ބޮޑު ދަރަނި އަދާކޮށްނިމުމުންނެވެ.

 

ސަރުކާރުން ކުރީން ވެސް ބުނަމުން އައީ ބޭރު ފައިސާގެ ސިޔާސަތަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ދެ އަހަރެއްގެ ތެރޭ ފެންނާނެކަމަށެވެ.

ފެނަކަ ސައީދުގެ މައްޗަށް އިތުރު ދައުވާއެއް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ކުރީގެ މެނޭޖްމަންޓުން، ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލާގައި އެ ކުންފުނީގެ އޭރުގެ އެމްޑީ އަހްމަދު ސައީދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި އެވެ.

 

އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

 

ޕީޖީ އޮފީހުން ބުނީ ސައީދު, ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީސް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން އޭނާ ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން ލ. މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، ލ. މާމެންދޫގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި އާދަޔާ ޙިލާފު ބޮޑު އަގެއްކަމަށްވާ 11,251,946.00 (އެގާރަ މިލިއަން ދެލައްކަ ފަންސާސް އެއްހާސް ނުވަސަތޭކަ ސާޅީސް ހައެއް ރުފިޔާ) އަށް އެ އައިސްޕްލާންޓް ގަތުމަށްޓަކައި، ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާނުލައި، ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް މި އައިސްޕްލާންޓަކީ ފައިނޭންޝިއަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫންކަން ބަޔާންކޮށްފައިވަނިކޮށް، ފެނަކައިގެ ބޯޑު އޮފް ޑިރެކްޓަރުންގެ 18 ވަނަ އާންމު ބައްދަލުވުމުގައި ސައީދު ބައިވެރިވެ މަޝްވަރާކޮށް، އެ އައިސްޕްލާންޓް ގަތުމަށް ނިންމި ކަމަށެވެ.

 

އަދި ފެނަކައިން އިންހައުސްކޮށް ލ. މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ، އެވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓްއާއި ދެމެދު 07 ސެޕްޓެންބަރު 2023 ގައި ލ.މާމެންދޫ އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށް، 11,251,946.00 ސައީދުގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ ދަށުގައިވާ ފެނަކައިން ކައިޒާން އިންވެސްޓްމަންޓަށް ދެއްކުމަށް މަގުފަހިކޮށްދީ ދެންނެވުނު ފައިސާ ކައިޒާން އިންވެސްޓްމަންޓަށް ދައްކަން ޖެހޭ ގޮތަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސޮއިކޮށްފައިވާ ކަމަށެވެ.

 

މި ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ދ. ވާނީގައި ކުރިއަށް ދިޔަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ)ގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެނަދިޔަ “އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު މިއަދު އެ ކެމްޕަހުގައި ބާއްވައިފިއެވެ.

 

ހަތަރު ޤައުމަކުން ބައިވެރިވި 10 ފުލުހުންވެސް ވަނީ މި ކޯސް ކާމިޔާބީއާއެކު ފުރިހަމަ ކޮށްފައެވެ.

 

މި ކޯހުގައި 5 ދިވެހި ފުލުހުންނާއި، ސަޢުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާއިން ބައިވެރިވި 5 ފުލުހުން ހިމެނެއެވެ. 40 ދުވަހުގެ މި ތަމްރީނު ކޯސް ފަށާފައިވަނީ 2025 ޖޫން 1 ވަނަ ދުވަހުއެވެ. އަދި ކޯސް ނިމިފައިވަނީ ޖުލައި 10 ވަނަ ދުވަހުއެވެ.

 

މޫދު އަޑީގައި ތަހުޤީޤު ހިންގުމުގެ ޤާބިލްކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ މި ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާއިރު، އެހީތެރިވުމަށް ސަލާމަތީ ސުޕަވައިޒަރެއްވެސް ހަރަކާތްތެރިވެފައިވެއެވެ.

 

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.

 

ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުއާނަށްފަހު، އެން.ސީ.ޕީ.އެލް.އީ ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޢަބްދުއްރަޙްމާން މަރުޙަބާ ދަންނަވައި ދެއްކެވި ވާހަކަ ފުޅުންނެވެ. ރަސްމިއްޔާތުގެ ބައިވެރިންނަށް ތަމްރީނު ކޯހުގެ މުހިންމު އުސްއަލިތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދައްކާލާފައިވެއެވެ.

 

ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނަށާއި، ކޯހުގެ ކަންކަން ފަހިކޮށްދެއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. އެހެނިހެން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އަހުމަދު ޢަބްދުއްރަޙްމާނާއި އަދި ޗީފް އިންސްޕެކްޓަރ ސައީދު ޢަބްދުލް ޙަކީމެވެ.

 

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވާހަކަފުޅު ދައްކަވަމުން، ކޯސް ނިންމި ފަރާތްތަކަށް މަރުޚަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ޙާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މާލެއަށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

 

މިގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުންނެވެ.

 

އިއްޔެއިން ފެށިގެން މެދުނުކެނޑި މާލެއަށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އެކި ވަގުތުތަކުގައި އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

 

 

އދ. ގެ ފަލަސްތީން ރެޕަޓުއާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ފަލަސްތީނުގެ ބިންތަކާ ގުޅޭ އދ.ގެ ހާއްސަ މާހިރު ފްރަންސެސްކާ އަލްބަނީޒް، އެމެރިކާއިން ޣައްޒާގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވަމުން ގެންދަވާތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެކަން އިއުލާނުކުރައްވައިފިއެވެ.

 

“އަޅުގަނޑު މިއަދު މި ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒްއާ ދެކޮޅަށެވެ. އެއީ އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުންނާއި ކުންފުނިތަކާއި ކުންފުނިތަކުގެ ވެރިންނާ ދެކޮޅަށް [އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް މެދުވެރިކޮށް] ފިޔަވަޅު އަޅަން ޣައިރު ގާނޫނީ މަސައްކަތެއް ކުރާތީ،” ރުބިއޯ ސޯޝަލް މީޑިއާގައި ވިދާޅުވިއެވެ.

 

އޭގެ ފަހުން ނެރުއްވި ބަޔާނެއްގައި ރުބިއޯ ވަނީ އަލްބަނީޒް އެމެރިކާ ކުށްވެރިކޮށް އަބަދު ވާހަކަ ދައްކަވާތީ އެކަން ކުށްވެރިކޮށް އަދި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނީ އަލްބަނީޒްގެ ލަފަޔާ ވެސް އެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.

 

އަލްބަނީޒް އަކީ ޔަހޫދީންނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަމުން ރުބިއޯ ވިދާޅުވީ އެމެރިކާގެ އެކި ކުންފުނިތަކަށް “އިންޒާރުގެ ސިޓީތައް” ރުބިއޯ ފޮނުއްވަމުން ގެންދަވާކަމަށެވެ. ރޫބިއޯ ވަނީ “ހަގީގަތެއް ނެތް ތުހުމަތުތަކެއްގެ” މައްޗަށް ބިނާކޮށް އައިސީސީން އެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިންނަށް ދައުވާ ކުރަން ބާރުއަޅަމުންދާ ކަމަށް ވެސް ރުބިއޯ ވިދާޅުވިއެވެ.

 

“އަޅުގަނޑުމެންގެ ގައުމީ މަސްލަހަތާއި އިސްތިގުލާލަށް ނުރައްކާވާ ސިޔާސީ އަދި އިގްތިސާދީ ހަނގުރާމައިގެ މި ކެމްޕޭންތައް އަޅުގަނޑުމެން ބަލައެއް ނުގަންނާނަން،” ރޫބިއޯ ވިދާޅުވިއެވެ.

 

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އަލްބާނީޒް އައްޔަންކޮށްފައި ހުރި ނަމަވެސް އެއީ އދ. ތަމްސީލު ކުރައްވާ ބޭފުޅެއްނޫނެވެ.

 

އިޓަލީއަށް އުފަން ބޭފުޅެއް ކަމަށްވާ އަލްބަނީޒް މި މަހުގެ ކުރީކޮޅު ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން މަންފާވާ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން ވިޔަފާރީގެ ގޮތުން ފައިދާވާ ކުންފުނިތަކުގެ ލިސްޓެއް އާންމުކުރައްވައިފައެވެ.

 

މި ރިޕޯޓާ ގުޅިގެން އިޒްރޭލުން ނުރުހުން ފާޅުކޮށްފައި ވާއިރު އެ ލިސްޓުގައި ހިމެނޭ ބައެއް ކުންފުނިތަކުން ވެސް ޝަކުވާ ކޮށްފައިވެއެވެ.

 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޣައްޒާގެ މައްސަލައިގައި ގެންގުޅުއްވާ ސިޔާސަތަށް އަލްބަނީޒް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. ޣައްޒާއިން މީހުން ބާލައި އެހެން ގައުމުތަކަށް ބަދަލުކުރުމާ ބެހޭ ގޮތުން މި އަހަރުގެ ކުރީކޮޅު ޓްރަމްޕު ދެއްކެވި ވާހަކަތަކަށް އޭނާ ވަނީ ވަރަށް ހަރުކަށިކަމާ އެކު ދެކޮޅު ހައްދަވައި ރައްދު ދެއްވައިފައެވެ.

 

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އަލްބަނީޒް ވަނީ ވިދާޅުވެފައެވެ. އދ. އިން ވެސް ވަނީ އެމެރިކާގެ ނިންމުމަކީ ވަރަށް ނުރައްކާ ފެށުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އަރައިފި

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވެ،  20 ރުފިޔާއަށް ޑޮލަރު ވިއްކަން ފަށާފައިވާކަން ހަވާސާ ނޫހަށް އެނގިއްޖެއެވެ. މިގޮތުން، ވިޔަފާރިވެރިންނާއި އާންމުން ވެސް ޑޮލަރަށް ބޭނުންވެގެން، 20 ރުފިޔާ އަށް ވުރެ ބޮޑު އަގުގައި ޑޮލަރު ގަންނަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

 

ޑޮލަރުގެ އަގު ދާނީ ދަށަށް ކަމަށާއި، ޑޮލަރުގެ މައްސަލައަށް ހައްލު ގެނެވޭނެކަމަށް ދާދި އިހަކަށް ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ރައީސް ވިދާޅުވި ގޮތާ ހިލާފަށް، ޑޮލަރުގެ އަގު މިހާރު ވަނީ ކުރިއަށް ވުރެވެސް މަތިވެފަ އެވެ. މިކަމަކީ އާންމުންގެ ކަންބޮޑުވުންތަކެއް އުފައްދާފައިވާ ކަމެކެވެ.

 

ޑޮލަރުގެ އަގު މަތިވުމާއެކު، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތައް ބޮޑުތަނުން އުފުލިގެންދާނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ލަފާކުރެއެވެ. ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ޑޮލަރުގެ އަގު މަތިވުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ދަށަށްދާނެ ކަމެކެވެ. މިކަމުގެ ސަބަބުން، ކާބޯތަކެއްޗާއި، ބޭހާއި، އަދި އެހެނިހެން އަސާސީ ބޭނުންތަކުގެ އަގުތައް ވެސް އުފުލި، ރައްޔިތުންނަށް އިތުރު ބުރައެއް އުފުލަން ޖެހިދާނެ ކަމެކެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލް ކުރިއަށް ގެންގޮސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތަކުގެ ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފިއެވެ.

 

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ ޓްރަޔަލްތަކަކީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށްގެންދިޔަ ޓްރަޔަލްއެއް ކަމަށެވެ.

އެ ޓްރަޔަލްތައް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ކަމާބެހޭ ހުރިހާ ޑިޕާޓްމަންޓްތަކާއި ގައުމީ އެއާލައިން, މޯލްޑިވިއަންއާ ގުޅިގެންނެވެ.

 

އެގޮތުން މިދިޔަ އިއްޔެ މޯލްޑިވިއަންގެ ޑިޕާޗާ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމްގެ އިތުރުން ބޯޑިން ޕްރޮސެސްގެ ޓްރަޔަލްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެ ޓްރަޔަލްގައި ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު ސިސްޓަމް މެނޭޖުކުރާނެ ގޮތުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔަ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލުން ތައްޔާރުވަމުން އަންނަ އިރު، އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކަށެވެ. އެއަށްފަހު އޮރާޓް ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ.

 

އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

 

އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

 

ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖޫންމަހު މުދަލު ޒަކާތުގެގޮތުގައި 10 މިލިޔަން ރުފިޔާ ބަލައިގެންފި

މިދިޔަ މަހު މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާގޮތުން މިދިޔަ މަހު މީރާއަށް މުދަލު ޒަކާތުގެގޮތުގައި 10.6 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 145 އިންސައްތަ އިތުރު އަދަދެކެވެ.

 

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި ވަނީ 61.5 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 50.8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %21 އިތުރު އަދަދެކެވެ.

 

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ. އެވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

 

މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9264.15 ރުފިޔާއެވެ. މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

އެއްމިލިއަން ޱޮލަރަށް އޮލިވިއާ ސްމިތްސް އާސެންލްއަށް

ލިވަޕޫލަށް ކުޅެމުން އަންނަ ކެނަޑާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފޯވާޑް، އޮލިވިއާ ސްމިތުގެ ޓްރާންސްފާ ފީ އެއް މިލިއަން ޑޮލަރަށް ވުރެ އިތުރުވެ، އަންހެން ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދައިފިއެވެ.

 

އާސެނަލުން ސްމިތު، 20، ގެ ސޮއި ހޯދަން 1.1 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. މިއީ، މިހާތަނަށް އަންހެން ފުޓްބޯޅަ ކުޅުންތެރިއެއްގެ އެންމެ ބޮޑު ޓްރާންސްފާފީއެވެ.

 

މީގެ ކުރިން، އަންހެން ކުޅުންތެރިއަކު އެންމެ އަގުބޮޑުކޮށް ގަނެފައިވަނީ މިދިޔަ ޖެނުއަރީ މަހު، 978،000 ޑޮލަރަށް ޗެލްސީން ގަތް އެމެރިކާގެ ޑިފެންޑަރު، ނައޯމީ ގިރްމާއެވެ.

 

ސްމިތު، ލިވަޕޫލަށް ބަދަލުވީ މިދިޔަ އަހަރު ޖުލައި މަހު ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިންނެވެ. ލިވަޕޫލުން ދެއްކީ 238،000 ޑޮލަރުގެ ޓްރާންސްފާ ފީއެކެވެ.

 

ލިވަޕޫލާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއް ހެދި ސްމިތު ފުރަތަމަ އަހަރު ނިމުނުތަނާ އާސެނަލާ ބަދަލުވާން ނިންމާފައިވާއިރު، ބޯނަހެއް ވެސް ލިބެއެވެ.

 

އަންހެން ފުޓްބޯޅައިގެ ގަދަބާރު ކެނަޑާ އަށް 18 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިދީފައިވާ ސްމިތަކީ، މި ފަހަރުގެ ޓްރާންސްފާގައި އާސެނަލާ ގުޅޭ ތިން ވަނަ ކުޅުންތެރިޔާ އެވެ. އެ ގޮތުން، އާސެނަލުން ވަނީ މެންޗެސްޓާ ސިޓީގެ ކްލޯއި ކެލީ އާއި ލިވަޕޫލަށް ކުރިން ކުޅުނު، ޓޭލާ ހިންޑްސް ސޮއިކޮށްފައެވެ.

ދަތިވެސް ވާނީ، ލުއިވެސް ވާނީ މާތްﷲ މިންވަރު ކުރައްވާފައިވާ ވަރަކަށެވެ.

ދިރިއުޅުން ފަހި ކުރުމަށްޓަކައި އިންސާނަކަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި މިންވަރަށް އީމާންވުން ހިމެނެއެވެ. މުދާކަމުގައި ވިޔަސް، ދަރިންކަމުގައި ވިޔަސް، ގެދޮރުކަމުގައި ވިޔަސް، ހަށިގަނޑުކަމުގައި ވިޔަސް، ހުނަރެއްކަމުގައި ވިޔަސް ﷲ ދެއްވަނީ އިރާދަކުރެއްވި މިންވަރަކަށެވެ. އެހެންވީމާ ދެއްވި މިންވަރަށް ޝުކުރުވެރިވުން ނޫން ގޮތެއް އެއްވެސް މީހަކަށް ނޯންނާނެއެވެ.

 

فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ (144)

 

“ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!” (އަލްއަޢްރާފް ސޫރަތުގެ 144 ވަނަ އާޔަތުގެ ބައެއް)

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

 

((إنَّ عِظمَ الجزاءِ مع عِظمِ البلاءِ ، وإنَّ اللهَ إذا أحبَّ قومًا ابتَلاهم ، فمَن رَضي فله الرِّضَى)) أخرجه الترمذي

 

ހަމަކަށަވަރުން ލިބޭ ޖަޒާގެ ބޮޑުމިން ބިނާވަނީ ކުރިމަތިވާ މުޞީބާތުގެ ބޮޑުމިނަށެވެ. އަދި ދަންނާށެވެ. ﷲ ތަޢާލާ ބަޔަކުދެކެ ލޯބިވެ ވޮޑިގެންފިނަމަ، ބަލާތައް ކުރިމަތިކުރައްވައިގެން އެބަޔަކު އިމްތިޙާން ކުރައްވައެވެ. ފަހެ ކެއްތެރިކަމާއި އެކު ﷲ ތަޢާލާގެ މިންވަރުފުޅަށް ރުހިގެންވާ ޙާލުގައި، އެ ކަންކަމާ ކުރިމަތިލައިފި މީހަކަށް، އެއިލާހުގެ ރުއްސެވުން ލިބެއެވެ.

 

ދެރަ ނުވާށެވެ. މާޔޫސް ނުވާށެވެ. އުންމީދު ކަނޑައިނުލާށެވެ. ގަދަ އަޅައި މަސައްކަތް ކުރާށެވެ. اللهގެ ހަޟްރަތުގައި ދަންނަވާށެވެ. ކެތްތެރިކަމާއެކު ސާބިތުވެ ހުންނާށެވެ.

 

ތިބާއަށް ލިބެން ހުރި އެއްޗެއް ކޮންމެވެސް އިރަކުން ތިބާއާ ބައްދަލު ކުރާނެއެވެ. އަނެކުންގެ ދިިރިއުޅުމާ ތިބާގެ ދިރިއުޅުން އަޅާނުކިޔާށެވެ. އެކި މީހުންނާ ކާމިޔާބު ބައްދަލުކުރާނީ އެކި ގޮތަށް އެކި ވަގުތުގައެވެ. އިންޝާالله ކާމިޔާބު އޮތީ ދާދި ގާތުގައެވެ.

 

މުޞީބާތާއި ވަބާތަކާއި ބަލިމަޑުކަމުން ސަލާމަތްވުމުގެ މަގު (އައްޔޫބުގެފާނުގެ ނަމޫނާ):

{وَأَيُّوبَ إِذْ نَادَى رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ} [الأنبياء: 83]

އަދި އައްޔޫބުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާ ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙްމަތްލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.

1- ﷲ ތަޢާލާ އެއްކައުވަންތަކަމަށް އިޤްރާރުވުން.

2- އަޅާގެ ނިކަމެތިކަމާއި، ﷲ އަށް ބޭނުންޖެހިގެންވާކަން ބަޔާންކުރުން.

3- ﷲ އެމުޞީބާތެއް ފިއްލަވައި ދެއްވާނެކަމުގެ ޔަޤީންކަން ހިތުން

4- ﷲ ގެ ޙަޟްރަަތުން ކަންކަމަށް އެދި ދެންނެވުމުގެ ލޯބި ހިތުގައި އޮތުން

5- ﷲ ތަޢާލާގ ރަޙްމަތްވަންތަކަމުގެ ސިފައަށް އިޤްރާރުވުން

6- ﷲ ގެ މަތިވެރި ސިފަފުޅުތައް ވަސީލަތަކަށް ހެދުން

ބަލި ޙާލަތުގައި މިދުޢާ {رَبِّ أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ} އިސްވެ ބަޔާންކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށްގެން ކުރުމުން ޝިފާ ދެއްވުމުގެ އުންމީދު ބޮޑުވެ.

ތައުބާ ނަމާދު ކުރާނީ ކިހިނެއް؟

ތައުބާ ނަމާދަކީ ދެ ރަކުޢަތުގެ ނަމާދެކެވެ. މި ދެ ރަކުޢަތް ކުރާނީ އެކަނި ހުރެއެވެ. އެހެނީ މިއީ ޖަމާޢަތް ހެދުން ޝަރުޢުވެގެންނުވާ ސުންނަތް ނަމާދެކެވެ. އަދި ދެރަކުޢަތް ކޮށް ނިމި ސަލާމްދިނުމަށް ފަހު الله ގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދެންނެވުން ސުންނަތް ވެގެންވެއެވެ.

 

މި ދެ ރަކުޢަތުގައި ވަކި ޚާއްޞަ ސޫރަތެއް ކިޔެވުމަށް ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެގެން އައިސްފައި ނުވެއެވެ. އެހެން ކަމުން ދެ ރަކުޢަތުގައިވެސް ސޫރަތުލް ފާތިޙާއަށް ފަހު ބޭނުން ސޫރަތެއް ކިޔެވިދާނެއެވެ.

މި ނަމާދު ކުރުމާ އެކު ގިނައިން ހެޔޮޢާމަލުތައް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. މާތް الله ވަޙީކުރެއްވިއެވެ. ﴿وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى﴾‏ طـه/82 .

 

“ތައުބާވެ އީމާންވެ ޞާލިހުޢަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.”

 

ތައުބާވާ މީހާއަށް ކުރެވޭނެ ހެޔޮޢާމަލުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކަމަކީ ޞަދަޤާތް ކުރުމެވެ. އެހެނީ ޞަދަޤާތް ކުރުމަކީ ފާފތައް ފޮހެވިގެންދާ ކަންކަމުން އެންމެ މަތިވެރި އެއްކަމެވެ. މާތް الله ވަޙީކުރެއްވިއެވެ. ﴿إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ﴾‏ . البقرة ٢٧١

 

“(ވާޖިބު ނޫން) ޞަދަޤާތްތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަޤާތްތައް ފަޤީރުންންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ.”

 

އަދި ހަމަ އެފަދައިން ކަޢުބު ބުން މާލިކު އެކަލޭގެފާނަށް މާތް الله ތައުބާ ލެއްވުމުން އެކަލޭގެފާނުވެސް އެކަލޭގެފާނުގެ މުދާ ޞަދަޤާތްކުރުމަށް އަވަސްވެގަތެވެ.

ރެއާލް ބަލިކޮށް ޕީއެސްޖީ ފައިނަލަށް

ފަސޭހަ ކަމާއެކު ވަރުގަދަ ރެއާލް މެޑްރިޑް 4-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

 

ކްލަބް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީ ވަނީ މެޗު ފެށިގެން ނުވަ މިނިޓުތެރޭ ދެ ގޯލު ޖަހައިފަ އެވެ. ހަ ވަނަ މިނިޓުގައި ފަބިއަން ރުއިޒް ފުރަތަމަ ލަނޑު ޖަހައިދިން އިރު އޭގެ ތިން މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ އުސްމާން ޑެމްބެލޭއެވެ.

 

ޕީއެސްޖީ ފުރަތަމަ ހާފު ނިންމާލީ 24 ވަނަ މިނިޓުގައި ރުއިޒް ޖަހައިދިން ގޯލަކާ އެކު ތިން ގޯލުގެ ލީޑެއް ހޯދައިގެންނެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ ގޮންސާލޯ ރާމޯސްއެވެ.

 

މިރޭގެ ސެމީ ފައިނަލް މެޗަކީ ރެއާލްގެ ކެޕްޓަން ލޫކާ މޮޑްރިޗް އެ ޓީމަށް ކުޅެދިން ފަހު މެޗެވެ. ރެއާލްގެ ކޯޗު ޒަބީ އޮލޮންސޯ ވަނީ އުމުރުން 39 އަހަރުގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އަރުވައިފައެވެ.

 

ރެއާލާ އެކު މޮޑްރިޗްގެ ކޮންޓްރެކްޓް ހަމަވެފައި ވާއިރު، އޭނާ ވަނީ ކްލަބް ވޯލްޑް ކަޕަށް ފަހު އޭސީ މިލާނާ ގުޅެން އެއްބަސްވެފައެވެ.

 

މި މެޗަށް ނުކުތް އިރު ރެއާލް މެޑްރިޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފަހު ވަގުތު ޓްރޭނިންގައި ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑަ އާނޯލްޑަށް އަނިޔާވުމެވެ. މިއާ ގުޅިގެން އޭނާގެ މަގާމަށް މެޗުގައި ކުޅުނީ ފެޑެރިކޯ ވެލްވާޑޭއެވެ.

 

އަންނަ އާދިއްތަ ދުވަހުގެ ރޭ މުބާރާތުގެ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

 

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ވަނީ ނިމިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޗެލްސީ އަކީ މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގުގެ ޗެމްޕިއަނުންނެވެ.