އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި

އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު، މިއަދު ފިލައިފިއެވެ.

ފިލާފައި ވަނީ، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ، ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ.

ކަރެކްޝަންސް އިން ބުނީ، އޭނާ ފިލާފައި ވަނީ އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އެހެންވެ، އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ, ފަަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.

އޭގެއިތުރަށް، މި މައްސަލައާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ، ވީ އެންމެ އަވަހަކަށް 3322111 އަށް ގުޅައިގެން އެ ކަމެއް އެންގުމަށް އެ އިދާރާއިން އެދެއެވެ.

މި ފަދަ މައްސަލައެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވިއެވެ. މިގޮތުން، މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް މި މަހުގެ 13ގައި ފިލިއެވެ. އޭނާ ހޯދުނީ، އޭގެ ފަސް ދުވަސް މިދިޔަ ހޯމަ ދުވަހެވެ.

އޭގެކުރިން މި މަހުގެ ކުރީކޮޅު ވެސް ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި، ފިލި މީހަކު ފުލުހުން ވަނީ އަލުން ހޯދާފައެވެ.

ފިންލޭންޑްގެ ޓީމުން މިއަދުވެސް ހޮހަޅައަށް ފީނާނެ

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ދިޔަ އިޓަލީ ޑައިވަރުންތަކުގެ ހަށިގަނޑުތައް ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އެންމެންގެ ހަށިގަނޑުތައް ނަގާފައިވީނަމަވެސް، އިތުރު ޑައިވްއެއް މިއަދު ކުރާނެ ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ބުނެފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި އިޓަލީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެންނެވެ. ފިންލޭންޑްގެ ތަޖުރިބާކާރު ރިކަވަރީ ޓީމުން އިސްވެ ކުރިއަށްގެންދިޔަ މި މަސައްކަތުގައި ދިވެހި ސިފައިންނާއި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން ޑޭން އިން ފާހަގަކުރެއެވެ.

އިއްޔެ ހެނދުނު ކަނޑުގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ކުރިއަށްގެންދިޔަ ތިން ގަޑިއިރުގެ އޮޕަރޭޝަނުގައި، ހޮހަޅައިގެ އެންމެ އެތެރޭގައި ތިބި މީހުންގެ ހަށިގަނޑުތައް ވަނީ ބޭރަށް ނެރެ ނަގާފައެވެ.

ހޮހަޅައިގެ ތެރޭގައި ހުރި ހަނި ގޯޅިތަކާއި، ވެލީގެ ސަބަބުން ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވީކަމަށާ، ނަމަވެސް ޓީމުން ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރި ކަމަށް ޑޭން އިން ބުނެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ފިންލޭންޑްގެ ރެސްކިއު ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތިން ދުވަހުގެ ބުރަ މަސައްކަތަށްފަހު ހުރިހާ ހަށިގަނޑެއް ނެގިފައިވާ ކަމަށާއި، މިހާރު އެ މީހުންގެ ހަށިގަނޑުތައް ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތުގައި އެހީތެރިވި ޑޭން ޔޫރަޕް، އިޓަލީ އެމްބަސީ، އެމްއެންޑީއެފް، ފުލުހުން އަދި އަމަލީ ގޮތުން ބައިވެރިވި ވޮލަންޓިއަރުންނަށް ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މައިގަނޑު ރިކަވަރީ އޮޕަރޭޝަން ނިމުނު ނަމަވެސް، ފިންލޭންޑްގެ ޑައިވަރުން މިއަދުވެސް އެ ސަރަހައްދަށް ފީނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި މިޝަންގެ އެންމެ ފަހު ފީނުން ކަމަށްވެސް ޓީމުން ބުނެއެވެ. މި ފީނުމުގެ ބޭނުމަކީ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި ހޮހަޅަ ތެރޭގައި ބޭނުންކުރި ގައިޑް ލައިންތަކާއި އެހެނިހެން ސާމާނުތައް ނަގައި، އެ ސަރަހައްދު ކުރިން އޮތް ގޮތަށް އިއާދަކުރުމެވެ.

މީގެ އިތުރުން، މި ހާދިސާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށާއި، ހޮހަޅައިގެ މެޕެއް ތައްޔާރުކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށްޓަކައި އިތުރު ޑޮކިއުމަންޓޭޝަންގެ މަސައްކަތްވެސް މިއަދުގެ ފީނުމުގައި ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ. ޑޭން ޔޫރަޕުން ބުނެފައިވަނީ މި މުޅި އޮޕަރޭޝަނުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ ޑައިވަރުންގެ ސަލާމަތާއި، މަރުވި ފަރާތްތަކާއި އެ އާއިލާތަކުގެ އިހުތިރާމް ކުރުމަށް ކަމަށެވެ.

ޝަމްއާން އަށް ހުކުމް އިއްވުން ފަސްކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށްފަހު، އެ އަޑުއެހުން ފަސްކޮށްފިއެވެ.

ޝަމްއާނަށް ހުކުމް ކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލުކުރީ މިއަދު މެންދުރުފަހު 1:00 އަށެވެ.

ނަމަވެސް، އޭނާގެ ދިފާއީ ވަކީލު ރާއްޖޭން ބޭރުގައި ހުންނެވުމުން އަޑުއެހުން ފަސްކޮށްދޭން ވަނީ އެދިފައެވެ. އެކަމާ ގުޅިގެން އަޑުއެހުން އެހެން ދުވަހަކަށް ފަސްކުރަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް ދެން އެ އަޑުއެހުން އޮންނާނެ ދުވަހެއް ކޯޓުން ބުނެފައެއް ނުވެއެވެ.

ޕީޖީ އޮފީހުން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ.

އޭގެ ތެރެެއިން އެއް ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތުވެެއްޖެ ނަމަ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެެެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތިންވަނައަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑާކުރި ފައިސާގެ އަދަދު)ގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެއެވެ.

މި ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ.

ގަދަ ވަޔާ އެކު ކަނޑުތައް ގަދަ؛ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވަޔާއި ކަނޑުތައް ގަދަވުމުން ހެނދުނު ނެރުނު ޔެލޯ އެލާޓްގެ ވަގުތު މެންދުރު ފަހު 3:00 އާ ހަމައަށް މެޓް އޮފީހުން ދެންމެ އިތުރުކޮށްފި އެވެ.

މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވަޔާއި ކަނޑުތައް ގަދަވުމުން ހެނދުނު ނެރުނު ޔެލޯ އެލާޓްގެ ވަގުތު މެންދުރު ފަހު 3:00 އާ ހަމައަށް މެޓް އޮފީހުން ދެންމެ އިތުރުކޮށްފި އެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު 6:30 އިން 10:30 އަށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވެ އެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހެނދުނު 11:00 އިން ހަވީރު 5:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވެ އެވެ.

މެޓް އޮފީހުން ދެންމެ ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް މެންދުރު ފަހު 3:00 އާ ހަމަށް ޔެލޯ އެލާޓް ނެރެފަ އެވެ.

ކަނޑުގަދަ ދުވަސްވަރަކަށް ވާއިރު، މި އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޮޑު އީދަށް ހަފުތާއަކަށް ސަރުކާރު ބަންދުވާތީ، މިއަދުން ފެށިގެން ގިނަ ބަޔަކު ޗުއްޓީއަށް ރަށްރަށަށް ދަތުރުތައް ކުރާނެ ކަމަށް ބެލެވެ އެވެ.

ކަނޑުތައް ގަދަވާނެތީ، ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ކަމަށްވާ ރޯނުގެ ދެވަނަ ދުވަހެވެ. މި ނަކަތުގައި ގަދަވަޔާ އެކު ވިއްސާރަކުރާނެ އެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. ކަނޑުތައް ވެސް ވަރަށް ގަދަވާނެއިރު، އާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ.

މެޓް އޮފީހުން ބަލާ މިންގަނޑުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ހުޅަނގު މޫސުން ފެށޭ ދުވަސްވަރު އާންމު ގޮތެއްގައި ވެސް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އަދި ދޭތެރެއަކުން ވިއްސާރަ ކުރެ އެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކަށް ފެށެ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށެ އެވެ.

މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.

2023 ގެއްލުވާލި ފަރާތަކަށް ވޯޓު ހޯދަން ނައުމަށް ދާއިރާގެ މެންބަރުން ބުނި: ނާޒިލް

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ޕާޓީގެ ޗެއަރޕާސަން ކަމުގެ މަގާމަށް މީކާއީލް އަހުމަދު ނަސީމް ހޮވައިގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރޭ ޅ. ހިންނަވަރުގައި ބޭއްވި އެމްޑީޕީގެ “އިތުބާރު” ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، އޭނާ ތަމްސީލުކުރައްވާ ދާއިރާއަކީ 2,255 މެންބަރުންނާއެކު މުޅި އެމްޑީޕީގައިވެސް އެންމެ މެންބަރުން ގިނަ ދާއިރާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، އެ ދާއިރާގެ އާންމު މެންބަރުންގެ ފަރާތުން ވަރަށް ސާފު މެސެޖެއް ލިބިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

“އަޅުގަނޑުމެންނަށް 2023 ގެއްލުވާލަން އެންމެ އިސްދައުރު އަދާކުރި ފަރާތަށް ވޯޓު ހޯދަންށޭ ކިޔާފަ ދުވަހަކުވެސް ތިމަންނަމެން ކައިރިއަށް އަޅުގަނޑު އައިސްގެން ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވި،” ދާއިރާގެ މެންބަރުންނާ ހަވާލާދީ ނާޒިލް ވިދާޅުވިއެވެ.

ނާޒިލްގެ ވާހަކަފުޅުގައި، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ކުރިއަށް އޮތް ބޮޑު އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޗެއަރޕާސަންގެ މަގާމަށް މީކާއީލް ހޮވުން މުހިންމުކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ ސިޔާސީ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ޕީޖީ ލީޑަރުގެ މި ވާހަކަތަކާއެކު ޕާޓީގެ ކުރިމަގާ މެދު ކުރެވޭ ބަހުސްތައް ވަނީ އިތުރަށް ހޫނުވެފައެވެ.

ޖޭއެސްސީއަށް ރައީސްގެ މެންބަރެއްގެ ގޮތުގައި ނަސީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް އަލްއުސްތާޒު އަލީ ނަސީރު ގާސިމް މިއަދު އައްޔަންކުރައްވައިފިއެވެ.

ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގައި ހުންނެވި, ޔަޒްމީދު މުހައްމަދު މިދިޔަ ހޯމަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަވައެވެ.

ނަސީރު މި މަގާމަށް އައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. އޭނާއަށް މަގާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ރަޝީދު ހުސައިނެވެ. ހުވާކުރެއްވުމަށްފަހު، މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ރަސްމީ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލީ ނަސީރާ ހަވާލުކޮށްދެއްވާފައެވެ.

ޖޭއެސްސީއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުންނަށް ކުރިއެރުން ދިނުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ އިތުރުން، ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭގޮތުން ލަފާދިނުމުގެ ގާނޫނީ ބާރު ލިބިދީފައިވާ މުހިންމު މުއައްސަސާއެކެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، ފަނޑިޔާރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަކީވެސް އެ ކޮމިޝަނުގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ.

އެ ކޮމިޝަނުގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރެވޭ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ބަންޑާރަނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރެވޭ ވަކީލަކު ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް ބުނެ އެ ކަން ބަދަލު ކުރުމަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.

އެންޓި-ސްކޭމް އޮޕަރޭޝަން ނިންމައިލައި ރާއްޖޭން 16 މީހަކު ހައްޔަރަށް

ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރު ހިމެނޭހެން، ދިހަ ގައުމަކާ އެކީ ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފްރޮންޓިއާ ނިންމައިލައި، ރާއްޖޭން 16 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ މާރިޗު މަހުގެ ދިހަވަނަ ދުވަހުން ފެށިގެން މި މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް، މި އޮޕަރޭޝަން ހިންގާފައިވަނީ ސިންގަޕޫރާއި ހޮންކޮންގާއި ދެކުނު ކޮރެއާއާއި މެލޭޝިއާއާއި ތައިލޭންޑާއި މަކާއުގެ އިތުރުން އިންޑޮނީޝިއާއާއި ބުރުނާއީއާއި ކެނެޑާއާ ގުޅިގެން ކަމަށެވެ.

ދެ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ދިހަ ގައުމުން 13 އަހަރާއި 85 އަހަރާ ދެމެދުގެ 3،018 މީހަކު ހައްޔަރުކޮށް، ސްކޭމްގެ 138،000 މައްސަލައަކާ ގުޅުންހުރި 7،553 މީހެއްގެ މައްޗަށް ތަހުގީގު ހިންގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގެ ދަށުން 102،000އެއްހާ ބޭންކް އެކައުންޓުތައް ހިފަހައްޓައި، 161 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

މި މުއްދަތުގައި ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން 41 އޮފިސަރަކު ރާއްޖޭގައި ރިޕޯޓުކުރި ސްކޭމްގެ 349 މައްސަލައެއް ބަލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 4.02 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގެ ދަށުން 490 ފިރިހެނަކާއި 84 އަންހެނަކާ ސުވާލުކޮށް، 19 އަހަރާއި 48 އަހަރާ ދެމެދުގެ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން އެންމެ ގިނައިން ފާހަގަވީ އީކޮމާސްއާއި ކަރަންސީ އެކްސްޗޭންޖާއި ފިޝިންގެ އިތުރުން އިންވެސްޓްމެންޓްތަކުގެ ނަމުގައި ކޮށްފައި ހުރި ސްކޭމްތައް ކަމަށް، ފުލުހުން ބުންޏެވެ.

ފްރޮންޓިއާ+ އިއްތިހާދަކީ ރާއްޖެއާއި ސިންގަޕޫރާއި މެލޭޝިއާއާއި ތައިލޭންޑާއި ދެކުނު ކޮރެއާއާއި ހޮންކޮން ގުޅިގެން 2024ވަނަ އަހަރު، ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދުގައި މިހާރު 14 ގައުމެއް ހިމެނެއެވެ.

މަހުދީ މަރުވި ގޮތް ތަހުގީގު ކުރަން ފަށައިފި

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް މަރުވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ މަރުގެ ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި މަހުދީ މަރުވީ، ގެއްލުނު މީހުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

ފުލުހުން މިރޭ ބުނީ މަހުދީ ނިޔާވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރު ވަނީ ތަހުގީގު ފަށާފައި ކަމަށެވެ.

ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ހާދިސާގައި ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ މަސައްކަތް މަހުދީގެ މަރަށްފަހު ވަގުތީ ގޮތުން މެދުކަނޑާލިއެވެ. ނަމަވެސް، ފަހުން ފިންލެންޑްގެ ތިން ޑައިވަރަކު ގުޅިގެން ކުރި މަސައްކަތުން، ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ވަނީ ނަގައިފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ:

  • މޮނިކާ މޮންޓެފަލްކޯން (52 އަހަރު)
  • ޖިއޯޖިއާ ސޮމަކާލް (20 އަހަރު)
  • މުރީއެލް އޮޑެނިނޯ (31 އަހަރު)
  • ޖިއަންލުކާ ބެނެޑެޓީ (44 އަހަރު އިންސްޓްރަކްޓަރު)
  • ފެޑެރީކޯ ގުއަލްޓިއަރީ (31 އަހަރު)

މީގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހޮހޮޅައިގެ ދޮރުމަތިންނެވެ.

ހިމަބިހި ޖެހުނު މީހުންގެ އަދަދު ހަތަކަށް، 74 ކޮންޓެކްޓުން

މި އަހަރުގެ މިހާތަނަށް ހިމަބިހި (މީސަލްސް) ހަތް މީހަކަށް ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ، މި ކޭސްތައް ފެނުމާ ގުޅިގެން ސިއްހީ ޓީމުތަކުން މިހާރު ދަނީ އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަ ކުރެވިފައިވެ އެވެ.

ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލި މީހުންނާ ދިމާވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެ އެޖެންސީން ބުނެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ހަތް ކޭސް ރިޕޯޓްކޮށްފައިވާއިރު މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައިސްފައިވާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއާ ގާތް ގައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ.

އެހެންކަމުން، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ހުން އައުމާ އެކު ހަށިގަނޑުން ރަތް ތިކިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވީނަމަވެސް، ދޭތެރެއަކުން މިފަދަ ކޭސްތައް ފެންނަމުންދާތީ އާންމުން ސަމާލުވުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

“އަހަރެމެންނަކީ ހީރޯއިންނެއް ނޫން، ޑައިވަރުން”

ވ. އަލިމަތާ ކޭވްއަށް ކުރި ޑައިވްގައި މަރުވި އެންމެންގެ ހަށިތައް ފެނި، އެ ހަށިތައް ނެގުމުގެ މަސައްކަތް ނިންމައި، މާދަމާ ކުރާނީ އެންމެ ފަހު ޑައިވް ކަމަށް ޑައިވާޒް އެލާޓް ނެޓްވޯކް ޔޫރަޕް (ޑޭން ޔޫރަޕު) އިން މިރޭ ބުނެފިއެވެ.

ޑޭން އިން މިރޭ ނެރުނު ބަޔާނުގައިވާ ގޮތުން މި އޮޕަރޭޝަންގެ މައިގަނޑު މަރުހަލާ ނިމުމަކަށް އައީ ފިންލޭންޑްގެ ރިކަވަރީ ޓީމުން މިއަދު އެ ހޮހަޅައަށް ކުރި ޓެކްނިކަލް ޑައިވްއަކަށްފަހުގައެވެ. އެމްއެންޑީއެފްއާއި ދިވެހި ފުލުހުންނާއި ޑޭން ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، މާލޭގައި ތިއްބެވި އިޓަލީގެ ކަމާބެހޭ ފަރާތްތަކާ މެދުނުކެނޑި މުއާމަލާތް ކުރަމުންދިޔަކަމަށް ޑޭން ޔޫރަޕުން ބުނެފައިވެއެވެ.

ޑޭން އިން ބުނި ގޮތުގައި މިއަދު ހެނދުނު ތިން ޑައިވަރުން ހޮހަޅައިގެ ތެރެއަށް ފޭބިއެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަންގައި ހަށިތައް ނެގުމާއި، މަސައްކަތުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ އިތުރުން މުޅި ސަރަހައްދު ފެންނާނެހެން ލިޔެކިޔުންތައް ތައްޔާރުކުރުން ކުރިއަށްދިޔައެވެ.

މި މަސައްކަތުގައި ދެ ފަހަރަށް ބޭނުންކުރެވޭ ނޭވާލާ ނިޒާމު (ސީސީއާރް)އާއި، ކަނޑުއަޑީގައި ދުއްވާ އުޅަނދުތަކާއި ފުން ސަރަހައްދުތަކަށް ހާއްސަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.

މި އޮޕަރޭޝަނަށްފަހު ފިންލޭންޑްގެ ރެސްކިއު ޓީމުގައި ހިމެނޭ ސާމީ ޕަކާރިނެން، ޖެނީ ވެސްޓަލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ބުނީ އެ ބޭފުޅުންނަކީ “ހީރޯއިންނެއް ނޫން” ކަމަށާއި، އެއީ ހަމައެކަނި “ޑައިވަރުން” ކަމަށެވެ.

“އަޅުގަނޑުމެން މި އެހީތެރިކަން ފޯރުކޮށްދޭން ނިންމީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަތިވެރި ނިޔަތުގައި. ތިން ދުވަހުގެ މަސައްކަތަށްފަހު، ގެއްލުނު ހުރިހާ ޑައިވަރުން މިވަނީ ފެނިފައި،” ބަޔާނުގައިވެއެވެ.

އެ ޓީމުން ވަނީ އެމްއެންޑީއެފް އާއި ފުލުހުން އަދި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ހަށިތައް ނެގުމުގެ މަސައްކަތް ނިމުނު ނަމަވެސް، މިޝަންގެ އެންމެ ފަހު ޑައިވް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި ޑައިވްގައި ހޮހަޅައިގެ ތެރޭގައި ބޭނުންކުރި އާލާތްތައް ނަގައި، އެ ތަނުގެ ގުދުރަތީ މާހައުލު އިއާދަކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޓަކައި ހޮހަޅައިގެ ޗާޓު ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

ޑޭން ޔޫރަޕުން ބުނިގޮތުގައި، މުޅި މިޝަންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރިކަވަރީ ޓީމުގެ ރައްކާތެރިކަމާއި، މަރުވި ފަރާތްތަކަށް އުނިކަން ނާންނާނެހެން މަސައްކަތްކުރުމަށެވެ.

ބެލެނިވެރިންނަށް ފުލެޓަށް ފޯމުލާން، 25 ދުވަހުގެ މުއްދަތެއް ދީފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައި، 25 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ތެރެއިން ކުރިން އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ހަދައި، އަމިއްލައަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އެކަންޏެވެ. އެކަމަކު، ފަހުން ހައުސިން މިނިސްޓްރީން ވަނީ، އެ މީހުންގެ ބަދަލުގައި ބެލެނިވެރިންނަށް ވެސް ފޯމު ހުށަހެޅޭ ގޮތަށް ހަދާފައެވެ.

މިގޮތުން، އަމިއްލައަށް ފޯމު ފުރަން ދަތި ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި، އެންސްޕާގައި އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ދެން ފްލެޓަށް ހުށަޅެނޭއެވެ. އެ ފުރުސަތު މިއަދުން ފެށިގެން، އަންނަ މަހުގެ 15އާ ހަމައަށް އޮންނާނެއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިއްބު މިދިޔަ މަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމެވެ. މިގޮތުން، ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެހުމުން، އެފަރާތްތަކުގެ އާއިލާތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޚާއްސަ ލުއިތަކެއްގެ ދަށުން، މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި ވެސް ލުއިތަކެއް ދީފައެވެ. މިގޮތުން ފްލެޓަށް ޝަރުތު ހަމަވުމަށް މާލޭގައި އުޅުނު ކަމަށް ބުނާ މުއްދަތު ކުރިއަށްވުރެ ކުޑަކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ދަމަނަވެށި ބަންދުކޮށް، ޚިދުމަތްތައް ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަނީ

އާންމު ސިއްހަތާއި ރައްކާތެރިކަމުގެ ޚިދުމަތްތައްދޭ ދަމަނަވެށި އަންނަ މަހު ބަންދުކޮށް، ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދަމަނަވެށި ބަންދުކުރަނީ ކުރީގެ ތެލެސީމިއާ ސެންޓަރާއި ދަމަނަވެށި ހިންގާ އިމާރާތުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައިވާތީ ކަމަށެވެ. އެ ކަން ކުރަނީ، ދިވެހީންގެ އާންމު ސިއްހަތު ރައްކާތެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ގޮތުން، މިހާރު ދަމަނަވެށިން ދޭ ޚިދުމަތްތައް އަންނަ މަހުން ފެށިގެން ވަގުތީ ގޮތުން އެހެން ތަންތަނަށް ވަނީ ބަދަލުކުރަން ނިންމާފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެ ޚިދުމަތްތައް ބަދަލުކުރާނީ މާފަންނުގައި ގާއިމުކޮސްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރާއި ހުޅުމާލެ ޕަބްލިކް ހެލްތު ޔުނިޓާއި ޖީޕީ ކުލިނިކަށެވެ.

މިނިސްޓްރީން އެފަދައިން ބުނިއިރު، މާދަމާއިން ފެށިގެން ދަމަނަވެށީގައި ޚިދުމަތްދޭ މުވައްޒަފުން މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ތަނުގެ މުވައްޒަފުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ދަމަނަވެއްޓަކީ ކުދިންގެ ބަރުދަން ބެލުމާއި ވެކްސިން ޖެހުން ފަދަ ކަންކަމަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ.