ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި ތެލާއި ގޭހުގެ މިންވަރު ވަނީ ފާއިތުވި ދެމަހާ އަޅާބަލާއިރު އިތުރުވެފައެވެ.
މިގޮތުން، މިދިޔަ މަހު 923 މިލިއަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވާއިރު، ޖޫން މަހު އެ އަދަދު ހުރީ 777 މިލިއަން ރުފިޔާގައެވެ. މި އަހަރު އެންމެ ގިނައިން ތެލާއި ގޭސް އެތެރެކުރީ ޖެނުއަރީ މަހުއެވެ. އެއީ 960 މިލިއަން ރުފިޔާގެ ތެލެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ތެލާއި ގޭސް ހިމެނޭ ގޮތަށް ޖުމްލަ 4.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. ތެޔޮ ނުހިމަނައި ބަލާއިރު، އެންމެ ގިނައިން އެތެރެކޮށްފައިވަނީ 859 މިލިއަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތަކެވެ. މުދާ އެންމެ ގިނައިން އެތެރެކުރި ގައުމުތަކަކީ ޗައިނާ އާއި އިންޑިއާ ކަމަށްވާއިރު، އެއީ ޖުމްލަ އެތެރެކުރި މުދަލުގެ 32 އިންސައްތައެވެ.
މިދިޔަ މަހު ރާއްޖެއިން 210 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، އެންމެ ބޮޑަށް ބޭރުކުރީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 126 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ބޭރުކޮށްފައިވެއެވެ. ކަސްޓަމްސްއަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 295 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އޭގެ ކުރީ މަހަށްވުރެ އިތުރު އަދަދެކެވެ. މަސް އެންމެ ގިނައިން ބޭރުކުރި ގައުމުތަކަކީ ތައިލެންޑު، ގްރޭޓް ބްރިޓަން، އަދި މޮރިޝަސް އެވެ.


ކިޔުންތެރިންގެ ހިޔާލު