ހިންމަފުށީ ސްކޫލަށް ބޭނުންވާ ޑެސްކް ބަރަކާ ޗެރިޓީގެ ހިލޭ އެހީގެދަށުން ހަދިޔާކޮށްފި

ބައިނަލްއަޤްވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީގެ ފަރާތުން ކ. ހިންމަފުށީ ސްކޫލުގެ 8 އަލަށް އިމާރާތްކުރި ކުލާސްރޫމަށް ބޭނުންވާ 132 ޑެސްކް އިއްޔެ ހަވީރު ރަސްމީކޮށް ހަދިޔާކޮށްފިއެވެ. މި ޑެސްކުތައް ބަރަކާ ޗެރިޓީއަށް ޖަހައިދީފައިވަނީ ހިންމަފުށީ އައްސޭރި ޖަލުގެ ވަޑާންގެއިންނެވެ.

ޑެސްކުތައް ސްކޫލާ ޙަވާލުކުރެއްވުމަށްޓަކައި އެ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީ ވަނީ ރަސްމީކޮށް ޑެސްކުތައް ސްކޫލާ ޙަވާލުކުރައްވާފައެވެ. ސްކޫލުގެ ފަރާތުން މި ޑެސްކުތަކާއި ޙަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް އިނާޝާ އެވެ. ޑެސްކުތައް ޙަވާލުކުރެއްވުމަށް ފަހު ޒަކީ ވިދާޅުވީ މިއީ ގިނަ ބައެއްގެ މަދަދުވެރިކަމާއެކު ހިންގުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ.

މި ރަސްމިޔާތުގައި ހަދިޔާކޮށްފައިވަނީ ހިންމަފުށީ ސްކޫލުގައި އަލަށް އިމާރާތްކޮށްފައިވާ 8 ކުލާސްރޫމަށް ބޭނުންވާ 132 ޑެސްކެވެ. މި ޑެސްކުތައް ބަރަކާ ޗެރިޓީއަށް ޖަހައިދީފައިވަނީ ހިންމަފުށީ އައްސޭރި ޖަލުގެ ވަޑާންގެއިންނެވެ. އައްސޭރި ޖަލުން މިކަމާ ގުޅިގެން ބުނެފައިވަނީ މިއީ މުޖުތަމަޢަށް ފައިދާހުރި ކަމެއް ކޮށްދިނުމަށާއި، ވަޑާމުގެ މަސައްކަތް ދަސްކޮށްދިނުމަށް ލިބުނު ވަރަށް ފަހި ފުރުޞަތެއް ކަމަށެވެ.

ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް އިނާޝާ ވިދާޅުވީ މިއީ ހަމަ އެކަނި ޑެސްކުތަކެއް ނޫންކަމަށާއި، މިއީ އެތައް ދަރިވަރުންނެއްގެ ތަޢުލީމީ ޙަޔާތަށް ލިބިގެންދިޔަ ވަރަށް ދީލަތި އެހީއެއް ކަމަށެވެ. މި ރަސްމިއްޔާތުގައި އަގުވަޒަންކުރުމުގެ ގޮތުން ސްކޫލުގެ ފަރާތުން ދާއިރާގެ މަޖިލިސް މެންބަރާއި، ބަރަކާ ޗެރިޓީ އާއި އައްސޭރި ޖަލަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ.

ނޭމާގެ ސާޖަރީ ކާމިޔާބު، އަމާޒަކީ ވޯލްޑް ކަޕުގައި ކުޅުން

ކަކުލަށް ލިބުނު އަނިޔާއާއެކުވެސް މެޗުތައް ކުޅެ، ސަންޓޯސް ސަލާމަތް ކޮށްދިނުމަށްފަހު ނޭމާ ސާޖަރީ ހަދައިފިއެވެ.

އުމުރުން 33 އަހަރު ނޭމާ ކާމިޔާބުކަމާއެކު ސާޖަރީ ހަދާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ސާޖަރީ ހެދީ ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލާސްމާއެވެ.

ސަންޓޯސްއިން ނެރުނު ބަޔާނުގައި ބުނީ މެނިސްކަސްއަށް ލިބުނު ގެއްލުން އިޔާދަކުރުމަށް އާތްރޮސްކޯޕީ އެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ނޭމާގެ ސާޖަރީއަށްފަހު އޭނާ އެނބުރި ކުޅުމަށް ނުކުންނާނެ ވަކި ތާރީހެއް ސަންޓޯސްއިން އިއުލާނު ކޮށްފައެއް ނުވެއެވެ.

ނޫސްބަޔާންތަކުން ދައްކާގޮތުގައި ނޭމާ އަނބުރާ ކުޅުމަށް ނުކުންނަން ގާތް ގަނޑަކަށް މަހެއްހާ ދުވަސް ބޭނުންވާނެ ކަމަށެވެ.

ނޭމާގެ ފުރަތަމަ ކްލަބު ސަންޓޯއާ އޭނާ ގުޅުނީ މިއަހަރު ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. ނޭމާ ސަންޓޯސްއާ ގުޅިފައިި ވަނީ ސައުދީ އަރަބިއާގެ އަލް ހިލާލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުއެވެ.

އޭގެފަހުންވެސް ނޭމާއަށް އަނިޔާގެ ގިނަ މައްސަލައް ކުރިމަތިވެފައިވާ އިރު، ސަންޓޯސްއަށްވެސް މިއީ އުނދަގޫ ސީޒަނެކެވެ. ސީޒަނުގެ އެންމެފަހު ހަތަރު މެޗަށް ދިޔައިރުވެސް ސަންޓޯސް ރެލިގޭޝަން ޒޯނުގައި އޮތް އިރު، އެ ތިން މެޗަށް ދިޔަތަނާ ނޭމާއަށް ވަނީ އަނިޔާވެސް ވެފައެވެ.

އެ އަނިޔާގެ ސަބަބުން ޑޮކްޓަރު ނޭމާއަށް ލަފާ ދިނީ ވަގުތުން ސާޖަރީއަކަށް ދިޔުމަށެވެ. އެހެން ނަމަވެސް، އެ ސާޖަރީ ހަދަން ދެކޮޅު ހަދައި، ނޭމާ ވަނީ ފަހު ހަތަރު މެޗުވެސް ކުޅެފައެވެ.

އެ ހަތަރު މެޗުގައި ފަސް ގޯލް ޖަހައި، ނޭމާ ތަފާތު ދައްކާފައިވެސް ވެއެވެ.

ބްރެޒިލް ގައުމީ ޓީމަށް ނޭމާ ވަނީ ރެކޯޑު 79 ގޯލް ޖަހައިދީފައެވެ. އެހެން ނަމަވެސް، 2023 ވަނަ އަހަރަށްފަހު އެކިއެކި އަނިޔާތަކުގެ ސަބަބުން ނޭމާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.

ނޭމާ ސާޖަރީގެ ކުރިންވެސް ބުނީ އޭނާގެ ޓާގެޓަކީ ވޯލްޑް ކަޕް ކުޅުން ކަމަށާއި، އެކަމަށްޓަކައި ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދޭނެ ކަމަށެވެ.

ބްރޫނޯ ފެނާންޑޭޒްއަށް އަނިޔާވެ ކުޅުމާ ދުރަށް

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރޫބެން އަމޮރިމް ބުނާގޮތުގައި ގޮތުގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ މަގާމު ފޫބެއްދުމަކީ މުސްތަހީލު ކަމެކެވެ. ނަމަވެސް، ޕޯޗުގަލްގެ މި މިޑްފީލްޑަރު ނެތްތަން ފޫބެއްދުމަކީ އެހެން ކުޅުންތެރިންނަށް ކުރިއަށް އަރައި ހުނަރު ދައްކާލަން ލިބޭ ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.

ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަމޮރިމް ބުނީ، “ބްރޫނޯގެ މަގާމު ފޫބެއްދުމަކީ މުސްތަހީލު ކަމެއް،” ކަމަށާއި، “ވަރަށް ގިނަ ކުޅުންތެރިން މިވަގުތު އަމިއްލަ ޒިންމާ ނަގަންޖެހޭ،” ކަމަށެވެ.

އާދީއްތަ ދުވަހު އެސްޓަން ވިލާ އަތުން 2-1 އިން ޔުނައިޓެޑް ބަލިވި މެޗުގެ ހާފް ޓައިމްގައި ފެނާންޑޭޒް ބަދަލުކުރަން ޖެހުނީ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. މިއާއެކު، ޓީމުގެ ކުޅުން ބައްޓަންކުރުމާއި ހިލޭ ޖެހުންތައް ރޭވުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ކުޅުންތެރިޔާ ނުލައި ކުޅެން ޔުނައިޓެޑަށް ވަނީ މަޖުބޫރުވެފައެވެ.

‘ދަ ޓައިމްސް’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެނުއަރީ 17 ގައި އޮންނަ މެންޗެސްޓަރ ޑާބީ މެޗަށް ފެނާންޑޭޒް ފިޓްވާނެ ކަމުގެ އުންމީދު ޔުނައިޓެޑުން ކުރެއެވެ. ނަމަވެސް، އަމޮރިމް ވަނީ އަނިޔާގެ ތަފްސީލާ ބެހޭގޮތުން ވާހަކަދައްކަން އިންކާރުކޮށްފައެވެ. އެކަމަކު އޭނާ ނެތުމުން އުފެދޭ ހުސްކަން އަމޮރިމް ގަބޫލުކުރެއެވެ.

“އެއީ ހަމައެކަނި ފުރުސަތުތައް ތަނަވަސްކޮށްދިނުމެއް ނޫން. ކޮންމެ ސެޓް-ޕީސްއެއްގައި ވެސް ޓީމު އިންތިޒާމުކުރަނީ އޭނާ. މިއީ ހުރިހާ ކަމެއްގައި އެންމެ ކުޅުންތެރިއަކަށް ބަރޯސާވެގެން ނުތިބެވޭނެކަން ދަނެގަނެ، އެހެން ކުޅުންތެރިންނަށް ކުރިއަށް އަރަން ލިބޭ ރަނގަޅު ފުރުސަތެއް. ބައެއް ފަހަރު ޓީމު ރޭވުމަށާއި ފުރުސަތު އުފެއްދުމަށް އަހަރެމެންނަށް ބްރޫނޯއަށް މާ ބޮޑަށް ބަރޯސާވެވޭ،” އަމޮރިމް ބުންޏެވެ.

“ސެޓް-ޕީސްތަކުގައި އަހަރެމެންނަށް ބްރޫނޯ، ބްރަޔަން [އެމްބެއުމޯ] އަދި އަމަދު [ޑިއާލޯ] ގެއްލިއްޖެ. މިއީ ޓީމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު މިއީ އެހެން ކުޅުންތެރިންނަށް ކުރިއަށް އަރައި، ޓީމަށް ބޭނުންވާ ލީޑަރޝިޕް ދެއްކުމަށް ލިބޭ ފުރުސަތެއް.”

އެމްބެއުމޯ އާއި ޑިއާލޯ މިވަގުތު ތިބީ 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކެމަރޫން އަދި އައިވަރީ ކޯސްޓް ގައުމީ ޓީމާއެކުގައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފެނާންޑޭޒްއަށް ވުރެ ގިނަ ފުރުސަތު ތަނަވަސްކޮށްދިން އެހެން ކުޅުންތެރިއަކު ނެތެވެ. އެހެންކަމުން ޔުނައިޓެޑްގެ މިޑްފީލްޑަށް ބަދަލުތަކެއް ގެންނަން ޖެހޭއިރު، ޒުވާން ކުޅުންތެރިޔާ ކޯބީ މައިނޫ ވެސް މި މެޗުގައި ނުކުޅޭނެކަން އަމޮރިމް ވަނީ ކަށަވަރުކޮށްދީފައެވެ.

ސެމީފައިނަލުގައި ބަނގުލަދޭޝް ބަލިކޮށް ފައިނަލުގެ ޖާގަ ދިވެހި އަންހެން ވޮލީ ޓީމުން ހޯދައިފި

މިހާރު މާލޭގައި ކުރިޔަށްދާ ވިމެންސް ކާވާ ކަޕް 2025ގެ ސެމީފައިނަލުގައި ފަސޭހަކަމާއެކު ބަނގުލަދޭޝް ބަލިކޮށް، ތާރީޙުގައި ފުރަތަމަ ރަން މެޑަލް ހޯދުމަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ އަންހެން ޓީމުން މަގު ކޮށައިފިއެވެ.

މުބާރާތުގެ ފައިނަލްގައި މިރޭ ކިރްގިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ޓީމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ، ލީގު ބުރުގެ މެޗުގައި ކިރްގިސްތާން ބަލިކުރެވިފައި ވުމެވެ. އެއީ ފާއިތުވި 6 އަހަރުގެ ތެރޭގައި ރާއްޖެއަށް އެ ޓީމު ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ރާއްޖެ ނިކުތީ ކިރްގިސްތާންއާ ދެކޮޅަށެވެ. އެ މެޗު 3-2 ސެޓުން ކާމިޔާބުކުރީ އެ ޓީމެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް މެޗު ރާއްޖެއިން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. އެ މެޗުގައި ރާއްޖެއިން ބަނގުލަދޭޝްގެ މައްޗަށް ކުރިހޯދީ 25-17، 25-12 އަދި 15-12 އިންނެވެ.

ސެމީ މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާއިރު، ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން ޒަރީރް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ފައިނަލުގެ ކުރިން، މިއަދު ހަވީރު މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބަނގުލަދޭޝް އާއި އަފްޤާނިސްތާނެވެ.

މި އަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. އެއީ ދިވެހިރާއްޖެ، ބަނގުލަދޭޝް، އަފްޤާނިސްތާން އަދި ކިރްގިސްތާނެވެ. މި މުބާރާތުގައި ފުރަތަމަ ކުޅުނީ ލީގު ނުރެކެވެ. އަދި ސެމީގެ މެޗުތައް ކަނޑައެޅީ ލީގު ބުރުގައި ޓީމުތަކުގެ ރޭންކަނަށް ބަލައިގެންނެވެ. އެގޮތުން ފުރަތަމަ ސެމީގައި ލީގުގެ އެއްވަނަ އާއި ހަތަރު ވަނަ ޓީމު ބައްދަލުކުރިއިރު، ދެވަނަ ސެމީގައި ބައްދަލުކުރީ ދެވަނަ އާއި ތިންވަނަ ޓީމެވެ.

ލީގު ކަޕްގެ ސެމީ ފައިނަލް އިން އާސެނަލް ޖާގަހޯދައިފި

ޕެނަލްޓީ ޖަހައިގެން 8-7 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް އާސެނަލުން އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެެވެ. އާސެނަލުން ފޮނުވާލި އަށް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، ޕެލަސް އިން ފޮނުވާލި ހަތް ޕެނަލްޓީއެއް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޕެލަސް ބަލިވީ، އެ ޓީމުގެ މެކްސެން ލަކްރޯ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ގޯލު ބެލެހެއްޓި ސްޕެއިނުގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ މަތަކުރުމުންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުުނު މެޗުގައި ޕެލަސްގެ ކީޕަރު، ވޯލްޓާ ބެނިޓޭޒް ވަނީ އާސެނަލުން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. މި މެޗުގައި، އާސެނަލުން ލީޑުނެގީ 80 ވަނަ މިނިޓްގައި ކޯނަރަކުން ޕެލަސްގެ އޭރިއާތެރެއަށް އައި ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، އެ ޓީމުގެ ލަކްރޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ޕެލަސް އިން އެއްވަރުކުރީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި މާކް ގޭހީ ޖެހި ގޯލަކުންނެވެ. އޭގެ ފަހުން، އާސެނަލް މޮޅުކޮށްދޭން ޑެކްލަން ރައިސް އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ކީޕަރު ބެނިޓޭޒް ވަނީ މަތަކޮށްފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ އަށް ދިއުމުން އާސެނަލްގެ ޕެނަލްޓީތައް ކާމިޔާބުކުރީ، މާޓިން އޮޑެގާޑް، ރައިސް، ބުކާޔޯ ސަކާ، ލެއަންޑްރޯ ޓްރޮސާޑް، މިކޭލް މެރީނޯ، ރިކާޑޯ ކަލަފިއޯރީ، ޖޫރިއަން ޓިމްބާ އަދި ވިލިއަމް ސަލީބާ އެެވެ. ޕެލަސްގެ ފުރަތަަމަ ހަތް ޕެނަލްޓީ ކާމިޔާބުކުރީ، ޖިއާން-ފިލީޕް މަޓޭޓާ، ޑެވަނީ، ވިލް ހިއުސް، ޖެފަސަން ލާމާ، ބްރޫނޯ ސޯސާ، އެޑަމް ވާޓަން އަދި އޫޗޭ އެވެ.

ބޭސް ލިބުން ދަތިވާ މައްސަލާގައި އެސްޓީއޯ އާއި އާސަންދަ ގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ރާއްޖެއިން އާއްމުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސް ލިބުން ދަތިވާތީ އެ މައްސަލައާ ގުޅިގެން ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ އާސަންދަ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވަނީ މިދިޔަ އަހަރުން ފެށިގެން ބޭސް ސިޓީއަށް އަމިއްލަ ބޭސްފިހާރަތަކުންނާއި އާސަންދައިގެ ދަށުން އަދި އެސްޓީއޯއިން ބޭސް ނުލިބޭ ކަމުގެ މައްސަލަތައް އާންމުން ހުށަހަަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

“ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނޭ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތަކެއް. މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިގޮތަށް ހިނގި ކަންކަމެއް ނޫން. މުޅި ދުނިޔެއަށް ދިމާވި ކޮވިޑު ގެ އާލަމީ ވަބާގެ ތެރޭގައިވެސް ބޭސް ލިބުން މިހާދައްޗެއް ނުވޭ،” ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކުޑޫ އެދުނީ އެ ދެ އިދާރާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށެވެ. ކުޑޫގެ ސިޓީގައި ވަނީ ބައެއް ބާވާތްތަކުގެ ބޭސް ރާއްޖެއިން އެއްވެސް ވަރަކަށް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

“ބޭސް ފަދަ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން މިއުޅެނީ ކީއްވެތޯ މިހާރުން މިހާރަށްވެސް ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެންދިޔުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންކަމެއް.” އެ ސިޓީގައިވެ އެވެ.

ބޭސް ނުލިބޭ މައްސަލާގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ކުޑޫ އެވެ. އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ނޮވެމްބަރު 26، ގައި ކުޑޫ ހުށަހެޅި މައްސަލަ ވެސް ބަލައިގަނެފައެއް ނުވެ އެވެ. އެ މައްސަލަ ބޭރުކޮށްލީ ޕީއެންސީ މެމްބަރުންނެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި، ބޭހަށް ޚާއްސަ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.

ބޭހަށް ޚާއްސަ ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިން ސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ބޭހަށް ޚާއްސަ ކުންފުންޏެއް އުފެއްދިތާ ދެ މަސްވިއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މިފަހުން މަޖިލީހުގައި ވެސް ވިދާޅުވެފަ އެވެ.

މާލެ ސަރަޙައްދުގެ ވައި ޞިއްޙަތަށް ނުރައްކާ ވާ މިންވަރަށް ނުސާފުވެ، ރަތް ސަމާލު ނެރެފި

Continue reading “މާލެ ސަރަޙައްދުގެ ވައި ޞިއްޙަތަށް ނުރައްކާ ވާ މިންވަރަށް ނުސާފުވެ، ރަތް ސަމާލު ނެރެފި”

ހިޖުރަކުރާ ދޫނި ހިފުމަކީ މަނާކަމެއް!

މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރާ ކުރާ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވީ ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތައް ކަމުގައިވާއިރު، މިފަދަ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ރައްކާތެރިރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އެހެންނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނި މަޅިފަތިޖަހާ ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭކަމަށާއި މިފަދަ ދޫނި ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭކަން އެ އޮތޮރިޓީއަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

އަދި، މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފުވެއެވެ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެކެވެ.

އެހެންކަމުން، މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތައް ދޫކޮށްލުމަށް އެއޮތޯރިޓީއިން ވަނީ އަންގާފައެވެ. ގަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކާ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއެވެ.

އަދި މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ. މިގޮތުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތާއި ޝަކުވާތައް ހުށައަޅާއިރުގައި މައްސަލައާ ގުޅުންހުރި ވީހާވެސް ގިނަ މައުލޫމާތު ހިމެނުމަށް ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އެ އޮތޯރިޓީއިން އަންގާ އެންގުންތަކާއި، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށްވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.

އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކެކެވެ. މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެކެވެ.

ވިމެންސް ކާވާ ކަޕް: ރާއްޖެއިން ސީދާ ތިން ސެޓުން އަފްޣާނިސްތާނު ބަލިކޮށްފި

މިހާރު މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕް 2025ގައި ރާއްޖެ އާއި އަފްޣާނިސްތާން ވާދަކުރި މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ސޯސަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި އަފްޣާނިސްތާންގެ މައްޗަށް ރާއްޖެ ކުރި ހޯދާފައިވަނީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭގެ ސީނިއާ އަންހެން ވޮލީ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެހެން ނަމަވެސް ރާއްޖޭން ނެގި ލީޑާއެކު އަފްޣާނިސްތާނުގެ މައްޗަށް ރާއްޖޭން ވަނީ ކުރި ހޯދާފައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި އަފްޣާނިސްތާނުގެ މައްޗަށް ރާއްޖޭން ކުރި ހޯދާފައިވަނީ 25-20ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ސެޓާއި ހިލާފަށް މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ދައްކާ އަފްޣާނިސްތާނުގެ މައްޗަށް ބޮޑު ލީޑަކާއެކު ސެޓު ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ސެޓު ރާއްޖޭން ކާމިޔާބުކޮށްފައިވަނީ 25-13ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ތިން ވަނަ ސެޓު ފަށައިގެން ރާއްޖޭން ވަނީ އަފްޣާނިސްތާނުގެ މައްޗަށް ބޮޑު ލީޑެއް ނަގާފައެވެ. މިގޮތުން ރާއްޖެން 15 ޕޮއިންޓް ހޯދިއިރު އަފްޣާނިސްތާނަށް ހޯދިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނަ ސެޓު ފަށައިގެން ރާއްޖޭން ނެގި ބޮޑު ލީޑާއެކު މި ސެޓު 25-12 ކާމިޔާބުކޮށް ރާއްޖެ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅޭ ތިން ވަނަ މެޗުގައި ނިކުންނާނީ ކިރްގިސްތާނާއި ދެކޮޅަށެވެ.

 

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޝާހިދުއަށް ނަޝީދު ތާއީދުކުރައްވަނީ

ދާދި ދެންމެއަކު، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކު “ހަވާސާ” ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުއަށް ރައީސް ނަޝީދު ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމަކީ އެމްޑީޕީގެ ތެރޭގައި އެއްބައިވަންތަކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީ ވަރުގަދަ ކުރުމާއި ގުޅޭގޮތުންވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ސަރުކާރު ޒިއްމާދާރު ކުރުވުމާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރައްވާފައެވެ. މި މުހިއްމު ބައްދަލުވުން ކުރިއަށް ގެންދެވިފައިވަނީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގޭގައެވެ.

ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މިކަން ހާމަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރު 12:14 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި އޮތްވާ ފެނުނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައިވެސް ދެމަފިރިއަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

 

ވަޒީފާއެއް ބޭނުންނަމަ ފައިގައި ދޫލަންތޯވީ؟

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަކީ މިއަދު ގިނަ ޒުވާނުން ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމެވެ. ޚާއްޞަކޮށް މަތީ ތަޢުލީމު ޙާޞިލުކޮށްގެން ތިބި ޒުވާނުންނަށް މިކަމުގެ ހިތްދަތިކަން ވަރަށް ބޮޑަށް އިޙްސާސްކުރެވެއެވެ. އަޅުގަނޑުމެން މައިންބަފައިން ކުޑައިރުއްސުރެ ކިޔައިދެމުން އައީ “ކިޔަވާށޭ، ކިޔަވައިގެނޭ ރަނގަޅު ވަޒީފާއެއް ލިބޭނީ” މިފަދަ ބަސްތަކެވެ. ނަމަވެސް މިއަދު ޙަޤީޤަތަކީ ކިޔެވުމާއި ހުނަރަށްވުރެ ވަޒީފާ ލިބުމުގައި މުހިންމުވަނީ ސިޔާސީ ގުޅުންތަކެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިކަން ތަޖުރިބާކުރެވިފައިވާނެއެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން މަތީ ސަނަދުތައް ހާސިލުކޮށްގެން އަންނަ ޒުވާނުން ވަޒީފާއަށް ކުރިމަތިލާއިރު، އެމީހުންނަށްވުރެ ދަށް ތަޢުލީމީ ފެންވަރެއް ހުރި މީހުން ވަޒީފާތަކަށް ހޮވިގެންދާތަން ފެނެއެވެ. ސަބަބަކަށްވަނީ ސިޔާސީ ނުފޫޒެވެ.

މިއަދު ދިވެހިރާއްޖޭގައި ޕިއޯނެއްގެ ވަޒީފާއިން ފެށިގެން އެންމެ މަތީ މަޤާމްތަކާ ހަމައަށް ވެސް މިލިބެނީ “ކާކު ދަންނަނީ” އަދި “ކޮން ޕާޓީއެއްގައި ހުރީ” މިފަދަ ބަލިކަށި މިންގަނޑުތަކަށް ބަލައިގެންނެވެ. ކިތަންމެ ރަނގަޅު ސީވީއެއް އޮތްކަމުގައިވިޔަސް، ސިޔާސީ މީހަކަށް ނުވަތަ މަޖިލިސް މެންބަރަކަށް ގުޅާލެވޭނެ ގޮތެއް ނެތްނަމަ، ވަޒީފާ ލިބުމުގެ ފުރުޞަތު ވަރަށް ކުޑައެވެ.

ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ދާއިރާތަކުން ދަސްވެނިވެގެން އަންނައިރު، އެމީހުންގެ ހިތުގައި އޮންނަނީ ރަނގަޅު މުސާރައެއް ލިބޭ، ކުރިއެރުން ލިބޭނެ ވަޒީފާއެއް ހޯދައިގެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އުންމީދެވެ. ނަމަވެސް ވަޒީފާގެ ބާޒާރުގައި ކުރިމަތިވާ ހިތްދަތިކަމާއެކު، މިފަދަ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ފަހުން ދާން މަޖުބޫރުވަނީ ތަޢުލީމާ އެއްވެސް ގުޅުމެއް ނެތް ދާއިރާތަކަށެވެ. މިކަމުގެ ނަތީޖާއަކީ ޤައުމު ކުރިއަށް ގެންދިއުމަށް މުހިންމު އިންސާނީ ވަސީލަތްތައް ބޭކާރުވެގެން ދިއުމެވެ.

އިންތިޚާބުތައް ކައިރިވާއިރަށް ސިޔާސީ ބޮޑެތި މީހުން “ފީސަބީލިލާހި” ކިޔައި ވަޒީފާ ބަހަން ފަށައެވެ. ވަޒީފާއަކީ ޙައްޤުވާ ފަރާތްތަކަށް ދޭންޖެހޭ އެއްޗެއް ކަމުގައި ބެލުމުގެ ބަދަލުގައި، ސިޔާސީ މަންފާއަށް ބޭނުންކުރާ ހަތިޔާރަކަށް ވެފައިވެއެވެ. އިންތިޚާބީ ވަޢުދުތަކުގެ ތެރޭގައި “ތިމަންނަމެން ވެރިކަމަށް އައިއްސިއްޔާ ވަޒީފާ ދޭނަމޭ” ކިޔުމަކީ އާންމު ކަމަކަށްވެފައިވެއެވެ.

ވަޒީފާ ލިބޭ ފަރާތްތަކުން އެބަޔަކު ބަލަނީ އެމީހުންގެ ތަޢުލީމީ ފެންވަރަށާއި ހުނަރަށްވުރެ ބޮޑަށް، އެމީހުން ނިސްބަތްވާ ސިޔާސީ ޕާޓީއަށެވެ. އަދި އެމީހުން މެދުވެރިކޮށް ސިޔާސީ ބޮޑެތި މީހުންނަށް ލިބިދާނެ މަންފާއަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

މި ނިޒާމުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި ފެންނަމުންދާ ނޭދެވޭ އަސަރުތައް މަދެއް ނޫނެވެ:

  • ޤާބިލު މީހުން ފަހަތަށް ޖެހުން: ޙަޤީޤަތުގައި ވަޒީފާއަށް އެންމެ ޤާބިލު މީހުންނަށް ފުރުޞަތު ގެއްލިގެންދާއިރު، ސިޔާސީ ގުޅުން ހުރި މީހުންނަށް ފުރުޞަތު ލިބެއެވެ.

  • މަސައްކަތުގެ ފެންވަރު ދަށްވުން: ވަޒީފާއަށް ޤާބިލު ނޫން މީހުން ހޮވުމުގެ ސަބަބުން މުޅި މުއައްސަސާގެ މަސައްކަތުގެ ފެންވަރު ދަށްވެއެވެ.

  • ތަޢުލީމަށް ދެވޭ އަހައްމިއްޔަތު ކުޑަވުން: ޒުވާނުން ދެކެން ފަށަނީ “ކިޔަވައިގެން ވެސް ވަޒީފާ ނުލިބޭނެ” ކަމަށެވެ. މިއީ މުޅި ތަޢުލީމީ ނިޒާމަށް ކުރާ ނޭދެވޭ އަސަރެކެވެ.

  • ބޭރުޤައުމުތަކަށް ހިޖުރަކުރުން: ޤާބިލު ޒުވާނުން ރާއްޖޭގައި ފުރުޞަތު ނުލިބުމުން، ބޭރު ޤައުމުތަކަށް ދިއުމަށް މަޖުބޫރުވެއެވެ. މިއީ “ބްރެއިން ޑްރެއިން” ނުވަތަ ޤައުމުގެ ސިކުނޑި ހުސްވުމޭ ކިޔާ ޙާލަތެވެ.

    މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ:

  • ވަޒީފާ ދިނުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން: ހުރިހާ ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކުގައި މެރިޓް އުސޫލުން ވަޒީފާ ދިނުމުގެ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ.

  • ސިވިލް ސަރވިސް ކޮމިޝަންގެ ދައުރު ހަރުދަނާކުރުން: ވަޒީފާ ދިނުމުގައި ސިޔާސީ ނުފޫޒު ފޯރުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ހަރުދަނާކުރަންޖެހެއެވެ.

  • ހާމަކަން ބޮޑުކުރުން: ވަޒީފާއަށް މީހުން ހޮވުމުގެ މުޅި ޕްރޮސެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން.

  • ސިޔާސީ ވަޒީފާތަކާއި ޕްރޮފެޝަނަލް ވަޒީފާތައް ވަކިކުރުން: ކޮންމެ ސަރުކާރަކާއެކު ބަދަލުވާންޖެހޭ ސިޔާސީ މަޤާމުތަކާއި ޕްރޮފެޝަނަލް މަޤާމުތައް ސާފުކޮށް ވަކިކޮއް އިޢުލާންކުރުން.

ދިވެހިރާއްޖޭގައި ވަޒީފާގެ ބާޒާރު މިހާރު އޮތްގޮތުން، ޤާބިލު ޒުވާނުންނަށް ލިބެންޖެހޭ ފުރުޞަތުތައް ގެއްލިގެން ގޮސްފައިވެއެވެ. ސިޔާސީ ނުފޫޒުގެ ސަބަބުން ހަމަހަމަކަމާއެކު ވަޒީފާގެ ފުރުޞަތުތައް ނުލިބި، ކިތަންމެ މަތީ ތަޢުލީމެއް ހާސިލުކޮށްފައި ހުރިކަމުގައިވިޔަސް، “ސިޔާސީ މީހުންނާއި މަޖިލިސް މެންބަރުންގެ ފައިގައި ދޫލައިގެން” ނޫނީ ވަޒީފާ ނުލިބޭ ހިސާބަށް ކަންތައްތައް ގޮސްފައިވުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ.

ސަރުކާރުގެ މަތީފަޑީގައި ތިބި ބޭފުޅުން މަސައްކަތްކުރަންޖެހެނީ މިފަދަ ނިޒާމެއް ބަދަލުކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވަޒީފާގެ ފުރުޞަތުތައް ލިބޭނެ ގޮތް ހަދައިދިނުމަށެވެ. ޤައުމުގެ ކުރިމަގު ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ޤާބިލު އިންސާނީ ވަސީލަތްތައް ކަމުގައިވާއިރު، ސިޔާސީ ނުފޫޒަށް އިސްކަންދީގެން ޤާބިލު މީހުންނަށް ފުރުޞަތު ނުދިނުމަކީ މުޅި ޤައުމަށް ވެވޭ ހިޔާނާތެކެވެ.