ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމުން 63 ބައިވެރިއަކު ދަސްވެނިވެއްޖެ

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި 63 ބައިވެރިއަކު ދަސްވެނިވެއްޖެއެވެ.

މި ތަމްރީނުތަކަކީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނެޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވެފައިވަނީ މި ތަމްރީނުގައި ބައިވެރިވެފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުގުވެރިކަން ފާޅުކުރި ކުދިން ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ15 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 22 ވަނަ ދުވަހަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 63 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 އަންހެން ދަރިވަރުންނާއި 49 ފިރިހެން ދަރިވަރުންނެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގއެންޑް ލޮޖިސްޓިކްސްގައި ކުރިއަށްގެން ގޮސްފައިވާމި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ.

އޭގެތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަން ހިމެނެއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ގައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަގްސަދަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. މީގެ ތެރެއިން 63 ބައިވެރިންނަކީ ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ތަމްރީނު ހޯދި ކުދިންނެވެ.

ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައްވެސް މިހާރު ވަނީ ނިންމާލާފައިވާއިރު މި ބުރުގައި 350 ބައިވެރިން ބައިވެރިވެ 343 ބައިވެރިން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 80 ބައިވެރިޔަކު ފަންނީ ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވެފައެވެ.

މިފަހަރުގެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3ގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ހަތަރު ޑައިވަރުންގެ ހަށިތައް އިޓަލީއަށް ފޮނުވައިފި

ވ. އަތޮޅުގެ މަޝްހޫރު “މިޔަރު ޑައިވް” ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް އެ ގައުމަށް ފޮނުވައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ.

އެމީހުންގެ ތެރެއިން މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ފެޑެރީކޯ ގުއަލްޓިއަރީ 31 ގެ ހަށިގަނޑު ހޯދީ ހޮހޮޅައިގެ އެންމެ އަޑިން، ތިން ވަނަ ޗެމްބަރުގެ ދޮރުމަތިން ކަހަލަ ގޮތަކަށެވެ. އެމީހުންގެ ހަށިގަނޑުތައް އޮތީ 165 ފޫޓު އަޑީގައެވެ.

އެ މީހުންގެ ޑައިވިން އިންސްޓްރަކްޓަރު، ޖިއަންލޫކާ ބެނެޑެޓީ، 44، ގެ ހަށިގަނޑު ފެނިފައިވަނީ އެ ޗެމްބަރަށް ވަންނަ ދޮރު ކައިރިންނެވެ. އޭނާގެ ހަށިގަނޑު މީގެކުރިން ވަނީ ފޮނުވާލާފައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް “ވަގުތު” އަށް ވިދާޅުވީ އެ ހަތަރު މީހުންގެ ހަށިތައް ފަތިހު ފޮނުވާލާފައިވާ ކަމަށެވެ.

ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވަނީ އިޓަލީން އެ ޑައިވަރުންގެ އޮޓޮޕްސީއެއް ހަދާނަމަ، ރާއްޖޭގެ ފުލުހުންނާއި އެ ނަތީޖާތައް ހިއްސާ ކުރާނެ ކަމަށެވެ. އެއީ ދެ ގައުމުން ވެސް ކުރިއަށް ގެންދަނީ ތަފާތު ތަހުގީގުތަކަށްވާތީ ކަމަށް ވިދާޅުވިއެވެ.

އިޓަލީގެ ފަސް ޑައިވަރުންނަކީ ވެސް ތަޖުރިބާކާރު ޑައިވަރުންތަކެކެވެ. އެކަމަކު، އެކަށީގެންވާ އާލާތްތައް ނުލައި އެހާ ފުނަށް ޑައިވް ކުރި ސީދާ ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފިންލެންޑުގެ ކުޅަދާނަ ޑައިވަރުންގެ ޓީމުން ވަނީ ކަނޑު އަޑިން ޓެކްނިކަލް އާލާތްތައް ނަގައިފައެވެ. އޭގެ ތެރޭގައި އިޓަލީގެ ބައެއް މީހުން ބޭނުން ކުރި ގޯޕްރޯ ކެމެރާތައް ހިމެނެއެވެ. އަދި އެސަރަހައްދުން ނެގި ބައެއް ސާމާނުތައް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް އެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ޔޫރަޕުގެ ޑޭން ކުންފުނިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނީ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ސްކީމުތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު މިއަދުން ފެށިގެން އިތުރުކޮށްފައިވާކަމަށެވެ. މުއްދަތު އިތުރުކޮށްފައިވަނީ، އަންނަ ޖޫންމަހުގެ 15 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ. ކުރިން ފޯމް ހުށަހެޅުމަށް ދީފައިވަނީ މިހިނގާ މެއިމަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން ބުނީ މުއްދަތު އިތުރުކޮށްފައިވަނީ، އަޟްޙާ ޢީދު ބަންދާ ގުޅިގެން ދުވަސްތަކެއް ސަރުކާރު ބަންދުކޮށްފައިވާތީކަމަށެވެ. އެގޮތުން އެދުވަސްތަކުގައި އާއިލާއާއެކު ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ދިއުމުގެ އިތުރުން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ގިނަ އަދަދެއްގެ ފަރާތްތަކުން އެކަމުގެ ޝަކުވާ ލިބިފައިވާކަމަށް މިިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ފޯމު ހުށަހެޅުއްވުމުގެ ކުރިން ފޯމް ފުރިހަމަކުރެވުނީ ރަނގަޅަށްތޯ ބެލުމަށް ޗެކްކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމާއި، ލިޔެކިއުންތަކާއި މަޢުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރެއްވުމަށްފަހު، ސަބްމިޓްކުރުމަށް ވަނީ އެދިފައެވެ.

ބޯހިޔާވަހިކަން ނުލިބިތިބި އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ އެންމެ މުހިއްމު އެއް ވައުދެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މީގެ ކުރިން ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ހާސިލްކުރެވިފައި ނުވާ ކާމިޔާބީއެއް މި ސަރުކާރުން ހާސިލްކުރާނެ ކަމަށާއި، މި ދައުރުގެ ތެރޭގައި ފަށާ ހައުސިންގް މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެވޭވަރު ކުރައްވާނެ ކަމަށެވެ.

ޑައިވަރުން މަރުވި ހާދިސާއާ ގުޅޭގޮތުން ޑޭންގެ ފުރަތަމަ ރިޕޯޓް

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނާ ގުޅޭގޮތުން އެ މަސައްކަތުގައި ހަރަކާތްތެރިވި ލީޑް ޓީމް، ފިންލޭންޑްގެ  ޑައިވާސް އެލާޓް ނެޓްވޯކް، ޑޭން ގެ ފުރަތަމަ ރިޕޯޓް ޝާއިއުކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ، ބައިނަލްއަގުވާމީ ފެންވަރުގެ އޮޕަރޭޝަނެއްގެ  މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހާއްސަ އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފާއި، މޯލްޑިވްސް ޕޮލިސް ސާވިސް، ޑައިވާސް އެލާޓް ނެޓްވޯކް، ޑޭން ޔޫރަޕް، އަލިމަތާ، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑް، ފިންލޭންޑްގެ ޓެކްނިކަލް ޑައިވިންގ ޓީމްގެ އިތުރުން އިޓަލީ އަދި ރާއްޖޭގެ ހާރިޖީ ވުޒާރާއެވެ.

އޮޕަރޭޝަނާ ބެހޭ ގޮތުން ޑޭނުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ، އޮޕަރޭޝަންގެ ފުރަތަމަ ދުވަހު، ހޮހަޅަ ބަލައި ފާސްކޮށް ގެއްލުނު ޑައިވަރުން ތިބި ތަންތަން ދެނެގަނެ އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނު ކަމަށެވެ.

އޮޕަރޭޝަނުގެ ދެވަނަ ދުވަހު މޫސުމީ ގޮތުންނާއި އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ހުރި ގިންޖެހުންތަކާއެކުވެސް ގެއްލުނު މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ރިޕޯޓްގައި ބުންޏެވެ. މީގެ އިތުރުން ތިންވަނަ ދުވަހު އޮޕަރޭޝަނާއި ގުޅޭ އިތުރު ކަންކަން ކުރެވުނުކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓްގައި ބުނީ އެ ހޮހަޅައަކީ އިރުގެ އަލިކަން ނުވާ އަދި އެތަނުގައި އޮއިވަރު ބަދަލުވާގޮތުން ވެއްޔާއެކުވެ ފެންގަނޑުގެ ކުލަ ބަދަލުވެ، ތަނުގެ ސާފްކަން ކޮންމެފަދަ ވަގުތަކުވެސް ގެއްލިދާ ތަނެއްކަމަށެވެ. މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި، ޑައިވް ޓީމަށް ހޮހަޅައިން އިތުރު ހަނި މަގެއް ފެނިފައިވާއިރު، މި މަގު އޮންނަނީ އެތަނަށް ވަންނަން އޮންނަ މައި މަގުގެ އެއްފަރާތުގައިކަމަށާއި، މި ބުނެވުނު އައު މަގުގެ ތެރެއަށް ފީނައިގެން ކުރި މަސައްކަތުން، ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޑައިވަރުންވެސް ފެނިފައިވަނީ އެއް ސަރަޙައްދަކުންކަން ވަނީ ފާހަގަކޮށްފައެވެ.

ޑައިވަރުން ހޮހަޅާގައި ތާށިވެފައިވަނީ ޑައިވަރުންނަށް ހޮހަޅައިގެ ތެރޭގައި ދާނެ ވަކި ދިމާއެއް އޮޅި، ބޭރަށް ނިކުންނަން އޮތް މަގު ނުފެނުމުންކަމަށް ބެލެވޭކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި ހާލަތްތައް އިތުރަށް ދެނެގަންނާނީ ފުލުހުންނާއި ކަމާބެހޭ ތަޙުޤީޤީ އިދާރާތަކުން ކުރާ ތަހުގީގުތަކަށްފަހު ކަމަށާއި، އެހެންކަމުން، މި ހާދިސާގައި މަރުވި ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކަށް އިޙުތިރާމް ކުރުމުގެ ގޮތުން، ކަށަވަރުނުވާ މަޢުލޫމާތާއި ހީތަކުގެ މައްޗަށް ބިނާކޮށް ވާހަކަ ނުފެތުރުމަށް އާންމުންނާއި މީޑިއާތަކަށް ޑޭނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިޕޯޓްގައި ވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތި، އަދި ހޮހަޅަތަކަށް ފީނުމުގެ ޚާއްޞަ ތަމްރީނާއި ބޭނުންވާ ފަންނީ ވަޞީލަތްތައް ނެތި މިފަދަ ހޮހަޅަތަކަށް ނުވަނުމަށް ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ. އަދި ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަމަކަށްވާތީ، މިއީ ހަމައެކަނި އެކަމުގެ ފުރިހަމަ ތަމްރީނާއި ވަޞީލަތްތައް ހުރި ފަރާތްތަކުން ކުރަންޖެހޭކަމެއްކަމަށްވެސް ޑޭނުގެ މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމަށް އެންމެފުރަތަމަ އެމްއެންޑިއެފުން ކުރިއަށްގެންދިޔަ ރެސްކިއު އޮޕަރޭޝަނުގައި ކުޅަދާނަ ޑައިވަރު އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

ކަރަންޓު ކެނޑުނީ ހުޅުމާލޭ އިންޖީނުގޭގެ އަޕްގްރޭޑިންގ މަސައްކަތުގެ ތެރެއިން ދިމާވި މައްސަލައަކުން: ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން މިއަދު މެންދުރު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

މިއަދު މެންދުރު 12:00 އެހާކަންހާއިރު މުޅި މާލެއާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން މެދުވެރިވީ، އިންޖީނުގޭގެ އަޕްގްރޭޑިންގ މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް ދިމާވި މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ނިވުމުންނެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، މި އަޕްގްރޭޑަކީ ކަރަންޓުގެ ނިޒާމުގެ އިތުބާރު ހިފޭ މިންވަރު މަތިކުރުމަށާއި، ދިގު މުއްދަތަކަށް ނިޒާމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެހެން މުހިންމު މަސައްކަތެކެވެ.

ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން، ސްޓެލްކޯގެ ޓީމުތަކުން ކުރި މަސައްކަތުން މިހާރު ވަނީ އެކި ސަރަހައްދުތަކަށް މަޑުމަޑުން ކަރަންޓު ދޫކުރަން ފަށާފައެވެ. އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލެއާއި މާލޭގެ އިންޖީނުތައް އަލުން ހިންގައި، ސިސްޓަމް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. ނަމަވެސް، އަދިވެސް ގިނަ ސަރަހައްދުތަކަކަށް ކަރަންޓު ނުލިބޭކަން ފާހަގަކުރެވެއެވެ.

ސްޓެލްކޯއިން މިއަދު ހެނދުނު ވަނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތް، އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވުނުކަން އިއުލާނުކޮށްފައެވެ. އެހެންނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ކަރަންޓު ކެނޑުމާ ގުޅިގެން އާންމުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ސްޓެލްކޯއިން ދަނީ މުޅި ވިއުގައަށް ކަރަންޓު ދީ، ޚިދުމަތް ފުރިހަމައަށް އިއާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

މާލޭގައި މިފަހަރު ވެސް ކުލަގަދަކޮށް އީދު ފާހަގަކުރާނެ

މި އަހަރުގެ އަޟްހާ އީދ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވި ގޮތުގައި “އީދު ހަވީރު 1447” އަކީ އެމްއެންޑީއެފް ވިލަރެސްކޮށްގެން ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 ކުންފުންޏަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެއް ކަމަށެވެ.

މާލޭގައި އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މެއި 27 އިން 29 އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ.

މިގޮތުން، މި ސަރަހައްދުގައި ވޯޓަ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ގައުމީ ދިފާއީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

މީގެ އިތުރުން މާލޭގައި މެއި 28 ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ޚާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.

ހުޅުމާލޭގައި ވެސް އީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ އެ ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިން ކުރުމާއި، ވޯޓަ ސްލައިޑިން އާއި، ފޯމް ބާތް ޕޫލްގެ އިތުރުން، ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ފޭސް2 ގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިން ކުރުމާއި، ފަޔަ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑައަށް އެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ހުޅުމޭލެ ސެންޓްރަލް ޕާކުގައި މޭ 27 އަދި 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ޚާއްސަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، މޭ 27 އިން 30 އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ “އީދު ހަވީރު” ގައި ރެޕަލިން ކުރުމުގެ ފުރުސަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ހަރަކާތްތައް އިންތިޒާމް ކުރެވޭނެއެވެ.

އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ، ޢީދުހަވީރު އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ.

މި އަހަރުގެ އީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްއީ އާއި ވެމްކޯ އާއި އެމްޕީއެލް އާއި އެމްޓީސީސީ އާއި އެމްއޭސީއެލް އާއި މިފްކޯ އާއި އާރުޑީސީ އާއި އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ.

އަޟްހާ ޢީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

މި އަހަރުގެ އަޟްހާ ޢީދު ބަންދުގައި ވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ދިވެހި ޕާސްޕޯޓަށް އެދި މިހާރު ހުށަހަޅަން ޖެހެނީ އޮންލައިންކޮށްކަމުން، މި ޚިދުމަތަށް އެދި 24 ގަޑިއިރު ހުށަހެޅެއެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މާލޭ އޮފީހާއި، ހުޅުމާލެ އޮފީސް އަދި އައްޑޫ އޮފީހުން، އަޟްހާ ޢީދު ބަންދުގައި، މެއި މަހުގެ 27ވަނަ ދުވަސް ފިޔަވާ އެހެން ދުވަސްތަކެއްގައި އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އެގޮތުން މާލޭ އޮފީހުން އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 08:30އިން ފެށިގެން ހަވީރު 5:00އަށް ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ އަދި އައްޑޫ އޮފީހުން ޕާސްޕޯޓު ދޫކުރަނީ ހެނދުނު 08:30އިން ފެށިގެން 16:00އަށް ކަމަށެވެ. އަދި މި އޮފީސްތަކުން ހުކުރު ދުވަހު ޕާސްޕޯޓު ދޫކުރާނީ ހެނދުނު 9:00އިން 11:00އަށެވެ.

މީގެއިތުރުން ހދ. ކުޅުދުއްފުށި، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ، ލ. ފޮނަދޫ، ށ. ފުނަދޫ، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށީގައި ޤާއިމްކޮށްފައިވާ އިމިގްރޭޝަން އޮފީސްތަކުން 24 އަދި 25 މެއިގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މި އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

ހަމައެއާއެކު މެޑިކަލް އެމަޖެންސީ ކޭސްތަކުގައި 9555333އަށް ގުޅުމުން، ކޮންމެ ގަޑިއެއްގައި ވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

ޕެންޝަނާބެހޭ ޤަވާއިދަށް ގެނައި އިސްލާޙް ރައީސް ތަސްދީޤް ކުރައްވައިފި

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ އައު ހާލަތްތަކެއް ވަނީ ތައާރަފުކޮށްފައެވެ. މީގެ ބޭނުމަކީ ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމެވެ.

އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާއަށް ވުރެ ބޮޑު އާމްދަނީއެއް އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ގެދޮރު ޢިމާރާތްކުރުމާއި މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ އިންތިޒާމުވެސް މި ބިލުން ވަނީ ހަމަޖައްސައިދީފައެވެ.

އިންސާނީ އެހީތެރިކަމަށް ބަލައި، ޓަރމިނަލް އިލްނަސް ނުވަތަ ފަރުވާ ނެތް ބަލިތަކުގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ އުސޫލުތަކެއްވެސް މި އިޞްލާޙުގައި ހިމަނާފައިވެއެވެ. އަދި ހަމައެއާއެކު، ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ޕެންޝަނާބެހޭ ޤާނޫނު ހިންގުން ހަރުދަނާކުރުމަށް މުހިންމު ބަދަލުތަކެއް ހިމެނޭ މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާފައެވެ.

މެޑިކަލް އެހީއާއެކު މިދިޔަ އޭޕްރިލް މަހު ޒަކާތު ހައުސްގެ ހޭދަ 3.8 މިލިއަން ރުފިޔާއަށް އަރައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން 2026 ވަނަ އަހަރުގެ އޭޕްރިލް މަހު މުދަލު ޒަކާތުގެ ގޮތުގައި ކުރި ހޭދަ، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 އޭޕްރިލް މަހު މުދަލު ޒަކާތުން ޖުމްލަ 3،811،259.91 (ތިން މިލިއަން އަށްލައްކަ އެގާރަ ހާސް ދުއިސައްތަ ފަންސަބަސް ނުވަ ރުފިޔާ ނުވަދިހަ އެއް ލާރި) ވަނީ ދޫކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހު ދޫކުރި 2،828،118.28 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.

މި ފައިސާގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތައުލީމީ ދާއިރާއަށާއި، ގުރުއާނާ ބެހޭ އެކިއެކި ޕްރޮގްރާމްތަކަށެވެ.

ފަގީރުންނާއި މިސްކީނުންގެ ގިންތިން 2025 ވަނަ އަހަރުގެ އޭޕްރިލް މަހު 1.1 މިލިއަން ރުފިޔާ ހޭދަކުރިއިރު، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 1،449،239.39 ރުފިޔާއަށް އިތުރުވެފައެވެ.

އަސާސީ ބޭނުންތަކަށް ދޫކުރި އެހީ: 42،500 ރުފިޔާއިން 182،731 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ބޭސްފަރުވާގެ އެހީ: 1.1 މިލިއަން ރުފިޔާއިން 1،266،508.39 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހަރަދުތަކަށް ހޭދަކުރާ “ޢާމިލުން” ގެ ގިންތިން ކުރި ހޭދަ ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން 2025 އޭޕްރިލްގައި މި ދާއިރާއަށް 483،077.82 ރުފިޔާ ހޭދަކުރިއިރު، 2026 އޭޕްރިލްގައި މި އަދަދު ވަނީ 195،003.79 ރުފިޔާއަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ “ފީސަބީލިﷲ” ގިންތީގެ ދަށުން ކުރެވުނު ހޭދައިންނެވެ. އިސްލާމީ ތައުލީމާއި ގުރުއާން އުނގަންނައިދިނުމުގެ މަޝްރޫއުތައް ފުޅާކުރުމާ ގުޅިގެން، މި ގިންތީގެ ހޭދަ 1.1 މިލިއަން ރުފިޔާއިން 2،167،016.73 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މަތީ ތައުލީމު ފުރިހަމަކުރުމަށް: 290،274.76 ރުފިޔާ.

ގުރުއާން ހިތުދަސްކުރުމާއި ފެތުރުމުގެ ޕްރޮގްރާމްތަކަށް: 1،093,749.47 ރުފިޔާ.

އަތޮޅުތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް: 782،992.50 ރުފިޔާ.މީގެ އިތުރުން، ދަތުރުމަތީގައި ހާލުގައިޖެހޭ މީހުންނަށް އެހީވުމުގެ ގޮތުން “އިބްނުއްސަބީލް” ގިންތިން 2025 ވަނަ އަހަރު 62،052 ރުފިޔާ ހޭދަކުރި ނަމަވެސް، 2026 ވަނަ އަހަރުގެ އޭޕްރިލް މަހު މި ގިންތިން އެއްވެސް ހޭދައެއް ކޮށްފައެއް ނުވެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށް ބަލާއިރު، 2026 އޭޕްރިލް މަހު ޖުމްލަ 5،434،893 ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މަހުގެ 25 އިން ފެށިގެން ލަންކާއަށް ދާ ދިވެހިން އީޓީއޭ ހޯދަން ޖެހޭނެ

ސްރީލަންކާއަށް ޒިޔާރަތްކުރާ ހުރިހާ ބޭރު ގައުމުތަކުގެ ރައްޔިތުން، އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ‘އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން’ (އީޓީއޭ) ހޯދަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ނެރުނު ނޯޓިހެއްގައި ބުނެފައިވަނީ، މި މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓް ބޭނުމަށް އެ ގައުމަށް ޒިޔާރަތްކުރާ ހުރިހާ ބޭރު ގައުމުތަކުގެ މީހުން، ދަތުރު ފެށުމުގެ ކުރިން ވެބްސައިޓް މެދުވެރިކޮށް އީޓީއޭ ހޯދަން ޖެހޭނެ ކަމަށެވެ.

މި އާ އުސޫލަށް އަމަލުކުރަން ފެށުމާއެކު، ދިވެހި ރައްޔިތުންނަށް ވެސް ސްރީލަންކާއަށް ދިއުމުގެ ކުރިން މި ހުއްދަ ހޯދަން ޖެހޭނެއެވެ. ނަމަވެސް، މި އީޓީއޭ ސިސްޓަމްގެ ތެރެއިން ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

މި މަހުގެ 25 ގެ ފަހުން ލަންކާއަށް ދަތުރުކުރުމަށް ރާވާ ފަރާތްތަކުން، ފުރުމުގެ ކުރިން ރަސްމީ ވެބްސައިޓް މެދުވެރިކޮށް މި ހުއްދަ ހޯދުމަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްރީލަންކާއަކީ ތައުލީމާއި ބޭސްފަރުވާގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ގައުމެކެވެ. ފުރުމުގެ ކުރިން އީޓީއޭ ހޯދަން ޖެހުނު ނަމަވެސް، 90 ދުވަހުގެ ވިސާ ހިލޭ ލިބުމަކީ ދިވެހިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

ރާއްޖޭގެ ކުޅިތައް ހިމާޔަތްކުރުމަށް އީޔޫއިން 4 މިލިއަން ޔޫރޯގެ އެހީއެއް ދީފި

ދިވެހިރާއްޖޭގެ ކުޅިތަކާއި ކަނޑޫފާތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދިވެހި ސަރުކާރާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

‘ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް’ ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ވަފުދުގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ އެވެ.

މި އެއްބަސްވުމުގެ ދަށުން އީޔޫއިން ރާއްޖެއަށް 4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 67 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ ބޭނުމަކީ ރަށްރަށުގެ ބައިވެރިވުމާއެކު ކުޅިތައް ހިމާޔަތްކޮށް، އައްސޭރިފަށުގެ ރައްކާތެރިކަން ދެމެހެއްޓުމެވެ. މިއީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ‘ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް’ (އެންޑީސީ) 3.0 ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޝެރީނާ ވަނީ، ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކުން، ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އީޔޫއިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އީޔޫގެ މަންދޫބު ޑރ. ހެސޭ ވިދާޅުވީ، ކުޅިތަކަކީ އައްސޭރިފަށުގެ ރައްކާތެރިކަމަށާއި ދިރުންތަކަށް ނުހަނު ބޭނުންތެރި ތަންތަން ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނީ އޮނިގަނޑުތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި، އީޔޫގެ ވަފުދުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ފޭބި ދިވެއްސެއް ގެެއްލިގެން ހޯދަނީ

ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 18:30 ހާއިރު ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނެއް ގެއްލިގެން ހޯދަމުންދާކަމަށެވެ.

މެރިން ފުލުހުންނާއި ކޯސްޓްގާޑު ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.