ލޭބާރ ޕާޓީގެ މެމްބަރުން ފަލަސްތީނު ބަލައި ގަތުމަށް ގޮވާލައިފި

އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީގެ 59 މެމްބަރުން ވަނީ ފަލަސްތީނުގެ ދައުލަތް ވަގުތުން ވަގުތަށް ބަލައިގަތުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާފައެވެ. ޔޫކޭގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީއަށް ފޮނުވި ޕެޓިޝަން ސިޓީއެއްގައި، އެ ފަރާތްތަކުން ބުނެފައި ޔަހޫދީން ކަށިނަރު ދަމައިގެން ރަފަޙުގައި ހަދާ ބަސްތީއަކަށް ޣައްޒާގެ ރައްޔިތުން މަޖުބޫރުން ބަދަލ ު ކުރުމަށް ޒަޔަނިސްޓުންގެ ދިފާއީ ވަޒީރު ހުށަހަޅާފައިވާ ހުށަހެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފް ހުށަހެޅުމެއްކަމަށެވެ.

އަދި ހުޅަނގު އައްސޭރީގައި ޒަޔިނިސްޓުން ހިންގާ އާބާދީތަކާއެކު ކުރާ ވިޔަފާރި ހުއްޓުވުމާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވާ ރެފިއުޖީންނާ ބެހޭ އދގެ އިދާރާއަށް ދޭ އެހީ އިތުރުކުރުމަށާއި، ޔަހޫދީން ވަގަށް ނަފާގައިވާ މީހުން މިނިވަން ކުރުމަށާއި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

މި ޕެޓިޝަނުގައި ސޮއިކުރި ފަރާތްތަކުން ބުނަނީ އިނގިރޭސި ސަރުކާރުން ފަލަސްތީނު ބަލައިގަތުން ލަސްކޮށް ދިގު ދަންމާނަމަ ދެ ދައުލަތުގެ ހައްލަށް އޮތް އިނގިރޭސި ސަރުކާރުގެ އިލްތިޒާމްތައް ބަލިކަށިވެގެން ދާނެކަމަށެވެ.

އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ދެންދަވާ ކަމެއްކަމުގައެވެ..

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވަވާފައެވެ. އަދިހަމައެއާއެކު ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހަޤީޤަތަކަށްވެ މިއަދު ހުޅުވިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކުކަމަށާއި މިިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އިރާނުން އެމެރިކާއަށް އިތުރު ހަމަލާތަކެއް ދިނުމުގެ އިންޒާރު ދިނުމާއެކު މަޝްވަރާއަށް ހުޅުވާލައިފި

އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ ގޮތުގައި، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދާދި ފަހުން ދިން ހަމަލާއަކީ ވަކިވަކި ހަމަލާއެއް ނޫން ކަމަށާއި، މިފަދަ ހަމަލާތައް އަނެއްކާވެސް ދިމާވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މި ހަމަލާތަކާއެކު އިރާނާއި އެމެރިކާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެ، ސަރަހައްދުގެ ހަމަނުޖެހުން ފުޅާވެދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

 

އާޔަތުﷲ ޚާމަނާއީގެ ބަޔާނުގައި އިތުރަށް ހާމަކުރައްވާފައި ވަނީ، އިރާނަށް އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާ ކަމަށެވެ. އަދި މި ހަމަލާއަކީ އިރާނުން އެމެރިކާއަށް ދެމުންދާ ޖަވާބުދާރީގެ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

މި ހަމަލާތަކަށްފަހު، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ، އެމެރިކާއާ މަޝްވަރާ މޭޒަށް އެނބުރި އައުމަށް ތައްޔާރުކަން ފާޅުކުރައްވާފައި ވީނަމަވެސް، އެކަން ކުރެވޭނީ އެމެރިކާގެ އަމަލުތަކަށް ބަދަލު ގެނެސް، މަޝްވަރާ ކުރިއަށްދާ ވަގުތު އިރާނަށް ހަމަލާ ނުދިނުމުގެ ގެރެންޓީ ދިނުމުން ކަމަށް ވަޒީރު ވަނީ ސާފުކޮށްދެއްވާފައެވެ.

 

ފްރާންސްގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އަރަޤްޗީ ވިދާޅުވީ، އިރާނުން މަޝްވަރާތަކަށް މަރުހަބާ ކިޔަނީ އިޙްތިރާމާއި އިއްޒަތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް، މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކައި އެމެރިކާއިން އެންމެ ފުރަތަމަ އެ ގައުމުގެ ދާދި ފަހުގެ އަމަލުތައް، ޚާއްސަކޮށް އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ގެއްލުންތައް ބަލައިގަނެ އެކަން ރަނގަޅުކުރަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

އަދި އަރަޤްޗީ ވަނީ، ދާދި ފަހުން އެމެރިކާއިން ދިން ހަމަލާތަކުގައި އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކެއް ސުންނާފަތިވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. މި ގެއްލުންތަކުގެ މިންވަރު އެނގުމުން، ބަދަލު ހޯދުމުގެ ހައްގު އިރާނަށް ލިބިގެންވާ ކަމަށް ވެސް އަރަޤްޗީ ވިދާޅުވިއެވެ.

 

މި ހަމަލާތަކަށް ބަލާއިރު، 22 ޖޫންގައި އެމެރިކާއާއި އިޒްރޭލް ގުޅިގެން އިރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީއަކަށް ވަނީ ހަމަލާދީފައެވެ. އެއަށްފަހު، 23 ޖޫންގައި އިރާނުން ވަނީ ގަތަރުގެ ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

 

އިރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ އަލް-އުދައިދް ވައިގެ ބަނދަރަށް މިސައިލް ފޮނުވިކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކްސްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ އަސްކަރީ ބާރުން ފޮރްޑޯ، ނަތަންޒް، އަދި އިސްފަހާންގައި ހުންނަ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށާއި، ފޮރްޑޯގެ މަރުކަޒު މުޅިން ހަލާކުކޮށްލާފައިވާ ކަމަށެވެ.

 

މި ހަމަލާތަކާއެކު އިރާނާއި އެމެރިކާ ދެމެދު އޮތް ނުތަނަވަސްކަން އަނެއްކާވެސް ބޮޑުވެފައި ވާއިރު، ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ގުޅިފަޅު ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން މިއަދު ފަށައިފިއެވެ.

 

ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް މިއަދު ރަޖިސްޓްރީ ދޫކުރަން ފަށާފައިވާ ކަމަށެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައެވެ.

 

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާތަނަށް ދެފަހަރު މަތިންވަނީ ބަދަލު ގެނެސްފަ އެވެ. އެ ބަދަލުތަކާ ގުޅިގެން، މޭ މަހުގައި އެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް އަލުން ގުރުއަތުލުން ވަނީ ބާއްވައިފައެވެ.

އެ ބަދަލުތަކާ ގުޅިގެން، ކުރިން ދޫކޮށްފައިވާ ރަޖިސްޓްރީތަކާއި ގޯތީގެ އެއްބަސްވުންތައް ބާތިލުވެފައިވާތީ، ގޯތި ލިބުނު ފަރާތްތަކާއެކު އަލުން އެއްބަސްވުން ހެދުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

 

ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުރީގެ އެއްބަސްވުންތައް މުޅިން އުވާނުލާ، ހަމައެކަނި ގޯތީގެ ލޮޓް ނަންބަރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ އިސްލާހުތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ހިއްކަން ހަމަޖެހިފައިވާ ފުންތަނުން ދޭން ނިންމާފައިވާ ގޯގިތައް މިހާރު ހިއްކައި ނިމިފައިވާ ސަރަހައްދުން ދޭން ނިންމައި ގެނައި ބަދަލެވެ.

 

 

ކަފިހިހުރަސްމަތިން ދަނިކޮށް ސައިކަލެއްގައި ޖެހި އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ކަފިހިހުރަސްމަތިން ހިނގަނިކޮށް ބާރަށް ދުއްވާފައިދިޔަ ސައިކަލަކުންޖެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.

 

ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:16 ހާއިރުއެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ފޭސް 1 ގެ ބަގީޗާ ހިނގުމުގައެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. ސީރިއަސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

 

އަންހެންމީހާ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިނީ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށާއި، އޭނާ އަކީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އެކްސިޑެންޓްވި ސައިކަލު ޓޯވކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

 

ހުޅުމާލެއަކީ މިހާރު ވަރަށްގިނައިން އެކްސިޑެންޓްތައް ހިނގަމުން އަންނަ ތަނެކެވެ. އެގޮތުން ހުޅުމާލޭގައި އެންމެގިނައިން އެކްސިޑެންޓްތައް ހިނގާ އެއް ސަރަހައްދަކީ ނިރޮޅުމަގެވެ.

ސަލްމާން މިސްކިތުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވަނީ

ސަލްމާން މިސްކިތުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާ މިރޭ ރަސްމީކޮށް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވިގެންދާނީ 15 ހާސް ފޮތާއެކުގައިކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައިވާކަމަށާއި މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށެވެ.

މިރޭ ހުޅުވިގެންދާ އިސްލާމީ ކުތުބުޚާނާ ވެގެންދާނީ، އިސްލާމީ ޢިލްމު ޙާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް، ބޭނުންތެރި ތަނެއްގެ ގޮތުގައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޤަބޫލުކުރައްވައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އަޕްގްރޭޑިންގ މަސައްކަތަކަށް މިއަދު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެ އާއި، ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

 

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

އެހެންކަމުން މިއަދު މެންދުރުފަހު 14:00 އިން 16:30 އަށް މާލެ ސިޓީ، ނިކަގަސް މަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

 

ހަމައެއާއެކު މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ރަބަރުގަސްމަގު ގޯޅި 1 އަދި 2، އޯކިޑްމާ ހިނގުން، އިރުދޭމާ ހިނގުން ގޯޅި 2 އަދި 3، ދުނބުރިމަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އާއި 15:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

 

ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.

 

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

33 އަހަރުތެރޭ 106 ފަހަރު ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައެއްގައި އުމުރުން 33 އަހަރުގައި މީހަކު ހައްޔަރުކުރިއިރު، އެއީ އޭނާ ހައްޔަރުކުރި 106 ވަނަ ފަހަރު ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

 

އެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާ މީގެ ކުރިން ކުށުގެ ތުހުމަތަށް 105 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ރެކޯޑުން ދައްކަ އެވެ. އޭގެ ތެރެއިން 43 ފަހަރު އޭނާ ބަންދަށް ބަދަލުކޮށްފައި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

 

މިއީ އޭނާގެ އުމުރުން 18 އަހަރުވި ފަހުން މިވީ 15 އަހަރަށް ބަލާއިރު އެވެރެޖްކޮށް އަހަރަކު ހަތް ފަހަރު ހައްޔަރުކުރުމެވެ.

 

އޭނާ ހައްޔަރުކުރި މައްސަލަތަކަށް ބަލާއިިރު، ކޯޓު އަމުރުގައި ބުނީ ވައްކަމުގެ މައްސަލަތަކުގައި ގިނަ އަދަދަކަށް ހައްޔަރުކުރިކަމަށެވެ.

 

މިފަހަރު އެ މީހާ ހައްޔަރުކުރީ މަޖީދީމަގުން ގޮސް، ޗަމްޕާމަގަށް ހިނގާފައި ވަން އިރު ކަޅު ކޮތޮޅަކަށް ބަރު އެއްޗެހިތަކެއް އަޅައިގެން ދަނިކޮށް ފުލުހުން ފެނުމުން “ބާރު ހިނގުމެއްދާތަން ފެނުމުން” އޭނާ ހުއްޓުވައި ސުވާލުކުރި އިރު އޭނާގެ އަތުން ފެނުނު ހަތަރު ރޯލު ކަރަންޓު ނަރުގެ މައްސަލައިގައެވެ.

 

އެއާ ބެހޭ ގޮތުން ފުލުހުން އޭނާއާ ސުވާލުކުރުމުން ބުނީ އެއީ މީހަކު ދިން އެއްޗެއް ކަމަށާއި އޭނާ ދިން ނަމްބަރަށް ގުޅުމުން އެ މީހާއާ ނުގުޅޭކަމަށެވެ. އެހެންވެ މިއީ ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީއެވެ.

 

ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށް ބަންދަށް މުއްދަތު ދިނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީކަމަށެވެ.

ޣައްޒާގެ އެހީދޭ މަރުކަޒުތައް ކައިރީގައި 798 މީހުން ޝަހީދުކޮށްލި: އދ

އެމެރިކާ އާއި އިސްރާއީލުގެ ތާއީދު އޮންނަ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ ޣައްޒާގެ އެހީދޭ ތަންތަނާއި އެހެން ރިލީފް ގްރޫޕްތަކުން ހިންގާ ކޮންވޯއީ ކައިރީގައި ފާއިތުވި ހަ ހަފްތާގެ ތެރޭގައި މަދުވެގެން 798 ޝަހީދުކޮށްލާފައިވާ އދ. ގެ ހައްގުތަކާބެހޭ އޮފީހުން ބުނެފިއެވެ.

 

ޖީއެޗްއެފް އިން ޣައްޒާއަށް އެހީގެ ތަކެތި ގެނައުމަށް އެމެރިކާގެ އަމިއްލަ ސެކިއުރިޓީ އަދި ލޮޖިސްޓިކްސް ކުންފުނިތައް ބޭނުން ކުރާ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ހިންގާ މި ނިޒާމް ބައިޕާސްކޮށް، ހަމާސް އިސްވެ ހުރެގެން އާންމުންނަށް ދިނުމަށް ގެނެވޭ އެހީގެ ޝިޕްމަންޓްތައް ހަނގުރާމަވެރިންނަށް ދިނުމަށް ވަގަށް ނަގާ ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ. ނަމަވެސް ހަމާސް އިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

 

އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވާ ޒޯންތަކުގައި ޖީއެޗްއެފްގެ އެހީދޭ މަރުކަޒުތަކަށް ވާސިލްވާން މަސައްކަތްކުރާ ފަލަސްތީނުގެ އެތައް ސަތޭކަ އާންމުންނެއް ވަނީ ޝަހީދުވެފައެވެ. މިކަމާ ގުޅިގެން އދ. އިން ވަނީ މި އެހީގެ މޮޑެލްއަކީ “ރައްކާތެރި ނޫން” މޮޑެލްއެއް ކަމަށް ބުނެފައެވެ. އަދި މި މޮޑެލް އަކީ އިންސާނިއްޔަތު ކަމެއް ނެތް، ހުރިހާ މިންގަނޑަކާ ހިލާފު މޮޑެލް އެއް ކަމަށް ވެސް ޔޫއެން އިން ބުނެފައިވެއެވެ.

 

މެއި 27 އިން ފެށިގެން ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް 798 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަންގެ ސައިޓްތަކުގެ ކައިރީގައި 615 މީހުން ޝަހީދުވެފައިވެއެވެ. އެހީގެ ކޮންވޯއީތަކަށް ދިޔަ މަގުމަތީ 183 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބެލެވެއެވެ. ޖެނީވާގައި ބޭއްވި މީޑިއާ ބްރީފިންގައި އދ. ގެ ހައްގުތަކަބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވަނީ މި ކަން ޔަގީންކޮށް ދެއްވައިފައެވެ.

 

ރަހުމްކުޑަ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު ވަނީ 57،000 އަށް އަރައިފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 130،000 އަށް އަރާފައިވާ ކަމަށްވެއެވެ.

 

ޣައިރު ގާނޫނީ އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު ބައިލައްކައަށް ވުރެ މައްޗަށް އެރިއިރު، އިމާރާތްތަކުގެ ދަށުގައި 10،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންފީކާ ދޫކޮށް ކަރޭރާސް ރެއާލަށް

ބެންފީކާގެ ފުލްބެކް އަލްވާރޯ ކަރޭރަސް ރެއާލް މެޑްރިޑަށް ސޮއިކުރަން އެއްބަސްވެއްޖެއެވެ.

 

މި ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯ ފެށުނީއްސުރެ ރެއާލުން ވަނީ ކަރޭރާސް ގަތުމަށް ޝައުގުވެރިކަން ހާމަކޮށްފައެވެ. ނަމަވެސް ރެއާލުން ވަނީ ކްލަބް ވޯލްޑް ކަޕަށްފަހު ކަރޭރާސްގެ ޓްރާންސްފާ ނިންމަން މަޑުކޮށްފައެވެ.

 

ކަރޭރާސް ގަތުމަށް ރެއާލުން ބެންފީކާއަށް 50 މިލިއަން ޕައުންޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މެންޗެސްޓާ ޔުނައިޓެޑުން ބެންފީކާއަށް ކަރޭރާސް ސޮއިކުރި އިރު ކޮންޓްރެކްޓުގައި ހިމަނާފައިވާ ސޭލް ފީގެ ސަބަބުން މި 50 މިލިއަނުގެ ބަޔެއް ޔުނައިޓެޑަށް ލިބިގެންދާނެއެވެ.

 

ސްޕެއިންއަށް އުފަން 22 އަހަރުގެ ކަރޭރާސް ވަނީ މި ދިޔަ ސީޒަނުގައި ބެންފީކާއަށް 52 މެޗު ކުޅެދީ 5 ލަނޑު ކާމިޔާބު ކޮށް 4 އެސިސްޓު ފޯރުކޮށްދީފައެވެ.

ޓެސްލާގެ ފުރަތަމަ ޝޯރޫމް މުމްބާއީގައި ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ، އިންޑިއާގައި އެ ކުންފުނީގެ ފުރަތަމަ ޝޯރޫމް މުމްބާއީގައި އަންގާރަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ. ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓެސްލާގެ އުޅަނދުތައް ޑެލިވަރީ ކުރުން އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މިއީ، އިންޑިއާގެ ހަލުވިކަމާއެކު ކުރިއަރަމުންދާ އިލެކްޓްރިކް އުޅަނދު އީވީ ގެ ބާޒާރަށް ޓެސްލާ ވަނުމަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީއެވެ.

 

މުމްބާއީގައި ޓެސްލާގެ ޝޯރޫމުން އަންނަ ހަފްތާގައިވެސް ކާރުތައް ކޮންފިގަރ ކުރުމަށްފަހު އޯޑަރު ކުރެވެން ފެށޭނެއެވެ. އެންމެ ފުރަތަމަ ޑެލިވަރ ކުރުމަށް ހަމަޖެހިފައި ވަނީ ޓެސްލާގެ މަޝްހޫރު މޮޑެލް ވައި އެސްޔޫވީތަކެވެ. މި ކާރުތައް އިންޑިއާއަށް ގެނެސްފައި ވަނީ ޗައިނާގެ ފެކްޓަރީން ނެވެ.

 

ޓެސްލާގެ ދެވަނަ ޝޯރޫމެއް މި މަހުގެ ފަހުކޮޅު ދިއްލީގައި ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

މި ވަގުތު އިންޑިއާގެ ބާޒާރު ޓެސްލާއަށް ވަނީ މުހިންމު ވެފައެވެ. އެހެން ގައުމުތަކުގައި ޓެސްލާގެ ކާރު ވިއްކޭ މިންވަރު ވަނީ ދަށްވެފައެވެ. އެހެންވެ ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ކާރު ބާޒާރު އިންޑިއާއަށް ޓެސްލާއިން މިހާރު ވަނީ ބޮޑު ސަމާލުކަމެއް ދީފައެވެ. އިންޑިއާގައި އިލެކްޓްރިކް އުޅަނދުތަކަށް ޝައުގުވެރިކަން އިތުރުވަމުން ދެއެވެ. އެހެން ނަމަވެސް އެތެރެކުރާ ކާރުތަކަށް ބޮޑު ޑިއުޓީއެއް ނެގުމުގެ ސަބަބުން މިފދަ އުޅަނދުތަކުގެ އަގު ބޮޑު ވެގެން ދެއެވެ.

 

ޓެސްލާގެ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އިލެކްޓްރިކް ކާރު ކަމަށްވާ މޮޑެލް ވައިގެ އަގު އުޅެނީ 40 ހާސް ޑޮލަރުގައެވެ. އިންޑިއާއިން އިންޕޯޓު ޑިއުޓީއަށް 70 ޕަސެންޓް ނަގާނެއެވެ. އެކަމަކު އިންޑިއާގައި މި މޮޑެލްގެ އަގު ދަށްކޮށްފައި ޑިއުޓީއާއެކު ވިއްކުމަށް ހަމަޖެހިފައި ވަނީ 32270 ޑޮލަރުގައި ކަމަށް ބެލެވެއެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ސިފައިންގެ ކްލަބަށް

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ވޮލީ ބޯޅަ މުބާރާތް 2025 ގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބް ދަތުރުކޮށްފިއެވެ. ޤައުމީ ވޮލީބޯޅަ މުބާރާތުގައި ކުޅޭނީ ސެމީ ފައިނަލްގެ ތިން މެޗާއި ފައިނަލް މެޗެވެ. ނިމި ދިޔަ ޤައުމީ ވޮލީބޯޅަ ލީގުގެ އެއް ވަނަ ޓީމާއި ދެވަނަ ޓީމު ސެމީ ފައިނަލްގައި ބައްދަލުކޮށް މޮޅުވާ ޓީމު ސީދާ ފައިނަލަށް ދާއިރު ، ބަލިވާ ޓީމު ބައްދަލު ކުރާނީ ލީގުގެ 3 ވަނަ ޓީމާއި 4 ވަނަ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީ ފައިނަލްގެ ތިން ވަނަ މެޗުން މޮޅުވާ ޓީމަށް ފައިނަލްގެ ފަހު ޖާގަ ލިބޭނެއެވެ.

 

ޒުވާނުން މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު ސެމީފައިނަލް މެޗުން ލީގު ޗެމްޕިއަން ސިފައިންގެ ކްލަބު މޮޅުވީ ލީގުގެ ދެވަނައަށް ދިޔަ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓްގެ 12 ޕޮއިންޓާއި ހަމަޔަށް ދިޔައިރު ، ދެޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އޭގެ ފަހުން ސިފައިންގެ ކުޅުން ތަފާތުކޮށް 25-19 އިން މި ސެޓް ކާމިޔާބުކުރިއެވެ. ދެން ކުޅުނު ދެ ސެޓްވެސް ސިފައިން ގެންދިޔައީ ތަފާތުބޮޑުކޮށް 25-15 އަދި 25-16 އިންނެވެ.

 

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މި މުބާރާތަށް ސިފައިންގެ ޓީމާ އަލަށް ގުޅުނު އިންޑިޔާގެ ޗިރާގުއެވެ. އޭނާ އެންމެ ފަހުން ކުޅުނީ ލީގުގެ އެންމެ ފުލަށް ދިޔަ ޕޮލިސް ކްލަބަށެވެ.

 

14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލްގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް އެޗްޑީސީ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ. ސެމީ ފައިނަލްގެ ތިން ވަނަ މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ކްލަބު އެޗްޑީސީ ހޮވުނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުން ހުރާ ކޮމިއުނިޓީ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

 

އެޗްޑީސީ އިން ފުރަތަމަ ސެޓް ކާމިޔާބު ކުރީ ވަރަށް ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު 26-24 އަދި 28-26 އިންނެވެ. ނަމަވެސް ތިން ވަނަ ސެޓް އެޗްޑީސީ އިން ކާމިޔާބު ކުރީ ފަސޭހަކަމާއެކު 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް އެޗްޑީސީގެ ޝަމާއިލް ޙުސައިނެވެ.