”ބެޓުކޮއްގެން ހޯދާ ޙަރާމް ފައިސާގެ ސަބަބުން ތިމާ ނަރަކަވަންތަވެރިއަކަށް ވެދާނެ“

ޖުވާގެ ތެރޭގައި ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށާ، އެކަން ކޮށްގެން ހޯދާ ފައިސާ އަކީ ޙަރާމް އެއްޗެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

 

”ޖުވާ އާއި އޭގެ އާމްދަނީ ޙަރާމެވެ“ މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއް ކަމަށެވެ. އަދި މިއީ އިސްލާމް ދީނުގައި ޙަރާމްކަމެއް ކަމަށެވެ.

 

”މާތް الله އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތަކެވެ. ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދައެއްނުކުރައްވައެވެ. އާމްދަނީ ހޯދުމަށް ޓަކައި، އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ، ކެހިވެރިކަމެއް،މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއްނުލިބޭ، ހާމަކަން ބޮޑުސާފު މުޢާމަލާތުތަކެވެ.“

 

މިއާއެކު ޚުތުބާގައި ބުނީ، ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނުވާނެ ކަމަށެވެ. އެހެނީ އެ ފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ޙައްޤުކަން ބޮޑީ ނަރަކަކަން ރަސޫލާ ﷺ ގެ ޙަދީޘުން އެނގޭ ކަމަށް ޚުތުބާގައި ބުންޏެވެ.

 

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّهُ لَا يَدْخُلُ الْـجَنَّةَ لَـحْمٌ نَبَتَ مِنْ سُحْتٍ، اَلنَّارُ أَوْلَى بِهِ) މާނައީ: “ހަމަކަށަވަރުން ޙަރާމް އެއްޗެއް ކައިގެން ގައިގައި މަސްޖަހައިފައިވާ މީހާސުވަރުގެ ނުވަންނަހުށްޓެވެ. އޭނާއަށް އައުލާކަން ބޮޑީ ނަރަކައެވެ.

 

”ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާވާށެވެ! އެހެނީ އެ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ޞިއްޙަތަށްޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަޙްރޫމުވެ،ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން ޙަދީޘުން ޞަރީޙަކޮށް އެނގެއެވެ.“

 

ޚުތުބާގައި އިތުރަށް ބުނީ، ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށެވެ. އަދި މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެއް ކަމަށާ، އޭގެ ސަބަބުން މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދި ހަމަޖެހުން ގެއްލި، މީހުން ދަރަނިވުން ފަދަ އެތައް ކަމެއް ދިމާވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ:

 

އެހެންކަމުން،ޖުވާކުޅުން ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެއް ކަމަށާ، މި ކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ.

 

އަދި ޖުވާގެ ބާޒާރަށް ވަދެ، ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، މި ކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުން ކަމުގައިވެސް ބުންޏެވެ.

ސުލްހައިގެ ނޮބެލް އިނާމަށް ޓްރަމްޕް ނޮމިނޭޓްކޮށްފި

ބައިނަލް އަގުވާމީ ސުލްހައިގެ ނޮބެލް އިނާމު ނުވަތަ ނޮބެލް ޕީސް އެވަރޑަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓްކޮށްފިއެވެ. ޓްރަމްޕްގެ ނަން މި އެވަރޑަށް ހުށައަޅާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިންގ ނަތަންޔާހޫއެވެ.

 

ނަތަންޔާހޫ ޓްރަމްޕަށް ނޮމިނޭޝަން ސިޓީ ހަވާލުކޮށްދެއްވީ މިހުސްވި ހަފްތާ ކުރީކޮޅު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕަށް މި އެވަރޑް ލިބުން ހައްގުކަމަށެވެ. އަދި ނަތަންޔާހޫ އަށް ޖަވާބު ދެއްވަމުން “ވާއު… މިއީ ވަރަށް މާނަހުރި ކަމެއް” ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

 

ނޮބެލް ޕީސް އެވަރޑަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓްކުރުމާ ގުޅިގެން ތަފާތު ރިއެކްޝަންތަކެއް ވަނީ އުފެދިފައެވެ. ސަޕޯޓަރުން ބުނާ ގޮތުގައި އެއީ ދެ ލީޑަރުންގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމެއް ދައްކުވައިދޭ ކަމެކެވެ. އަދި މިކަމަށް ފާޑުކިޔާ މީހުން ބުނަނީ ޓްރަމްޕަށް އެ އެވަރޑް އެކަށީގެން ނުވާ ކަމަށާއި، ހާއްސަކޮށް ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ފަހަތުގައި އެމެރިކާ އޮތްކަމަށް ތުހުމަތުކުރާއިރު، މިއީ ޓްރަމްޕަށް ހައްގު އެވަރޑެއްކަމަށް އެމީހުން ނުދެކެއެވެ.

 

ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ނޮމިނޭޝަނަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއި ދާދި ފަހުން އީރާނާ ދެކޮޅަށް ކުރި ހަމަނުޖެހުންތަކާ ގުޅިގެން ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ޓްރަމްޕްގެ ތާއީދު ހޯދުމަށް ނަތަންޔާހޫ ގެންގުޅުއްވާ އުކުޅެކެވެ.

ރޭޕްގެ ތުހުމަތުގައި ކޭޕޮޕް ތަރިއަކަށް 3 އަހަރުގެ ޖަލު ހުކުމެއް

ރޭޕްގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ކޭޕޮޕް ތަރި، މޫން ޓެއިލް، 3 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލައިފިއެވެ.

 

ދެކުނު ކޮރެއާގެ މަޝްހޫރު ކޭޕޮޕް ގްރޫޕް އެންސީޓީއަށް ނިސްބަތްވާ މޫން ޓެއިލް، 31، ތިން އަހަރާއި ހަމަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގައި ޗައިނާގެ ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއްގައެވެ.

 

ޓެއިލް އާއެކު އިތުރު ދެމީހަކަށްވެސް ވަނީ މިމައްސަލައިގައި ޖަލުހުކުމެއް އިއްވާފަ އެވެ. މިމައްސަލައިގައި، މަސްތުގެ ހާލަތުގައި ހޭނެތިފައިވާ އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރިކަމަށް މިތިންމީހުންވެސް ވަނީ އެއްބަސްވެފައެވެ.

މިމައްސަލަ ފުރަތަމަ ފެންމަތިވުމުން ލަވަކިޔުންތެރިޔާ ޓެއިލް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާގެ ކޭ ޕޮޕް ގްރޫޕް، އެންސީޓީ ދޫކޮށްފަ އެވެ.

 

2016 ވަނަ އަހަރު އުފެދުނު އެންސީޓީ އަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ތަޖުރިބާކާރު މިއުޒިކީ ފަންނާނުން ހިމެނޭ، އަދި ބައިނަލްއަގްވާމީ މިއުޒިކް ޗާޓްތަކުގައިވެސް ކާމިޔާބު ހޯދަމުންދާ މަޝްހޫރު ކޭޕޮޕް ގްރޫޕެކެވެ.

ޣައްޒާގެ ބާރުވެރިކަން ހަމާސްއިން ދޫކޮށްފިނަމަ ހަނގުރާމަ ހުއްޓާލަން އެއްބަސްވާން ތައްޔާރު: އިސްރާއީލް

ޣައްޒާގެ ކޮންޓްރޯލާއެކު ހަތިޔާރުތައް ހަމާސްއިން ދޫކޮށްފިނަމަ ހަނގުރާމަ ހުއްޓާލަން އެއްބަސްވާން ތައްޔާރުކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

 

ބުރާސްފަތި ދުވަހު މިކަމާބެހޭގޮތުން ވާހަކަދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ނެގޯޝިއޭޓް ކުރުމުގެ މަޝްވަރާތަކަށް ހަމާސްއިން އެއްބާރުލުން ދޭނަމަ ހަނގުރާމަ ހުއްޓާލުމާ ދެކޮޅުނުވާނެކަމަށެވެ. އަދި މިކަން މިހެން ވާން އޮތީ ހަމާސްގެ ހަތިޔާރުތައް ދޫކޮށް، ޣައްޒާގެ ކޮންޓްރޯލް ވެސް ދޫކޮށްލުމުންކަމަށެވެ.

 

“މަޝްވަރާތަކުގެ ތެރެއިން މިކަން ހާސިލް ކުރެވޭނަމަ، މިއީ ރަނގަޅު ކަމެއް،” ނަތަންޔާހޫ ވިދާޅުވި އެވެ. “ނޫން ނަމަ އެކަން ހާސިލް ކުރާނީ ބާރުގެ ބޭނުންކޮށް.”

 

ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ ހެލްތު ކްލިނިކެއް ދޮށުގައި މަޑުކޮށްގެން ތިބި ޣައްޒާގެ 66 މީހުން މަރާލިތާ މާގިނައިރެއް ނުވަނީހެވެ. މިހާދިސާގައި 8 ކުޑަ ކުދިން މަރުވެފައިވާއިރު، މަރުވި ކުދިންގެ ތެރޭގައި އަލަށް ވާހަކަ ދައްކަން ފެށިތާ މާގިނައިރެއްނުވާ އެއް އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

 

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހަމާސް އަދި އިސްރާއީލު ދެމެދު ފެށުނު ހަނގުރާމައިގައި މިހާތަނަށް ޣައްޒާގައި މަރުވި މީހުންގެ އަދަދު 57،700 އަށްވުރެއް މަތިވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އާންމުންގެ މީހުންގެ ފަލަސްތީނުގެ ސިއްހީ އިދާރާއިން ރިޕޯޓުކޮށްފައިވެއެވެ.

މިލަންދޫ ސްކޫލުގެ މަތީ ސާނަވީ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ށ. މިލަންދޫ ސްކޫލުގެ މަތީ ސާނަވީ ދަރިވަރުން އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.

 

އެ ދަރިވަރުން ޕޮލިސް ސްޓޭޝަނަށް ކުރި މި ޒިޔާރަތަކީ ކިޔެވުމާ ގުޅުންހުރި އެކި މައުލޫމާތު ހޯދުމަށް މި ޖުލައި މަހުގެ 3 އިން 5 އަށް ހއ. އިހަވަންދޫއަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން، ފުލުހުންނާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށްކުރި ޒިޔާރަތެކެވެ.

 

ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ ދަރިވަރުންނަށް މަރުހަބާ ކިޔައި، ދަރިވަރުންގެ ދިރާސާއަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މިގޮތުން، މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކާއި، މައްސަލަތައް އުފެދެން މެދުވެރިވާ ސަބަބުތަކާއި އެ ކަންކަން ހައްލުކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ނެއިބަރ ހުޑް ޕޮލިސިންގެ މައުލޫމާތާއި، އެ މަސައްކަތްތައް އިހަވަންދޫގައި ކުރެވެމުންދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، ދުވަހެއްގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތާއި ކުރެވޭ މަސައްކަތުގެ ތަފާސް ހިސާބު ބެލެހެއްޓެމުންދާ ގޮތް ކިޔައިދީގައިވެއެވެ. އަދި ދަރިވަރުންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފައިވެއެވެ.

 

މީގެ އިތުރުން، އިހަވަންދޫ ސުކޫލާއި މިލަންދޫ ސުކޫލުގެ މަތީ ސާނަވީ ދަރިވަރުންނަށް، ދިރިއުޅުމުގެ ރިވެތި އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

 

ފަސްދޮޅަހަކަށް ދަރިވަރުން ބައިވެރިވި މި ސެޝަންގައި، މަދުރަސީ ހަޔާތް ނިންމައި ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނުކުންނައިރު މީހާ ބަލައިގަންނާނީ ރިވެތި ސިފަތަކެއް ހުރެގެންކަމާއި އެ ސިފަތައް އަށަގެންނެވުމަށް މަސައްކަތްކުރުމަށް ބުނެދީފައިވެއެވެ. އަދި ހާއްސަކޮށް އަނެކާއަށް އުނިކަމެއް އަތުވެދާނެ ނޭދެވޭ އެންމެހައި ކަންކަމުން ދުރުވުމާއި އިހުތިރާމުކުރުމުގެ ސިފަތަކުގައި ހިފުމަށާއި މާދަމާ ވަޒީފާގެ މައިދާނަށް ނުކުންނައިރު، މީހާގެ މަސައްކަތް ރިވެތި ގޮތުގައި ކުރުމަށްޓަކައި ޒިންމާދާރު މީހަކަށް ވުމަށް ބުނެދީފައިވެއެވެ. އަދި ގަޑިއަށް ފަރުވާތެރިވުށާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެކުގައި މަސައްކަތްކުރުމާއި އެއްބައިވަންތަކަން ވަޒީފާގެ މާހައުލުގައި އިސްކުރުމަށް ބުނެދީފައިވެއެވެ.

އެކްސްގެ ސީއީއޯ މަގާމުން އިސްތިއުފާ ދީފި

އެމެރިކާގެ ބިލިއަނަރު އިލޮން މަސްކްގެ ‘އެކްސް’ ގެ ސީއީއޯ ލިންޑާ ޔަޗަރީނޯ މަގާމުން އިސްތިއުފާ ދީފިއެވެ.

 

އެކްސްގެ ސީއީއޯގެ މަގާމުން ލިންޑާ އިސްތިއުފާ ދިން ކަން އޭނާ ހާމަކުރީ ސޯޝަލް މީޑިއާގައެވެ. އެކަން ހާމަކޮށް ލިންޑާ އާއްމުކުރި ޕޯސްޓުގައި ވަނީ, މި ނިންމުމަކީ އޭނާ އަމިއްލަ އިހްތިޔާރުން ނިންމި ނިންމުމެއް ކަމަށް ބުނެފައެވެ.

 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މައްސަލަ ޖެހިފައިވާ މަސްކުގެ ކުންފުނިތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާއިރު, ތަޖުރިބާކާރު ލިންޑާ އެކްސްއިން ވަކިވުމަކީ މަސްކްގެ އަގު ދަށްވެފައިވާ ވިޔަފާރިތަކަށް އިތުރު ގޮންޖެހުމެއް ގެނުވާނެ ކަމެކެވެ.

 

އިޝްތިހާރުކުރުމުގެ ދާއިރާގެ މާހިރެއް ކަމުގައިވާ ލިންޑާ އޭނާގެ މަގާމުން އިސްތިއޔފާ ދީފައި މި ވަނީ އެ މަގާމުގައި 2 އަހަރު ހޭދަކުރުމަށް ފަހުއެވެ. ލިންޑާ އެ މަގާމަށް އައްޔަނުކުރީ, މަސްކް އެކްސް ގަން ފަހުން އެ ޕްލެޓްފޯމަށް ފާޑުކިޔުންތައް އަމާޒުވެފައިވާތީ އެ ކަން ހައްލު ކުރުމަށް ޓަކައެވެ.

 

ލިންޑާ, މަގާމުން އިސްތިއުފާ ދިން ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގައި ކްރިޕްޓޯކަރަންސީ ރެގިއުލޭޓް ކުރާ ކައުންސިލެއް އުފައްދަނީ

ޕާކިސްތާނުގައި ކްރިޕްޓޯކަރަންސީ ބަލައިގަތުމާއި ރެގިއުލޭޓް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދެއެވެ. ޕާކިސްތާން ވާޗުއަލް އެސެޓްސް ރެގިއުލޭޓަރީ އޮތޯރިޓީ (ޕީވީއާރުއޭ) އުފެއްދުމަށް ކެބިނެޓުން ހުއްދަ ދީފައެވެ. ޕާކިސްތާން ފިނޭންސް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޕީވީއާރުއޭ އަކީ، ވާޗުއަލް އެސެޓް ސާވިސް ޕްރޮވައިޑަރުންނަށް ލައިސަންސް ދޫކުރުމާއި، އެފަރާތްތައް މޮނިޓަރކުރުމާއި، ބެލެހެއްޓުމުގެ އިތުރުން، އެފްއޭޓީއެފް، އައިއެމްއެފް، އަދި ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އެފަރާތްތައް ތަބާވޭތޯ ކަށަވަރު ކުރާނެ އިދާރާއެވެ.

 

ޕާކިސްތާން ފިނޭންސް މިނިސްޓްރީން މި ނިންމުން ސިފަކޮށްފައިވަނީ މިއީ، ޕާކިސްތާނުގެ ކުރިއަރަމުންދާ ޑިޖިޓަލް އެސެޓްސް އިކޯސިސްޓަމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން އާންމު ރައްޔިތުންގެ ފައިސާ ރައްކާތެރި ކުރެވި، މަނީ ލޯންޑަރިންގ ހުއްޓުވުމަށް ފިޔަވަޅު އެޅި، ކިންގީ ފޮރެކްސް ފަދަ ޕޮންޒީ ސްކީމްތަކާއި ސައިބަރ ރިސްކް ކުޑަކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

 

އެހެންނަމަވެސް، ބައެއް އަންމު ފަރާތްތަކުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕާކިސްތާނުގެ ކްރިޕްޓޯ ދާއިރާއަށް އަމާޒުކޮށްފައިވާ މި އައު ސިޔާސަތުގެ ފަހަތުގައިވާ ބޭނުންތަކާމެދު އެފަރާތްތަކުން ސުއާލު އުފައްދައެވެ.

 

މިއަހަރުގެ ކުރީކޮޅު އިޢުލާން ކޮށްފައިވާ ޕާކިސްތާން ކްރިޕްޓޯ ކައުންސިލް އުފެއްދީ ކްރިޕްޓޯކަރަންސީގެ މަޞްލަޙަތު އޮތް ފަރާތުން އިސްވެ ހުރެއެވެ. އަދި އެކަމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމާ ގުޅުންހުރި އެމެރިކާގެ ވިޔަފާރިވެރިންގެ ޒިޔާރަތަކަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ކޮށްފައިވާ ކަމަށް ފާހަގަކުރެވެއެވެ.

 

މީގެއިތުރުން، ވޮޝިންގްޓަންގައި ޕާކިސްތާނުގެ ސިފައިންގެ އެންމެ އިސްވެރިޔާއާއި ޑޮނަލްޑް ޓްރަމްޕާ ދެމެދު ފަހަކަށްއައިސް ބޭއްވުނު މަޝްވަރާތަކުގައި ޑިޖިޓަލް އެސެޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ. އަދި ޓްރަމްޕަކީ ކްރިޕްޓޯ ކަރަންސީގައި ވިޔަފާރި ކުރާ ފަރާތެކެވެ. އޭނާގެ އައުލާދުން ހިންގާ ޓްރަމްޕް އެސޯސިއޭޓްސްއިން ޔޫއޭއީގައި ކްރިޕްޓޯ މައިން ކުރަމުން ދެއެވެ.

 

ޕާކިސްތާނުން މި އައު ދާއިރާގައި ކުރިއަށްދާއިރު، ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ސާބިތުވެ ތިބެ، އައު އީޖާދުތަކަށް މަގުފަހިކުރުމާއެކު ރިސްކް ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމާ މެދު ސުއާލު އުފެދެއެވެ. އަދި ހަމަހަމަ ބެލެންސެއް ހިފެހެއްޓޭ ސިޔާސަތުތަކެއް އެކުލަވާލުމަށް އިސްކަންދީ، ވަކި ބަޔެއްގެ ފައިދާއަށް ވުރެން ބޮޑަށް ޤައުމުގެ މަޞްލަޙަތަކަށް މަސައްކަތް ކުރމަށް ވެސް ގޮވާލާފައި ވެއެވެ.

އިއްޔެ މެންދުރުން ފެށިގެން ރޭ މެންދަމާ ހަމައަށް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގި

އިއްޔެ މެންދުރު 12:00އިން ފެށިގެން ރޭ 22:30އާ ހަމައަށް ކަނޑުމަތީގެ 7 ހާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފިއެވެ.

 

މީގެ ތެރޭގައި މީހުން ގެއްލުމުގެ ހާދިސާތަކާއި، އިންޖީނު ހުއްޓުމުގެ ސަބަބުން ކަނޑުވުމާއި، ދިޔަވުމުގެ ހާދިސާ އަދި ފަރަށް އެރުމުގެ ހާދިސާތައް ހިމެނެއެވެ. އަދި މި ހާދިސާތަކުގައި ގެއްލުނު މީހުންގެ ތެރެއިން އެކަކު މިހާތަނަށް ފެނިފައި ނުވާއިރު، މުދާ އަރުވައިގެން މާލެއިން ލ އަތޮޅަށް ދަތުރުކުރި ބޯޓެއް ވެސް އަޑިއަށް ގޮސްފައި ވެއެވެ.

 

އެމްއެންޑީއެފްއަށް އިއްޔެ ރިޕޯޓު ކުރި ހާދިސާތައް:

  • ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު  ގެއްލުމުގެ ހާދިސާ
  • ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ 35 އަހަރުގެ މީހަކު ގެއްލުނު ހާދިސާ
  • އަރިއަތޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާ
  • 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާ
  • 4 މީހުންނާއެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާ
  • ހަތް މީހުންނާ އެކު މަހަށް ނިކުތް ތ. ވިލުފުށީ “ވިލުރޯދި” ނަމަކަށްކިޔާ ދޯނި ގެއްލުމުގެ ހާދިސާ
  • 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ކަމުގައިވާ “އޯޝަން އެކްސްޕްރެސް” އަޑިއަށްދިޔަ ހާދިސާ

 

މީގެ ތެރެއިން ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައެވެ. އަދި އަރިއަތޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ ގެންގޮސްފައިވާއިރު، ބ. ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާއެކު ބ. ދަރަވަންދޫއަށް ވައްދާފައެވެ. މީގެ އިތުރުން ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ. ހިންމަފުއްޓަށް ގެންގޮސްފައެވެ.

 

ހަމައެއާއެކު ތ. ވިލުފުށީ “ވިލުރޯދި” ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ. ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވާކަމަށް ހާމަކޮށްފައިވެއެވެ.

 

އަދި މާލެއިން ލ އަތޮޅަށް ދަތުރުކުރި “އޯޝަން އެކްސްޕްރެސް” އަޑިއަށް ދިޔައިރު އޭގައި ތިބި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައި ކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

 

ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިނުވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުންދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މިއަދު ހެނދުނު ހާމަކޮށްފައެވެ.

 

މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެންއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަޑިއަށް ދިޔަ ބޯޓުގެ ސާމާނު އޮޔާދާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެދެފި

މާލެއިން މުދާ އަރުވައިގެން ލ. ހިތަދޫއަށް ދަތުރުކުރަމުން ދިޔަ އޯޝެނިކް އެކްސްޕްރެސްއަށް ބަރުކޮށްފައި ހުރި ސާމާނުތައް އޮޔާދާނެކަމަށް ލަފާކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.

 

ޙާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.

 

އިއްޔެ މެންދުރުފަހު 2:30 ހާއިރު މާލެއިން ފުރި މި ބޯޓު އަޑިއަށް ދިޔައީ ކ. ރިހިވެލި ކަނޑުއޮޅި ކައިރިއަށެވެ.

 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު އަޑިއަށް ދިޔައިރު، ހަތަރު ރަށެއްގެ މުދާ އެ ބޯޓުގައި ހުއްޓެވެ. އަދި އޭރު ބޯޓުގައި 12 މީހުން ވެސް ތިއްބެވެ. އެއީ 4 ބިދޭސީންނާއި 8 ދިވެހިންނެވެ.

 

އެ މީހުން ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައި ރޭގެ 22:52 ހާއިރު ސަލާމަތްތެރިކަމާއެކު މާލެ ގެންގޮސްފައެވެ.

 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔެ މެންދުރު 12:00އިން ފެށިގެން ރޭ 22:30އާ ހަމައަށް ކަނޑުމަތީގެ 7 ހާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި މީހުން ގެއްލުމުގެ ހާދިސާތަކާއި، އިންޖީނު ހުއްޓުމުގެ ސަބަބުން ކަނޑުވުމާއި، ދިޔަވުމުގެ ހާދިސާ އަދި ފަރަށް އެރުމުގެ ހާދިސާތައް ހިމެނެއެވެ.

 

މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހެ ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެންއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބްރަޒިލްގެ ރައީސް ޓްރަމްޕް ސައިޒުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް އަތްބާނަން މަސައްކަތް ކުރާތީ ބްރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑި ސިލްވާ ފާޑު ވިދާޅުވެއްޖެއެވެ.

 

“ރެކޯޑް” ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ލޫލާ ޑި ސިލްވާ ވިދާޅުވީ:

“ދުނިޔޭގެ ފުލުސް މީހާގެ ގޮތުގައި އިންތިޚާބު ވެފައިވާކަމަށް ޓްރަމްޕް ހީކޮށްގެން ނުވާނެ ކަމަށެވެ. ތިބާ އިންތިޚާބު ކޮށްފައި ވަނީ އެމެރިކާގެ ރައީސްގެ ގޮތުގައެވެ. އަދި އެމެރިކާގައި ތިބާއަށް ބޭނުން ކަމެއް ކުރެވިދާނެއެވެ. އަދި މިތާ ބްރެޒިލްގައި ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން ބްރެޒިލް މީހުންނެވެ.”

އޮރިޔާން ފިލްމު ކުޅުނު ޑެނިއެލް ސްޓޯމީ ރޭޕްކޮށް އެކަން މަތިޖަހަން ފައިސާ ދިނުމާއި އަދި 40 އެތައް އަނެހެނުންނެއް ރޭޕްކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ އެމެރިކާގެ ޓްރަމްޕް ރައިސަކީ ޝަރުއީ ދާއިރާއާ ގަޔާވާ ބޭފުޅެއް ނޫނެވެ.

 

ބްރަޒިލްގެ ކުރީގެ ރައީސް ޖައިރު ބޯލްސޮނާރޯގެ ޝަރީއަތް ކުރަން ފެށުމުން ޓްރަމްޕް ވަނީ ބްރަޒިލަށް އިންޒާރު ދެއްވާފައެވެ. އަދި “ޓްރޫތް ސޯޝަލް” ޕްލެޓްފޯމްގައި ލިޔުއްވާފައި ވަނީ “މަގޭ އެކުވެރިޔާ ބްރެޒިލްގެ ކުރީގެ ލީޑަރު ޖައިރު ބޯލްސޮނާރޯ ވަނީ ސިޔާސީ އަނިޔާގެ ޝިކާރައަކަށްވެފައި” ކަމަށާއި، އޭނާގެ މައްޗަށް ހިންގަމުން ގެންދާ ދަޢުވާ ނިންމާލުމަށް ގޮވާލާ ކަމަށެވެ.

 

ޓްރަމްޕްގެ ބަޔާނަށް ރައްދު ދެއްވަމުން ލޫލާ ޑަ ސިލްވާ ވިދާޅުވީ ބްރަޒިލްގެ ޝަރުއީ ނިޒާމަކީ އެމެރިކާގެ ނިޒާމަށް ވުރެން މިނިވަން ނިޒާމެއް ކަމަށެވެ. އެމެރިކާގައި ފަނޑިޔާރުން އައްޔަން ކުރަނީ ސިޔާސީ ޕާޓީތަކުގެ ފިކުރުގައެވެ. އަދި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަނީ އެވަގުތު ވެރިކަމުގައި ހުންނަ މީހެއްގެ ސިޔާސީ ފިކުރާ އެއްގޮތަށެވެ.

 

ބްރެޒިލްގެ ރައީސް އެމެރިކާގެ ރައީސަށް ހަނދުމަފުޅު ކޮށްދެއްވީ، ބްރެޒިލް ދައުލަތަށާއި ބްރެޒިލްގެ ޢަދުލު އިންސާފަށް އިޙްތިރާމް ކުރެއްވުމަށެވެ.

ސަމާލުވޭ! ޓެލެގްރާމް ހެކްކުރުން އިތުރުވެއްޖެ!

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކުތައް ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުތައް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

 

މިފަދަ ހެކްކުރުންތަކުން ރައްކާތެރިވުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އިރުޝާދުދީ ހަނދާންކޮށްދެމުންނެވެ.

ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކުތައް ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުތައް ހެކްކުރުމުން ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އަންނަނިވި އިރުޝާދުތައް ދީފައެވެ.

 

ވަނީ ކިހިނެއް؟

 

ފުލުހުން ބުނާ ގޮތުގައި، މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. އެގޮތުން، ތިމާ ދަންނަ ނުވަތަ ގާތް މީހެއްގެ ނަމުގައި “ފޮޓޯތަކެއް” ނުވަތަ “ވީޑިއޯތަކެއް” ހުރިކަމަށް ބުނެ ލިންކެއް ފޮނުވާނެއެވެ. މި މެސެޖުގައިވާ ލިންކަށް ފިތައިލުމުން، ފޯނު ނަންބަރު ޖެހުމަށް އެދޭ ޞަފްޙާއަކަށް ގެންގޮސްދެއެވެ. ފޯނު ނަންބަރު އެޅުމުން، އެ ނަންބަރަށް އަންނަ ލޮގިން ކޯޑު ނުވަތަ އޯޓީޕީއެއް ހިއްސާކުރުމަށް އެދެއެވެ. މި އޯޓީޕީ ހިއްސާކޮށްފިނަމަ، ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ.

އެއަށްފަހު، އެކައުންޓު ސްކޭމަރުންގެ އަތްދަށުވުމުން، އެކައުންޓުގެ ވެރިފަރާތުގެ ނަމުގައި އެހެން މީހުންނަށްވެސް މިފަދަ ސްކޭމް ޕިޝިންގ ލިންކުތައް ފޮނުވަމުންދެއެވެ. މިއީ ސައިބަރ ކުށްތަކުގެ ދަށުން މިހާރު ފެންނަމުންދާ އާ ހެކްކުރުމުގެ އުސްލޫބެކެވެ.

 

ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟

 

ޓެލެގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ، ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ވަގުތުން ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލްކޮށްލުމަށް ފުލުހުން އިރުޝާދުދެއެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން (Two-Step Verification) އެކްޓިވޭޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެގޮތް:

 

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މިކަން ކުރާނެ ގޮތް ތިރީގައި މިވަނީއެވެ:

 

ޓެލެގްރާމް ސެޓިންގ (Settings) އަށް ދިއުން.

ޕްރައިވަސީ އެންޑް ސެކިއުރިޓީ (Privacy and Security) އަށް ފިތާލުން.

ޓޫ-ސްޓެޕް ވެރިފިކޭޝަން (Two-Step Verification) އެކްޓިވޭޓްކުރުން.

ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން.

ރިކަވަރީ އީމެއިލް އެޑްކުރުން.

ފުލުހުން އިލްތިމާސްކުރަނީ، އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަން ނުދިނުމަށެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެކެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް އާންމުން ހޭލުންތެރިވެ ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާތީ މައްސަލަ ހައްލުކުރަން މަސައްކަތްކުރަނީ

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާތީ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު އެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މީޑިއާތަކަށް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގައި ޖަހާފައިވަނީ އެސްޓީއޯ އިން ވިއްކާ ޓިނު ކަމަށާއި މިރޭ މަރުކަޒަށް ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ.

 

“މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމުތައް މަސައްކަތްކުރަމުންދޭ. އޭގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީވެ، 40 އަހަރު ވެފައިވާ ގައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،” މިނިސްޓަރު ވިދާޅުވިއެވެ.

 

މިއަދު މެންދުރުފަހުން ފެށިގެން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ކުރިއަށްއޮތް ދެ ދުވަހު ވެސް ވައިގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކުރެއެވެ.