ދިވެހިރާއްޖޭގެ ކުޅިތަކާއި ކަނޑޫފާތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދިވެހި ސަރުކާރާ ދެމެދު މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
‘ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް’ ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ވަފުދުގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭ އެވެ.
މި އެއްބަސްވުމުގެ ދަށުން އީޔޫއިން ރާއްޖެއަށް 4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 67 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ ބޭނުމަކީ ރަށްރަށުގެ ބައިވެރިވުމާއެކު ކުޅިތައް ހިމާޔަތްކޮށް، އައްސޭރިފަށުގެ ރައްކާތެރިކަން ދެމެހެއްޓުމެވެ. މިއީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ‘ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް’ (އެންޑީސީ) 3.0 ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޝެރީނާ ވަނީ، ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކުން، ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އީޔޫއިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
އީޔޫގެ މަންދޫބު ޑރ. ހެސޭ ވިދާޅުވީ، ކުޅިތަކަކީ އައްސޭރިފަށުގެ ރައްކާތެރިކަމަށާއި ދިރުންތަކަށް ނުހަނު ބޭނުންތެރި ތަންތަން ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނީ އޮނިގަނޑުތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި، އީޔޫގެ ވަފުދުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު