ބަލިތައް ފެތުރޭތީ، ބަންދުތެރޭގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ/އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވާ ކަމަށް އެއެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި ރަށްރަށަށް ކުރާ ދަތުރުކުރުތައް އިތުރުވުމާއި ގޭގެއަށް ޒިޔާތަރަތް ކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭއީން ވަނީ އިލްތިމާސްކުރައްވާފައެވެ. އެހެންކަމުން ދަތުރުފަތުކުރުކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން އެ އޭޖެންސީން ވަނީ ބުނެފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންކަން

  • ހުންއައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.
  • ބަލިޖެހިގެން ހާލަތުގޯސް ވާނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުން.
  • ޞިއްޙީ ފަރުވާ ހޯދަން ދާއިރު މާސްކް އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުން.
  • ހިމަބިހީ އަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
  • އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް، އަދި އާންމު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ފަދަ މީހުން ގިނަ، ބަންދު ތަންތަނުގައި އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެ ހެން މާސްކުއެޅުން.
  • ސައިބޯނި ލައިގެން ރަނގަޅަށް އަތޮ ދޮވުން ނުވަތަ ސެނިޓައިޒްކުރުން.
  • ބަލިން ރައްކާތެރިވުމަށާއި ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.

މަދިރީގެ ޒަރިއާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް:

  • މަދިރިހެފުމުން ރައްކާތެރިވުމަށް DEET، IR3535 ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުން
  • ހަށިގަނޑު ބޮޑަށް ނިވާވާގޮތައް ހެދުންއެޅުން
  • މަދިރިގެ ބޭނުންކުރުން
  • ދޮރުތަކާއި ކުޑަދޮރުތަކުގައި މަދިރިއަށް ނުވަދެވޭނެހެން ދާ ޖެހުން
  • ގެއާ ގޯތިތެރެއިން މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުން

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ޖަލުގެ ޔުނިޓެއް ހަދައިފި

ހުޅުމާލެ ފޭސް 1 ގައި ކުރިން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންކުރި އިމާރާތް، ހުޅުމާލެ ޖަލުގެ އާ ޔުނިޓެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ހުންނަ އެ އިމާރާތަކީ މިހާރު ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ޖަލު ޔުނިޓު ހުންނަނީ ދެ ފްލޯއަށް ކަމަށާއި، އެތަނަކީ 149 މީހުންގެ ޖާގައިގެ ތަނެއް ކަމަށެވެ.

ޖަލު ޔުނިޓްގެ ފަސް ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ގައިދީން އިއްޔެ އެ ޔުނިޓަށް ވަނީ ބަދަލުކޮށްފައިކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

މިއީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ގައިދީން ބޭތިއްބުމަށް، ހޯލްޑިން ސެލްތައް އެކުލެވޭ ގޮތަށް އޭސީއާއެކު ބިނާކުރާ ޔުނިޓެއްކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އަދި އެ މަސައްކަތުގެ ގުރައުންޑް ފޮލޯގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއް ލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދުތައް ކުޑަވެގެންދާނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ހުޅުމާލޭ މޭރީބްރައުންއާ ދިމާ ޖެޓީ ކައިރިން 48 ފުޅި ބަނގުރަލާ އެކު 2 ޒުވާނުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ މޭރީބްރައުން ރެސްޓޯރަންޓާ ދިމާ ޖެޓީ ކައިރިން ގިނަ އަދަދެއްގެ ބަނގުރަލާ އެކު ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދޯދިލް/ ފ. ފީއަލި، މައިޝަމް މުޙައްމަދު (20އ) އާއި ގުލްފާމްގެ/ ނ. ކެނދިކުޅުދޫ، ޒަޔާން ޔޫސުފް (23އ) އެވެ. ދެ މީހުން ވެސް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ފުލުހުން ބުނީ، އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު، އެ މީހުން ގެންގުޅު ކޮތަޅެއްގެ ތެރެއިން ދެ ކޭސް ބަނގުރާ ފެނިފައިވާ ކަމަށެވެ. އެއީ، 48 ފުޅި ބަނގުރަލެވެ.

ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޭރީބްރައުންއާ ދިމާ ފަޅުތެރެއަކީ ގިނަ އަދަދެއްގެ ސަފާރީ ވެސް އަޅާފައި އޮންނަ ސަރަހައްދެކެވެ. އެހެންވެ، އެފަދަ ބައެއް ސަފާރީތަކުން ގަވާއިދާ ޚިލާފަށް ރަށުތެރެއަށް ބަނގުރާ އަރުވާ ކަމަށް ފުލުހުން މީގެ ކުރިން ތުހުމަތުކޮށްފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޢީދު ކުޅިވަރުތައް ވިޒިޓް މޯލްޑިވްސްއިން ދުނިޔެއަށް ދައްކާލަނީ

ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި އާދަކާދަތައް ބައިނަލްއަގުވާމީ ދުނިޔެއަށް ދައްކާލުމުގެ ގޮތުން، މި އަހަރުގެ ޢީދު ފާހަގަކުރަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ރ. މީދޫގައި ޚާއްސަ ކެމްޕޭނެއް ފަށަން ނިންމައިފިއެވެ.

“ވިޒިޓް މޯލްޑިވްސް ޓު ޝޯކޭސް ދަ ބެސްޓް އޮފް މޯލްޑިވިއަން ކަލްޗާ ދިސް ޢީދު”ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، ޙައްޖު ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީދޫގެ ޢީދު ހަރަކާތްތައް ލައިވްކޮށް ގެނެސްދޭނެއެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ލަގްޒަރީ ފަތުރުވެރިކަމުގެ އިތުރުން، ދިވެހިންގެ އަސްލު ދިރިއުޅުމާއި ސަގާފީ އާދަކާދަތައް ފަތުރުވެރިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ވީއެމްސީން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި ފަސް ދުވަހުގެ ކަވަރޭޖުގައި ވިޒިޓް މޯލްޑިވްސްގެ ޓީމުތަކުން މީދޫގައި ހަރަކާތްތެރިވާނެއެވެ. އަދި، އެ ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ މަންސަތަކާއި ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް، ޢީދުގެ އުފާވެރި މާހައުލާއި، މުޖުތަމައުގެ އެއްބައިވަންތަކަން ދައްކުވައިދޭ މަންޒަރުތައް ވަގުތުން ގެނެސްދޭނެއެވެ. މީގެ އިތުރުން، ހަރަކާތްތަކުގެ ފަހަތުގައިވާ ތާރީޚީ ވާހަކަތަކާއި، ރަށުގެ ރައްޔިތުން ޢީދަށް ތައްޔާރުވާ ގޮތުގެ ޚާއްސަ ސެގްމަންޓުތައް ވެސް މި ކެމްޕޭނުގެ ތެރެއިން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕޭނުގެ އަމާޒަކީ ދިވެހި ރަށްފުށުގެ ދިރިއުޅުމުގެ ތަފާތު ސިފަތައް ފާހަގަކުރަމުން، ރާއްޖޭގެ ސަގާފަތާއި ތަރިކައަކީ މަންޒިލްގެ ތަޖުރިބާގެ މައިގަނޑު ބައެއްގެ ގޮތުގައި ދައްކާލުމެވެ.

މި ކެމްޕޭނުގައި މީދޫގެ ގިނަ ސަގާފީ ކުޅިވަރުތަކެއް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ “ވެދުމާ ދިޔުން” މި ހަރަކާތެވެ. މިއީ ޢީދުގެ ކުޅިވަރުތައް ފެށުމުގެ ކުރިން ރަށުގެ އިސްރަށްވެހިންނާއި ވެރިންގެ ކިބައިން ހުއްދަ ހޯދުމަށް ކުރިއަށްގެންދާ ޒަމާންވީ އާދައެކެވެ. މީގެ އިތުރުން، ދިވެހިންގެ ކަނޑުމަތީގެ ދިރިއުޅުމާ ގުޅިފައިވާ “ބޮޑުމަސް” ދުއްވުމުގެ ހަރަކާތް ވެސް މި ކަވަރޭޖުން ފެންނާނެއެވެ. ރުކުގެ ފަނުންނާއި އެހެނިހެން ތަކެތިން ހަދާފައިވާ ބޮޑު މަހެއް ރަށުތެރޭގައި ދުއްވާއިރު، މިއީ ޢީދުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއް ކުޅިވަރެވެ.

މީދޫގެ ޢީދު ކުޅިވަރުތަކުގެ ތެރެއިން ދެން އެންމެ ހާއްސަވާނީ “މާލި ނެށުން” އަދި “ކޯޑި ކެނޑުން” މި ދެ ހަރަކާތެވެ. ބޮޑުބެރުގެ ހިތްގައިމު ރިދަމްތަކާ އެކު ކުރިއަށްދާ މާލި ނެށުމުގައި، ބައިވެރިން ފެންނާނީ ފަނާއި ރަށުން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު ކޮސްޓިއުމްތަކުގައެވެ.

މި ހަރަކާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، ދިރިހުރި ސަގާފަތްތަކާއި މުޖުތަމައުގެ އުފާފާޅުކުރުންތައް ދައްކާލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވާހަކަތައް އިތުރަށް ވަރުގަދަކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

“ރާއްޖެ ބައްޓަންވެފައިވަނީ ހަމައެކަނި ގުދުރަތީ ރީތިކަމަކުން ނޫން، އަދި އަޅުގަނޑުމެންގެ ސަގާފީ އައިޑެންޓިޓީ ހިމާޔަތްކުރާ އާދަކާދަތަކާއި، މީހުންނާއި، މުޖުތަމައުތަކުން ވެސް މެ. މި ކެމްޕޭނުގެ ޒަރީއާއިން އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރަށެއްގެ ޢީދުގެ ހޫނުކަމާއި، އުފެއްދުންތެރިކަމާއި، ރޫހު އަސްލު އަދި މާނަހުރި ގޮތެއްގައި ބައިނަލްއަގުވާމީ އޯޑިއަންސްތަކަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުން،” ޝިއުރީ ވިދާޅުވިއެވެ.

އޭނާ ވަނީ މި ކެމްޕޭނަށް ރ. މީދޫ ކައުންސިލާއި، އެ ރަށުގެ ހުޅަނގު އަވަށާއި އިރުމަތީ އަވަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މި ލައިވް ކަވަރޭޖަށް ފަހު ވެސް ވިޒިޓް މޯލްޑިވްސްއިން އަންނަ މަހުން ފެށިގެން އެ ކޯޕަރޭޝަނުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މީދޫގެ ޢީދު ހަރަކާތްތަކުގެ ތަފުސީލީ ވީޑިއޯތަކާއި، ރަށުގެ ރައްޔިތުންގެ އިންޓަވިއުތަކާއި، ސަގާފީ ވާހަކަތައް ހިމެނޭ ދިގު ކޮންޓެންޓްތައް އާންމުކުރަން ފަށާނެއެވެ. މިއީ ރާއްޖެއަކީ ހަމައެކަނި މޫދު ރީތި މަންޒިލެއްގެ ބަދަލުގައި، މުއްސަނދި ސަގާފަތެއް އޮތް ގައުމެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމަށް ވީއެމްސީން ފަށާފައިވާ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

10 ދުވަހުގެ ބަންދަށް ފަހު ލޫކަސް ދޫކޮށްލައިފި

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއް ތެރެއިން ހައްޔަރުކުރުމަށް ފަހު، ބަންދުގައި 10 ދުވަހު ބަހައްޓާފައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްޢޫން ޖަލީލް (ލޫކަސް) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކޮށް 10 ދުވަހަށް ބަންދުކުރީ މި މަހު 14 ވަނަ ދުވަހެވެ.

ލޫކަސްގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޫކަސް ބަންދުން ދޫކޮށްލިކަން ޔަގީންކޮށްދީފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އެމްޑީޕީ ހަރުގެ ކައިރިން ފެށި، މި އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން، އެންމެ ފުރަތަމަ ކުރިމަތިލުން ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅު ކައިރިންނެވެ.

އެ އިހުތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރުކުރިއެވެ. އެއީ އަށް ފިރިހެނުންނާއި ދެ އަންހެނުންނެވެ.

އޭގެ ތެރެއިން ހަތް މީހުން ދޫކޮށްލިއިރު، ބަންދުކުރީ ތިން މީހުންނެވެ. ބަންދަށް އެންމެ ގިނަ ދުވަސް ޖެހީ ލޫކަސްއެވެ. ދެން ތިބި މީހުން ވެސް މިހާރު ދޫކޮށްލާފައިވާއިރު، ލޫކަސް ވެސް މިހާރު ވަނީ މިނިވަންވެފައެވެ.

އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ދުވަހުގެ އިހުތިޖާޖަކީ މި މަހު 12 ގައި ހައްޔަރުކުރި “އަދަދު” ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު ހަމަވެގެން އެ ނޫހުގެ އެއް ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ ހުކުރު ދުވަހު ހެނދުނު ދޫކޮށްލާފައެވެ. އެކަމަކު، ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އަދިވެސް ހުރީ ބަންދުގައެވެ.

އެ ނޫސްވެރިން ހައްޔަރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ނެރެފައިވާ ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެއެވެ. އެ މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ވަނީ ގަޒްފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ވެސް ނުސީދާކޮށް ވެސް ނުދައްކަން ގޮވާލާ ގެގް އޯޑަރެއް ނެރެފައެވެ.

ދަރަނިތައް އަދާކުރުމާއެކު ދައުލަތުގެ ރިޒާވް 46 ޕަސެންޓަށް ދަށަށް

މިދިޔަ އޭޕްރީލް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރި މިންވަރު 46 ޕަސެންޓަށް ދަށަށް ހިނގައްޖެއެވެ.

ދައުލަތުގެ ރިޒާވް މިހާ ދަށްވެފައި މިވަނީ ފާއިތުވި ދެ މަސްތެރޭ، ރާއްޖެއިން ބޮޑެތި ދަރަނިތައް އަދާކޮށްފައި ވަނިކޮށެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 718 މިލިއަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު ރަސްމީ ރިޒާވްގައި ހުރީ 1.3 ބިލިއަން ޑޮލަރެވެ. އެއީ 46 ޕަސެންޓުގެ ދަށްވުމެކެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވް ވެސް ވަނީ 40 ޕަސެންޓަށް ދަށްވެފައެވެ. މިދިޔަ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ޔޫޒަބަލް ރިޒާވްގައި 400 މިލިއަން ޑޮލަރު ހުއްޓެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ޔޫޒަބަލް ރިޒާވްގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެއް ހުއްޓެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޒާވްގައި 856 މިލިއަން ޑޮލަރު ހުރިއިރު މި އަހަރުގެ އޭޕްރީލް މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ އެ މަހަށް ވުރެ 16 ޕަސެންޓް ދަށަށް ގޮސްފައެވެ.

ސަރުކާރުން މި އަހަރު ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. އެ ގޮތުން، މި އަހަރުގެ ބަޖެޓުން އެކަނި ވެސް ދަރަނި އަނބުރާ ދެއްކުމާއި، ލޯންތަކުގެ އިންޓްރެސްޓަށް 10 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފައެވެ. އޭގެ ތެރޭގައި އެމްއެމްއޭއިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ވަނީ ޚަލާސްކޮށްފައެވެ.

އެމްއެމްއޭގެ ބޭނުންކުރާ ރިޒާވް މިހާރު ހުރީ އެންމެ ދެ އަދަދަށް ދަށްވެފައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މިފަހުން ފާޑުވިދާޅުވެފައެވެ. ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި މިފަހުން ސަރުކާރުން އަދާކުރި ގޮތާ ގުޅޭ ގޮތުން ވެސް ޔާމީން ވަނީ ސުވާލުއުފައްދަވައިފައެވެ. އެގޮތުން ރާއްޖެއަށް ލޯނެއް ދޭނެ ބޭރުގެ ފަރާތެއް ވެސް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

މާލެ ސިޓީގައި ޢީދު ނަމާދު ކުރާނެ މައިދާންތަކާއި މިސްކިތްތައް އިޢުލާނުކޮށްފި

ކުރިއަށް އޮތް 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައާއި މިސްކިތްތަކުގައި ކުރުމަށް ހަމަޖެހިފައިވާ ތަންތަން އިސްލާމިކް މިނިސްޓްރީން މިއަދު އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާގޮތުން، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ގިނަ އަދަދެއްގެ މިސްކިތްތަކާއި މައިދާންތަކެއްގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުވެސް ޢީދު ނަމާދު ކުރަން ފަށާ ގަޑިއަކީ އެދުވަހުގެ ހެނދުނު 7:00 އެވެ.

މާލެ ސިޓީގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކަކީ:

މާފަންނު ސްޓޭޑިއަމް (މާލެ ބޮޑުޖަމާޢަތް)

ވިލިމާލެ ބޯޅަދަނޑު (ވިލިމާލެ ބޮޑުޖަމާޢަތް)

ހުޅުމާލެ ފޭސް 1 ސިންތެޓިކް ޓްރެކް (ހުޅުމާލެ ބޮޑުޖަމާޢަތް)

ހުޅުމާލެ ފޭސް 2 ގެ ހުސްބިން (މަސްޖިދު ޙަސަން އާދަމް ކައިރި)

މައިދާންތަކުގެ އިތުރުން މާލޭގެ އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތް ހިމެނޭހެން މާލޭގެ 16 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ.

މީގެ ތެރޭގައި މަސްޖިދުލްފުރުޤާން، މަސްޖިދުއްނޫރު، އަދި ޖަލާލުއްދީން މިސްކިތް ފަދަ ބޮޑެތި މިސްކިތްތައް ހިމެނެއެވެ.

ވިލިމާލޭގައި މަސްޖިދުއްސަލާމްގައި ޢީދު ނަމާދު ކުރާއިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ޖުމްލަ 7 މިސްކިތެއްގައި ޢީދު ނަމާދުގެ ޖަމާޢަތް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ، މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ބާއްވާ ބޮޑު ޖަމާޢަތްތައް ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި، މާލެ ސިޓީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދުގެ ޖަމާޢަތް ބާއްވާނެ ކަމަށެވެ.

2023 ގެއްލުނީ ސޯލިހުގެ މަގުބޫލުކަން ކުޑަވީމަ: ނަޝީދު

ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނަކާމިޔާބުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް މަގުބޫލުކަން ކުޑަވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ނުރަސްމީ “އެކްސް” އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ 2023 އެމްޑީޕީއަށް ނާކާމިޔާބުވީ އެންމެ ބޮޑު ސަބަބަކީ ސޯލިހަށް އޮތް މަގުބޫލުކަން ކުޑަވުން ކަމަށް ވިދާޅުވެފަ އެވެ.

ރ. ދުވާފަރަށް ކުރެއްވި، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައިވެސް ނަޝީދުވަނީ ރައީސް ސޯލިހުގެ ކިބައިގައި އިންތިހާބު ކާމިޔާބުކުރެވޭ މިންވަރު ނެތް ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން އެމްޑީޕީގައި އޭރު ދެ ފެކްޝަނެއް އުފެދުނެވެ. އަދި 2023 ގެ އިންތިހާބާ ދިމާކޮށް އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ތުހުމަތުތައް އެޅުވި އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާ ދިމާކޮށް ބޭއްވި ޕާޓީގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވުމާ ގުޅިގެން އެ އަހަރުގެ ޖޫންމަހުގެ ތެރޭގައި ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހަށް ހުށަހެޅި ހުރިހާ އާރްޓީއައި ފޯމުތަކަށް ޖަވާބުދީ ނިންމައިފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އިސްތިސްނާ ހާލަތްތައް ފިޔަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި ފޯމުތަކަށް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބުދީ ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރުޖަމާނު މިކަން ހާމަކުރެއްވީ “ޕްރެސާ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ ދަށުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ގާނޫނުގައި އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ފޯމުތައް ފިޔަވައި، އެހެން ހުރިހާ ފޯމުތަކަކަށް މިހާރު ޖަވާބުދެވިފައިވާ ކަމަށެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކުންވެސް މި ނަމޫނާގައި މަސައްކަތް ކުރުމަށް ސަރުކާރުން ބާރުއަޅުއްވައެވެ. އަދި މައުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން އެ އިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަމާޒަކީ ދެފުށް ފެންނަ ސަރުކާރެއް ހިންގެވުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މައުލޫމާތު ޢާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ސައްތައިން ސައްތައަށް އިޖާބަދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށްވެސް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

ހިމަބިހި ފެންނާތީ އައިޖީއެމްއެޗްގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފި

ރާއްޖޭގައި ހިމަބިހީ ގެ ކޭސްތައް ފެންނަމުންދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށް، ބަލިމީހުން އަމަލުކުރަންވީ އުސޫލުތައް އާންމުކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، “ފީވާ ރޭޝް ހެލްޕް ޑެސްކް” ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ މައި އެމްބިއުލާންސް ޕޯޓިކޯ (އީއާރު ވަންނަ ދޮރު) ކައިރީގައެވެ. މި ޑެސްކުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ހިދުމަތް ލިބޭނެއެވެ.

ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން (ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން) ހޮސްޕިޓަލަށް ދިއުމަށްފަހު، އެންމެ ފުރަތަމަ މި ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށް ހޮސްޕިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެއަށްފަހު، ދެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު އެ ތަނުން ފޯރުކޮށްދޭނެއެވެ.

ރޭގަނޑު 11:00 ގެ ފަހުން އަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް އެ ހޮސްޕިޓަލުން ވަނީ އާންމުކޮށްފައެވެ. އަދި ހާއްސަ ހެލްޕް ޑެސްކް ބަންދު ގަޑިތަކުގައި (ރޭގަނޑު 11:00 ގެ ފަހުން) ކުއްލި ފަރުވާ ބޭނުންވާ ނަމަ، އަމަލުކުރަންވީ އުސޫލުވެސް ވަނީ އާންމުކޮށްފައެވެ.

އެގޮތުން ބޮޑެތި މީހުންނާއި މާބަނޑު މީހުން ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ނަމަ، މައި އެމަޖެންސީ ރޫމްގެ ޓްރިއާޖް ނަރުހަށް އެކަން އެންގުމަށް އެދިފައިވާއިރު ކުޑަކުދިން ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ނަމަ، ހޮސްޕިޓަލަށް ދިއުމާއެކު ޕީޑިއޭޓްރިކް އެމަޖެންސީ ރޫމް ގެ ނަރުހަށް އެކަން އެންގުމަށް ވަނީ އެދިފައެވެ.

އައިޖީއެމްއެޗުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ހުމާއި ބިހި ނަގާފައިވާ ހުރިހާ ފަރާތްތަކުންވެސް ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މީގެ އިތުރުން، ކުޑަކުދިން ޑޮކްޓަރަށް ދެއްކުމަށް އަންނައިރު އެކުދިންގެ ވެކްސިން ކާޑު ހިފައިގެން އައުމަށްވެސް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މާލެ އަދި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ޚިދުމަތް އިޔާދަކޮށްފި

މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ބޮޑު ބަޔަކުން މިއަދު ކުއްލި ގޮތަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު މިހާރު ހުރިހާ ސަރަހައްދަކަށް ހިދުމަތް ލިބިއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މައްސަލަ ހައްލުކޮށް، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން މާލޭގެ ހުރިހާ އަވަށްތަކަށާއި، ހުޅުމާލެއަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް

މިއަދު ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ސްޓެލްކޯއިން ވިދާޅުވީ، ރޭ ފަތިހު 3:00 އިން ހެނދުނު 8:00 އަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ އިންޖީނުގެ ނިއްވާލައިގެން ކަމަށްވާއިރު، އެ ވަގުތު މާލެ ސަރަހައްދަށް ކަރަންޓު ދީފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ. ކަރަންޓު ކެނޑެން މެދުވެރިވީ މި މަސައްކަތް ނިމުނު ފަހުން ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ކަރަންޓުގެ ޚިދުމަތަކީ ގިނަ އަދަދެއްގެ ޓެކްނިކަލް ވަސީލަތްތަކާއި ނިޒާމުތަކެއްގެ އެހީގައި ފޯރުކޮށްދޭ ޚިދުމަތަކަށް ވާތީ، ކޮންމެ ވަގުތެއްގައިވެސް ކުއްލި މައްސަލައެއް ދިމާވެ ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި އާންމުން ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ.

ކަރަންޓު ކެނޑުމަކީ ފަންނީ ސަބަބުތަކަށްޓަކައި ދިމާވާ ކަމަކަށް ވާތީ، މިފަދަ ހާލަތްތަކުގައި ކެތްތެރިކަމާއެކު އަމަލުކޮށް، އަމިއްލަ މުދަލާއި ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުމަކީ ސްޓެލްކޯއިން އިލްތިމާސްކުރާ ކަމެކެވެ.

އެމްޑީޕީއާ ވަކިވުމަކީ ކުރެވުނު ކުށެއް، މައާފަށް އެދެން – ރައީސް ނަޝީދު

އެމްޑީޕީގެ ރައީސްކަމާއި ޗެއާޕާސަންކަން ކުރިން ކުރެއްވި ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީ ދޫކޮށްލެއްވުމަށް ނިންމެވި ނިންމެވުމަށްޓަކައި ރަސްމީކޮށް މައާފަށް އެދިވަޑައިގެންފިއެވެ.

ރ. ދުވާފަރުގައި އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރު ޕާޓީއާ ވަކިވެވަޑައިގަތުމަކީ އެތައް ބަޔަކު ދެރަވި ކަމެއްކަން ގަބޫލުކުރައްވާ ކަމަށާއި، އެ ނިންމެވުމަށްޓަކައި ހިތުގެ އަޑިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ސިފަކުރެއްވި ގޮތުގައި އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތެވެ.

ޕާޓީ ދޫކޮށްލަން މެދުވެރިވި ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ލިބުނު ފަހުން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނާ އޮތް ގުޅުން ކަނޑާލެއްވި ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދިޔަ ގޮތާއި، ޕާޓީގެ އިސް ބޭފުޅުން ކަމަށްވާ ހަސަން ލަތީފާއި، އީވާ އަބްދުﷲ އަދި އިލްޔާސް ލަބީބު ފަދަ ބޭފުޅުންނަށް ފިޔަވަޅު އަޅަން ފެށުމުން، ޕާޓީގައި ހުންނަން ނުކުޅެދޭ ހިސާބަށް ކަންކަން ދިޔައީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ލަދެއް އަޅުގަނޑުގެ ހުރިއްޔާ އަޅުގަނޑު ދާނެތާ އެ ހިސާބުން،“ ޕާޓީން ވަކިވީ މަޖުބޫރީ ހާލަތެއްގައިކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ ގުޅިގެން ’ދަ ޑިމޮކްރެޓްސް‘ އުފެއްދެވި ނަމަވެސް، މިހާރު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނަޝީދު ވަނީ އެމްޑީޕީގެ ރޫހު އަލުން އާލާކޮށް، ޕާޓީ ވަރުގަދަކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.