Advertisement

ފައިނަލްގެ ފުރަތަމަ ޖާގަ ސިފައިންގެ ކްލަބަށް

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ވޮލީ ބޯޅަ މުބާރާތް 2025 ގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބް ދަތުރުކޮށްފިއެވެ. ޤައުމީ ވޮލީބޯޅަ މުބާރާތުގައި ކުޅޭނީ ސެމީ ފައިނަލްގެ ތިން މެޗާއި ފައިނަލް މެޗެވެ. ނިމި ދިޔަ ޤައުމީ ވޮލީބޯޅަ ލީގުގެ އެއް ވަނަ ޓީމާއި ދެވަނަ ޓީމު ސެމީ ފައިނަލްގައި ބައްދަލުކޮށް މޮޅުވާ ޓީމު ސީދާ ފައިނަލަށް ދާއިރު ، ބަލިވާ ޓީމު ބައްދަލު ކުރާނީ ލީގުގެ 3 ވަނަ ޓީމާއި 4 ވަނަ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީ ފައިނަލްގެ ތިން ވަނަ މެޗުން މޮޅުވާ ޓީމަށް ފައިނަލްގެ ފަހު ޖާގަ ލިބޭނެއެވެ.

 

Advertisement

ޒުވާނުން މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު ސެމީފައިނަލް މެޗުން ލީގު ޗެމްޕިއަން ސިފައިންގެ ކްލަބު މޮޅުވީ ލީގުގެ ދެވަނައަށް ދިޔަ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓްގެ 12 ޕޮއިންޓާއި ހަމަޔަށް ދިޔައިރު ، ދެޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އޭގެ ފަހުން ސިފައިންގެ ކުޅުން ތަފާތުކޮށް 25-19 އިން މި ސެޓް ކާމިޔާބުކުރިއެވެ. ދެން ކުޅުނު ދެ ސެޓްވެސް ސިފައިން ގެންދިޔައީ ތަފާތުބޮޑުކޮށް 25-15 އަދި 25-16 އިންނެވެ.

 

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މި މުބާރާތަށް ސިފައިންގެ ޓީމާ އަލަށް ގުޅުނު އިންޑިޔާގެ ޗިރާގުއެވެ. އޭނާ އެންމެ ފަހުން ކުޅުނީ ލީގުގެ އެންމެ ފުލަށް ދިޔަ ޕޮލިސް ކްލަބަށެވެ.

 

14 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލްގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް އެޗްޑީސީ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ. ސެމީ ފައިނަލްގެ ތިން ވަނަ މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ކްލަބު އެޗްޑީސީ ހޮވުނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުން ހުރާ ކޮމިއުނިޓީ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

 

އެޗްޑީސީ އިން ފުރަތަމަ ސެޓް ކާމިޔާބު ކުރީ ވަރަށް ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު 26-24 އަދި 28-26 އިންނެވެ. ނަމަވެސް ތިން ވަނަ ސެޓް އެޗްޑީސީ އިން ކާމިޔާބު ކުރީ ފަސޭހަކަމާއެކު 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް އެޗްޑީސީގެ ޝަމާއިލް ޙުސައިނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި