Advertisement

ބައެއް ވިޔަފާރިވެރިން ގަސްދުގައި ތަކެތީގެ އަގު ބޮޑުކުރީ ސިޔާސީ ބޭނުމަކަށްކަމުގައި ރައީސް ވިދާޅުވެއްޖެ

ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ބައެއް ވިޔަފާރިވެރިން މޭވާގެ ބައެއް ބާވަތްތައް ބޮޑު އަގުގައި ވިއްކީ ރައްޔިތުންނަށް ދަތިކުރުމަށްޓަކައި، އެކަން ގަސްދުގައި ރާވައިގެން ސިޔާސީ ބޭނުމަކަށް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ތަރުކާރީއާއި މޭވާގެ ބައެއް ނާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފެށީ މަޖުބޫރުވެގެން ކަމަށެވެ. އެސްޓީއޯ މެދުވެރިކޮށް މިކަން ކުރަން ޖެހުނީ ވިޔަފާރިވެރިންނަށް ތަކެތީގެ އަގު ހެޔޮކުރަން ޑޮލަރު ލިބުނު ނަމަވެސް، ސިޔާސީ ބޭނުމެއްގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުކުރަން ފެށުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

މިކަމުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް، ޑޮލަރުން އާމްދަނީ ލިބޭ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެ އާމްދަނީގެ ވަކި އިންސައްތައެއްގެ ޑޮލަރު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ހެދުމުން ބޭންކުތަކަށް ޑޮލަރު ލިބި، އެކަމުގެ ފައިދާ ވިޔަފާރިވެރިންނަށް ކުރި ކަމަށެވެ. މިގޮތުން، ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށް ޓީޓީ ހެދުމަށް ކުރިން ނުލިބޭ މިންވަރަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެން ފެށުމުން ތަކެތީގެ އަގު ހެޔޮވި ކަމަށެވެ.

ނަމަވެސް، އެގޮތަށް ތަކެތީގެ އަގު ހެޔޮވާން ފެށުމުން، ސިޔާސީ ބޭނުމަކަށް ބައެއް ވިޔަފާރިވެރިން ވަނީ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން ތަކެތީގެ އަގު ބޮޑުކޮށްފައި ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

“ނަތީޖާއަކީ ކޮބައިތޯ. އިހަށް ދުވަހު، ބޭންކުން ޑޮލަރު ނުލިބިގެން ހަމަ އެއްވެސް ގޮތެއް ނެތިގެން އަގުބޮޑުކުރި އޮރެންޖާއި އާފަލު މިހާރު ތިރިވެގެން ހިނގައްޖެ އަގު. ހަމަ އޭރުގައި ވެސް ލިބެއޭ ރަނގަޅަށް (ބޭންކު ރޭޓުގައި ޑޮލަރު) އެ ވާހަކަ މި ދަންނަވަނީ. ސިޔާސީ ބޭނުމެއްގައި އޯގަނައިޒް ގޮތެއްގައި ގަސްތުގައި ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށް ޓަކައި ބައެއް ކަންތައްތައް އެބަކުރޭ،” ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ވިޔަފާރިވެރިންނަށް އެގޮތަށް ރައްޔިތުންނަށް ދަތިވާހާ ބޮޑު އަގެއްގައި މުދާ ވިއްކުމުގެ ފުރުސަތު މީގެ ކުރިންވެސް ސަރުކާރުން ދީފައިނުވާނެ ކަމަށާއި، މިހާރުވެސް ދިނުމަށް ގަސްދުކުރައްވާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޝ ޝަރފު
ދިވެހި ވިޔަފާރިވެރިންގެ ޢަމަލުތައް ކޮތަޅުން އެކަނިވެސް ދެނެގަނެވޭނެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމުން އޭރު ކޮތަޅު ވިއްކަން ފެށިގޮތަށް މިހާރު ކޮންމެ ވައްތަރެއްގެ ކޮތަޅަކަށްވެސް ރުފިޔާ ދައްކަންޖެހޭ. ރައްޔިތުން އަތުން ބަރާބަރަށް ޓެކްސް ނަގާ. އެކަމު ސަރުކާރަކަށް ނުދައްކާ. މުޅިން އޮޅުވާލަނީ. ދައްކަނީ ކަމާނުގުޅޭ އެހެން ބަހަނާތައް. ސަރުކާރު މުއައްޒަފުންގެ މުސާރަ ބޮޑުކުރަނީ، ބުނާއިރަަށް ޖަހާފަ ހުންނަ އަގުތައް ވަގުތުން ބަދަލުވޭ. ތަރުކާރީ މޭވާ ގުދަންކޮށްގެން ހަލާކުވާއިރުވެސް އަގު މަތިކުރަން ތިބެނީ ބަލަހައްޓައިގެން. މިއީ ހަމަ ޙަގީގަތް. މިހެން ބުނާ މީހަކު އުލުބައިންދަންވީ.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް