ވ. އަތޮޅުގެ މަޝްހޫރު “މިޔަރު ޑައިވް” ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް އެ ގައުމަށް ފޮނުވައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ.
އެމީހުންގެ ތެރެއިން މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ފެޑެރީކޯ ގުއަލްޓިއަރީ 31 ގެ ހަށިގަނޑު ހޯދީ ހޮހޮޅައިގެ އެންމެ އަޑިން، ތިން ވަނަ ޗެމްބަރުގެ ދޮރުމަތިން ކަހަލަ ގޮތަކަށެވެ. އެމީހުންގެ ހަށިގަނޑުތައް އޮތީ 165 ފޫޓު އަޑީގައެވެ.
އެ މީހުންގެ ޑައިވިން އިންސްޓްރަކްޓަރު، ޖިއަންލޫކާ ބެނެޑެޓީ، 44، ގެ ހަށިގަނޑު ފެނިފައިވަނީ އެ ޗެމްބަރަށް ވަންނަ ދޮރު ކައިރިންނެވެ. އޭނާގެ ހަށިގަނޑު މީގެކުރިން ވަނީ ފޮނުވާލާފައެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް “ވަގުތު” އަށް ވިދާޅުވީ އެ ހަތަރު މީހުންގެ ހަށިތައް ފަތިހު ފޮނުވާލާފައިވާ ކަމަށެވެ.
ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވަނީ އިޓަލީން އެ ޑައިވަރުންގެ އޮޓޮޕްސީއެއް ހަދާނަމަ، ރާއްޖޭގެ ފުލުހުންނާއި އެ ނަތީޖާތައް ހިއްސާ ކުރާނެ ކަމަށެވެ. އެއީ ދެ ގައުމުން ވެސް ކުރިއަށް ގެންދަނީ ތަފާތު ތަހުގީގުތަކަށްވާތީ ކަމަށް ވިދާޅުވިއެވެ.
އިޓަލީގެ ފަސް ޑައިވަރުންނަކީ ވެސް ތަޖުރިބާކާރު ޑައިވަރުންތަކެކެވެ. އެކަމަކު، އެކަށީގެންވާ އާލާތްތައް ނުލައި އެހާ ފުނަށް ޑައިވް ކުރި ސީދާ ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ފިންލެންޑުގެ ކުޅަދާނަ ޑައިވަރުންގެ ޓީމުން ވަނީ ކަނޑު އަޑިން ޓެކްނިކަލް އާލާތްތައް ނަގައިފައެވެ. އޭގެ ތެރޭގައި އިޓަލީގެ ބައެއް މީހުން ބޭނުން ކުރި ގޯޕްރޯ ކެމެރާތައް ހިމެނެއެވެ. އަދި އެސަރަހައްދުން ނެގި ބައެއް ސާމާނުތައް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް އެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ޔޫރަޕުގެ ޑޭން ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު