ޕީއެސްޖީ ބަލިކޮށް ޗެލްސީން ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ. ޗެލްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫރަޕްގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިންގްލެންޑުގެ ކޯލް ޕާމާ އެވެ. އެއީ މަލޯ ގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ އަށް މިނެޓު ފަހުން ޕާމާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ޕާމާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލެވީ ކޮލްވިލްއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ޔާއޯ ޕެޑްރޯ އެވެ. އެއީ ޕާމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މިއީ 32 ޓީމު ވާދަ ކުރާ ގޮތަށް ކުލަބު ވޯލްޑް ކަޕްގެ ފޯމެޓު ބަދަލު ކުރުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެލްސީ އަށް މުބާރާތުގެ ޗެމްޕިއަން ތަށި ހަވާލު ކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.

ޗެލްސީ އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދާފައިވާއިރު، ޕީއެސްޖީ އަކީ ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ފަލަސްޠީނުގެ ނަސްލު ނައްތާލަނީ އެމެރިކާއިން ވިލަރެސްކޮށްގެން

އެހީ ހޯދަން ނިކުމެ އުޅޭ މީހުން މަރާފައިވާ އަދަދު 800 އަށް އަރައިފިއެވެ. އެމެރިކާގެ ކުލީ ސިފައިން ގެންދަނީ ޣައްޒާގައި އެހީދިނުމަށް މަރުކަޒުތައް ހުޅުވައިގެން އިޒްރޭލުގެ ޒަޔަނިސްޓު ސިފައިންނާ ގުޅިގެން އެތަންތަން ހިންގަމުންނެވެ. އަދި އެހީ ހޯދަން އަންނަ މީހުންނާ ދިމާއަށް ބަޑި ޖަހައި ކޮންމެ ދުވަހަކުވެސް އެތަކެއް މީހުންނެއް މަރަމުން ދެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި އެހީ ބަހާ ތަންތަން ހިންގާ އެމެރިކާގެ ކުލީ ސިފައިން ދަނީ “ނިޒާމީ ގޮތެއްގައި އިޒްރޭލުން ބަނޑަށް ޖައްސާފައވާ އާންމުން އެހީ ހޯދަން ދިއުމުން އެމީހުންނާ ދިމާއަށް ބަޑި ޖަހައި މަރަމުންނެވެ.”

ޣައްޒާގެ މީޑިއާ އޮފީހުން ނެރެފައިވާ ހަރުކަށި ބަޔާނެއްގައި ބުނެފައި ވަނީ “ފަލސްޠީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތް ވިލަރެސްކުރެވި އިންތިޒާމު ވެގެން ދަނީ އެމެރިކާގެ ފާރަވެރިކަމާއެކު އަދި އެކަމުގައި ބައިވެރިވާ އެހެން ދައުލަތްތަކުގެ ވާގިވެރިކަމާއެކު” ގައި ކަމަށެވެ. އަދި ޣައްޒާއަށް އެހ ދިނުމުގެ ނަމުގައި ހިންގަނީ މަރުގެ ދަންތުރައެއް ކަމަށް ބުނެފައިވެއެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނިގޮތުގައި އެހީ ހޯދަން އުޅެނިކޮށް 805 މީހުން ވަނީ ޝަހީދުކޮށްލާފައި އަދި 5،252 މީހުން ވަނީ ޒަޚަމް ކޮށްލައިފައި އެމެރިކާގެ ކުލީ ސިފައިން އެހީ ދޭން ފެށިފަހުން ބަޔާޅީސް މީހަކު ވަނީ ވަގަށް ނަގާފައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިރޭ ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުގައިނިޔާވީ ތޭރަވާ އާއި އަޝްފާގެ ދަރިފުޅު

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްގަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅުކަމަށް “ހަވާސާ” ނޫހަށް ހަބަރު ލިބިއްޖެއެވެ.

އުމުރުން 17 އަހަރުގެ އަލްސަން ނިޔާވީ އެކްސިޑެންޓަށް ފަހު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެނިކޮށެވެ.

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ވަނީ ލޭގެ ކޯރެއް ދެމިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ހަވާސާ” ނޫހަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގީ ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއް ގައިގައި ބާރު ސްޕީޑުގައި ދުއްވާފަ ދިޔަ ސައިކަލެއް އަދި އެތަނުން ދަތުރު ކުރި އިތުރު ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

ޔުމްނު މައްސަލަ ތަޙުޤީޤު ކުރުމަށް އުފެއްވި ރިޔާސީ ކޮމިޝަން އުވާލައިފި

މި އަހަރުގެ އެޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޙައްވާ ޔުމްނުގެ މައްސަލަ ބަލައި ތަހުޤީޤުކުރުމަށް، އެ މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު އުފެއްދެވި “2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން” އެ މަނިކުފާނު އުވާލައްވައިފިއެވެ.

މި ކޮމިޝަން އުފައްދަވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.

އެ ކޮމިޝަން އުފެއްދެވުމަށްފަހު މަތިކުރެއްވި މަސްއޫލިއްޔަތަކީ ޔުމްނުގެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ހިންގައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމެވެ.

މި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ވަނީ 17 ޖޫން 2025 ރައީސުލްޖުމްހޫރިއްުޔާއަށް އަރުވާފައެވެ. އެހެންކަމުން، ކޮމިޝަނުގެ ރިޕޯޓުން ފާހަގަކުރި ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޙާއްސަ ކޮމިޝަނަށް ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 3 މެންބަރުންނެވެ. އެއީ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ޙާއްސަ ޑޮކްޓަރު މުޙައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު މުޙައްމަދެވެ. އަދި މި ކޮމިޝަނުގެ ރައީސްގެ ގޮތުގައި ކަނޑައެޅުއްވީ ޑރ. މުހައްމަދު މުނައްވަރެވެ. ނަމަވެސް އެޕްރީލް 28ގައި ރައީސް ވަނީ އެ ކޮމިޝަނަށް ބަދަލު ގެންނަވާފައެވެ.

އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ފަހުން މަސައްކަތް ކުރައްވާފައިވަނީ ޑޮކްޓަރ މުޙައްމަދު މުނައްވަރު އާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު އާއި ޑޮކްޓަރ މޫސާ މުރާދު އާއި އަލްފާޟިލާ ޖަބީން މުޙައްމަދު އަދި އަލްފާޟިލާ އާމިނަތު އީނާސްއެވެ.

މާލޭގައި ބޮޑު އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

މާލޭގައި މިރޭ ހިނގި ބޮޑު އެކްސިޑެންޓުގައި ޒަހަމްވި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މިރޭ ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓު ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ކުޑަ ކުއްޖާއާ އެކީގައި އިތުރު ދެ މީހަކަށް ވެސް އަނިޔާވިއެވެ. މި އެކްސިޑެންޓުގައި ނިޔާވި ކުޑަ ކުއްޖާއަކީ ސައިކަލް ދުއްވަން އިން ކުއްޖާ ކަމެއް އަދި ސާފެއް ނޫނެވެ.

އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލު ސީރިއަސްއެވެ. އެމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ކުޑަ ކުއްޖަކާއި މީހަކު އޮށޯވެގެން އޮތް ތަން ފެންނައިރު، އެމީހުންގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި އެ ކުއްޖާ އާއި މީހާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ މަންޒަރު ވެސް ފެނެއެވެ.

އެކްސިޑެންޓުވި ސައިކަލާއި ހެލްމެޓްގެ ބައިތައް ވެސް އޮތީ މަގުމަތީގައެވެ. އަދި ޕިކަޕަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ފުލުހުން ގެންދަނީ މި އެކްސިޑެންޓު ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.

ޖުލައި 26 އަށް މޯދީ ރާއްޖެ އަންނަނީ

މިނިވަން ދުވަހާ ދިމާކޮށް، އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން، ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނަ ހަމަޖެހިފައިވާކަން އެނގިއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި)ގައި މީގެ ކުރިން ރިޕޯޓުކުރި ގޮތުން މޯދީއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތެއް، މިދިޔަ އަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވިއެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މޭ މަހުގެ ފަހުކޮޅު އިންޑިއާއަށް ކުރެެއްވި ތިންވަނަ ރަސްމީ ދަތުރުފުޅުގައި އެ ދައުވަތު ވަނީ ތަކުރާރުކުރައްވައިފައެވެ.

އެނގިފައިވާ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 25 ވަނަ ދުވަހެވެ. އަދި ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލައްވައިލައްވަން ވެސް ވަނީ ހަމަޖެހިފައެވެ. ފުރައިވަޑައިގަންނަވާނީ 26 ވަނަ ދުވަހުއެވެ.

ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް، ގާތިލު ދުވެފައި ދިޔަ ކަމުގެ ނިޝާން ހުރި

ނާޒިމާ އިބްރާހިމް އޭނާގެ ފިރިމީހާގެ ކޮޓަރިއަށް ރޭ ދަންވަރު 1:30 ހާއިރު ވަނީ އެ ކޮޓަރީގެ ފާހާނާ ބޭނުންކޮށްލުމަށެވެ. އެކަމަކު، އެހެން ރޭތަކާ މުޅިން ތަފާތުކޮށް ނާޒިމާ އަށް އިވުނީ ފިރިމީހާ އަބްދުއްރަހުމާން އާދަމް 65، “މަރަށް ތެޅޭ” އަޑެވެ. ވަރަށް ގަދައަށް ހަޅޭއްވަ އެވެ. ހޭވެރިކަން ނެތް ކަން އެނގެއެވެ.

“އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި”.

މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހްމާން، ރޭ ދޭއްޖަހަން އުޅެނިކޮށް ޒަހަމްތަކަކާ އެކު އޮއްވާ ފެނުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. އެކަމަކު ރޭ ފަތިހު ވަނީ މަރުވެފައެވެ.

މާޅޮހު ކައުންސިލް އިދާރާގައި މަސައްކަތްކުރާ ނާޒިމާގެ ފިރިމިހާ އަބްދުއްރަހުމާން މަރަށް ތެޅޭ ތަން ފެނުމުން، ނާޒިމާ ފުރަތަމަ ގުޅީ މާލޭގައި އުޅޭ އޭނާގެ ދަރިފުޅަކަށެވެ. އޭގެ ފަހުން، މި ރަށުގެ އެކި މީސްމީހުންނަށް ގުޅިއެވެ. ރަށުގެ ބައެއް މީހުންގެ އެހީތެރިކަމާ އެކު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. އެކަމަކު ބޮލަށް ދީފައިވާ ހަމަލަތަކެއްގެ ބޮޑުކަމުން ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

އާންމުކޮށް މަސްވެރިކަމުގައި އުޅޭ އަބްދުއްރަހުމާނާއި ނާޒިމާ ދިރިއުޅެނީ ނާޒިމާގެ ގެ މާހިޔައިގައެވެ. އެ ދެމަފިރިންގެ ދެ ކުދިން އުޅެނީ މާލޭގައެވެ.

 

“ގޭގައި ދޮންވެލި ލާފައި އޮންނާތީ މީހެއްގެ ގުންފައި ވަރަށް ރަނގަޅަށް ފާހަގަވި. ވަދެފައި ދިޔަ މީހެއްގެ ފައި ވަރަށް ރީއްޗަށް އެނގެން ހުރި،” ނާޒިމާ ބުންޏެވެ.

ފަލަސްޠީނުގެ ހައްގުގައި ލަންޑަންގައި އަޑު އުފުލި 41 މީހަކު ހައްޔަރު ކޮށްފި

އިސްރާއީލް އިން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ފަލަސްޠީނާ އެއްކޮޅަށް އަޑު އުފުލައި ކުރި މުޒާހަރާގައި ލަންޑަން އިން 41 މީހަކު ހައްޔަރު ކޮށްފި އެވެ.

ހުއްދަ ނުހޯދައި އެ މުޒާހަރާ ކޮށްފައިވާ ކަމަށާއި، އެއީ ޓެރަރިޒަށް ޤާނޫނުގެ ދަށުން މަނާ ކޮސްފައިވާ ފަލަސްޠީނިއަން އެކްޝަން ޖަމާއަތަށް ތާއީދު ކުރާތީ ކަމަށް ބުނެ ހައްޔަރު ކޮށްފައިވާ މީހުން ކަމަށް ބުނެފައިވެ އެވެ.

މެޓްރޮޕޮލިޓަން ޕޮލިސް އިން ބުނެފައި ވަނީ، މަނާ ކޮށްފައިވާ ޖަމާއަތަކަށް ތާއިދު ކުރުމުގެ ސަބަބުން 41 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ތެރެއިން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

މި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ޕާލަމެންޓް ސްކޮއާގައި މަހާންދަމާ ގާންދީ ބިނާ ކައިރީގަ އެވެ. އެކަމާ ގުޅިގެން ޑިފެންޑް އަވަ ޖޫރީސް އިން ވަނީ، އެ މީހުން ހައްޔަރު ކޮށްފައިވާތީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެ ޖަމާއަތުން ބުނެފައި ވަނީ ފުލުހުން އެ ފަދަ އަމަލުތައް ހިންގަމުން ދަނީ ކާކަށް ކޮށްދޭ ކަމެއްގައި ތޯ، ނުވަތަ ކޮން ފަރާތެއްގެ ޚިދުމަތުގައި ތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

މިއީ ފާއިތުވި ހަފުތާގެ ތެރޭގައި 29 މީހން ހައްޔަރު ކުރުމަށް ފަހު، ދެ ވަނަ ފަހަރަށް މީހުން ހައްޔަރު ކުރެވުނު ފަހަރެވެ. ފަލަސްޠީނިއަން އެކްޝަން މަނާ ކޮށްފައި ވަނީ މި ހިނގާ ޖުލައި މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން ފުލުހުން ވަނީ އެ ޖަމާއަތަށް ތާއީދު ކުުރުމަކީ ކުށެއް ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ.

ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު ޒަކަރިއްޔާ (79އ.) މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ހަބަރެއް ނުވެގެން ޒަކަރިއްޔާ ހޯދަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދަނިކޮށް ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އޭނާ ދަތުރުކުރި ޑިންގީ އިއްޔެ ވަނީ ފެނިފައެވެ. ޒަކަރިއްޔާގެ ހަށިގަނޑު ފެނުނީ މިއަދު އެވެ.

ފުލުހުން ބުނީ ޒަކަރިއްޔާ ފެނުނީ މިއަދު ހެނދުނު ގަމުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ކަމަށެވެ.

ޒަކަރިއްޔާ ގައްދޫން ޑިންގީއެއްގައި ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

އެމެެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލް މެޗަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމް ނިއު ޖާޒީގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރާނީ އިނގިރޭސި ޗެލްސީ އާއި، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ.

މުބާރާތުގެ ފައިނަލްގެ ޖާގަ ޗެލްސީ އިން ހޯދީ ފުރަތަމަ ސެމީ ފައިނަލްގައި ފްލުމިނެންސޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެ ވަނަ ސެމީ ފައިނަލްގައި ޕީއެސްޖީ އިން ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީށް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ޗެލްސީ އާއި ޕީއެސްޖީ ބައްދަލު ކުރާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށެވެ. އެމެރިކާގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ތަރައްޤީ ކުރުމަށް ޓްރަމްޕް ޚާއްސަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވައި އިންފަންޓީނޯ ވިދާޅުވީ، ޓްރަމްޕް އަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ފަރާތެއް ކަމަށެވެ.

ޔޫރަޕުގެ ގަދަ ދެ ބާރުގެ މެދުގައި ކުޅޭ ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގެންނެވުމަކީ، މުބާރާތައް ލިބިގެން ދާނެ އިތުރު ފުރިހަމަ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަ ކޮށްފައިވެ އެވެ. އަދި މުބާރާތުގެ މީޑިއާ ކަވަރޭޖަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން މުބާރާތުގެ ފައިނަލްގެ ކުރިން ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވީ، އެއީ މިހާތަނަށް ދުނިޔޭގައި ބާއްވާ ކުލަބު ފުޓުބޯޅައިގެ އެންމެ ކާމިޔާބު މުބާރާތް ކަމަށެވެ. މިއީ 32 ޓީމު ވާދަ ކުރާ ގޮތަށް ކުލަބު ވޯލްޑް ކަޕްގެ ފޯމެޓު ބަދަލު ކުރުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ.

އިންފަންޓީނޯ ވިދާޅުވީ ކުލަބު ފުޓުބޯޅައިގެ ރަން ޒަމާން ފެށިފައިވާ ކަމަށެވެ. އަދި ޔަގީނުން ވެސް މި ފަހަރުގެ ކުލަބު ވޯލްޑް ކަޕަކީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ސިފަ ކުރެވޭނެ ކަމުގައި އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ. ހަމަ އެހެންމެ މާލީ ގޮތުން އެ މުބާާރާތަކީ އެކަށީގެންވާ ކަމަކަށް ނުވާނެ ކަމަށް މީހުން ބުނަމުން ދިޔަ ނަމަވެސް، 63 މެޗުން ގާތް ގަނޑަކަށް 2.1 ބިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި އެވެ.

އެމެރިކާގައި މި ފަހަރުގެ ކުލަބު ވޯލްޑް ކަޕް ބާއްވާއިރު، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އޮންނާނީ ވެސް އެމެރިކާގަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ އެކުވެގެންނެވެ.

ޚަރަދުކުޑަކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 1،350 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަންފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އެމެރިކާގެ ޑިޕްލޮމެޓިކް ކޯރ އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ޚަރަދުކުޑަކޮށް މަސައްކަތް ހަރުދަނާކުރުމަށްކަމަށް ބުނެ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން 1،350 އަށްވުރެ ގިނަ މުވައްޒަފުން މިދިޔަ ހުކުރު ދުވަހު ވަޒީފާއިން ވަކިކުރަން ފަށައިފިއެވެ.

މިކަމަކީ އެމެރިކާގެ މަޞްލަޙަތުތައް ދިފާޢުކޮށް ކުރިއެރުވުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މި ވަކިކުރުންތަކުގެ ސަބަބުން އެމެރިކާގައި މަސައްކަތްކުރާ 1،107 ސިވިލް ސަރވިސް މުވައްޒަފުންނާއި 246 ފޮރިން ސަރވިސް އޮފިސަރުންނަށް ވަނީ އަސަރުކޮށްފައެވެ.

މި ވަޒީފާއިން ވަކިކުރުންތައް އަންނަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ، ދެ އަހަރާ ގާތްކުރާ ޣައްޒާގެ ހަނގުރާމަ، އަދި އިސްރާއީލާއި އީރާނާ ދެމެދު އޮތް ގުޅުމުގެ ސަބަބުން މެދުއިރުމަތީގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާއިން ގިނަ ބައިނަލްއަޤްވާމީ މައްސަލަތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ.

“ޑިޕާޓްމަންޓުން ޑިޕްލޮމެޓިކް އިސްކަންދޭ ކަންކަމަށް އަމާޒުކުރުމަށްޓަކައި ޤައުމުގެ ތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރަމުންދެއެވެ. މުވައްޒަފުން މަދުކުރުމުގައި ސަމާލުކަން ދީފައިވަނީ މައިގަނޑު މަސައްކަތްތަކަށް ނުވާ ކަންކަމާއި، އެއް މަސައްކަތެއް ތަކުރާރުވާ އޮފީސްތަކާއި، އަދި ބޮޑެތި ހަރުދަނާކުރުންތައް ގެނެވިދާނެ އޮފީސްތަކަށެވެ.” އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މުވައްޒަފުންނަށް ފޮނުވި އިންޓަރނަލް ނޯޓިސްއެއްގައި ބުނެފައިވެއެވެ.

މި ނޯޓިސްއާއި ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލެއްގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަމިއްލަ އިޚްތިޔާރުގައި ވަކިވާ މުވައްޒަފުންނާއެކު، ޖުމްލަ 3،000 އާ ގާތްކުރާ މުވައްޒަފުން ވަކިކުރަން ވަނީ ނިންމާފައެވެ. މިއީ އެމެރިކާގައި މި މަސައްކަތްކުރާ 18،000 މުވައްޒަފުންގެ ތެރެއިންނެވެ.

މި ބަދަލުތަކަކީ ޓްރަމްޕްގެ “އެމެރިކާ ފަސްޓް” އެޖެންޑާއާ އެއްގޮތަށް އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަށް ގެންނަ ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅުކަމަށް ވަނީ ބުނެފައެވެ. ކުރީގެ ޑިޕްލޮމެޓުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ފޮރިން ސަރވިސް އޮފިސަރުން ވަކިކުރުމުން ޗައިނާ އަދި ރަޝިޔާ ފަދަ ވާދަވެރި ޤައުމުތަކުގެ އިތުރުވަމުންދާ ނުފޫޒާ ދެކޮޅަށް އެމެރިކާއަށް މަސައްކަތްކުރުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުކުރާނެއެވެ.

“ރައީސް ޓްރަމްޕް އަދި ސްޓޭޓް ސެކްރެޓަރީ ރޫބިއޯ އަނެއްކާވެސް އެމެރިކާ އިތުރަށް ނުރައްކާތެރި އަދި ރައްކާތެރިކަން ކުޑަ ތަނަކަށް ހަދަމުންދެއެވެ.” ވަރޖީނިއާގެ ޑިމޮކްރެޓިކް ސެނެޓަރ ޓިމް ކެއިން ވިދާޅުވެފަވެއެވެ.

ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުން، ސްޓޭޓް ޑިޕާޓްމަންޓްގެ މައި އޮފީހުގެ ލޮބީގައި ގިނަ އަދަދެއްގެ މުވައްޒަފުން އެއްވެ، “ކްލެޕް-އައުޓް” އެއް ބޭއްވިއެވެ. ގިނަ މީހުން ރޮމުން، އެމީހުންގެ ތަކެތި ފޮށިތަކުގައި އަޅައިގެން، އެކުވެރިންނާއި އެހެން މުވައްޒަފުންނާ ވަކިވެ، ހިތާމައާއެކު ވަދާޢު ކިޔާފަވެއެވެ. އިމާރާތުގެ ބޭރުގައި، އިތުރު ގިނަ ބަޔަކު އަތްތިލަބަޑިޖަހައި، ހިތްވަރުދެމުން ދިޔައެވެ. ބައެއް މީހުން “އެމެރިކާގެ ޑިޕްލޮމެޓުންނަށް ޝުކުރިއްޔާ” މިހެން ލިޔެފައިވާ ބެނަރުތައް ހިފައިގެން ތިއްބެވެ. ޑިމޮކްރެޓިކް ސެނެޓަރ ކްރިސް ވަން ހޮލެން މި ހަރަކާތުގައި ބައިވެރިވިއެވެ.

ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުން އެމީހުންގެ ބެޖު، ލެޕްޓޮޕް، ފޯނު އަދި އެހެނިހެން ސަރުކާރުގެ މުދާ ހަވާލުކުރުމަށް އިމާރާތުގެ ތެރޭގައި އެކި އޮފީސްތައް ޤާއިމުކޮށްފަވެއެވެ. ހުކުރު ދުވަހު ވަކިކުރެވުނު މުވައްޒަފުންނަށް ފޮނުވާފައިވާ 5 ޞަފްޙާގެ “ސެޕަރޭޝަން ޗެކްލިސްޓް” އެއްގައި ބުނެފައިވަނީ، ހުކުރު ދުވަހުގެ ހަވީރު 5 ޖަހާއިރު އިމާރާތަށް ވަދެނުކުމެވުމުގެ ހުއްދައާއި އީމެއިލްތަކަށް އެކްސެސް ގެއްލޭނެ ކަމަށެވެ.

އަފްޣާނިސްތާނުގައި 20 އަހަރު ދިގު ހަނގުރާމައިގައި އެމެރިކާ ސަރުކާރަށް މަސައްކަތްކޮށްދިން އަފްޣާނީންނަށް އެމެރިކާގައި ވަޒަންވެރިވުމަށް އެހީތެރިވެދޭ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފީހުގެ ގިނަ މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފަވެއެވެ.

މި ބަދަލުތަކަކީ އެމެރިކާގެ ޑިޕްލޮމެޓިކް ކޯރއަށް ގެނެވޭ ވަރަށް ބޮޑު ބަދަލެއްކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. މީގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތަށާއި ބައިނަލްއަޤްވާމީ ގުޅުންތަކަށް ދުރު ރާސްތާގައި ކޮށްފާނެ އަސަރުތަކާމެދު އެ ގައުމުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެމެރިކާގެ ސަރުކާރުން ބުނާ ގޮތުގައި މި ބަދަލުތަކަކީ ޚަރަދު ކުޑަކޮށް، ހަރުދަނާކަމާއެކު މަސައްކަތްކުރުމަށް ގެނެވޭ މުހިންމު ބަދަލުތަކެކެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެޗްޑީސީއިން ހޯދައިފި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ކްލަބް އެޗްޑީސީއިން ހޯދައިފިއެވެ.

އެ ކްލަބު ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ރޭ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު 3-1 ސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ މި ސީޒަންގައި ރަގަޅު ކުޅުމެއް ދައްކަމުން އަންނަ ދަނޑިމަގުންނެވެ. އެ ކްލަބުން ފުރަތަމަ ސެޓު ގެންދިޔައީ 25-23 ޕޮއިންޓުންނެވެ.

ނަމަވެސް އެ ސެޓަށް ފަހު ދުލެއް ނުދީ، އެޗްޑީސީއިން ވަނީ ދެން ކުޅު 3 ސެޓު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ ސެޓު 25-16 ޕޮއިންޓުން ކާމިޔާބުކުރިއިރު، ތިން ވަނަ ސެޓު ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. އަދި މެޗުގެ ފަހު ސެޓު ކާމިޔާބުކުރީ 23-25 ޕޮއިންޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)އެވެ.

މުބާރާތުގެ ފައިނަލުގައި އެޗްޑީސީ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ޤައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ދެވަނަ ޓީމު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.

ތިންވަނަ ސެމީ ފައިނަލްގައި އެޗްޑީސީ އަތުން ބަލިވި ދަނޑިމަގަށް ވަނީ ޤައުމީ މުބާރާތުގެ ތިންވަނަ ލިބިފައެވެ.