ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި 63 ބައިވެރިއަކު ދަސްވެނިވެއްޖެއެވެ.
މި ތަމްރީނުތަކަކީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނެޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
ދިފާއީ ވުޒާރާއިން ވިދާޅުވެފައިވަނީ މި ތަމްރީނުގައި ބައިވެރިވެފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުގުވެރިކަން ފާޅުކުރި ކުދިން ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ15 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 22 ވަނަ ދުވަހަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 63 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 އަންހެން ދަރިވަރުންނާއި 49 ފިރިހެން ދަރިވަރުންނެވެ.
ހަތަރު މަސް ދުވަހުގެ މުއްދަތަށް ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގއެންޑް ލޮޖިސްޓިކްސްގައި ކުރިއަށްގެން ގޮސްފައިވާމި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ.
އޭގެތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަން ހިމެނެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ގައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ މައިގަނޑު މަގްސަދަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. މީގެ ތެރެއިން 63 ބައިވެރިންނަކީ ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ތަމްރީނު ހޯދި ކުދިންނެވެ.
ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައްވެސް މިހާރު ވަނީ ނިންމާލާފައިވާއިރު މި ބުރުގައި 350 ބައިވެރިން ބައިވެރިވެ 343 ބައިވެރިން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 80 ބައިވެރިޔަކު ފަންނީ ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވެފައެވެ.
މިފަހަރުގެ ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3ގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު