އެމެރިކާ އާއި އިސްރާއީލުގެ ތާއީދު އޮންނަ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ ޣައްޒާގެ އެހީދޭ ތަންތަނާއި އެހެން ރިލީފް ގްރޫޕްތަކުން ހިންގާ ކޮންވޯއީ ކައިރީގައި ފާއިތުވި ހަ ހަފްތާގެ ތެރޭގައި މަދުވެގެން 798 ޝަހީދުކޮށްލާފައިވާ އދ. ގެ ހައްގުތަކާބެހޭ އޮފީހުން ބުނެފިއެވެ.
ޖީއެޗްއެފް އިން ޣައްޒާއަށް އެހީގެ ތަކެތި ގެނައުމަށް އެމެރިކާގެ އަމިއްލަ ސެކިއުރިޓީ އަދި ލޮޖިސްޓިކްސް ކުންފުނިތައް ބޭނުން ކުރާ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ހިންގާ މި ނިޒާމް ބައިޕާސްކޮށް، ހަމާސް އިސްވެ ހުރެގެން އާންމުންނަށް ދިނުމަށް ގެނެވޭ އެހީގެ ޝިޕްމަންޓްތައް ހަނގުރާމަވެރިންނަށް ދިނުމަށް ވަގަށް ނަގާ ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ. ނަމަވެސް ހަމާސް އިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.
އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވާ ޒޯންތަކުގައި ޖީއެޗްއެފްގެ އެހީދޭ މަރުކަޒުތަކަށް ވާސިލްވާން މަސައްކަތްކުރާ ފަލަސްތީނުގެ އެތައް ސަތޭކަ އާންމުންނެއް ވަނީ ޝަހީދުވެފައެވެ. މިކަމާ ގުޅިގެން އދ. އިން ވަނީ މި އެހީގެ މޮޑެލްއަކީ “ރައްކާތެރި ނޫން” މޮޑެލްއެއް ކަމަށް ބުނެފައެވެ. އަދި މި މޮޑެލް އަކީ އިންސާނިއްޔަތު ކަމެއް ނެތް، ހުރިހާ މިންގަނޑަކާ ހިލާފު މޮޑެލް އެއް ކަމަށް ވެސް ޔޫއެން އިން ބުނެފައިވެއެވެ.
މެއި 27 އިން ފެށިގެން ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް 798 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަންގެ ސައިޓްތަކުގެ ކައިރީގައި 615 މީހުން ޝަހީދުވެފައިވެއެވެ. އެހީގެ ކޮންވޯއީތަކަށް ދިޔަ މަގުމަތީ 183 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބެލެވެއެވެ. ޖެނީވާގައި ބޭއްވި މީޑިއާ ބްރީފިންގައި އދ. ގެ ހައްގުތަކަބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވަނީ މި ކަން ޔަގީންކޮށް ދެއްވައިފައެވެ.
ރަހުމްކުޑަ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު ވަނީ 57،000 އަށް އަރައިފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 130،000 އަށް އަރާފައިވާ ކަމަށްވެއެވެ.
ޣައިރު ގާނޫނީ އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ އަދަދު ބައިލައްކައަށް ވުރެ މައްޗަށް އެރިއިރު، އިމާރާތްތަކުގެ ދަށުގައި 10،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު