ބޮލީވުޑްގެ ދެ ކުޅަދާނަ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި އަރުޝަދު ވާރްސީގެ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރި ކޯޓްރޫމް ޑްރާމާ ފިލްމު ‘ޖޮލީ އެލް.އެލް.ބީ 3’ މިހާރު ވަނީ ފިލްމު ހޯލުތަކަށް އައިސްފައެވެ. މި ފިލްމު ދައްކަން ފެށި ފުރަތަމަ ދުވަހު، އިންޑިއާގެ ބޮކްސް އޮފީހުން ވަނީ ހެޔޮވަރުވަރެއްގެ އާމްދަނީއެއް ހޯދާފައެވެ.
ފިލްމުގެ ފުރަތަމަ ދުވަހުގެ ނެޓް އާމްދަނީ ވަނީ 12.5 ކްރޯޑް (ދިހަ މިލިއަން) ރުޕީސްއަށް އަރާފައެވެ. ‘ޖޮލީ’ގެ ދެ ތަރިން އެކުގައި އަނބުރާ އައި ކަމީ ބެލުންތެރިންގެ ވަރަށް ބޮޑު ފޯރިއަކާއެކު ތަރުހީބު ލިބުނު ކަމެކެވެ.
ފުރަތަމަ ދުވަހުގެ އާމްދަނީއަށް ބަލާއިރު، ‘ޖޮލީ އެލް.އެލް.ބީ 3’ ވަނީ އާމިރް ޚާންގެ ‘ސިތާރޭ ޒަމީން ޕަރ’ (10.20 ކްރޯޑް ރުޕީސް) އަށް ވުރެ ކުރި ހޯދާފައެވެ. ނަމަވެސް، މި ފިލްމު އައިސްފައިވަނީ 2017 ވަނަ އަހަރު ރިލީޒްކުރި މި ފްރެންޗައިޒްގެ ކުރީގެ ފިލްމު ‘ޖޮލީ އެލް.އެލް.ބީ 2’ (13 ކްރޯޑް ރުޕީސް) އަށް ވުރެ ފަހަތުގައެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން ކުރިއަށް ގެންދެވުނު އެޑްވާންސް ސޭލްސް (ކުރިން ޓިކެޓު ވިއްކުން) ގައި ވެސް ‘ޖޮލީ އެލް.އެލް.ބީ 3’ ވަނީ 3.23 ކްރޯޑް ރުޕީސްގެ ގްރޮސް އާމްދަނީއެއް ހޯދާފައެވެ. ފިލްމީ ދާއިރާގެ ތަޖުރިބާކާރުން މި ފިލްމު ދައްކަން ފެށި ފުރަތަމަ ދުވަހު 11-12 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، ފިލްމަށް ވަނީ މި އަދަދަށް ވުރެ އިތުރު އާމްދަނީއެއް ލިބިފައެވެ. ފާޑުކިޔުންތެރިންނާއި ފިލްމު ބެލި ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ރަނގަޅު ރިވިއުތަކުގެ ސަބަބުން، ފިލްމަށް އިތުރު ބެލުންތެރިން ލިބެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު