ޗައިނާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒާއި ބައްދަލުކުރެއްވުމަށް ފަހު މޯދީ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ބޭރުން ޓިއާންޖިންގައި ރައީސް މުއިއްޒުއާ ބައްދަލުކުރެއްވި ކަމަށެވެ.
“އިންޑިއާއިން ރާއްޖެއަށް ދޭ ތަރައްގީގެ އެހީއަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަރަށް ފައިދާ ހުރި ކަމެއް،”. ރައީސް ވިދާޅުވިއެވެ.
Interacted with President Muizzu of Maldives on the sidelines of the SCO Summit in Tianjin. India’s developmental cooperation with Maldives is greatly beneficial for our people.@MMuizzu pic.twitter.com/DyQJH77Snc
— Narendra Modi (@narendramodi) August 31, 2025
އެސްސީއޯ ޓިއަންޖިން ސަމިޓަކީ 31 އޮގަސްޓް އިން ސެޕްޓެމްބަރު 1، 2025 އަށް ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ހެޑްސް އޮފް ސްޓޭޓް ކައުންސިލްގެ 25 ވަނަ ބައްދަލުވުމެވެ. މިއީ ޗައިނާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސަމިޓަކަށް ވާއިރު މިފަހަރު އެއީ އެސްސީއޯ ސަމިޓް ބާއްވާ ފަސް ވަނަ ފަހަރެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް 26 ގައުމެއްގެ ލީޑަރުން ވަޑައިގަންނަވައެވެ.
އެސްސީއޯ ފެށުނީ 1996 ވަނަ އަހަރު “ޝަންހާއީ ފައިވް”ގެ ނަމުން ނަންދީފައިވާ ސެކިއުރިޓީ އެލަޔަންސެއްގެ ގޮތުގައެވެ. ޗައިނާ، ރަޝިއާ، ކަޒަކިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާނުން ފިނި ހަނގުރާމައަށްފަހު އެ ޖަމާއަތް އުފެއްދީ ބޯޑަރުގެ މައްސަލަތައް ހައްލުކުރުމަށެވެ.
އެހެން ނަމަވެސް 2001 ވަނަ އަހަރުގެ ޖޫން މަހު އުޒްބެކިސްތާން ހިމެނުމާއެކު އެ ޖަމާއަތް އެސްސީއޯއަށް ބަދަލުވެ، ބެއިޖިންގައި އެ ޖަމާއަތުގެ މައި މަރުކަޒު ގާއިމުކުރިއެވެ. 2017 ވަނަ އަހަރު އެ ޖަމިއްޔާ ކުރިއަރައިގެންދިޔައީ އިންޑިއާ އާއި ޕާކިސްތާން ހިމަނައިގެންނެވެ. މީގެ އިތުރުން 2023 ވަނަ އަހަރު އީރާން ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބައިވެރިވިއިރު، 2024 ވަނަ އަހަރު ބެލަރޫސް ވަނީ ގުޅިފައެވެ.
އެސްސީއޯ ސަމިޓް ނިމޭތާ ދެ ދުވަސް ފަހުން، އޭޝިއާގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމުގެ މުނާސަބަތުގައި ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ބެއިޖިންއިން މުހިންމު އަސްކަރީ ޕެރޭޑެއް ބާއްވަން ވަނީ ނިންމާފައެވެ. އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ލީޑަރުންގެ ތެރޭގައި ޕުޓިން، ލުކަޝެންކޯ އަދި ސުބިއަންޓޯ ވެސް މި ޕެރޭޑަށް މަޑުކުރައްވާނެ ކަމަށް ބެލެވެއެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވެސް އެ ހަރަކާތަށް ބެއިޖިންއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭކަމަށް ވެސް ބޭރުގެ މީޑިއާތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު